މުނިފޫހިފިލުވުން / ފިލްމު

ސިނަމާތަކުގެ ޒަމާން ހިނގައްޖެ، ކުރިމަގަކީ ސްޓްރީމިން: އާރްޖީވީ

އާރްޖީވީ ވަނީ "ސްޕާކް" ގެ ނަމުގައި އަމިއްލަ ސްޓްރީމިން ޕްލެޓްފޯމެއް ވެސް ލޯންޗްކޮށްފައި

އާރްޖީވީ.

ސިނަމާތަކުގައި ފިލްމު ބެލުމުގެ ޒަމާން މިހާރު ހިނގައްޖެ ކަމަށް ގަބޫލުކުރާ ކަމަށާއި މުސްތަގުބަލުގައި އިންޑިއާގައި އުފައްދާ ފިލްމުތަކުގެ 80-90 ޕަސެންޓް ވެސް ދެން އަންނަނީ ޑިޖިޓަލް ޕްލެޓްފޯމްތަކަށް ކަމަށް މަޝްހޫރު ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ (އާރްޖީވީ) ބުނެފި އެވެ.

"ރަންގީލާ" އާއި "ސަތިއާ" އާއި "ކޮމްޕެނީ" އާއި "ސަރުކާރު" އަދި "ބޫތު" ފަދަ ކާމިޔާބު އެތައް ފިލްމެއް ގެނެސްދިން ޑައިރެކްޓަރު ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އެ ވާހަކަ ދައްކާތާ ވެސް ދެތިން އަހަރުވެއްޖެ ކަމަށާއި މަންޒަރު މިހާރު ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ. މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު އިންޑިއާގެ ސިނަމާތަކުގެ ވިޔަފާރި ހުއްޓި، މިހާތަނަށް ވެސް ބޮޑެތި އެތައް ފިލްމެއް އެކިއެކި ޑިޖިޓަލް ޕްލެޓްފޯމްތަކުން ޕްރީމިއާކޮށްފައިވެ އެވެ.

އަހަރެންގެ ނަޒަރުގައި މުސްތަގުބަލުގައި ދެން ސިނަމާތަކަށް އަންނަނީ ވިއްސަކަށް ޕަސެންޓަށް ވުރެ ވެސް މަދު ފިލްމުތައް: އާރްޖީވީ

އެގޮތުން މިދިޔަ ހުކުރު ދުވަހު ޕްރީމިއާކުރި ސަލްމާން ޚާންގެ "ރާދޭ"، ދެ ސްޓްރީމިން ޕްލެޓްފޯމެއްގައި ރިލީޒްކޮށްގެން ހޯދަމުން އަންނަ ބޮޑު ކާމިޔާބީއަކީ ފިލްމު ވިޔަފާރީގެ ކުރިމަގު ސްޓްރީމިންއާ ގުޅިފައިކަން ދޭހަކޮށްދޭ ކަމެއް ކަމަށް އާރްޖީވީ ބުންޏެވެ.

"އަހަރެންގެ ނަޒަރުގައި މުސްތަގުބަލުގައި ދެން ސިނަމާތަކަށް އަންނަނީ ވިހި ޕަސެންޓަށް ވުރެ ވެސް މަދު ފިލްމުތައް،" އޭނާ ބުންޏެވެ.

އާރްޖީވީ ބުނި ގޮތުގައި ބެލުންތެރިން ސިނަމާއަށް ގޮސް ފިލްމުގެ ބެލުމުގެ ޝައުގުވެރިކަން ދޫކޮށްލައި ސްޓްރީމިންއަށް ބަރޯސާވުމަކީ ޕްރޮޑިއުސަރުންނަށް ވެސް ލިބޭނެ ފައިދާއެކެވެ. އެގޮތުން ފިލްމުތަކުގެ ޕްރޮމޯޝަންތަކާއި ޑިސްޓްރިބިއުޝަން ފަދަ ކަންކަމަށް ކުރަންޖެހޭ ހޭދަ ވެސް ސަލާމަތްކުރެވޭނެ ކަމަށެވެ.

އާރްޖީވީ ބުނީ ސްޓްރީމިން ޕްލެޓްފޯމަށް ބެލުންތެރިން ޝައުގުވެރިވާ ދެތިން މުހިއްމު ސަބަބެއް ވެސް އެބަ އޮތް ކަމަށެވެ.

"އެއް ކަމަކީ ފިލްމު ބަލަން ކަމުނުދާ ކަމަށް ވަންޏާ ސްކިޕްކޮށްލާފައި އެހެން އެއްޗެއް ބަލާލުމުގެ ފުރުސަތު އޮތުން. އަނެއް ކަމަކީ ބޭނުން ކޮންމެ ވަގުތަކު އުފެއްދުންތައް ބަލާލެވެން އޮތުން،" އޭނާ ބުންޏެވެ. "އެއީ ހަގީގަތުގައި އޯޑިއަންސަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަދި މީހުންގެ ވަގުތުތައް ވެސް ސަލާމަތްކުރެވޭނެ ކަމެއް."

ފިލްމީ ވިޔަފާރީގެ ކުރިމަގު ގުޅިފައި އޮތީ ސްޓްރީމިންއާ ކަމަށް ގަބޫލުކުރާތީ އާރްޖީވީ މި މަހުގެ 15 ގައި ވަނީ އަމިއްލަ ސްޓްރީމިން ޕްލެޓްފޯމެއް ވެސް ލޯންޗްކޮށްފަ އެވެ. "ސްޕާކް" ގެ ނަމުގައި ލޯންޗްކުރި ޕްލެޓްފޯމުން ގެނެސްދިން ފުރަތަމަ ފިލްމަކީ އޭނާގެ "ޑީ ކޮމްޕެނީ" އެވެ.

އިންޑިއާގައި މިހާރު އެންމެ ނަގާކިޔާ ސްޓްރީމިން ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނެނީ ނެޓްފްލިކްސް އާއި އެމެޒޯން ޕްރައިމް ވީޑިއޯގެ އިތުރުން ޑިޒްނީ ޕްލަސް ހޮޓްސްޓާ އެވެ. އަދި އެ ގައުމުގެ ވަރަށް ގިނަ ލޯކަލް ސްޓްރީމިން ޕްލެޓްފޯމްތައް ވެސް އެބަހުއްޓެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454