ހައި ކޯޓް: މާބައިދޫ ކައުންސިލް އިންތިހާބުގެ މައްސަލަ ކޯޓުން ކާމިޔާބު ނުވެ ވަނީ ނިމިފައި --- ފޮޓޯ/މިހާރު
23 މެއި 2021 - 15:16
ލ. މާބައިދޫ ކައުންސިލްގެ ރައީސްގެ އިންތިހާބުގައި ދެ ވޯޓު ފޮށްޓެއްގެ ނަތީޖާ ބާތިލު ނުކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މިދިޔަ މަހުގެ 10 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާބައިދޫ ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އިބްރާހިމް ވިސާމެވެ. އޭނާ އިންތިހާބުވީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ހަސަން އާދިލްއާ ވާދަކޮށް، އެއް ވޯޓުގެ ތަފާތުންނެވެ.
އެ މައްސަލަ އާދިލްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ ދެ ވޯޓު ފޮށްޓެއްގެ ނަތީޖާ ބާތިލްކުރުމަށެވެ. ނަމަވެސް މައްސަލަ ބެލުމަށް ފަހު އެ ކޯޓުން ކުރި ހުކުމުގައިވަނީ މާބައިދޫ ކައުންސިލްގެ އިންތިހާބުގައި ދެ ފޮށީގެ ނަތީޖާ ބާތިލް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ރައޫފެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅިގެން އިންތިހާބީ ހަތް މައްސަލައެއް ހައި ކޯޓަށް ހުށަހެޅި އެވެ. އޭގެ ތެރެއިން ކާމިޔާބުވީ ގއ. ކޮނޑޭ ކައުންސިލްގެ ރައީސްގެ މައްސަލަ އެކަންޏެވެ.
ބާކީ މައްސަލަތައް ނިމުނީ އިންތިހާބު އަލުން ބާއްވަން ނުޖެހޭ ކަމަށް އަދި ވޯޓު އަލުން ގުނަން ނުޖެހޭ ކަމަށް ނިންމުމަށް ފަހު އެވެ. އިންތިހާބާބެހޭ އާންމު ގާނޫނު ބުނާގޮތުން އިންތިހާބާ ގުޅޭ މައްސަލަތައް ފުރަތަމަ މަރުހަލާ އިން ބަލާނީ ހައި ކޯޓުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަފީރު
23 May 2021
ހަމަހަމަ އަދުލުއިންސާފުގައި ކަންކަން ކުރާނީ ތިލަފަތުގެ މާރު ހުރިކޮޅަށް ފުކެއްވެސް ބަރިވެއްނަމަ އެއީ ޞައްޙަ އެއްޗެއްކަމަށް ނިމޭގޮތަށް. ތިލަފަތުގެ ބާރު ނެތްކޮޅަށް 18 ވޯޓު މޮޅުވެގެން ނިމުނީމާ އަލުން ވޯޓު ގުނާގޮތަށް ދެންވެސް ބާރު އޮތްކޮޅު ބަލިވާނަމަ ދެފޮއްޓެއް ވޯޓު ބާތިލުކޮށް އަލުން ވޯޓު ލާންޖެހޭނެކަމަށް