24 މެއި 2021 - 14:49
ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސައަށް ތުހުމަތުކޮށްފައިވާ ގެވެށި އަނިޔާގެ މައްސަލައާ ބެހޭ ގޮތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިހާރު ކުރިއަށް ގެންދާ ބައްދަލުވުން ސިއްރުކޮށްފި އެވެ.
އެ ކޮމިޓީ ސިއްރުކޮށްގެން ގެންދަން ނިންމީ، އެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޔުމްނާ ހަބީބް އެދިވަޑައިގަތުމުންނެވެ. އެހެންވެ، ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވޯޓަށް އެއްސެވުމުން، އެ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެމްބަރުން ވަނީ އެ ހުށަހެޅުމަށް ތާއީދުކުރައްވައިފަ އެވެ.
އީސަ އަށް ކޮށްފައިވަނީ އޭނާގެ އަނބިކަނބަލުން އަސްރާ ނަސީމާއި ދަރިފުޅަށް ގެވެށި އަނިޔާކުރިކަމުގެ ތުހުމަތެވެ.
ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މި މައްސަލައިގައި ބަލަނީ ދައުލަތުގެ އިދާރާތަކުން މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެންމެ ފުރިހަމައަށް އަޅަމުން އަންނަތޯ އެވެ. އަދި އެ އިދާރާތަކަށް ޖަވާބުދާރީ ވުމަށް މި ބައްދަލުވުމުގައި ފުރުސަތު ދެއްވާނެ އެވެ.
މި ބައްދަލުވަމުގައި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުންނާއި މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސް އާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ފުލުހުންނާއި އަދި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އޮތޯރިޓީން ވެސް ބައިވެރިވި އެވެ.
އީސަގެ ގެވެށި އަނިޔާ މައްސަލަ ފުލުހަށް ހުށަހެޅީ ވެސް އަނބިކަނބަލުން އަސްރާ އެވެ.
ގެވެށި އަނިޔާގެ މި ތުހުމަތުތަކަށް އީސަ ވަނީ އިންކާރުކުރައްވައިފަ އެވެ. އީސަ ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ ޚިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި ފުލުހުންނަށް އިތުބާރު އެބަ އޮތް ކަމަށް ވިދާޅުވެ ދެންނެވީ ދައުލަތުގެ މުއައްސަސާތަކަށް ވެސް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވެސް ހިމެނޭ އީސާ ވަނީ މި މައްސަލަ ފެންމަތިވުމުން އެ ކޮމިޓީން ވެސް އިސްތިއުފާ ދެއްވައިފަ އެވެ.
އީސަ ހައްޔަރުކުރުމަށް އެދި ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އިދާރާތަކަށް ގޮވާލަމުން ދިޔަ ނަމަވެސް، ޕީޖީ އޮފީހުން ބުނި ގޮތުގައި އެ އަމުރު ނެރެދީފައި ނުވަނީ އީސަގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ސަބަބުތަކެއް ހުރި ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން އީސަ ހައްޔަރުކުރުމުގެ އަމުރެއް ނެރެދެވޭނެ ގާނޫނީ ބިނާއެއް ނެތުމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުލް
24 May 2021
މިއީއޭ މިބުނާ ޓްރަސްޓް އިޝޫއަކީ… ތި މައްސަލައަކީ ވަރަށް ޕަބްލިކް މައްސަލައެއް.. ދަޢުވާ ކުރާ ފަރާތުން އެއޮތީ ޕަބްލިކް ކޮށްފަ. ދަޢުވާ ލިބޭ ފަރާތަކަށް ޝަރީޢަތް ސިއްރުނުކުރުމަކުން ނުހައްގުން ލިބޭނެ ގެއްލުމެއް ނެތް… ސިއްރުކުރަނީ އީސައަށް އެހީއެއްގެ ގޮތުގައިކަމަށް ލަފާކުރެވެނީ
ޥައިސޫރި
24 May 2021
ރައީސް ޔާމީން ކުރިމަަތީގައި އަދީބު ބަހައްޓައިގެން ޝަރިއަތް ލައިވް ކުރިގޮތަށް ނިކަން އީސަ ކުރިމަތީ އަސޫ ބަހައްޓައިގެން މައްސަލަބަލާއިރު ލައިވް ކޮށްލަބަލަ. ޥަރަށް ބަލާހިތުން މިތިބީ ގަޓު ހުންނަ މީހެއް.
ސަރުދާރު
24 May 2021
އެންމެ ޓްރާންސްޕޭރެންސީ އަށް ދައުވާކުރި މީހުނަށް މެޖޯރިޓީ ލިބުމުންވެސް ހަމަ އެއްތާކުދޯ މިޖެހެނީ؟ ޖީހާން މުގައްރިރް އަކަށް އިނީމަ އެނގޭ މާކުރިންވެސް މިކަންދާނީ މިހެންކަން
ހުދުހޭ
24 May 2021
އެއްޒަމާނެއްގައި އުޅުނޯ ޓްރާންސްފޭރެންސީ މޯލްޑިވްސް ކިޔުނު ބަޔަކު. އަޅެ މީތެދެއްތަ؟
ޑިސްއޮނަރަބަލް ޑީޑީ
24 May 2021
ސިއްރުނުކުރާށޭ. ސިއްރުކުރީމައޭ ގޯސްވެގެންމިއުޅެނީ.
އެދުރުކަލޭގެފާނު
24 May 2021
ތިޔަ މައްސަލަ ބިމުއަޑީގައި ބޭއްވިޔަސް ތިޔަކަމަކީ މެންބަރެއްގެ ފަރާތުން މިވީތަނަށް އަޑުއިވުނު އެއްމެ ދަށުދަރަޖައިގެ ޢަމަލުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ފަހަރުގައި ތިޔަ މެންބަރުގެ ގޮނޑި މަޖިލީހުގައި މިވަގުތު ޢައުލަބީއްޔަތު އޮތް އެމްޑީޕީއަށް ނުލިބިދާނެތީ ސިޔާސީ ނިންމުމެއް ނިންމަފާނެއެވެ. ނަމަވެސް ހަގީގަތަކީ އީސައަކީ އެމްޑީޕީގެ އުސޫލާއި ވަރަށް ބީރައްޓެހި އަދި ލިބުނު މަޝްހޫރުކަމުން މަންފާ ހޯއްދަވައިގެން ސިޔާސީ ވެގެން އުޅުއްވާ ވިޔާނުދާ ބޭފުޅެކެވެ!
މަޖިލިސް ރައީސްއަށް
24 May 2021
ސިއްރުކުރެވޭނެ އެއްވެސް ޤާނޫނީ ހުއްޖަތެއް ތިކަނުގައި ނޯންނާނެ! ތި މައްސަލަބަލާ ފިޔަވަޅުއަޅަން މަޖިލީސް ރައީސްއަށް ދަންނަވަން.
ިކޮރަލް
24 May 2021
އީސަ އަދިވެސް ޝަކުވާ ކުރަނީ އެވެ. ކޮމެޓީ އިން ބޭރު ކުރީމަ އެވެ. ކުރެވުނު ކަންތަކާ ލަދު ގަނެ ހިތާމަ ކުރުމެއް ނެތެވެ. ފެއިލް ވާމީހުންނަށް އިތުރު ދައުރަކަށް ފުރުސަތު ނުދީބަލާށެވެ.
ހާތިމް
24 May 2021
ތި ކޮމެޓީ އަކީ މަސްލަހަތު ފުށު އަރާ ކޮމެޓީ ޖީހާން މަހްމޫދުގެ ފިރިމީހާ އަށް ތުހުމަތުކުރެވޭ ރޭޕް ކޭސް އަށް ވީ ގޮތް އަދި ނޭނގެ. ލަދު ނުގަންނަ ކަން އެ ފަދަ މަގާމްތަކުގައި ތިބެން
ޖިމް
24 May 2021
މި މައްސަލަ ބަލަން ޖީހާން.. ހެ ހެ ހޭ