ޚަބަރު / ހައި ކޯޓް

އެއް ކަމެއްގައި ހައި ކޯޓުން އެއް ދުވަހެއްގައި ދެ ގޮތަކަށް ހުކުމް!

ހައި ކޯޓް: އެއް ކަމަކާ ގުޅޭ ދެ މައްސަލައެއްގައި ހައި ކޯޓުން އިއްޔެ ވަނީ ދެ ގޮތަކަށް މައްސަލަ ނިންމާފައި --- ފޮޓޯ/މިހާރު

28 ޖޫން 2021 - 13:53

6 comments

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ދައުވާލިބޭ މީހުން ޝަރީއަތުގެ މަރުހަލާގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމާ މެދު ހައި ކޯޓުން އެއް ދުވަހެއްގައި ދެ ގޮތަކަށް މައްސަލަ ނިންމައިފި އެވެ.

ދެކުނު އަތޮޅެއްގެ ރަށެއްގައި ނުވަ އަހަރުގެ ކުއްޖަކަށާއި ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެރަށު ކޯޓުން ނެރެފައި އޮތެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން އެ ދެ އަމުރު ނެރެފައި ވަނިކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން އެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ދައުލަތުން އެދުނެވެ. އެ ހުށަހެޅުމާ އެގޮތަށް އެގޮތަށް ދަށު ކޯޓުން މިދިޔަ މަހު އަމުރު ނެރުނެވެ.

އެ ދެ މީހުންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން އޭގެ ތެެރެއިން އެއް މައްސަލާގައި ހައި ކޯޓުން އިއްޔެ ނިންމީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާ އޮންނަ ގޮތުން އެ ގާނޫނުގައި ބުނާ ހާއްސަ އިޖްރައާތުގެ ދަށުން މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން އެދެވޭނީ ތަހުގީގު މަރުހަލާގައި އެކަނި ކަމަށެވެ. އަދި ޝަރީއަތަށް މައްސަލަ ހުށަހެޅުމަށް ފަހު އެ މާއްދާގެ ދަށުން މީހުން ބަންދު ކުރަން އަމުރު ނުކުރެވޭނެ ކަމަށް އެ ހުކުމުގައި ކަނޑައެޅި އެވެ.

އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ އެ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރު ބާތިލް ކުރުމަށެވެ. އެއީ ދަށު ކޯޓުގައި އޭނާގެ ދައުވާ އުފުލިފައި ވަނިކޮށް އެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން އެ މީހާ ބަންދުކުރަން އަމުރު ނެރެފައިވާތީ އެވެ. އެހެން ނަމަވެސް އެ މީހާ އަލުން ބަންދު ކުރަން ބޭނުންވާ ނަމަ، ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދުގެ ދަށުން އެ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން އެދެވިދާނެ ކަމަށް އެ ހުކުމުގައި ހައި ކޯޓުން ކަނޑައެޅި އެވެ.

މީގެ އިތުރުން އޭނާ ފަސް ދުވަހަށް ބަންދުގައި ކުރަން ވެސް ހައި ކޯޓުން އެންގި އެވެ. އެއީ އެ މީހާއަށް ތުހުމަތު ކުރެވޭ މައްސަލާގެ ބާވަތަށް ބަލާއިރު އޭނާއަކީ ބަންދުގައި ހުންނަން ޖެހޭ މީހަކަށް ވާތީ އެވެ.

މި މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ހުސައިން މަޒީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފައިސަލް އެވެ.

އެހެން ނަމަވެސް ދެވަނަ މީހާގެ މައްސަލާގައިި އިއްޔެ ހައި ކޯޓުން ނިންމީ މުޅިން ތަފާތުކޮށެވެ. އެ މައްސަލާގައި ހައި ކޯޓުން ނިންމީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން، ތަހުގީގު މަރުހަލާގެ އިތުރުން ޝަރީއަތުގެ މަރުހަލާގައި ވެސް އެފަދަ މީހުން ބަންދުކުރަން ދައުލަތަށް އެދެވިދާނެ ކަމަށެވެ. އެހެންކަމުން އެ ގާނޫނުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް ކަމަށް ދެވަނަ މައްސަލާގައި ކަނޑައެޅި އެވެ. އަދި އެ މައްސަލަ ބެލި އެ ބެންޗުގެ އަގުލަބިއްޔަތުން ނިންމީ ދަށު ކޯޓުގެ އަމުރު ދެމެހެއްޓުމަށެވެ.

މި މައްސަލާގައި ފަނޑިޔާރުންގެ މެދުގައި ރައުޔު ތަފާތުވި އެވެ. އެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔަކީ އެ މީހާ ބަންދުކުރަން ނިންމުމުގައި ދަށު ކޯޓުން އަމަލުކުރި ގޮތުން އޭނާ ބަންދުން ދޫކޮށްލަން ޖެހޭ ކަމަށެވެ. އެއީ އޭނާ ބަންދު ކުރަން އެންމެ ފުރަތަމަ ނެރުނު އަމުރު ބާތިލް ކުރުމަށްފަހު ދަށު ކޯޓުގެ އެ މަޖިލީހުގައި އޭނާ އަލުން ބަންދު ކުރަން އަންގާފައިވާތީ އެވެ.

ބަންދުން ދޫކޮށްލުމުން އަލުން ހައްޔަރު ނުކުރަނީސް، އޭނާ ބަންދު ކުރަން ދަށު ކޯޓަށް އަމުރު ނުކުރެވޭނެ ކަމަށާއި އެއީ އިންސާފުގެ ހަމަތަކާ ހިލާފަށް ކުރި ކަމެއް ކަމަށް ފަނޑިޔާރު ނިޔާޒްގެ ރައުޔުގައިވެ އެވެ. އަދި އެފަދަ ނިންމުމެއް ހައި ކޯޓުން ދެމެހެއްޓުމަކީ އިންސާފުގެ ހަމަތަކާ ޚިލާފް ކަމަކަށް ވާނެ ކަމަށާއި އެހެން ނަމަވެސް އިޖްރައާތުތަކާ އެއްގޮތަށް އޭނާ އަލުން ހައްޔަރު ކުރުމުގެ ފުރުސަތު އޮތްކަން ފަނޑިޔާރު ނިޔާޒް ފާހަގަ ކުރައްވާފައިވެ އެވެ.

އެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. މި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ރައޫފެވެ.

އެއް ކަމަކާ ގުޅޭގޮތުން އެއް ދުވަހެއްގައި ދެ ގޮތަކަށް ހައި ކޯޓުން ނިންމި މައްސަލަތަކެއް މީގެކުރިން ވެސް ފެންމަތިވި އެވެ. އޭރު އެގޮތަށް ނިންމީ ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރޭ އަމުރުތައް ރިވިއު ކުރުމުގެ މައްސަލައިގަ އެވެ. އޭރު އެއް މައްސަލާގައި ހައި ކޯޓުން ނިންމީ ޝަރީއަތް ނިމެންދެން ކުރާ ބަންދު ރިވިއު ނުކޮށްފި ނަމަ، އެ މީހަކު ބަންދުން ދޫކޮށްލަން ޖެހޭނެ ކަމަށެވެ. އެކަމަކު އެދުވަހު ނިންމި އެފަދަ ދެވަނަ މައްސަލައެއްގައި ހައި ކޯޓުން ނިންމީ ބަންދު ރިވިއު ނުކުރިޔަސް، ބަންދުން ދޫކޮށްލަން ނުޖެހޭނެ ކަމަށެވެ.

އެފަހަރު އެ މައްސަލައަށް އެންމެ ފަހުން ހައްލެއް ލިބުނީ ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކުރުމުންނެވެ. އެ މައްސަލާގައި އޭރު ސުޕްރީމް ކޯޓުން ނިންމީ އެއް ބާވަތެއްގެ އެފަދަ މައްސަލަތައް ބަލަން ޖެހޭނީ އެއް ބެންޗަކުން ކަމަށެވެ.

6 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 17%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލްޖިބްރާ

28 June 2021

މިޤައުމުގައި އެނޫންގޮތެއް އޮވޭތަ ؟

The name is already taken The name is available. Register?

އުދުހޭ

28 June 2021

ފައިސާ އާއި ޖާހާ މަންސަބު އަދި ޕާޓީގެ ކުލަ ހުރީ ކިހިނެތްތޯ؟

The name is already taken The name is available. Register?

އަމިއްލަމީހަ

28 June 2021

ދެންވެސް ނުބައިވާނީ ހޫރުޝިދާ. ހެއްވާ ފަނޑިޔާރުންތަކެއް ހަމަ ހުވާ

The name is already taken The name is available. Register?

ޞބވވ

28 June 2021

ސުޕްރީމް ކޯޓު މިހާރު ވ ބަރާބަރު. އެކަމަކު ހައިކޯޓަށްމިވަނީ ކިހިނެތްތަ؟ ސުޕްރީމްކޯޓުން އެއްބާވަތެއްގެ މައްސަލަތަކުގަ ބެންޗުއެއްގޮތް ކުރަން ބުނީމަވެސް އެހެންނުހެދީމަ ޝަރުއީހައްލުލިބިދޭންޖެހޭ ކަންތައް ތިއޮތީ ދެއަނގޮޅި ދޭތެރެ އަށްވަދެފަ

The name is already taken The name is available. Register?

ޓުކުރި

28 June 2021

ޙައިކޯޓު ބޭކަލުންނަށް ޖުޑީޝަލް ޕްރެސީޑެންޓުގެ މަފް ހޫމް އާ ގުޅޭ ތަމްރީނު ސެޝަންތައް ޑިޕާޓުމަންޓުން އިންތިޒާމް ކުރަން ފެނޭ. އެއް ދުވަ ހެއް ވިޔަސް ކުރިން ނިންމި ނިންމުމާ އެއްގޮތަށް އަމަލުނުކުރީ ކީއްވެކަން ބުނެދޭންޖެ ހޭނެ. މައްސަލަ ތާވަލުކުރި ދުވަ ހު އެނގޭނެ ބެންޗަށް ދެގޮތަށް ނިމޭނެކަން. ވާހހ ހަކަ ދައްކާގެން ޕޮލިސީ ލެވެލްގައި ނިންމުންތައް އެއްގޮތްކުރުމުގެ ގާބިލުކަން ނެތްނަމަ، ކުރިން ކުރި ހުކުމްއާ ތަފާތުވާ ސަބަބު ބުނެދޭންޖެ ހޭނެ.

The name is already taken The name is available. Register?

ޝިޔާންޓޭ

28 June 2021

އަނނެއް ދެފަނޑިޔާރުން ނިންމި ގޮތް ޚަބަރުގަ ނުގެނސް ނިންމާލީމަ ވީގޮތެއް ނޭގުނު. އޭރުންތާ އެނގޭނީ އެބޭކަލުންގެ ރައުޔުވެސް. އަދި އަހަރުމނެނަށް ޤަބޫލުކުރެވޭތޯ ނޫންތޯވެސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454