ދުނިޔެ / ކޮވިޑް ވެކްސިން

ކޮވިޑް ވެކްސިން ޖަހަން 50 ބިލިއަން ޑޮލަރު ބޭނުން: އައިއެމްއެފް

06 ޖުލައި 2021 - 11:30

މުޅި ދުނިޔޭގެ އެންމެންނަށް ކޮވިޑް ވެކްސިން ޖެހުމަށްޓަކައި 50 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް، ބައިނަލްއަގުވާމީ މާލީ އިދާރާ އައިއެމްއެފުން އިއްޔެ ބުނެފި އެވެ.

ޕެރިސް ޕީސް ފޯރަމްގައި ވާހަކަ ދައްކަވަމުން، އެ އިދާރާގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖިއޭވާ ވިދާޅުވީ މިއަހަރުގެ ތެރޭގައި، ދުނިޔޭގެ އާބާދީގެ 40 ޕަސެންޓް މީހުންނަށް، އަދި އަންނަ އަހަރުގެ ތެރޭގައި ބާކީ 60 ޕަސެންޓް މީހުންނަށް ވެކްސިން ޖެހުމަށް، 50 ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށެވެ. ނަމަވެސް އެމިންވަރުން އެކަން ކުރެވޭނީ، އެ އަދަދަށް ފައިސާ ޖަމާކުރުމަށް ހުރިހާ ގައުމުތަކުން މިހާރުން ފެށިގެން މަސައްކަތް ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން، ދުނިޔޭގެ އާބާދީގެ އެންމެންނަށް "ވެކްސިން ޖަހައިދިނުމަށް"، ދުނިޔޭގެ ގައުމުތަކުގެ ވެރިންނަށް ކްރިސްޓަލީނާ ގޮވައިލެއްވި އެވެ. އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމުގައި، އިގްތިސާދީ ގޮތުން ތަރައްގީވަމުން އަންނަ ބޮޑެތި ގައުމުތަކުގެ މެދުގައި "ވަރަށް ނުރައްކާތެރި ތަފާތުތަކެއް" އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިގްތިސާދީ މަންފާތަކަށްޓަކައި ވެސް، އަދި ސުލޫކީ ސަބަބުތަކަށްޓަކައި ވެސް، ދުނިޔޭގެ އެންމެނަށް ވެކްސިން ޖެހޭނެ ގޮތެއް ހެދުން ވަރަށް މުހިންމެވެ.

ކްރިސްޓަލީނާގެ ވާހަކަގައި، ދުނިޔޭގެ އިގްތިސާދީ ބޮޑެތި ގައުމުތަކުގައި، އެއްވެސް ވަރަކަށް އިތުރު ވެކްސިން ހުރި ނަމަ، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި، ވެކްސިނަށް އެންމެ ބޭނުންވެފައި ހުރި ގައުމުތަކަށް އެ ވެކްސިން ދިނުމަށް ވެސް ގޮވައިލެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިވަގުތު ކޮވިޑް ވެކްސިނަށް ބޭނުންވެފައިވާ ވަރަށް ގިނަ ގައުމުތައް، އެފްރިކާ އާއި ލެޓިން އެމެރިކާ އަދި ދެކުނު އޭޝިޔާގަޔާއި މެދުއިރުމަތީގައި ވެސް އެބަހުއްޓެވެ.

ޗައިނާގެ ވޫހާން ސިޓީން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފެނުނު ކޮވިޑް-19 ބަލި، ނުރައްކާތެރި ވަބާއެއްގެ ގޮތުގައި މިހާރު މުޅި ދުނިޔެއަށް ފެތުރި، މިހާތަނަށް 184.7 މިލިއަން މީހުންނަށް މި ބަލި ޖެހިއްޖެ އެވެ. އޭގެ ތެރެއިން 3.9 މިލިއަން މީހުން މަރުވެއްޖެ އެވެ.

މިހާތަނަށް އެންމެ ގިނަ މީހުންނަށް މި ބަލި ޖެހުނު އެމެރިކާގައި، 34.5 މިލިއަން މީހުންނަށް މި ބަލި ޖެހި އޭގެ ތެރެއިން 621 ހާސް މީހުން މަރުވެއްޖެ އެވެ. ދެ ވަނަ އަށް އެންމެ ގިނަ މީހުންނަށް މިބަލި ޖެހުނު އިންޑިއާގައި، 30.6 މިލިއަން މީހުންނަށް މިބަލި ޖެހި، އޭގެ ތެރެއިން 403 ހާސް މީހުން މަރުވެއްޖެ އެވެ. ތިން ވަނަ އަށް އެންމެ ގިނަ މީހުންނަށް މި ބަލި ޖެހުނު ބްރެޒީލްގައި، 18.7 މިލިއަން މީހުންނަށް މި ބަލި ޖެހި، އޭގެ ތެރެއިން 524 ހާސް މީހުން މަރުވެއްޖެ އެވެ.

ކޮވިޑް-19 ވަބާއެއްގެ ގޮތުގައި ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައި ފެތުރެމުން ދާއިރު، އެ ބަލި ޖައްސާ ވައިރަހަށް އެކި ދުވަސްވަރު އަންނަ ބަދަލުތަކުގެ ސަބަބުން ކޮވިޑް ވައިރަހުގެ ބާރު ވެސް ދަނީ ގަދަވަމުން، އަދި ބަލި ފެތުރޭ ނިސްބަތް ވެސް ދަނީ އިތުރުވަމުންނެވެ. މިހާރު އެންމެ ހަލުވިކަމާ އެކު ފެތުރެނީ، އިންޑިޔާގައި އުފެދުނު ކަމަށް ބުނާ ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454