ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ތަޅުދަނޑި ހަވާލުކުރުން-- ފޮޓޯ: ނިޝާން އަލީ/ މިހާރު
29 ޖުލައި 2021 - 12:57
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 25 ބުރީގެ 16 ޓަވަރުން ފްލެޓް ލިބުނު މީހުންގެ ތެރެއިން އެހެން ފްލޯއަކުން ނުވަތަ އެހެން ޓަވަރަކަށް ފްލެޓް ބަދަލުކުރުމަށް އެދިފައިވާ މީހުންގެ ފްލެޓް އެއްބަސްވުމުގައި ސޮއިކުރުން އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ފަހުން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
ހިޔާގެ 6،720 ފްލެޓު ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރަން ފެށީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެއްބަސްވުމުގައި ސޮއިކުރުން އީދު ޗުއްޓީ އަށް މެދުކަނޑާލުމަށް ފަހު މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އަނެއްކާވެސް ވަނީ ސޮއިކުރުމުގެ މަސައްކަތް ހުޅުމާލޭ ހުރަވީ ސުކޫލުގައި ފަށައިފަ އެވެ.
އެކި ދުވަސްތަކަށް ބަހާލައިގެން، އެކި ޓަވަރުތަކުން ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރަމުން އަންނައިރު އެޗްޑީސީގެ މީޑިއާ އޮފިޝަލަކު، "މިހާރު" އަށް ވިދާޅުވި ގޮތުގައި ފްލެޓް ބަދަލުނުކުރާ މީހުންގެ އެއްބަސްވުންތަކުގައި ސޮއިކޮށް ނިމުމުން، ފްލެޓް ބަދަލުކުރި މީހުންގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާނެ އެވެ.
އެޗްޑީސީން ތާވަލުކޮށްފައިވާ ގޮތުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ދާނެ އެވެ. އެހެންވެ، ފްލެޓް ބަދަލުކުރި މީހުންގެ ސޮއިކުރުން އޮންނާނީ އެ ތާރީހުގެ ފަހުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ޓަވަރެއްގެ ތިރީ ބުރިން ފްލެޓް ލިބުނު މީހަކު މަތީ ބުރިއަށް ބަދަލުވާން ބޭނުން ނަމަ، ނުވަތަ މަތިން ތިރިއަށް ބަދަލުވާން ބޭނުން ނަމަ ދެ ފަރާތް ގުޅިގެން އެކަން ކުރެވޭ ގޮތަށް ހުޅުވައިލުމުން ގިނަ ބަޔަކު އެކަމަށް އެދުނެވެ. އެގޮތުން "ހިޔާ ޔޫނިއަން" މެދުވެރިކޮށް އެކަނި ވެސް 900 އަށް ވުރެ ގިނަ މީހުން މިގޮތަށް ފްލެޓް ބަދަލުކުރަން އެދުނެވެ. އެޗްޑީސީ މެދުވެރިކޮށް ފްލެޓް ބަދަލުކުރަން އެދުނު މީހުންގެ އަދަދު ސާފެއް ނުވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި މި މަޝްރޫއުގެ ދަށުން އިމާރާތްކުރި ފްލެޓްތަކުގެ ފިނިޝިން ނުނިންމާ ފްލެޓްތަކުގެ އަގުގެ ގޮތުގައި 25 އަހަރަށް ބަހާލައިގެން ސާވިސް ފީއާ އެކު މަހު ކުއްޔަށް 8،500ރ. ދައްކަން ޖެހެ އެވެ. ފްލެޓް ލިބޭ ފަރާތަށް އެތަން ނިންމުމަށް ތިން މަސް ލިބޭނެ އެވެ. އެ މުއްދަތުގައި އެއްވެސް ފީއެއް އެތަނުން ނުނަގާނެ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިވޭތީ
29 July 2021
މިކަމާހުރެ ނެގި ޗުއްޓީވެސް ބޭކާރު. ވާނުވާއެއް ނޭނގި ކުރަންޖެހޭ ޚަރަދުތައް އިންތިހާ. މިހާރު ތަކެތިވިއްކާމީހުން އެދަނީ އިންތިހާޔަށް އަގުބޮޑުކުރަމުން. އަތަކުފައސާއެއް ނެތް. ސަރުކާރުން އަޅައެއް ނުޅާ. އާއްމުން ކޮޅުކޮޅަށް ދުވަނީ. ވާކަމެއް ހަރާން.
ކޮމެންޓޭ1
29 July 2021
7000 ފުލެޓު ސޮއި ކުރަން އެއްމަސް ބޭނުންވޭ އެކަމު އާންމުން 7000 ފުލެޓު ނިންމަން މިޖެހެނީ 3 މަހުން.
ބިލް ކުލިންޓަން
29 July 2021
ސޮއިކުރުން ހުއްޓާލަ ފުލެޓުދޮންބެ އަންނަންދެން. ތިޔަކަހަލަ ކަންކަން ކުރަންޖެހޭނީ އޭނާގެ ހާޒިރުގާ.