މެދުސަފުހާ

ތާލިބާން ސަރުކާރު ބަލައިގަތުމަކީ ރާއްޖެ އަށް ފަސޭހަ ކަމެއް ނޫން!

ރާއްޖޭގެ ޓެރަރިސްޓުންގެ ލިސްޓުގައި ތާލިބާނުން ނެތަސް، އެ ޖަމާއަތާ ގުޅިފައިވާ ތެހްރީކް ތާލިބާން ޕާކިސްތާން (ޓީޓީޕީ) އާއި ލަޝްކަރޭ ތައިބާ ފަދަ ޖަމާއަތްތަކަކީ ރާއްޖެއިން ވެސް ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތްތައް

އަފްޣާނިސްތާނުގައި ހަނގުރާމަވެރިން މަގުތަކުގައި: ތާލިބާނުން އެ ގައުމުގެ ސަރުކާރާ ހަވާލުވުމުން ރާއްޖެއަށް ގިނަ ގޮތްގޮތުން އަސަރު ކުރާނެ --- އޭއެފްޕީ

އެމެރިކާ ސިފައިން 20 އަހަރު ވަންދެން އަފްގާނިސްތާނުގައި ކުރި ހަނގުރާމަ އަށް ފަހު އެ ގައުމުން ފޭބިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ތާލިބާން ޖަމާއަތުން އެ ގައުމުގެ ސަރުކާރު ވައްޓާލައި، ވެރިކަމާ ހަވާލުވީ އެވެ. އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް 2001 ވަނަ އަހަރު ދިން ހަމަލާ އަށް ފަހު އެމެރިކާ އިން އަފްގާނިސްތާނަށް އަރައި، ތާލިބާނުންގެ ވެރިކަން ނިމުމަކަށް ގެނަޔަސް، އެ ޖަމާއަތް އަލުން ވެރިކަމަށް އައީ ކުރިއަށް ވުރެ މާ ބާރުގަދަ ކޮށެވެ.

އަފްގާނިސްތާނަކީ ރާއްޖެއާ އަވަށްޓެރި ގައުމަކަށް ނުވިޔަސް، އަދި ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގޮތުން މާ ބޮޑު ގުޅުންތަކެއް ނެތަސް އެ ގައުމުގެ ވެރިކަމާ ތާލިބާނުން ހަވާލުވުމަކީ އެތައް ގޮތަކުން ރާއްޖެ އަށް އޭގެ އަސަރުތައް ކުރާނެ ކަމެކެވެ. ތާލިބާނުންގެ ސަރުކާރު ބަލައިގަތުމާ މެދު ރާއްޖެއިން މިހާތަނަށް ވަކި ގޮތެއް ނުނިންމަ އެވެ. އެކަމަކު ރާއްޖެއިން ގުޅުންތައް ބަދަހިކޮށްފައިވާ މިންވަރާއި ކަންކަން ބަދަލުވެފައިވާ ގޮތަށް ބަލާއިރު، މި މައްސަލާގައި ރާއްޖެ އަށް ކުރިމަތިވާނެ ގޮންޖެހުންތައް ބޮޑުވާނެ ކަމަށް ބެލެވެ އެވެ.

ތާލިބާން

އިސްލާމީ ގައުމުތަކުން އަމަލުކުރާ ގޮތް

ތާލިބާނުން 2001 ވަނަ އަހަރާ ހަމައަށް އަފްގާާނިސްތާނުގައި ވެރިިކަން ކުރިއިރު، އެ ސަރުކާރު ބަލައިގަތީ އިސްލާމީ ގައުމުތަކުގެ ތެރެއިން ޕާކިސްތާނާއި ސައުދީ އަރަބިޔާގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ތުރުކެމެނިސްތާނެވެ. އެހެން ނަމަވެސް އެމެރިކާ އިން ތާލިބާނުންނާ ދެކޮޅަށް ފެށި މަސައްކަތުގެ ތެރެއިން އެ ހަތަރު ގައުމުން ވެސް ތާލިބާނުންނާ ގުޅުން ކަނޑާލި އެވެ. އެކަމަކު އެ ޖަމާއަތަށް އަލުން ވެރިކަން ލިބުނުއިރު، ގައުމުތަކުން ދެކޭ ގޮތް ވެސް ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ.

އިސްލާމީ ގައުމުތަކުގެ ތެރެއިން ގަތަރާއި ޕާކިސްތާނާއި އީރާނުން ތާލިބާނުން ބަލައިގެންފައި ވިޔަސް، އިސްލާމީ އެހެން ގައުމުތަކުން މިހާތަނަށް ތިބީ މަޑުންނެވެ. ސައުދީ އަރަބިއާ އާއި ޔޫއޭއީ އިން ތާލިބާނުންނަށް ކުރިން ތާއީދު ކުރިޔަސް، މިފަހަރު އެ ދެ ގައުމު ވެސް އޮތީ ހިމޭނުންނެވެ. އަދި ތުރުކީގެ ސިފައިން އަފްގާނިސްތާންގައި ތިބޭތީ ތާލިބާނުންގެ ފާޑުކިޔުން އަމާޒު ވިޔަސް، ތާލިބާން ސަރުކާރު ބަލައިނުގަތުމަށް ތުރުކީން ވެސް ނުނިންމަ އެވެ.

ތާލިބާން ސިފައިން ހަތިޔާރާ އެކު: ތާލިބާނުންގެ ބަލައިގަތުމާ މެދު ދުނިޔޭގެ ގައުމުތަކުގައި ހިޔާލު ތަފާތު -- ފޮޓޯ: އޭއެފްޕީ

ތާލިބާނުން ކުރިން ގެންގުޅުނު ބައެއް ހަރުކަށި އުސޫލުތައް ދޫކޮށްލަން ނިންމާފައި ވިޔަސް، އިސްލާމީ ގިނަ ގައުމުތަކަށް މިކަމުގައި ގޮތެއް ނިންމަން ފަސޭހައެއް ނޫނެވެ. އޭގެ އެއް ސަބަބަކީ ބައެއް ގައުމުތަކުން ތާލިބާނުންނަކީ އަދިވެސް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ބަލަމުންދާތީ އެވެ. އަދި ޓެރަރިސްޓް އެހެން ބައެއް ޖަމާއަތްތަކާއި ތާލިބާނުންނާ ދެމެދު އޮންނަ ކަމަށް ތުހުމަތު ކުރާ ސިއްރު ގުޅުންތަކުގެ ސަބަބުން ވެސް މިއީ ކުރިމަތިވާ މައްސަލަ ބޮޑެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުން ތާލިބާނުންނަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން ފަށައިފި ނަމަ، ތާލިބާން ސަރުކާރު ބަލައިގަންނަ ގައުމުތަކަށް ވެސް އޭގެ އަސަރު ކުރާނެ އެވެ. އެހެންވެ، މިއީ އިސްލާމީ ގައުމެއްގެ ހައިސިއްޔަތުން ބަލާއިރު، ރާއްޖެ އަށް ވެސް ފަސޭހަ ނިންމުމެއް ނޫނެވެ.

ސާކްގެ ގައުމުތަކުގެ މެދުގައި ހިޔާލު ތަފާތުވުން

ބައެއް ގައުމުތަކާ ގުޅުން ކަނޑާލާފައި އޮތަސް، ގައުމުތަކުގެ ސަރުކާރުތައް ބަލައިގަތުން ނުވަތަ ނުގަތުމަކީ ރާއްޖެއިން ކުރާ ކަމެއް ނޫނެވެ. އެއީ ޒަމާނުއްސުރެން ފެށިގެން ހާރިޖީ ގޮތުން ރާއްޖެއިން އަމަލު ކުރަމުން އަންނަ އުސޫލެކެވެ. މެދު އިރުމަތީގެ ބައެއް ގައުމުތަކުގައި އުފެދޭ ދާޚިލީ ހަމަނުޖެހުންތަކުގެ ތެރެއިން އެއް ގައުމެއްގައި އެތައް ސަރުކާރެއް އިއުލާން ކުރިޔަސް، އެކަމުގައި ވަކިކޮޅެއް ރާއްޖެއިން ނުނަގާ ތިބުމަކީ އޭގެ މިސާލެކެވެ. އެކަމަކު އަފްގާނިސްތާންގެ މައްސަލާގައި މިކަން ފަސޭހަ ކަމަކަށް ވާނެ ކަމަށް ނުބެލެވެ އެވެ.

ރައީސް އިބްރަހީމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު --- ފޮޓޯ/ރައީސް އޮފީސް

ސަބަބަކަށް ވަނީ އަފްޣާނިސްތާނަކީ ރާއްޖެ ހިމެނޭ ސައުތު އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ މެމްބަރު ގައުމަކަށް ވާތީ އެވެ. އަފްގާނިސްތާނަށް ސާކްގެ މެމްބަރު ކަން ލިބުނީ އަދި އެ ގައުމާއި ރާއްޖެއާ ދެމެދު ގުޅުން ގާއިމްކުރީ ވެސް ތާލިބާނުންގެ ވެރިކަން 2001 ގައި ވެއްޓުނު ފަހުންނެވެ. ތާލިބާނުންނަށް އަލުން ވެރިކަން ލިބުމުން ސާކްގެ ގިނަ ގައުމުތަކުން މިހާތަނަށް ވަކި އެއްޗެއް ހާމަ ނުކުރިޔަސް، މިއީ ސާކްގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވާނެ މައްސަލަ އެކެވެ.

ސާކްގެ މެމްބަރުންގެ ތެރޭގައި ހިމެނޭ ޕާކިސްތާނުން ތާލިބާނުންގެ ސަރުކާރަށް ތާއީދު ކުރާކަން ނުސީދާ ގޮތެއްގައި ހާމަ ކޮށްފައިވެ އެވެ. އެކަމަކު ރާއްޖެއިން މިހާރު އެންމެ ބޮޑު ގުޅުމެއް ގާއިމް ކޮށްފައިވާ އިންޑިއާ އޭގެ އިދިކޮޅެވެ. އަފްގާނިސްތާންގެ މައްސަލާގައި އިންޑިއާ އިން ރަސްމީކޮށް ވަކި ގޮތެއް އިއުލާން ނުކުރިޔަސް، އެ ގައުމަކީ ތާލިބާނުންނާ ދެކޮޅު ގައުމެކެވެ. ތާލިބާނުންގެ ވެރިކަން ވެއްޓުމުން އަފްގާނިސްތާނާއި އިންޑިއާ އިން އިގްތިސާދީ ގުޅުން ބަދަހި ކުރުމުން ތާލިބާނުންގެ އިންޒާރުތަކެއް ވެސް އިންޑިއާއަށް ދީފައިވެ އެވެ.

އަފްގާނިސްތާންގެ މައްސަލާގައި ސާކްގެ ގައުމުތަކުގެ މެދުގައި ވެސް ހިޔާލު ތަފާތުވުންތައް ބޮޑުވެފައި ވާއިރު، ރާއްޖެއަށް ކުރިމަތިވާނެ ފިއްތުންތައް ބޮޑެވެ. އދ. އާއި ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ ކުރިމަތީގައި ރާއްޖެ ހިމެނުން އޮތަސް، ހަތް މެމްބަރުން ތިބޭ ސާކްގައި އަފްގާނިސްތާން ބައިވެރި ކުރުމާ މެދު ގޮތެއް ނިންމާއިރު ވަކި ކޮޅެއް ނުނަގައި، އޮތުން ރާއްޖެ އަށް ފަސޭހައެއް ނުވާނެ އެވެ. އެހެންކަމުން މި މައްސަލާގައި ސަރަހައްދީ ގޮތުން ވެސް ރާއްޖެއަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ފުރުސަތު އެބައޮތެވެ.

ޓެރަރިޒަމާއި މަސްތުވާތަކެތީގެ ނުރައްކާ ރާއްޖެއަށް ބޮޑުވެދާނެ

އެމެރިކާ އިން ތާލިބާނުންނާ އެކު މިދިޔަ އަހަރު ހެދި ސުލްހައިގެ އެއްބަސްވުމުގެ ދަށުގެ އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބަން ނިންމީ އެ ގައުމުގައި ތާލިބާން ނޫން އެހެން ހަނގުރާމަވެރި ޖަމާއަތްތަކަށް ފުރުސަތު ނުދޭން ޝަރުތުކޮށްފަ އެވެ. އެހެން ނަމަވެސް އެމެރިކާ ސިފައިން އެ ގައުމުން ފައިބަން ފެށުމާ އެކު، ތާލިބާނުންނާ ގުޅިފައިވާ އިތުރު ހަނގުރާމަވެރި ޖަމާއަތްތައް މިހާރު އެ ގައުމުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އދ. އާއި ބައިިނަލްއަގްވާމީ ޖަމާއަތްތަކުން ތުހުމަތު ކުރެ އެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ރާއްޖެއިން ކަނޑައަޅާފައިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައި ތާލިބާނުން ނެތަސް، އދ. އާއި ބައިނަލްއަގްވާމީ ގިނަ ޖަމާއަތްތަކުން ބަލަނީ ތާލިބާނުންނަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގަ އެވެ. އަދި ރާއްޖޭގެ ލިސްޓުގައި ތާލިބާނުން ނެތަސް، އެ ޖަމާއަތާ ގުޅިފައިވާ ތެހްރީކް ތާލިބާން ޕާކިސްތާން (ޓީޓީޕީ) އާއި ލަޝްކަރޭ ތައިބާ ފަދަ ޖަމާއަތްތަކަކީ ރާއްޖެއިން ވެސް ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތްތަކެވެ.

އަނެއްކޮޅުން، ތާލިބާނުންނާ ދެކޮޅު ހަނގުރާމަވެރި ޖަމާއަތްތައް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ފަދަ ޖަމާއަތްތަކުގެ ހަރަކާތްތައް އަފްގާނިސްތާނުގައި އިތުރުވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާތީ އެފަދަ ޖަމާއަތްތަކާއިި ތާލިބާނުންނާ ދެމެދު ދާހިލީ ހަނގުރާމައެއް ފެށުމުގެ ފުރުސަތު އެބައޮތެވެ. އެފަދަ ޖަމާއަތްތަކާ ގުޅިގެން ބައެއް ދިވެހިން އެ ގައުމުގައި ހަނގުރާމަތަކުގައި ބައިވެރިވެފައި ވެސް އެބަހުއްޓެވެ. އެހެންވުމުން ހަނގުރާމައަށް ދާ ދިވެހިންގެ މަންޒިލަކަށް އެ ގައުމު ވުމުގެ ބިރު މިހާރު ބޮޑެވެ.

ދެން އޮތީ މަސްތުވާތަކެތީގެ ނުރައްކަލެވެ. މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އޯޕިއަމްގެ ވިޔަފާރި ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ގައުމަކީ އަފްގާނިސްތާނެވެ. ތާލިބާނުންގެ ވެރިކަން ކުރި ދުވަސްވަރު ވެސް އެކަން އޮތީ އެގޮތަށެވެ. އެމެރިކާ ސިފައިން އެކަން ހުއްޓުވަން މަސައްކަތް ކުރިޔަސް، ކާމިޔާބެއް ނުވި އެވެ. އެ ވިޔަފާރި އިތުރަށް ފުޅާވެ، އޭގެ ނުރައްކާ މި ސަރަހައްދުގައި ބޮޑުވެއްޖެ ނަމަ، އޭގެ ނުރައްކާ ރާއްޖެ އަށް ވަރަށް ބޮޑުވެގެންދާނެ އެވެ.

ޑރ. އަހްމަދު ޝަހީދު: އޭނާ ވިދާޅުވަނީ ޕްރެޝަރު ކުރިމަތިވާނީ ރާއްޖެ އިން އަމަލުކުރާ ގޮތަކުން ކަމަށް -- ފައިލް ފޮޓޯ

ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ދެކެވަޑައިގަންނަވާ ގޮތުގައި އަފްގާނިސްތާންގެ މައްސަލާގައި ރާއްޖެ އަށް ފިއްތުންތައް ކުރިމަތިވުމާއި ނުވުން ބިނާވާނީ ރާއްޖެއިން އަމަލުކުރާ ގޮތެއްގެ މައްޗަށެވެ. އެގޮތުން ގައުމުތަކުގެ ސަރުކާރުތައް ސައްހަތޯ ނުވަތަ ނޫންތޯ ނުބެލުމަށް ރާއްޖެއިން ޒަމާނުއްސުރެ ފެށިގެން ގުޅޭ ސިޔާސަތު ދަމަހައްޓައިފި ނަމަ، ރާއްޖެ އަށް ކުރިމަތިވާނެ ގޮންޖެހުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މިކަމުގައި ރާއްޖެ އަށް ފިއްތުންތައް އަންނާނެ ކަމަށް އޭނާ ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ.

"ނުފޫޒު ގަދަ ގައުމުތަކުން ތަންކޮޅެއް ބޮޑަށް ޕްރެޝަރު ކޮށްފާނެ، ފިއްތުންތައް އައިސްދާނެ. އެހެން ނަމަވެސް އިންޓަނޭޝަނަލް ލޯގެ ދަށުން އަމަލު ކުރަންޏާ އަޅުގަނޑުމެންނަށް އޮންނާނެ ސާފުކޮށް ބުނެވެން ތިމަންމެންގެ އުސޫލަކީ ހަމައަކީ މިއޮތީއޭ. އެހެންވީމަ އެކަހަލަ ފިއްތުންތަކުން ރެކެވެން ނުވަތަ ސަލާމަތްވާން ބޭނުންފުޅުވިއްޔާ އެގޮތް ވެސް އެބައޮތޭ އަދި އޭގެ ތެރެއަށް ފުންމާލަން ބޭނުންފުޅުވިއްޔާ ފުންމާލުމުގެ ފުރުސަތު ވެސް އެބައޮތް. ބުނެވިދާނެ ތިމަންނަމެން ތާލިބާންގެ ސަރުކާރާ ދެކޮޅޭ ވެސް." ޝަހީދު ވިދާޅުވި އެވެ.

އެކަހަލަ ފިއްތުންތަކުން ރެކެވެން ނުވަތަ ސަލާމަތްވާން ބޭނުންފުޅުވިއްޔާ އެގޮތް ވެސް އެބައޮތޭ އަދި އޭގެ ތެރެއަށް ފުންމާލަން ބޭނުންފުޅުވިއްޔާ ފުންމާލުމުގެ ފުރުސަތު ވެސް އެބައޮތް. ބުނެވިދާނެ ތިމަންނަމެން ތާލިބާންގެ ސަރުކާރާ ދެކޮޅޭ ވެސް -- ޑރ. ޝަހީދު

އޭނާ ވިދާޅުވި ގޮތުގައި ތާލިބާނުންގެ ސަރުކާރަށް ރާއްޖެ ގަބޫލު ކުރިޔަސް އަދިި ނުކުރިޔަސް، އެ ގައުމުގެ ހާލަތަށް އަންނަ ބަދަލާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ރާއްޖެއިން އަޅަން ޖެހޭނެ އެވެ. އެގޮތުން ޓެރަރިޒަމްގެ ނުރައްކާ ކުޑަ ކުރުމަށާއި އިންސާނީ ހައްގުތަކާ ދެކޮޅަށް ތާލިބާނުން ހިންގާ ކަންކަން ރާއްޖެއިން ކުށްވެރިކުރަން ޖެހޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އަދި ގިނަ ގައުމުތަކުން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ގަބޫލުކުރާ ބަޔަކު ވެރިކަމުގައި އޮތުމުން ރާއްޖެއިން ފާރަވެރިވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތާލިބާނުންގެ ސަރުކާރު ބަލައިގަތުމުގެ މައްސަލާގައި އެހެން ގައުމުތަކެކޭ އެއްގޮތަށް، ރާއްޖެއިން ވެސް މިވަގުތު ހިމޭނުން އޮތަސް، އެހެން ގައުމުތަކުން ނިންމާ ނިންމުންތަކުގެ ސަބަބުން ސަރަހައްދީ ގޮތުންނާއި ބައިނަލްއަގްވާމީ ގޮތުން ރާއްޖެ އަށް އަންނާނެ ފިއްތުންތައް ބޮޑުވާނެ ކަމަށް ބެލެވެ އެވެ. އަދި ޓެރަރިޒަމްގެ ހަރަކާތްތައް އަފްގާނިސްތާނުގައި ފުޅާވެއްޖެ ނަމަ އޭގެ ނުރައްކާ ރާއްޖެ އަށް ބޮޑުވެ، ވަރުގަދަ ފިޔަވަޅުތަކެއް ރާއްޖެ އަށް އަޅަން ޖެހޭނެ އެވެ.

2 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުޕް

19 August 2021

ރާއްޖެ މިހާރުވެސް އޮތީ ފިތިފަ އިންޑިއާގެ ދަށުވެފަ އޮތްލެއް ބޮޑުކަމުން. އިންޑިއާ ބުނާ ގޮތް ނޫން އެހެން އެއްވެސް ގޮތަކަށް ރާއްޖެ އެހެން ގައުމަކާމެދު ދެކޭ ގޮތް ފާޅުކުރާކަށް ނުކެރޭނެ. އިތުރަށް ރާއްޖެ ފިތޭކަށް ނެތް.

The name is already taken The name is available. Register?

ސަލީމު އިދުރީސް

19 August 2021

ތަލިބާނު ސަރުކާރު ބަލައިގަތުމައް ފަހު 7 ބެރުއަރީގަ ކުރީބާވާތޭ ކިއައިގެން އަނގަނުހުޅުވާތި! ގައުމެއްގެ ސަރުކާރު ގަދަބާރުން ބަދަލު ކުރުމަކީ ބަގާވާތް! އެކަމަކު އީވާވޭސް ބުނެއްޖެ ތާލިބާނައް އެހީވާން ޖެހޭނޭ އެމަކު އެއީ މިގައުގެ ބަގާތައް އެންމެ އަޑުއުފުލިމީހަ! ހަރުކަށިކަން ނައްތާލަން ގޮވާބަޔަކު ބާގީންގުޅޭނެތޯ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454