ޚަބަރު

މިރުޒާގެ މަރު: ވާރިސަކު މިހާރު ބޭނުންވަނީ ގާތިލަކަށް މާފު ދޭން

މިރުޒާގެ މަރުގެ މައްސަލާގައި ބޭއްވި އަޑުއެހުން: މިރުޒާގެ ވާރިސަކު ވަނީ ގާތިލަކަށް މައާފް ދޭން ބޭނުންވާ ކަމަށް ބުނެފައި

ވިލިމާލޭގައި ގްރޫޕަކުން ހަމަލާދީ އަހުމަދު މިރުޒާ އިބްރާހިމް މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ މީހަކަށް މާފު ދޭން ބޭނުންވާ ކަމަށް މިރުޒާގެ ވާރިސަކު ބުނެފި އެވެ.

މީގެ 10 އަހަރުން ކުރިން ވިލިމާލޭގައި ގްރޫޕަކުން ހަމަލާދީ ނ. މާޅެންދޫ ވައިޓްހައުސް، މިރުޒާ މަރާލި މައްސާލާގައި ޏ. ފުވައްމުލަކު ޒާވިއާ، އަބްދުﷲ ނަޒީފްގެ އިތުރުން ވ. ފަޒީލާ މަންޒިލް މުހައްމަދު ޝިފާއު މެރުމަށް ކްރިމިނަލް ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ. އޭގެ ތެރެއިން ނަޒީފް މެރުމަށް ކުރި ހުކުމް ހައި ކޯޓުން އޮތީ ދަމަހައްޓައިފަ އެވެ. މިރުޒާގެ ވާރިސުން، މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ކުރިން ބުންޏަސް، އެއް ވާރިސަކު މާފު ދޭން މިހާރު ބޭނުންވާ ކަމަށް ބުނާ ސިޓީއެއް ވަނީ ލިބިފަ އެވެ.

އެ މައްސަލަ ނަޒީފްގެ ފަރާތުން އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ހައި ކޯޓުން މައްސަލަ ނިމުނު ފަހުން، މިރުޒާގެ އެއް ވާރިސަކު ނަޒީފަށް މާފު ދޭން ބޭނުންވާ ކަމަށް ބުނެ އޭނާގެ ފަރާތުން ސިޓީއެއް ލިބުނު ކަމަށެވެ. އަދި އެގޮތަށް ސިޓީ ފޮނުވީ ނަޒީފްގެ ފަރާތުން ބަޔަކު އޭނާއާ ބައްދަލުކޮށް، ނަޒީފް މިހާރު ކުށަށް އިއުތިރާފްވެފައިވާ ކަމަށް ބުނެ އޭނާއަށް މާފު ދޭން އެދިފައިވާތީ ކަމަށް އެ މީހާ ބުނާ ކަމަށް ދައުލަތުން ބުންޏެވެ.

އެކަމާ ބެހޭގޮތުން ފަނޑިޔާރުންގެ ބެންޗުން ނަޒީފާ ސުވާލު ކުރުމުން އޭނާ ބުނީ އޭނާގެ އާއިލާގެ ފަރާތުން މިރުޒާގެ އާއިލާއާ ވާހަކަ ދެއްކީ ކަމަށް ބެލެވޭ ކަމަށެވެ. އެކަމަކު އެކަން އިތުރަށް ޔަގީން ކުރެވޭނީ އާއިލާއާ ވާހަކަ ދެއްކުމަށްފަހު ކަމަށް ނަޒީފް ބުންޏެވެ.

ނަޒީފްގެ ފަރާތުން ކުށަށް އިއުތިރާފް ނުވާއިރު، އޭނާއަށް މާފު ދެވިދާނެތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ނަޒީފްގެ ވަކީލް މުހައްމަދު އިސްމާއިލް ވިދާޅުވީ ކޮންމެ ސަބަބަކާ ހުރެ ކަމަށް ވިޔަސް، ވާރިސަކު މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ބުނާ ނަމަ މަރުގެ އަދަބު ނުދެވޭނެ ކަމަށެވެ.

ނަޒީފްގެ ވަކީލް ވިދާޅުވީ ނަޒީފާ ދެކޮޅަށް ހެކިބަސް ދިން ހެކިންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރި ކަމަށެވެ. އެގޮތުން ހަމަލާދިން ކަމަށް ބުނާ ހަތިޔާރާއި ހަމަލާދިން ގޮތާ މެދު ހެކިވެރިންގެ ހެކިބަސް ފުށުއަރާ ކަމަށާއި އެކަމަކު އެއް މަންޒަރެއް ދެ ގޮތަކަށް ފެނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގިނަ ބަޔަކު ބައިވެރިވެގެން މިރުޒާއަށް ހަމަލާ ދިންއިރު، މިރްޒާ މަރުވީ ނަޒީފް ދިން ހަމަލާއެއްގެ ސަބަބުން ކަން އެއްވެސް މީހެއްގެ ހެކިބަހުން ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވަކީލް ވިދާޅުވި ގޮތުގައި ދަށު ކޯޓުގައި ހެކިބަސް ދިން ހެކިވެރިއަކު އޭނާ ހެކިބަސް ދިނީ ނުފޫޒުތަކެއް ފޯރުވައިގެން ކަމަށް ބުނެ އެއް ހެކިވެރިއަކު ހައި ކޯޓަށް ސިޓީއެއް ފޮނުވާފައި ވިޔަސް، ހައި ކޯޓުން އެކަމަށް ރިއާޔަތް ކޮށްފައެއް ވެސް ނުވެ އެވެ. އަދި ދައުލަތުން ހުށަހެޅި ހެކިވެރިންނަށް ނުފޫޒު ފޯރުވިކަން އެނގޭއިރު ވެސް އެ މައްސަލާގައި ފުލުހުން ތަހުގީގެއް ހިންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިރުޒާއަށް ނަޒީފް ހަމަލާދިނީ ލަކުޑި ބުރިއަކުން ކަމަށް ދައުލަތުން ބުންޏަސް، ހެކިންނަށް އެކަން ޔަގީންކަމާ އެކު ބުނެދެވިފައި ނުވާ ކަމަށެވެ. އަދި ހަމަލާދިން ގަޑި އާއި ވަގުތާ މެދު ވެސް ސުވާލު އުފެދިފައިވާ އެ ހާލަތުގައި ގަސްދު މަރެއް ސާބިތުވާ ކަމަށް ނިންމަންވީތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އެހެންވެ، އޭނާ އެދިވަޑައިގަތީ ދަށު ކޯޓާއި ހައި ކޯޓުގެ ހުކުމް ބާތިލްކޮށް ދިނުމަށެވެ.

ދައުލަތުން ބުނީ ގިިނަ ބަޔަކު ބައިވެރިވެގެން މީހަކަށް ހަމަލާދޭ ހާލަތުގައި، އެއިން ކޮންމެ މީހަކު ކުރި އަމަލަކީ މަރުވުމުގެ ސަބަބަކަށް ނުވިޔަސް އެ އެންމެން ކުށްވެރިވާނެ ކަމަށް އިސްލާމީ ޝަރީއަތުގައި އޮންނަ ކަމަށެވެ. އަދި ނަޒީފާ ދެކޮޅަށް ލިބިފައިވާ ހެކިތަކާ ގުޅޭގޮތުން ކުރިން ވާހަކަ ދައްކާފައިވާނެ ކަމަށް ދައުލަތުން ބުންޏެވެ.

ފަސް ފަނޑިޔާރުންގެ ބެންޗުން ބައްލަވާ އެ މައްސަލާގެ މިއަދުގެ އަޑުއެހުން ނިންމާލީ އެ މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ، އެ މައްސަލާގައި ދެން އޮންނާނީ ހުކުމް ކުރުން ކަމަށް އިއުލާން ކުރެއްވުުމަށް ފަހު އެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫނާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޝުޖޫނެވެ.

މިރުޒާގެ ވާރިސަކު މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ބުނިއިރު، އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުން މަރުވި މީހާގެ އެންމެ ވާރިސަކު ވެސް މަރަށް މަރު ހިފަން ބޭނުން ނުވެއްޖެ ނަމަ، ގާތިލަށް މަރުގެ އަދަބެއް ނުދެވޭނެ އެވެ.

1 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަހުމަދުވަގާރު

07 September 2021

ކޮބާ ދެން މާފު ނުކުރި މީހުންގެ ހައްގު؟؟؟؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454