ގަތަރުގެ ހާރިޖީ ވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން އާލް ސާނީ. --އޭއެފްޕީ
13 ސެޕްޓެމްބަރ 2021 - 15:12
ގަތަރުގެ ބޮޑުވަޒީރުގެ ނައިބު އަދި ހާރިޖީ ވަޒީރު އައްޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން އާލް ސާނީ އިއްޔެ އަފްގާނުގެ ވެރިރަށް ކާބުލް އަށް ވަޑައިގެން، އަފްގާނިސްތާނުގެ އާ ސަރުކާރުގެ ވެރިންނާ މަޝްވަރާ ކުރައްވައިފި އެވެ.
ތާލިބާންގެ ހަނގުރާމަވެރިން އަފްގާނިސްތާނުގައި ގާއިމުކުރި ސަރުކާރާއެކު އެއްބާރުލުން ދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކުރެއްވި މި ދަތުރުފުޅުގައި ގަތަރުގެ ހާރިޖީ ވަޒީރު އިއްޔެ ވަނީ، އަފްގާނުގެ ވަގުތީ ބޮޑުވަޒީރު މުއްލާ މުހައްމަދު ހަސަން އާޚުންދުއާ ބައްދަލު ކުރައްވައިފަ އެވެ. މިއީ ތާލިބާނުންގެ އާ ސަރުކާރު އެކުލަވައިލި ފަހުން، ބޭރު ގައުމެއްގެ އިސް ވެރިއަކު ކާބުލްއަށް ވަޑައިގެން ތާލިބާނުންގެ ސަރުކާރާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
ގަތަރުގެ ހާރިޖީ ވަޒީރުގެ މިދަތުރުފުޅުގައި އަފްގާނިސްތާނުގެ ކުރީގެ ރައީސް ހާމިދު ކަރުޒާއީ އާއި އަފްގާނިސްތާނުގެ ވަތަނީ ސުލްހަޔާ ބެހޭ މަޖިލީހުގެ ރައީސް އަބްދުﷲ އަބްދުﷲއާ ވެސް މަޝްވަރާ ކުރެއްވި އެވެ.
އެ ތިން ބޭފުޅުންނާ އެކުގައި ކުރެއްވި މަޝްވަރާތަކުގައި، ގަތަރުގެ ހާރިޖީ ވަޒީރު އެދިވަޑައިގަތީ، އަފްގާނިސްތާނުގެ ގައުމީ މަސްލަހަތު ހިމާޔަތް ކުރެއްވުމަށް އިސްކަން ދެއްވުމަށެވެ. އޭގެ އިތުރުން، އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމުގެ ފުރިހަމަ މިނިވަންކަމާއި، ގައުމުން ބޭރަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް އެކަމުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި، ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކޮށްދެއްވުމަށް، ވަގުތީ ބޮޑުވަޒީރުގެ އަރިހުން އެދިވަޑައިގެންނެވި އެވެ.
ބައެއް މީޑިއާތަކުން ބުނާ ގޮތުގައި، ގަތަރުގެ ހާރިޖީ ވަޒީރުގެ މިދަތުރުފުޅުގައި، ކާބުލް ވައިގެ ބަނދަރު އިތުރަށް ތަރައްގީ ކުރުމާ ބެހޭ ގޮތުން ވެސް، އަފްގާނުގެ ވެރިންނާ އެކުގައި މަޝްވަރާ ކުރެއްވި އެވެ. އަދި އަފްގާނިސްތާނުގެ ތަރައްގީއަށްޓަކައި މިހާރުން މިހާރަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.
މި ބައްދަލުވުމަށް ފަހު އަފްގާނު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ، އެ ގައުމަށް އެންމެ ދަތިވި ދަނޑިވަޅުގައި އަފްގާނިސްތާނު ރައްޔިތުންނަށްޓަކައި ގަތަރު ސަރުކާރުން ވެދިން އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި، ހުޅަނގުގެ ސިފައިން އަފްގާނިސްތާނުން ފޭބުމާ ބެހޭ ގޮތުން ގަތަރުގެ ވެރިރަށް ދޯހާގައި ވެފައިވާ އެއްބަސްވުމަށް، އެ އެއްބަސްވުމުގެ ހުރިހާ ބައިވެރިން ވެސް އިހްތިރާމް ކުރުން މުހިންމުކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ގަތަރުގެ ހާރިޖީ ވަޒީރުގެ މިދަތުފުޅުގައި އަފްގާނިސްތާނުގެ އަމީރު މައުލަވީ ހިބަތުﷲ އަޚުންދް ޒާދާ އާއި ބޮޑުވަޒީރުގެ ނާއިބު އަބްދުލް ޣަނީ ބަރާދަރު އާއި ހާރިޖީ ވަޒީރު އަމީރް ޚާން މުއްތަގީއާ ވެސް ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު
13 September 2021
މަރުހަބާ ގަތަރުގެ ވެރިންނައް ހަމަމިގޮތައް ސައުދީ އަރަބިއްޔާވެސް އެބަޖެހޭ ގޮސް އަފްގާނިސްތާނު ވެރިންނައް މަރުހަބާ ދަންނަވަން އަންހެނުން ވަޒީރުންނައް ނުލާތީކަމައބުނެ ތުންދަމައިގެން ނުތިބެ ގޭގެއޮޅިގަނޑު ސާބިތުންކަމަތީ ދެމެހެއްޓޭނީ އަފްގާނިސްތާނު ވެރިން ކަންކުރާގޮތައް ކަންކޮއްގެން ނޫންނަމަ ވަޒީރުންގެ ކިބައިން ފެންނާނީ ހުސްއަލީވަހީދު މީލައްކަވަހަކަ
ރަދީފްއޮފިޝިއަލް
13 September 2021
އަރަބި ގައުމުތަކުގެ ތެރެއިން މުސްލިމުންގެ ހައްގުގަ ތެދުވަން ކެރޭ މަދު ގައުމުތަކުގެ ތެރެއިން ގައުމެއް.