މާވަރުލު އެއާޕޯޓް: އެ މަޝްރޫއުގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ވެސް ވަނީ ނިންމާފައި --- ފޮޓޯ/އެމްޓީސީސީ
20 ސެޕްޓެމްބަރ 2021 - 15:35
ގދ. މާވާރުލު އެއާޕޯޓް ތަރައްގީކުރުމުގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ވެސް ހުކުމްކޮށްފި އެވެ.
މާވާރުލުގައި އެއާޕޯޓް އަޅަން މޫވިން އިންޓަނޭޝަނަލްއާ އެކު ހެދި އެއްބަސްވުން 2016 ގައި ސަރުކާރުން ބާތިލްކުރި މައްސަލާގައި އެ ކުންފުނިން ދައުވާކުރީ އެއްބަސްވުން ބާތިލްކުރީ އިޖްރައާތާ ޚިލާފަށް ކަމަށް ކަނޑައެޅުމަށާއި އެކަމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އެ ކުންފުންޏަށް އޮތް ކަމަށް ކަނޑައެޅުމަށެވެ. އެކަމަކު ސިވިލް ކޯޓާއި ހައި ކޯޓުން ކުރިން ނިންމާފައި އޮތީ އެ އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށެވެ.
އެ މައްސަލަ މޫވިން އިންޓަނޭޝަނަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ހައި ކޯޓުގެ ހުކުމް ރަނގަޅު ނޫން ކަމަށް ބެލެވޭނެ ސަބަބެއް މޫވިން ކުންފުންޏަށް ދެއްކިފައިނުވާ ކަމަށެވެ. އަދި ހައި ކޯޓުން އެ އެއްބަސްވުން ގޯސްކޮށް މާނަކުރީ ކަމަށް އެ ކުންފުނިން ބުންޏަސް، އޭގެ ތަފްސީލެއް އެ ކުންފުންޏަށް ބުނެދެވިފައިނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން އެއްބަސްވުން ބާތިލް ކުރުމާ ހަމައަށް މާވާރުލުގައި ކޮށްފައިވާ މަސައްކަތްތަކަށް ބަދަލު ދީފައިނުވާ ކަމަށް މޫވިން އިންޓަނޭޝަނަލް އިން ބުންޏަސް، އެ ނުކުތާއަކީ ހައި ކޯޓާއި ދަށު ކޯޓުގައި ފާހަގަ ކޮށްފައިވާ ކަމަކަށް ނުވާތީ އެ މައްސަލަ ސުޕްރީމް ކޯޓުގައި މިހާރު ނުނެގޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، ހައި ކޯޓުގެ ނިންމުމަށް ތާއީދުކުރީ ކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިިރުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުޖޫނެވެ.
މޫވިން އިންޓަނޭޝަނަލްއާ އެކު ހެދި އެއްބަސްވުން ބާތިލް ކުރުމަށްފަހު ސަރުކާރުން މާވާރުލު އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ އެވެ. އެމްޓީސީސީން އެ މަސައްކަތް ނިންމައި، އެ އެއާޕޯޓް ހުޅުވީ މިދިޔަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy