ޖިންސީ ގޯނާއާއި ރޭޕާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން-- ފޮޓޯ: ނިޝާން އަލީ/ މިހާރު
27 އޮކްޓޯބަރ 2021 - 20:15
ގަލޮޅު ސްކޫލުގައި އުމުރުން ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ސްކޫލުތަކަކީ ކުދިންނަށް ރައްކާތެރި މާހައުލެއްކަން ކަށަވަރު ކުރުމަށް "ރައިޒް އަޕް މޫވްމަންޓް" އިން މިއަދު ގޮވާލައިފި އެވެ.
އިންސާނީ ހައްގާއި އިޖުތިމާއީ މައްސަލަތަކަށް ހޭލުންތެރިކުރުމުގެ މަސައްކަތުގައި އުޅޭ ރައިޒް އަޕް މޫވްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ، އުމުރުން ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ އަނިޔާއާ ކުރިމަތިލާން ޖެހުމަކީ ކުށްވެރިކުރާ ކަމެއް ކަމަށާއި ސްކޫލު މާހައުލުގައި އެފަދަ ކަމެއް ހިނގައިގެން ނުވާނެ ކަމަށެވެ.
ރައިޒް އަޕް މޫވްމަންޓުން ބުނިގޮތުގައި، ސްކޫލު މާހައުލުގައި މުވައްޒަފުންގެ ފަރާތުން ޖިންސީ އަނިޔާއާ ކުރިމަތިލާން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެ ކަމުގެ ސަބަބުން ކުދިންނަށް މިނިވަންކަމާއެކު އުނގެނުމަށް ހުރަސް އެޅޭ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
ރައިޒް އަޕް މޫވްމަންޓުން ވަނީ ޖިންސީ އަނިޔާގެ މައްސަލަ އަވަހަށް ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް ވެސް ގޮވާލައިފަ އެވެ. އަދި ކަމާ ބެހޭ ފަރާތްތަކުންް މި މައްސަލަ ކުރިއަށް ގެންދާ ގޮތުގެ ތަފްސީލު ހާމަނުކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރި އެވެ.
"މި ކަމުގެ ސަބަބުން ދަރިން ސްކޫލަށް ފޮނުވުމަށް މައިންބަފައިންގެ ހިތުގައި ނުތަނަވަސްކަން އުފެދި ކުދިންގެ އުނގެނުމަށް ބުރޫ އެރުމަކީ އެކަށީގެންވާ ކަމެކެވެ،" ބަޔާނުގައި ވެ އެވެ.
ރައިޒް އަޕް މޫވްމަންޓުން ބުނީ، މިއީ ތުއްތު ކުދިންތަކެއްގެ ސަލާމަތާއި ރައްކާތެރިކަން ހިމެނިފައިވާ މައްސަލައަކަށް ވާތީ، ގިނަ ބެލެނިވެރިންތަކެއް ތިބީ ކަންބޮޑުވެފައި ކަމަށެވެ. އެހެންވެ، އެ ޖަމިއްޔާ އިން ގޮވައިލީ، މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ގޮތް ހާމަކުރުމަށާއި ގަލޮޅު ސްކޫލުގައި އިތުރު އެހެން ކުއްޖަކު އެކަމުގެ ޝިކާރައަކަށް ވެފައިވޭތޯ ބެލުމަށާއި އިތުރު ސްކޫލެއްގައި އެފަަދަ ކަމެއް ނުހިނގާނެކަން ކަށަވަރު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތައް ހާމަކުރުމަށެވެ.
އެ ޖަމިއްޔާއިން ގޮވައިލި އަނެއް ކަމަކީ ސްކޫލު މާހައުލަކީ ކުދިންނަށް ރައްކާތެރި މާހައުލެއްކަން ޔަގީން ކުރުމަށް ސްކޫލުތަކުގައި "ސޭފްޓީ އޮޑިޓް" އެއް ހަދައި ކުދިންނަށް ނުރައްކަލެއް ކަމަށް ހީވާ ކަންކަން ފާހަގަކޮށް އިސްލާހު ކުރުމެވެ. އަދި ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތައް ތަންފީޒު ކުރޭތޯ ބަލައި މޮނިޓާކުރުމަށް މިނިސްޓްރީން ހާއްސަ އޮފިޝަލުން ކަނޑައެޅުމަށް ވެސް ގޮވައިލި އެވެ.
ސްކޫލުތަކަށް މުވައްޒަފުން ނެގުމުގައި އެ މީހުންގެ ކުރީގެ ރެކޯޑް ރަނގަޅަށް ބަލައި ހޯދުމަށް ފަހު ނޫނީ ވަޒީފާ ނުދިނުމަށާއި މިފަދަ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އަޅާއިރު މައްސަލައާ ގުޅުން ހުރި މީހުން މަގާމުން ވަގުތީ ގޮތުން އެކަހެރި ކުރުމުގެ ބަދަލުގައި ކުދިންނާ އެކު މަސައްކަތް ކުރަން ޖެހޭ އެއްވެސް މަސައްކަތެއް ކުރުމުގެ ފުރުސަތު އެ ކަހަލަ މީހުންނަށް ނުދިނުމަށް ވެސް ގޮވައިލި އެވެ.
މިއީ ކުޑަކުދިންނާ ގުޅުންހުރި ސީރިއަސް މައްސަލައެއް ނަމަވެސް އެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ތިބި މުވައްސަސާތަކުން އެ ކަމުގައި އިހުމާލުވަމުންދާ ކަމަށް ބުނެ ރައިޒް އަޕް މޫވްމަންޓުން އެކަން ކުށްވެރިކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެލެނިވެރިޔާ
28 October 2021
ބައެއް ޓީޗަރުންގެ ސަބަބުން އެންމެން ބަދުނާމު
ކަންބޮޑުބެ
28 October 2021
ހޯމްސްކޫލިންގ އިސް ދަ ބެސްޓް! އެޑިއުކޭށަން މިނިސްޓްރީ އުވާލާ!
ހީކުރަނީ
28 October 2021
ތިޔަ ސްކޫލްތަކުން ވާކަމެއްނެތް.އެޑިއުކޭޝަން މިނިސްޓްރީގެ ހިންގުމުގެ ފެންވަރު މަހަކު އެއްފަހަރު ނުބެލޭތީ އެމީހުން ހީކުރަނީ އެމީހުންނަށް ކުދިން ރައްކާތެރި ކޮށްދެވޭކަމަށް.
އަޙްމަދުހަސަން
27 October 2021
މުސާރާތަކާއި އެއްޗެހި ބޮޑުކުރަން ބަޖެޓް ކުރުމުގެ ކުރިން ފުރަތަމަ އަހަރުމެންގެ ދަރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ސްކޫލްތަކުގައި ސީސީޓީވީ ކެމެރާ ހަރު ކުރުމަށް އަންނަ އަހަރަށް ބަޖެޓު ކުރަންޖެހޭ. ފައިސާ ނެތޭ ކިޔާނަ ކަމެއް ނެތް. ބޮޑު ހަރަދެއް ކޮށްފަ މޮޓޯކޭޑުގައި ބޭފުޅުން ގެންދޭ. ޓީޗަރަކަށްވެސް ހަނދާން ނުހުރޭ. މިވަރުން ކިހިނެއް މި ސްކޫލްތަކަށް އިތުބާރު ކުރާނީ ކުދިން ސްކޫލަށް ފޮނުވަން ބެލެނިވެރިން ބިރުގެނޭ. ސްކޫލަށް މުޙިއްމީ ރެޕިއުޓޭޝަން
ބެލެރިވެރިން
27 October 2021
ހޯމްސްކޫލިންއަށް ހުއްދަދޭންޖެހޭ.
އަލިފ ހ
27 October 2021
ކުށްވެރިވެ ޖަލުގޮޅީގެ ބިރު ދައްކަނީ މިފަދަ ނޭއްގާނީ ޢަމަލުތަކުން ދަރިން ރައްކާތެރި ކުރުމަށް ހޯމް ސްކޫލިންގ ދޭ ބެލެނިވެރިންނެވެ!
މަންނާނު
27 October 2021
ބަޔެއް އާންޓީންނަކީ ކަމެއްވާއިރަށް ތުއްތު ކުދިންނައް ރޯޅި ބާލާމީހުން އަހަރެންނައް ދިމާވި ތިޔަކަހަލަ ކަމެއް ސްކޫލްއިން ބޭނުމެއްނުވި ބަލާކަށް ދެންކޮންމެވެސް އެލްޓީއަކު ބުނެފާނެ ތިމަންނަ ކްލާހުގަ ބަލާލަން މަޑުކޮށްލަފާނަމޭ ކިހިނެއްތޯ ދިހަވަރަކަށް މިނިޓް ކްލާހުގަ މަޑުކޮށްލައިގެން އެއްޗެއް އިގޭނީ
ދޯރި
27 October 2021
ސްކޫލްތަކުގެ ކުލާސް ރޫމްތަކުގަ ސީސީޓީވީ ކެމެރާ ހަރުކުރަންޖެހެއެވެ. އަދި ކޮމަން އޭރިޔާތަކުގަވެސް މެއެވެ.
ޙާމަ
27 October 2021
ތި ކެމެރާހަރުކުރަންވެސް ޖެހޭނީ ބެލެނިިވެރިން އަތުން ފައިސާނަގައިގެން...ހިލޭކިޔަވާދެނީއޭކިޔާފަ ހުރިހާ ޚަރަދެއް ކުރަން ޖެހެނީ ބެލެނިވެރިނަ