އެސްޓީއޯގެ ބޭސް ފިހާރައިގައި މުވައްޒަފަކު ހަރަކާތްތެރިވަނީ: ބޭހުގެ އަގު ކޮންޓްރޯލްކުރަން ސަރުކާރުން ވަނީ ނިންމާފައި. -- ފޮޓޯ/ މިހާރު
31 އޮކްޓޯބަރ 2021 - 16:49
ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ފުރަތަމަ ކަނޑައަޅަން ނިންމާފައި ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ އެސެންޝަލް ލިސްޓުގައި ހިމެނޭ 357 ބޭހަކަށް ކަމަށާއި އަގު ކޮންޓްރޯލްކޮށް ގެންނަ ބަދަލުން ބޭހަށް ކުރާ ހޭދައިން 205 މިލިއަން ކުޑަކުރެވޭނެ ކަމަށް ދައުލަތުގެ ބަޖެޓުގައި ބުނެފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ބުނެފައިވާ ގޮތުގައި، ބޭސް ވިއްކާ ބްރޭންޑްތަކުގެ ނަން ބޭސް ސިޓީގައި ލިއުން ހުއްޓާލަން ވަނީ ނިންމާފައި ކަމަށެވެ. އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ބޭސް ސިޓީގައި ބޭހުގެ ބްރޭންޑް ނަން ލިއުން ހުއްޓާލައި، ލިޔާނީ ބޭހުގެ އަސްލު ނަމެވެ. މިގޮތަށް ހެދުމުން އެކި ބްރޭންޑްގެ ނަމުގައި ބޭސްތައް އަގު ބޮޑުކޮށް ވިއްކުން ހުއްޓުވޭނެ އެވެ.
ބަޖެޓުގައިވާ ގޮތުން މި ބަދަލު ގެންނަނީ، އާސަންދަ ނިޒާމުން އެންމެ ބޮޑު ހޭދައެއް ބޭހަށް ކުރަން ޖެހޭ ގޮތަށް އޮތުން ބަދަލުކޮށްލުމަށެވެ.
ބޭހުގެ އަގު ކޮންޓްރޯލްކުރާ ގޮތަށް ހަމަޖައްސާފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި 357 ބޭހެއްގެ އަގު ކޮންޓްރޯލްކުރުމަށް ފަހު އަންނަ އަހަރުގެ މެދުތެރޭގައި އެސެންޝަލް މެޑިސިން ލިސްޓުގައި ނުހިމެނޭ ހުރިހާ ބޭހަކަށް އެމްއާރުޕީ ކަނޑައަޅަން ވަނީ ނިންމައިފަ އެވެ.
ސަރުކާރުން ގެންނަން މިއުޅޭ ބަދަލުން، ބޭސް ސިޓީގައި ބޭހުގެ އަސްލު ނަން (މިސާލަކަށް ޕެރަސެޓަމޯލް) ނޫން ނަމެއް ޑޮކްޓަރުންނަކަށް ނުލިޔެވޭނެ އެވެ. ބޭސް ސިޓީގައި ޖެނެރިކް ނަން ޑޮކްޓަރުން ލިއުމުން، ދޫކުރާނީ ޕެރަސެޓަމޯލްތޯ ނުވަތަ ޕެނަޑޯލްތޯ، ޕެނަމެކްސް ބްރޭންޑްތޯ ނިންމާނީ ފާމަސިސްޓެވެ.
ޖެނެރިކް ނަން ނުވަތަ އަސްލު ނަމުގެ ގޮތުގައި ޑައިކްލޮފެނަކް ބްރޭންޑް ނަމަކީ ވޮލްޓަރެން އެވެ. މި ގެންނަ ބަދަލާ އެކު ހަމައެކަނި ޖެނެރިކް ނަމުން ލިއެވޭ ގޮތަށް ހެދުމުން މިހާރު 6.12ރ. އަށް ވިއްކާ ބޭސް ގުޅައެއް އެންމެ އަގު ބޮޑުކޮށް ދެން ވިއްކޭނީ 2.47ރ. އަށެވެ.
ބަޖެޓުގައި ބުނީ ރާއްޖޭގައި ބޭހުގެ އަގު ކޮންޓްރޯލެއް ނެތި ބޮޑުވަމުން ދިއުމުގެ ސަބަބުން އާސަންދަ އާއި ބޭސްފަރުވާއަށް ދައުލަތުގެ ހޮސްޕިޓަލްތަކުން ކުރާ ހަރަދު އިތުރުވެ ދައުލަތުން އެހެން ހިދުމަތްތަކަށް ބަޖެޓުން ޖާގަ ދޭން ހުރަސްތައް ކުރިމަތިވަމުންދާ ކަމަށެވެ.
ބަޖެޓުގައިވާ ގޮތުން 2014 ގައި 251 މިލިއަން ރުފިޔާ ބޭހަށް ހަރަދުކުރިއިރު 2020 ގައި މި އަދަދު ވަނީ 752 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އަދި 2019 ވަނަ އަހަރު ބޭހަށް ކުރި ހަރަދު 58.4 އިންސައްތައިގައި ހުރިއިރު 2020 ވަނަ އަހަރު މި ނިސްބަތް ހުރީ 62.4 އިންސައްތައިގައި ކަމަށް ވެސް ބަޖެޓުގައިވެ އެވެ. މިގޮތަށް ހަރަދު އިތުރުވުމަކީ ބޭސް އިސްރާފުވާ މިންވަރު އިތުރުވާ ކަމެއް ކަމެއް ކަމަށް ވެސް ފިނޭންސުން ހުށަހެޅި މައުލޫމާތުގައިވެ އެވެ.
ވޯލްޑް ބޭންކުގެ 2018 ވަނަ އަހަރުގެ ރިޕޯޓަކާ ހަވާލާދީ ބަޖެޓުގައި ބުނެފައިވާ ގޮތުގައި ސަރަހައްދުގެ ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ ބޭހުގެ އަގުތައް ހުރީ އެވްރެޖް 75.9 ޕަސެންޓް މަތީގަ އެވެ. އެހެންކަމުން ބޭހަށް ކުރާ ހޭދަ ކުޑަކުރުމަކީ އާސަންދައިގެ ދަށުން ކުރާ ހިދުމަތް ދެމެހެއްޓެނިވި މިންގަނޑަކަށް ގެނައުމަށް އަޅާ ފިޔަވަޅެއް ކަމަށް ބުނެފައިވެ އެވެ.
އެމްއެފްޑީއޭ އިން ބުނީ ބޭހުގެ އެންމެ މަތީ އަގު ކަނޑައަޅަނީ، ރާއްޖެއަށް ބޭސް އެތެރެކުރާ ފްރީ އޮން ބޯޑް އަގަށް ވިޔަފާރިތަކުން ލެވޭނެ އެންމެ މަތީ ފައިދާގެ މާޖިން ކަނޑައަޅައިގެން ކަމަށެވެ.
"މި މާޖިން ކަނޑައެޅުމުގައި ވިޔަފާރިތަކުން މުދާ އުފުލުމާއި ގުދަންކުރުމާއި ކުއްޔާއި އެހެނިހެން ކަންކަމަށް ކުރާ ހަރަދުތަކުގެ އިތުރުން ވިޔަފާރީގެ ފައިދާއަށް ވެސް ވަނީ ރިއާޔަތްކޮށްފަ އެވެ. ވީމާ އެމްއާރުޕީ ކަނޑައެޅިގެންދާއިރު ބޭހުގެ ވިޔަފާރިކުރާ ފަރާތްތަކަށް އަދިވެސް އެކަށީގެންވާ ފައިދާއެއް ހޯދާނެ މަގު ވަނީ ފަހިވެފަ އެވެ،" ބަޖެޓުގައިވެ އެވެ.
ބަޖެޓުގައި ބުނީ އަގު ކޮންޓްރޯލް ކުރުމުގެ އިތުރުން ބޭހަށް ކުރާ ހޭދަ ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފަހައްޓަން ވެސް އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އެންމެ ބޮޑު ބަދަލެއް ގެނެވޭނެ އެއް ކަމެއް ކަމަށް ފާހަގަކުރެވެނީ މުޅި ރާއްޖެއަށް ބޭނުންވާ ވަރަށް ވަކި މުހިއްމު ބޭސްތަކެއް އެއްފަހަރާ ގަނެ ބަލްކްކޮށް އެތެރެ ކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންދެލި
01 November 2021
މިކަން ނިމޭއިރު ރައްޔިތުން ދިޔަ ފެލޭނެ! ބޭސް ވިއްކާ މަހުޖަނުންގެ ނުފޫޒު ނެތި ތިކަމެއް ނުކުރެވޭނެ. މާނައަކީ އަގު ކޮންޓްރޯލް ކުރާއިރު ކުރާނީ ވަރަށް މަދުން ނޫނީ ނުވިކޭ ދެތިން ބޭހެއްގެ އަގު ކުޑަކޮށްފަ އެވާހަކަ ނޫސް ތަކުގަ ލިޔެފަ ގިނައިން ވިކޭ ޒާތުގެ ބޭސްތަކުގެ އަގު ކޮންޓްރޯލް ކުރާނީ މިހާރު ވިއްކާ އަގަށް ވުރެވެސް ބޮޑުކޮށޭ! ފަހަރެއްގާ ޕެނެޑޯލް ގުޅައެއް 82ރ އަށްވެސް ގަންނަން ޖެހިދާނެ އޭ!ޔަގީންވާކަމަކީ ސޭޓުންނަށް މިގޮތް މާ މޮޅޭ އަދި ފައިދާ މާ ބޮޑޭ!
ހަގީގީ މަލްޓި ޕަރސަނާލިޓީ ޑިސްއޯޑަރ
31 October 2021
ސަރަހައްދީ ގައުމުތަކާ އަޅާބަލާއިރު ދިވެހި ގައުމު އަކީ ހަމަ އެކަނި %100 މުސްލިމް ގައުމު. އަހަރުމެން ކޮންމެ ހުކުރު ހުތުބާގައި މި ދުއާ ކުރަނީ ހުރިހާ ކަންކޮޅެއްގައި ތިބި މުސްލިމުންނައް ނަސްރު ދެއްވާށެވެ. އެހެން ބަޔެއްގެ ސަލާމަތަކައް ނުވިސްނައެވެ. ބޭސް، ސިއްހީ އާލާތްތައް މިހަދަނީ މުޅިންވެސް އެހެން ގައުމުތަކެވެ. މި އުންމަތުގެ ގައުމަކުން ކޮރޯނާ ވައިރަހުގެ ވެކްސިން ކޮބާ، ބޭސްމަލަން ކޮޅެއްވެސް ހެދޭނެ ގާބިލް ކަމެއް މީން ޒަމާނަކުވެސް ނުވާނެކަން ކަށަވަރެވެ!
ގުދުގުދާބެއްޔާ
31 October 2021
35 އަހަރު ފާމަސިސްޓަކަށް އުޅެ، އެސްޓީއޯފަދަ ތަންތަނުގައި އުޅޭފައިވާ ފާމަސިސްޓެއްގެ ހައިސިއްޔަތުން ދަންނަވަންޖެހޭނީ ޖެނެރިކް ނޭމް ( ނުވަތަ ބޭހުގެ ކެމިކަލް ނަން) މިނަމުން ބޭސްސިޓީ ލިއުމުން ރާއްޖެ އަށް އެތެރެކުރަން ހުއްދައޮތް ހުރިހާބާވަތެއްގެ ބުރޭންޑްބޭސް ފާމަސީތަކުން ދެވޭނެ!ފުރަތަމަ އެބޭސްއުފެއްދި ކޮންޕެނީން ނެރެފައިވާ ބޭހުގެފެންވަރު/އެފެކްޓް ބޮޑުތަނުން ރަގަޅުވާނެ! މިހެން ހެދުމުން ފެންވަރު ދަށްބޭސް ދިނުމުގެ ފުރުސަތު ބޮޑުވާނެ!
ކުރުސީ
31 October 2021
ތީ ކުރަން މާލަސްވެއްޖެ ކަމެއް. ބޭސް ވިޔަފާރިކުރާ މީހުންނާއި ބޭސްވެރިކަމުގެ އެކި ބާވަތްތައް ސަޕްލައިކުރާ މީހުން މުއްސަދިވެ ރައްޔިތުން ބިކަވެއްޖެ
ޕެނަޑޯލް
31 October 2021
މިހެން އަގުކޮންޓްރޯލް ކުރުމުން ރައްޔިތުންނަށް ލިބޭނީ އެން އަގުހެޔޮ ބްރޭންޑްތަކުގެ ބޭހެވެ. އަގު ހެޔޮޔޮވުމުމުގެ މާނަޔަކީ ލިބޭ ބޭހުގެ ފެންވަރު ދައްވާނެ ސަބެބެއްކަން ޔަގީނެވެ.
އައްބެ
31 October 2021
ދެން އަހަރެމެންނަށް ލިބޭނީ އާސަންދައާއިނުލައި ޕެނަޑޯލް ގުޅައެއް އަމިއްލަޖީބުން ގަނެވޭނީ 10 ރުފިޔާއަށް ކަންނޭގެ. ކިރިޔާ ކަމެއްވާއިރަށް ކްލިނިކަކަށް ގޮސް ބޭސްނުލިޔެ ނުވީދެންމީ. ބޭސް މަލަންގަނޑެއްވެސް ލާހިކު އަގަކަށް ގަންނަންނުލިބޭނެ. އާސަންދަ ސިޓީން ލިބޭނީ ސަރަހައްދުން ލިބެންހުންނަ އެންމެ ފީކަޅާ ބޭސް.
ނިކަމެތިމީހެކޭ
31 October 2021
އަގުހެޔޮވެފަ އެކުވެރި އިންޑިޔާގަ އުފައްދާ ބުރޭންޑަކަށް ވީމަ ނިމުނީ ދޯ؟ އެކައިގެން ނިކަމެތި މީހާއަށް އިތުރު ހަބަލި ޖެހުނަސް އޯކޭ؟ ހެޔޮވެރިކަން ހެވީ މަހުޖަނުންނާއި ބޭރުމީހުންނަށް ދޯ؟
އަސޭ
31 October 2021
ބަލަ މިހާރުވެސް ވިއްކަނީ ތިޔަ ބުނާ ބޭސް އިންތިހާއަށް ބޮޑުއަގުގައި. 5000 މީހުން ހަމަނުވާ ރަށްރަށުގައި ހުންނަ ހަތަރު ފަސް ބޭސް ފިހާރައިގެ ތެރެއިން އެއް ފާމަސީއަކުން އެއް މަސްދުވަހުގެ ތެރޭގައި 7,000,000 (ހަތްމިލިއަން ރުފިޔާ)ގެ ބޭސް ވިއްކިކަމަށް އާސަންދަ އަށް ބިލްކުރިކަމަށް ބުނެފިނަމަ ގަބޫލުކުރަންވެސް ދަތި. ނަމަވެސް މިފަދަ ކަންތައް ހިނގާފައި އެބަހުރި. ބޭހުގެ އަގު ކޮންޓްރޯކުރާފަދައިން ސަރުކަރުގެ ބިމުގައި ކުލީގެ ނަމުގައި އަކަފޫޓަކަށް 0.02 ލާރި ދައްކައިގެން ހިންގާ ހޮސްޕިޓަލުތަކުގެ ޑޮކްޓަރަށް ދައްކާ ފީ އާއި އެޑްމިޓްކުރުމުން ބެޑަށާއި ރޫމަށް ނަގާ ފީ އާއި ޓެސްޓްތައް ހެދުމުގެ އަގުވެސް ކޮންޓްރޯލް ކުރެވެން ޖެހޭ. ވަކި މީހަކު މުއްސަދިކޮށް ދިނުމަށް ރައްޔިތުމީހާ ފެލާލައިގެން ނުވާނެ.
ޟަމަރު
31 October 2021
https://mihaaru.com/news/99761
ކިލޯނާ
31 October 2021
ވޮލްޓްރަން އަކީ ސްވިޒަރލޭންޑް ގައުފައްދާ ކޮލިޓީ ރަނގަޅު ޑައިކްލޯފިނަކް. އެބްރޭންޑް 6:12 އަށްލިބޭއިރު އިންޑިޔާގެ ފެންވަރުދަށް ޑައިކްލޯފިނަކް ގުޅައެއް 2 ރުފިޔާ އަށްލިބޭ. ވަރަށް ރަނގަޅު! ނިކަމެތިންނަށް ދެރަގޮތް. ލާރި ލިބޭމީން ކާނީ ވޯލްޓްރަން. ރައްޔިތުންއަތުން ފެލައިގެން އެކިއެކިނަމުގަ އަދިވެސް ޓެކްސް ނަގާ!!