ރާއްޖެ އަންނަ ހަނގުރާމަވެރިން ބަންދުކުރަން ވަގުތީ މަރުކަޒުތައް ހަދަނީ

އެކި ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ފަހު، އެނބުރި ރާއްޖެ އަންނަ ހަނގުރާމަވެރިން ބަންދުކޮށްފައި ބޭތިއްބުމަށް ވަގުތީ މަރުކަޒުތައް ހެދުމަށް ލާޒިމްވާ ގޮތަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ހިމަނައިފި އެވެ.


ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލްގައި ބުނެފައި ވަނީ ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ފަހު، ރާއްޖެއަށް އަންނަ ހަނގުރާމަވެރިންނާއި އެފަދަ ސަރަހައްދަކުން އަންނަ އެމީހުންގެ އާއިލާގެ މެންބަރުންނަކީ ހަނގުރާމަވެރިން ކަމުގައި ބެލެވޭނެ ކަމަށެވެ. އެކަމަކު، އެމީހުންނާ އެކީ އަންނަ ކުޑަކުދިންނަކީ ހަނގުރާމަވެރިން ކަމަށް ބަލައިގަނެގެން ނުވާނެ ކަމަށް ބިލްގައިވެ އެވެ.

ބިލްގައިވާ ގޮތުން އެ މީހުން ވަގުތީ މަރުކަޒުގައި ބައިތިއްބަނީ ޓެރަރިޒަމްގެ އަމަލުތައް ކުރުމުގައި އެއްވެސް މިންވަރަކަށް ބައިވެރިވެފައިވާ ބައެއްތޯ ބެލުމަށާއި އެފަދަ އަމަލުތައް ކުރުމުގައި ސީދާ ބައިވެރި ނުވިޔަސް އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ބައެއްތޯ ބެލުމަށެވެ.

އެ މީހުން މަރުކަޒުގައި ތިބޭ އިރު، އެއީ ޓެރަރިޒަމްގެ އަމަލުތައް ކުރުމަށް ތަމްރީން ލިބިފައިވާ ބައެއްތޯ އާއި އެފަދަ އަމަލުތައް ކުރުމުގައި ސީދާ ބައިވެރިނުވިޔަސް، އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތްތޯ ބަލަން ވާނެ ކަމަށް ބިލްގައިވެ އެވެ. ބިލްގައި ބުނީ ހަނގުރާމަ އަށް ގޮސް ރާއްޖެ އަންނަ މީހުން ހައްޔަރު ކުރަނީ މުޖުތަމައު އަށް އަނބުރާ ރުޖޫއަވުމުގެ ކުރިން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

މާލޭގައި ބޭއްވި އެއްވުމެއް ރޫޅާލަން ފުލުހުން ހަރަކާތްތެރި ވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެމީހުން ވަގުތީ މަރުކަޒުގައި ބައިތިއްބަން ވާނީ ރިސްކް އެސެސްމަންޓް ހަދައި، ގޮތެއް ކަނޑައެޅެން ދެން ކަމަށް ވެސް ބިލްގައިވެ އެވެ. އޭގައިވާ ގޮތުން ބިލަށް އަމަލު ކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ބަންދު ކުރުމުގެ ވަގުތީ މަރުކަޒުތައް ހޯމް މިނިސްޓްރީން ގާއިމު ކުރަން ވާނެ އެވެ.

ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމަށް ތުހުމަތު ކުރެވޭ ބޮޑެތި މީހުން ބަންދުކުރާ މަރުކަޒާއި ޓެރަރިޒަމްގެ ޢަމަލުތައް ހިންގުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ، ކުޑަކުދިން ބަންދުކުރާ މަރުކަޒެއް ހަދަން ބިލްގައިވެ އެވެ. ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުންގެ އާއިލާގެ މެންބަރުންގެ ތެރެއިން ކުށުގެ ޝިކާރައަކަށްވެފައިވާ ކަމަށް ބެލެވޭ އަންހެނުންނާއި ކުޑަކުދިން ބައިތިއްބަން ވެސް ވަކި މަރުކަޒެއް ބާއްވަން ވާނެ ކަމަށް ބިލްގައިވެ އެވެ.

އެފަދަ މަރުކަޒެއްގައި، އެހެން ކުށް ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބައިގެން ނުވާނެ ކަމަށް ވެސް ބިލްގައި ބުނެފައިވެ އެވެ.

ބިލްގައި ބުނީ ބިލްގެ ދަށުން މީހެއް ބަންދުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވާ ނަމަ، އެފަދައިން ބަންދުކުރެވޭ މީހަކު، ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް މަރުކަޒުގައި ބެހެއްޓިދާނެ ކަމަށެވެ.

ބަންދުކުރެވޭ މީހަކު ބަންދުކޮށްފައި ވަނީ، ކޯޓު އަމުރެއްގެ ދަށުން ކަމުގައިނުވާ ނަމަ، މީހެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް އޭނާ ބަންދުކުރާތާ 48 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، އެ މީހެއްގެ ބަންދާމެދު ގޮތެއް ނިންމަން ވާނެ ކަމަށް ވެސް ބިލްގައިވެ އެވެ.

ހަނގުރާމަވެރިން ކަމަށް ބިލިްގައި ބުނެފައި ވަނީ ހަނގުރާމަ އަށް ރާއްޖެ ދޫކޮށްދާ މީހުންނާއި ބޭރު ގައުމެއްގައި ޓެރަރިސްޓް ޖަމާއަތަކުން ނުވަތަ އެފަދަ ޖަމާއަތަކަށް ނިސްބަތްނުވާ ޓެރަރިސްޓުން ހިންގާ ހަނގުރާމައެއްގައި ބައިވެރިވާ މީހުންނާއި ޓެރަރިޒަމްގެ އަމަލުތައް ހިންގަން ރޭވުމަށް، ނުވަތަ ތައްޔާރުވުމަށް، ނުވަތަ އެފަދަ އަމަލު ހިންގުމުގައި ބައިވެރިވުމަށް ނުވަތަ އެހީތެރިވުމާއި ހަނގުރާމަ ކުރުން ހިމެނޭ ގޮތަށް ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ތަމްރީނު ފޯރުކޮށްދިނުމަށް ނުވަތަ ލިބިގަންނަ މީހުންނަށެވެ.

ޓެރަރިޒަމްގެ އަމަލުތައް ހިންގާ ފަރާތްތައް ނުވަތަ އެފަދަ އަމަލުތަކަށް ހުށަހެޅިދާނެ މީހުން، އެފަދަ އަމަލުތަކުން ދުރުކޮށް، މުޖުތަމައުއަށް އަނބުރާ ރުޖޫއަވުމަށްޓަ ހޯމް މިނިސްޓްރީން ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގަން ވާނެ ކަމަށް ވެސް ބިލްގައި ވަނީ ބުނެފަ އެވެ.