ފުލުހުންގެ އަގު ވައްޓާލުމަކީ އިސްލާހެއް ނޫން: ރައީސް

ފުލުހުން މުޅި މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުމަކީ އިސްލާހު ކުރަން ކުރާ ކަމެއްގެ ގޮތުގައި ގަބޫލުނުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުންގެ ދިފާއުގައި އެމަނިކުފާނު މިގޮތަށް ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލާ ގުޅޭ ގޮތުން އެމްޑީޕީގެ މެމްބަރުން ހިޔާލުފާޅުކުރާއިރު، ފުލުހުންނަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށްފައި ވަނިކޮށެވެ.

ފުލުހުންނަކީ އިތުބާރު ގެއްލިފައިވާ މުއައްސަސާއެއް ކަމަށް ބުނެ ބޮޑެތި ބާރުތައް ދިނުމާ ވެސް ބައެއް މެމްބަރުން ދެކޮޅެވެ.

ރައީސް ވިދާޅުވި ގޮތުގައި ކޮންމެ ބައެއްގެ ތެރޭގައި ވެސް އިސްލާހު ކުރަން ޖެހޭ ކަންކަން ހުންނާނެ އެވެ. ވަކި ފަރުދަކު ނުވަތަ ވަކި ބައަކު ކޮށްފައިވާ ކަމެއްގެ ސަބަބުން މުޅި މުއައްސަސާގެ އަގު ވެއްޓޭގޮތަށް ވާހަކަ ދެއްކުމަކީ މުއައްސަސާ އިސްލާހު ކުރުމުގެ ބޭނުމުގައި ކުރާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އޭގެ ސަބަބުން އުފެދެނީ ފިތުނަ އާއި ނަފްރަތާއި ބައިބައިވުން،" ރައީސް ވިދާޅުވި އެވެ.

ފުލުހުންނާއި ސިފައިންގެ މުއައްސަސާ އިން އަންނަނީ ގައުމުގެ ސަލާމަތާއި މިނިވަންކަމާއި މުޖުތަމައުގެ ހަމަޖެހުމަށްޓަކައި ވަރަށް ބުރަ މަސްއޫލިއްޔަތުތަކެއް އަދާކުރަމުން ކަން ފާހަގަކުރެއްވި އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ވެސް ފުލުހުންނާއި ސިފައިންގެ ޚިދުމަތަކީ ބޮޑު ގުރުބާނީއެއް ކަމަށް ރައީސް ސިފަކުރެއްވި އެވެ.

އެ ދެ މުއައްސަސާގައި އިސްލާހުކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ. ސިފައިންނާއި ފުލުހުންގެ ޚިދުމަތް ކުރިއަރުވައި ތަރައްގީކުރަން ކުރަން ޖެހޭ ކަންކަން ވެސް ކުރާނެ ކަމަށް ވިދާޅުވި އެވެ.

މިހާރު އަމަލުކުރަމުން އަންނަ ފުލުހުންގެ ގާނޫނަކީ 2008 ވަނަ އަހަރުން ފެށިގެން އަމަލުކުރާ ގާނޫނެކެވެ. މަޖިލިހަށް ހުށަހެޅި ބިލްގައި، ފުލުހުންގެ މުއައްސަސާ އިސްލާހު ކުރަން ވަރަށް ރަނގަޅު ކަންކަން ހިމަނާފައިވެ އެވެ. އެކަމަކު ވެރިކަން ހިންގާ ފަރާތުގައި ހުންނަން ޖެހޭ ބޮޑެތި ބާރުތަކެއް ބިލުން މަޖިލީހަށް ލިބިދޭ ގޮތަށް އޮތުމުން ބައެއް މެމްބަރުންގެ ކަންބޮޑުވުން އެބަހުއްޓެވެ.