މަޣްރިބް · 18:05

ޝައިތާނާ ބަންދުގައި ހުންނަ ދަނޑިވަޅުގެ ބޭނުން ހިފަމާ!

ނަފްސު އިސްލާހު ކުރުމަކީ އިންސާނާ އަށް އަބަދުވެސް ބޭނުން ޖެހިފައިވާ ކަމެކެވެ. އިންސާނާއަކީ ނުބައި ކަންކަމަށް ބާރު ލިބޭ އެތައް އެދުންތަކަކާއި ޣަރީޒާތަކެއްގެ އަޅަކަށް ވުމުގެ ފުރުސަތު އޮންނަ މަޚްލޫގަކަށް ވާތީ އެވެ. މި ހަގީގަތް ބަޔާން ކޮށްދެއްވަމުން ކީރިތި ރަސޫލު، ޞައްލަﷲ ޢަލައިހި ވަސައްލަމް، ހަދީސް ކުރައްވަނީ ކޮންމެ އާދަމުގެ ދަރިއަކީ ވެސް ކުށް ކުރާނެ މީހެއް ކަމަށެވެ. އިންސާނާގެ މި ތަބީއަތަށް ރިއާޔަތް ކޮށް އިންސާނާ އަށް ސަލާމަތުގެ މަގަށް އާދެވޭނެ ވަރަށް ގިނަ ކަންތައްތައް އިސްލާމް ދީނުގައި ވަނީ ރޭވިފަ އެވެ.


ރަމަޟާން މަހަކީ އިންސާނާގެ ނަފްސު އިސްލާހު ކޮށް ޝަހުވަތްތަކުގެ އަޅުވެތިކަމުން މިންޖުވާން ލިބޭ ވަރަށް މުހިންމު ފުރުސަތެކެވެ. އެހެން މަސްމަހާ ޚިލާފަށް ރަމަޟާން މަހުގައި މިކަމަށް އެހީތެރިވެދޭނެ ވަރަށް މުހިންމު ކަންތައްތަކެއް އެކުލެވިފައިވާތީ އެވެ. މި ކަންތައްތަކުގެ ސަބަބުން ރޯދައިގެ މަގުސަދު ކަމުގައިވާ ތަގުވާވެރިވުން ހާސިލު ކުރަން ފުރުސަތު ލިބޭތީ އެވެ.

ޝަހުވަތްތަކުގެ އަޅުވެތިކަމުން މިންޖުވެ ނަފްސު އިސްލާހު ކުރުމަށް ރަމަޟާން މަސް ރަނގަޅު ފުރުސަތަކަށް ވަނީ އެ މަހުގައި ރޯދަ ހިފުން ވާޖިބު ވާތީ އެވެ. ރޯދަ އަކީ އިންސާނާގެ ނަފްސުގައިވާ ވަރަށް ވަރުގަދަ ދެ އެދުމެއްގެ މައްޗަށް ގަދަވެގަންނަން ލިބޭ ފުރުސަތެކެވެ. ކެއިންބުއިމާއި ޖިންސީ ޝަހުވަތަކީ އޭގެ އަޅުވެތިކަމުގެ ދަށުން ސަލާމަތްވާން އިނސްނާ އަށް އުނދަގޫ ދެ ކަމެކެވެ. ނަމަވެސް ރޯދަ ހިފާއިރު ވަކި ވަގުތެއްގެ ތެރޭގައި މި ދެ ޝަހުވަތުން ދުރުހެލިވާން ދަސްކުރާ ދަސްކުރުމަކީ އޭގެ އަޅުވެތިކަމުން އިންސާނާ ސަލާމަތްވެ އޭގެ މައްޗަށް ގަދަވެގަންނަން ލިބޭ ތަމްރީނެކެވެ.

ދެވަނަ ސަބަބަކީ ޝައިތާނުންތައް ހައްޔަރު ކުރެވުމެވެ. ސުންނަތުން ސާބިތުވާ ގޮތުގައި ރަމަޟާން މަސް އައުމުން ޝައިތާނުންތައް ކަސްތޮޅު އެޅުވެ އެވެ. ޝައިތާނާ އަކީ އިންސާނާގެ އެންމެ ބޮޑު އަދުއްވެވެ. ﷲ ގެ މަގުން އިންސާނާ ދުރުހެލިކޮށް ނަރަކަވަންތަވެރި ކުރުމަށް ޝައިތާނާ ވަނީ ވައުދުވެފަ އެވެ. ﷲ އަށް އީމާންވާ ޞާލިޙު އަޅުން ފިޔަވައި އެހެން މީހުން މަގު ފުރެއްދުމުގެ ފުރުސަތު ﷲ ވަނީ ޝައިތާނާ އަށް ދެއްވާފަ އެވެ.

މުލަ ރޯދަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި ތަރާވީހް ނަމާދު ކުރަނީ: މި މައްސަރަކީ ޝައިޠާނާގެ ވަސްވާސްތަކުން ދުރުހެލިވުމަށް ލިބޭ ރަނުގެ ފުރުސަތެއް. --ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

ނަމަވެސް ރަމަޟާން މަސް އައުމާ އެކު ޝައިތާނާގެ ފަރާތުން އަންނަ ވަސްވާސްތަކަށް ކޮންމެވެސް ވަރަކަށް ހުއްޓުން އާދެ އެވެ. މިއީ އިންސާނާ އަށް ވަރަށް މުހިންމު ފުރުސަތެކެވެ. ސަބަބަކީ ޝަހުވަތްތަކުގެ އަޅުވެތިކަމަށް މީހާ ގެންގޮސްދޭ ދެ ބާރުން ކުރެ އެއް ބާރު މުޅިން ނެތިދާތީ އެވެ. ވީމާ ދެން އޮންނާނީ އަނެއް ބާރު، އާދެ ނުބައި ކަންކަމަށް އަމުރު ކުރާ ނަފްސުގެ މައްޗަށް ގަދަވެގަތުން އެކަންޏެވެ.

ޝައިތާނާގެ ވަސްވާހުން ސަލާމަތް ވެގެންވާ ދަނޑިވަޅަކީ ނުބައި ކަންކަމަށް އަމުރު ކުރާ ނަފްސުގެ މައްޗަށް ގަދަވެގަންނަން ފަހި ދަނޑިވަޅަކަށް ވާނެ އެވެ. އެހެނީ ނަފްސުގައިވާ ހެޔޮ ކަންތައް ކުރުމުގެ ބާރު މި ދަނޑިވަޅުގައި އަމުރު ކުރަމުން ދާނީ ﷲ އަށް ބިރުވެތިވެ ތިމާ ލަދު ގަންނަން ޖެހޭ ފަދަ ކަންކަމުން ދުރުހެލި ވުމަށެވެ. އެހެންކަމުން ރޯދަ އަށް ހުންނަ ވަގުތުގައި މީސްތަކުންގެ ކުރިމަތީގައި ވިޔަސް އަދި އެއްވެސް މީހަކަށް ނުފެންނަ ހިސާބުގައި ވިޔަސް ގޯސް އަމަލެއް ކުރުމަށް ނަފްސު ނުރުހޭނެ އެވެ.

ޝަހުވަތްތަކުގެ އަޅުވެތިކަމުން ސަލާމަތްވާން ރަމަޟާން މަސް ރަނގަޅު ފުރުސަތަކަށްވުމުގެ ތިން ވަނަ ސަބަބަކީ ސުވަރުގޭގެ ދޮރުތައް ހުޅުވި ނަރަކައިގެ ދޮރުތައް ބަންދުވުމެވެ. މިކަމަކީ އިންސާނާ ހެޔޮ ލަފާ ކަންކަން ކުރުމަށާއި ނުބައި ކަންކަމުން ދުރުހެލި ކުރުވަން ހިތްވަރު ލިބޭނެ ކަމެކެވެ. ނުބައި ކަންކަމުން ދުރުހެލިވެ ހެޔޮ ކަންކަން ކުރުމަކީ ހަގީގަތުގައި ޝަހުވަތްތަކުގެ އަޅުވެތިކަމުން މީހާ މިންޖުވެފައިވާ ކަމުގެ އަލާމާތެކެވެ. ރަމަޟާން މަހުގެ ތެރޭގައި ވަކިން ހާއްސަކޮށް ރޯދަ އަށް ހުންނަ ވަގުތުގައި ދޮގުހެދުމާއި ދޮގުހެކި ދިނުމާއި ހަޑިހުތުރު ބަސްބަހުން ވާހަކަ ދެއްކުމާއި މި ނޫންވެސް މިފަދަ އެތައް ނުބައި ކަންކަމުން ދުރުހެލިވާން ކީރިތި ރަސޫލު، ޞައްލަﷲ ޢަލައިހި ވަސައްލަމް، އަމުރު ކުރައްވާފައި ވެއެވެ. މިފަދަ ކަންކަމުން ދުރުހެލި ނުވެވޭ ނަމަ އެފަދަ މީހަކު ރޯދަ ހިފުމުގެ ބޭނުމެއް ނެތްކަން ވެސް އެކަލޭގެފާނު ބަޔާން ކުރައްވާފައި ވެއެވެ.

ޝަހުވަތްތަކުގެ އަޅުވެތިކަމުން ސަލާމަތްވާން ރަނގަޅު ފުރުސަތަކަށް މި މައްސަރު ވުމުގެ ހަތަރު ވަނަ ސަބަބަކީ ރޯދައިން ލިބޭ މަތިވެރި ޖަޒާ ލިބިގަތުމަށްޓަކައި ފުރިހަމަ ގޮތުގައި އެ އަޅުކަން އަދާ ކުރަން ފުރުސަތު ލިބުމެވެ. ﷲގެ ހަޒްރަތުން ސަވާބަށް އެދިގެން އީމާންތެރިކަމާ އެކު ރޯދަ ހިފައިފި ނަމަ އަދި ރޯދަމަހުގެ ރޭ އަޅުކަން ކޮށްފި ނަމަ އިސްވެ ދިޔަ ހުރިހާ ފާފަތައް ފޮހެވިގެން ދާނެ ކަން ކީރިތި ރަސޫލު، ޞައްލަﷲ ޢަލައިހި ވަސައްލަމް، ބަޔާން ކުރައްވާފައި ވެއެވެ. މި މަހުގައި އަދާ ކުރާ އަޅުކަންތަކުގެ ސަވާބު އެހެން މަސްމަހުގައި ކުރާ އަޅުކަންތަކުގެ ސަވާބަށް ވުރެ އެތައް ގުނައެއް އިތުރުވެ އެވެ. މި ހުރިހާ ކަމަކަށް ވުރެ ބޮޑަށް ހިތްވަރު ލިބޭ ކަމަކީ އެއް ހާސް މައްސަރުގެ އަޅުކަން ކުރުމާ އެއް ފަދަ ރެއެއް ރަމަޟާން މަހުގައި އައުމެވެ. މިކަން ކީރިތި ޤުރުއާނުގައި ވަރަށް ސަރީހަކޮށް ބަޔާން ވެގެން ވެއެވެ.

މި އިޝާރާތް ކުރެވުނު ހުރިހާ ސަބަބުތަކަށް ބަލާއިރު ޝަހުވަތްތަކުގެ އަޅުވެތިކަމުން ސަލާމަތްވާން މި ފުރުސަތުގެ ބޭނުން ނުހިފައި ދޫކޮށްލުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. ނަމަވެސް މި އަޅުވެތިކަމުން ސަލާމަތްވާ ސަލާމަތް ވުމަކީ ދާއިމީ ކަމަކަށް، ނުވަތަ އެންމެ ކުޑަމިނުން ދެން އަންނަ ރަމަޟާން މަސް އަންނަން ދެން ހިފަހައްޓާލެވޭ ވަރުގެ ކަމަކަށް ހަދަން ޖެހޭނެ އެވެ. މިކަން މިގޮތަށް ވާނީ މި މައްސަރުގައި ބައެއް ކަހަލަ ތަމްރީނުތައް ކޮށް ނަފްސު ތާހިރު ކޮށްގެންނެވެ.

މިގޮތުން ކުރަން ޖެހޭ ކަންކަމުގެ ތެރެއިން އެއް ކަމަކީ ބެލުން ހަރާމް ކުރައްވާފައިވާ އެންމެހާ ބެލުންތަކުން ދުރުހެލިވުމެވެ. ޖިންސީ ޣަރީޒާ ހިލުވައިލާ ފަދަ އެންމެހާ ބެލުންތަކުން ފާޅާއި ސިއްރުގައި ދުރުހެލިވާން މި މައްސަރުގައި އަޒުމް ކަނޑައަޅައި މަސައްކަތް ކުރަން ޖެހޭނެ އެވެ.

ދެވަނަ ކަމަކީ ނަފްސު ކިލަނބުވާ ފަދަ އަޑުތައް އެހުން ދޫކޮށްލުމެވެ. ފާހިޝް ލަވަތަކާއި ވާހަކަތަކާއި ހަޑިހުތުރު ބަސްތައް އަޑުއެހުމުން ދުރުހެލިވާން ޖެހެ އެވެ. ތިންވަނަ ކަމަކީ ދޫ ރައްކާތެރި ކުރުމެވެ. ދޮގުހެދުމާއި ދެބައުޑުވުމާއި ޣީބަ ބުނުމާއި ހަޑިހުތުރު ބަސްތައް ބޭނުން ކުރުން ފަދަ ކަންކަމުން ދުރުހެލިވާން ޖެހެ އެވެ. އޭގެ ބަދަލުގައި ޒިކުރު ކުރުމާއި ދުއާ ކުރުމާއި ޤުރުއާން ކިޔެވުން ފަދަ ހެޔޮ ބަސްތައް ބޭނުން ކުރުން ގިނަ ކުރަން ޖެހެ އެވެ.

ހަތަރުވަނަ ކަމަކީ މީސްތަކުންނަށް ޣީބަ ބުނެވޭ ތަންތަނާއި މީސްތަކުންގެ އަބުރު ކަތިލެވޭ ތަންތަނާއި ހުއްދަ ނޫން ބުއިންތަކާއި ފާޙިޝް އެކިއެކި އަމަލުތައް ހިންގާ ތަންތަނަށް ދިއުމުން ދުރުހެލިވާން ޖެހޭނެ އެވެ. އަދި އޭގެ ބަދަލުގައި މިސްކިތްތަކާއި ކިޔަވައިދޭ ތަންތަން ފަދަ ހެޔޮ އަމަލުތައް ކުރެވޭ ތަންތަނަށް ދިއުމަށް އާދަ ކުރަން ޖެހޭނެ އެވެ. ފަސް ވަނަ ކަމަކީ ބާތިލު ކަންކަމުން ތިމާގެ އަތް ސަލާމަތް ކުރުމެވެ. ވައްކަން ކުރުމާއި ފޭރުމާއި ބާތިލު ގޮތްގޮތުން މުދާ ހޯދުމުން ދުރުހެލިވާން ޖެހެ އެވެ. އޭގެ ބަދަލުގައި ސަދަގާތް ކުރުމާއި ހެޔޮ ފޯރުވުމާއި އެހީތެރިވެދިނުން ފަދަ ކަންކަން ގިނަ ކުރަން ޖެހެއެވެ.

މި ފަދަ ތަމްރީނުތަކާ އެކު އަދި ޝަހުވަތްތަކުގެ އަޅުވެތިކަމުން ސަލާމަތްވާން ލިބިފައިވާ ރަނގަޅު ފުރުސަތުތަކުގެ ބޭނުން ހިފައިގެން، މި ރަމަޟާން މަސް ނިމޭއިރު ތިމާ އަކީ ތިމާގެ ޝަހުވަތްތަކުގެ މައްޗަށް ގަދަވެގެންވާ މީހެއް ކަމުގައި ވެވޭތޯ ހަމަ ކޮންމެ މުސްލިމަކު ވެސް މަސައްކަތް ކުރަން ޖެހޭނެ އެވެ.