މިއަދު އެންމެ ހިނގީ ތަށިބަރި

ކުކުޅު ރިހަ އާއި ސަޓަންޏާއި ޕިރިނީ އަޅާފައި ހުރި ތަށިބަރިއެއް މުހައްމަދު ރައްޒާނަށް މިއަދު ލިބުނެވެ. އެ އެއްޗެހި ކައި ހުސްކޮށްފައި މާދަމާ ރައްޒާން އެ ތަށިބަރި ރައްޓެއްސަކަށް ފޮނުވާނީ އޭނާގެ ގޭގައި ކައްކާ އެއްޗެހިން ބައެއް އަޅައިފަ އެވެ.


ރައްޒާނަކީ މިއަދު ހަވީރު ސޯޝަލް މީޑިއާގައި ފޯރިހިއްޕާލި "#ތަށިބަރިމޫވްމެންޓް"ގެ ނަސީބުވެރިއެކެވެ. އެ ހަރަކާތުގެ ތެރެއިން، ރޯދަ ވީއްލާ ވަގުތަށް ގިނަ ބަޔަކަށް ތަށިބަރި ލިބުނެވެ. އެ މީހުން އެ ތަށިބަރިތަކަށް ކާއެއްޗެހި އަޅާފައި މާދަމާ އެހެން ބަޔަކަށް ފޮނުވަން ޖެހޭނެ އެވެ.

ތަށިބަރިތަކުގައި ހަރުކޮށްފައިވާ ކާޑެއްގައި ބުނެފައިވާ ގޮތުގައި މިއީ ރޯދަ މަހު ތިމާގެ މީހުންނަށާއި ރަހުމަތްތެރިންނަށް ކާބޯތަކެތި ފޮނުވުމުގެ އާދަކާދަ އަލުން ދިރުވުމުގެ ބޭނުމުގައި ފެށި ކަމެކެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި އުޅޭ ރައްޓެއްސަކު މި ހަރަކާތަށް ނޮމިނޭޓްކޮށްފައި އޭނާ އަށް ތަށިބަރި ފޮނުވައި "#ތަށިބަރިމޫވްމެންޓް" ކުރިއަށް ގެންދަން އޭނާ ގާތު އެދެނީ އެވެ.

ތަށިބަރިތަކުގެ ފޮޓޯތައް ޓްވިޓާގައި ފެތުރިގަތް އިރު ބަލަން ތިބި މީހުންގެ ސަމާލުކަން ލިބި ޝައުގުވެރި ހަރަކާތަކަށް ވެގެންދިޔަ އެވެ. ދިވެހިންގެ މި ސަގާފަތަށް ދިރުން ގެންނަން ބަޔަކު އިސްނެގުން އެންމެންނަށް ވެސް ވެގެންދިޔައީ ވަރަށް އުފާވެރި ކަމަކަށެވެ. އެކަމަކު މިކަން ފެށި ބަޔަކު އަދި ހާމައެއް ނުކުރެ އެވެ.

"އަހަރެން ބޮޑުވެގެން އައި އިރު ވެސް، އަވައްޓެރިންނަށާއި އާއިލާގެ މީހުންނަށް، އެއް ގެއިން އަނެއް ގެ އަށް ކާއެއްޗެހި ފޮނުވައި އުޅުނު. އެކަމަކު އެކަން މަޑުމަޑުން ގޮސް އުވިގެން ދިޔައީ،" ރައްޒާން، 26، ބުންޏެވެ.

"މި ހަރަކާތުން އެކަން އަނބުރާ ގެނެވިދާނެ. މި ކަމުން ގިނަ ބަޔަކަށް ހިތްވަރު ލިބި އެކަކު އަނެކަކަށް ކާބޯތަކެތި ފޯރުކޮށްދީ ލޯބި އާލާކޮށް ގުޅުން ބަދަހިކުރެވިދާނެ."

ޓްވިޓާގައި "#ތަށިބަރިމޫވްމެންޓް" އަށް މީހުންގެ ސަމާލުކަން ހުއްޓި، އެއީ ކިހިނެއް ހިނގާ ކަމެއްތޯ ބައެއް މީހުން ސުވާލުކުރަމުން ގެންދިޔަ އެވެ. އަދި ތަށިބަރިއެއްގެ އިންތިޒާރުގަ އާއި ތަށިބަރިއެއް ނުލިބިގެން ދެރަވެފައި ތިބި މީހުން ވެސް ޓްވީޓްކޮށްފައިވެ އެވެ.

އެންމެން ވެސް ދެކެނީ މިއީ ބޭނުންތެރި، އުއްމީދީ ހަރަކާތެއް ކަމަށެވެ. މިއަދުގެ ފޯރި އަށް ފަހު މާދަމާ ވެސް "#ތަށިބަރިމޫވްމެންޓް" ކުރިއަށް ގެންދަން ގިނަ ބަޔަކު ތިބީ ތައްޔާރަށެވެ.