މެންދުރު · 12:21

ކަރާގެ އަގު ދެ ގުނަ ބޮޑުވެ ކިލޯއެއް 30ރ. އަށް

ތިން ދުވަސް ތެރޭ ކަރާގެ އަގު ދެ ގުނަ އަށް ބޮޑުވެ، ކަރާ ކިލޯއެއްގެ އަގު 30ރ. އަށް އުފުލިއްޖެ އެވެ.


މާދަމާ ރޯދަ މަސް ފެށޭއިރު މީގެ ދެތިން ދުވަސް ކުރިން ކަރާ ކިލޯއެއް 15ރ. އަށް ލިބުނެވެ. އޭރު ވިޔަފާރިވެރިން ބުނީ ރޯދަމަހު ކަރާގެ އަގަށް މާބޮޑު ބަދަލެއް ނާންނާނެ ކަމަށެވެ. އެގޮތުން، ކޮންމެ ހަފުތާއަކު ވެސް ވަރަށް ގިނަ ރަށްރަށުން ކަރާ ގެންނަ ކަމަށް ބުންޏެވެ.

ރޯދަމަހަށް ހާއްސަކޮށް ރާއްޖޭގެ އެކި ރަށްރަށުން މާލޭގެ ބާޒާރަށް މިހާރު ކަރާ ގެނައި ކަމުގައި ވިޔަސް ވިޔަފާރިވެރިޔަކު ބުނީ އަގު އުފުލުނީ ކަރާ ނުގެނެވިގެން ކަމަށެވެ.

"އަގުތައް ކުއްލިޔަކަށް ބަދަލުވަނީ ލިބުން ދަތިވާތީ. ތޮއްޑޫ އިން އަންނަ އޮޑި ނައިމަ، މިހާރު އުފުލިގެން މިއުޅެނީ،" ވިޔަފާރިވެރިއަކު ބުންޏެވެ.

އެންމެ ގިނައިން މާރުކޭޓަށް ކަރާ ގެންނަނީ ތޮއްޑޫއިންނެވެ. މީގެ އިތުރުން ކަނޑޫދޫ އާއި ކާށިދޫ އިން ވެސް ކަރާ ގެނެ އެވެ. ރާއްޖޭން ބޭރުން އެންމެ ގިނައިން ކަރާ އެތެރެކުރަނީ އިންޑިއާ އިންނެވެ.

ދިވެހި ކަރަ އާއި ބޭރު ކަރާގެ އަގުގައި ވެސް ތަފާތެއް ނެތެވެ.

ލޯކަލް މާރުކޭޓުގައި ހުރި އެހެން ބާވަތްތަކަށް ބަލާއިރު ފަޅޯ ކިލޯއެއް ލިބެން ހުރީ 15ރ. އަށެވެ. ކާއްޓެއް 6ރ. އާއި 15 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ހުރި އިރު ލުނބޯ ކިލޯއެއް އުޅެނީ 30ރ. އަށެވެ. ކިއުކަމްބާ ކިލޯއެއް އުޅެނީ 25ރ. އަށެވެ. މިދިޔަ އަހަރުގެ ރޯދަ މަހު ލިބުން ދަތިވެ އަގު ބޮޑުވި ދޮންކެޔޮ ވަކެއް ހުރީ 4ރ. އަށެވެ.

ކޮންމެ ރޯދަ މަހަކާ ދިމާކޮށް ލޯކަލް މާރުކޭޓުގައި ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލިގެންދެ އެވެ. އެގޮތުން މިހާރު އެންމެ ބޮޑަށް އަގު އުފުލިފައިވަނީ މިރުހާއި ކުރުބާގެ އެވެ. ދިވެހި މިރުހުގެ 100 ގްރާމު ލިބެން ހުރީ 90ރ. އާއި 100. އާ ދެމެދުގެ އަގުތަކެއްގަ އެވެ.