ކަނޑޫދޫ މިރުހުގެ ބަހުސް ފަނިވެއްޖެ!

މިރުހުގެ ރަސްކަން ކުރާ ތ. ކަނޑޫދޫގައި ހައްދާ މިރުހުގެ އަގު މިވަނީ ރަނަށް ވެފަ އެވެ. ކިލޯއެއް، 1،300 ރުފިޔާ އަށް ވިއްކުމަކީ ރެކޯޑު އަދަދެކެވެ. ރޯދަމަހާ ދިމާކޮށް، ތަކެތީގެ އަގު އިންތިހާ އަށް މައްޗަށް އަރައިގެންދާ ކަން ކަނޑޫދޫ މިރުހުގެ އަގަށް އެކަނި އައި ބަދަލުން ވެސް އެނގޭނެ އެވެ.


ރޯދަ މަހަށް ވާތީ، މިރުސް ކިލޯއެއް އެހާ ބޮޑު އަގުގައި ވިއްކަން ޖެހޭ ސަބަބެއް އެބައޮތް ހެއްޔެވެ؟ މި ބަހުސް ވައިގައި ހިފައި، ފާޅުކުރާ ޝުއޫރުތައް ގިނަ އެވެ.

ކަނޑޫދޫ މިރުސް ހައްދަން ގަސްކާނާގެ ގޮތުގައި ބޭނުންކުރަނީ މާވަހަރުތޯ ސުވާލުކޮށް، ފާޑުކިއާފައިވެ އެވެ. އެ މީހުން ގޮވާލަނީ ކަނޑޫދޫ މިރުސް ބޮއިކޮޓް ކުރުމަށެވެ. އެ އަގުގައި، ކަނޑޫދޫ މިރުސް ގަތުމާ ދެކޮޅަށް އެ މީހުން ދަނީ ސޯޝަލްމީޑިއާގައި، އަޑު އުފުލަމުންނެވެ.

އެކަކު ބުނިގޮތުގައި "ކަނޑޫދޫ މިރުސް ކޮންމެހެން ކާކަށް ނުޖެހެ" އެވެ.

މި ވާހަކައާ ދެކޮޅު ހަދަނީ، ކަނޑޫދޫ މިރުހުގެ ސަޕޯޓަރުންނެވެ. ބާޒާރުގައި އާއްމުކޮށް ވިއްކާ އެހެން މިރުހާ ތަފާތު، މީރު ކުޅި ކަމެއް ހުންނަ ކަނޑޫދޫ މިރުސް ކިލޯއެއް 1،200 ރުފިޔާ އަށް ވިއްކުން ދިފާއުކޮށް ދައްކަނީ، މާލޭގެ ކުލީގެ މައްސަލަ އެވެ. ކަނޑޫދޫން ގެންނަ މިރުސް އަގުބޮޑުވެގެން ވާހަކަ ދައްކާ އިރު ރަށްރަށުގެ މީހުންނަށް މާލެ އިން އެޕާޓްމެންޓް ވިއްކާ އަގު ބޮޑު ނޫންތޯ އެ މީހުން ސުވާލު އުފެއްދި އެވެ.

އެކަކު ބުނީ މިހެންނެވެ؛ "ކަނޑޫދޫ މިރުހުގެ އަގަށް އައި ބަދަލު ހަޖަމެއް ނުކުރެވުނު. އެކަމަކު ކުލި މައްސަލައެއް ނޫން؟،"

އެހެން މީހަކު ފޭސްބުކްގައި ލިއެފައިވާ ގޮތުގައި މާލެ އިން އަށް ފޫޓު ހަމަނުވާ ވަރުގެ ކޮޓަރިއެއް 10،000 ރުފިޔާ އަށް ދޫކުރަނީ ދެ މަހުގެ އެޑްވާންސް ނެގުމަށް ފަހު އެވެ. ތަނުގައި ހަތަރު ފާރު ނޫން އެހެން އެއްޗެއް ނުހުންނަ އިރު، އެއީ މާލޭގައި އެންމެ ކުޑަ އަގު ކަމަށް އޭނާ ބުންޏެވެ. އެވަރުގެ ތަނެއް ވެސް ލިބޭނީ ނަސީބުވެރިއަކަށް ކަން ފާހަގަކުރައްވައި އެކަމުގެ ޝަކުވާ ނުކުރަނީ ކީއްވެތޯ އޭނާ ސުވާލު އުފެއްދި އެވެ.

އޭނާ ބުނިގޮތުގައި ކުޑަ އާބާދީއެއްގައި ދިރިއުޅޭ ރަށެއްގެ ރައްޔިތުން ބުރަ މަސައްކަތުން ހައްދާ މިރުސްކޮޅުގެ ޑިމާންޑް ބޮޑުވެ އަގު އުފުލުމުން ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ކުރަން ގޮވާލުމަކީ ލަދުގަންނަން ޖެހޭ ކަމެކެވެ.

"އަގު ބޮޑުވީ މިރުސް އެކަނި ހެއްޔެވެ. ކަނޑޫދޫ މިރުސް ކެއުން ހުއްޓާލުމަށް ގޮވައި އިހްތިޖާޖު ކުރުމަށް ވުރެން ކުލި ބޮޑުވެގެން އިހްތިޖާޖު ކުރުންމާ ރަނގަޅެވެ،" އޭނާ ލިއެފައިވެ އެވެ.

ކަނޑޫދޫ މިރުހާ ގުޅޭ ގޮތުން މީހަކު ކޮށްފައިވާ ޓުވީޓެއް.

ކަނޑޫދޫ މިރުހުގެ އަގުން ފެށުނު ބަހުސްގެ މިސްރާބު ގޯސްވުމުން އެއް ބަޔަކު އަންނަނީ، އެކަން ވިސްނައިދޭން މަސައްކަތް ކުރަމުންނެވެ.

މާލޭގެ ކުއްޔާއި ކަނޑޫދޫ މިރުހުގެ އަގު އަޅާނުކިޔަން އެދި އެކަކު ލިއެފައިވާ ގޮތުގައި، އެއީ ބޭކާރު ބަހުސެކެވެ.

ކަނޑޫދޫ މިރުހުގެ އަގު އުފުލުނު ސަބަބުތަކެއް އެ ރަށުގެ ދަނޑުވެރިން ދައްކަ އެވެ.

އެއް ކަމަކަށް، ހޫނު ގަދަވެ ދަނޑުތައް ހަލާކުވުމެވެ. އޭގެއިތުރުން، ގަސް ކާނާގެ އަގު އިންތިހާ އަށް ބޮޑުވުމެވެ. ބުރަ އަދި ޚަރަދު ބޮޑު އެ މަސައްކަތުން މިރުސް ކިލޯއެއްގެ އަގު 1،300ރ. އަށް އެރުމަކީ ބޮޑު އަގެއް ކަމަށް ދަނޑުވެރިން ގަބޫލެއް ނުކުރެ އެވެ. އެކަމަކު އެއީ، އަތްފޯރާ އަގެއް ހެއްޔެވެ؟ މިރުހަށް އެކަނި އެ މިންވަރު ހޭދަ ކުރުން އެންމެ ރަނގަޅު ހެއްޔެވެ؟

މިހާ ހިސާބުގައި މި ބަހުސް ބޭއްވިޔަސް މައްސަލައެއް ނެތެވެ. އެކަމަކު މާލެ އާއި އަތޮޅު ތެރޭގެ ތަފާތުކުރުންތަކުގެ ވާހަކަ ފަށައި އެއް ބަޔަކު އަނެއް ބަޔަކަށް ފާޑުކިއުމަކީ މި ބަހުސްގައި މާނަ ހުރި ކަމެއް ނޫން ކަމަށް ދެކޭ ބަޔަކު ވެސް އެބަތިއްބެވެ.