މައުމޫން، ފަސް އަހަރަށް ފަހު އިހުޔާ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަނީ

ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމަށް ސަރުކާރުން ބާއްވާ ޖަލްސާއެއްގައި ފަސް އަހަރު ފަހުން މިރޭ ވާހަކަފުޅު ދައްކަވަން މިހާރުގެ ސަރުކާރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދައުވަތު އަރުވައިފި އެވެ.


މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ބާއްވާ ރޯދަ މަހުގެ ފުރަތަ އިހްޔާ ޖަލްސާ މިރޭ އިސްލާމީ މަރުކަޒުގައި އޮންނަ އިރު، އެ ޖަލްސާގައި ދީނީ ދަރުސް ދެއްވާނީ މައުމޫން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މި ރޯދަ މަހު ސަރުކާރުން ބާއްވާ އިހްޔާ ޖަލްސާތައް އޮންނާނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.

މައުމޫންގެ ވެރިކަމުގައި މީގެ 40 އަހަރު ކުރިން ފެށި އިހްޔާ ޕްރޮގްރާމްތައް، ފަހުން އައި ތިން ސަރުކާރުން ވެސް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިޔަ އެވެ. އެއްބަފާ ކޮއްކޯފުޅު އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ސަރުކާރުން ބޭއްވި އިހްޔާ ޖަލްސާއެއްގައި މައުމޫން ވާހަކަފުޅު ދެއްކެވީ 2014 ވަނަ އަހަރުގެ ރޯދަ މަހު އެކަންޏެވެ.

މައުމޫންގެ ވެރިކަން ނޮވެމްބަރު 11، 2008 ގައި ނިމުނު ފަހުން ރޯދަ މަހުގެ އިހުޔާ ޖަލްސާތަކެއް އެމަނިކުފާ އުފެއްދެވި "މައުމޫން ފައުންޑޭޝަން" އިން ވެސް ކުރިއަށް ގެންދިޔަ އެވެ. އޭގެ ފަހުން އިހުޔާ ޖަލްސާތައް މައުމޫނަށް ނުބޭއްވެވުނީ މިދިޔަ އަހަރު އެކަންޏެވެ. އެއީ، ޔާމީންގެ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުރުމުންނެވެ. އަދި 2017 ގައި މައުމޫން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުއްވަން ޖެހިވަޑައިގަތުމުން އެ ފަހަރު ބޭއްވީ އޭގެ އެންމެ ޖަލްސާއެކެވެ.

ދީނީ ގޮތުން މީހުން ހޭލުންތެރި ކުރުމަށްޓަކައި ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމުގެ ޕްރޮގްރާމް މައުމޫން ފެއްޓެވީ ޖުލައި 14، 1980 ގަ އެވެ. ފުރަތަމަ ޖަލްސާތައް ބޭއްވީ އޭރު ރައީސްގެ ރަސްމީ ގެކޮޅު މުލީއާގޭގަ އެވެ. އޭގެ ފަހުން 1986 ގައި އިސްލާމީ މަރުކަޒު ހުޅުވުމާ އެކު އެ ޖަލްސާތައް ބާއްވަމުން އައީ އެތަނުގަ އެވެ.

އިހުޔާކުރުމުގެ ޖަލްސާތަކުގައި މައުމޫން ވަނީ ޝައުގުވެރި އެތައް މައުލޫއުތަކަކަށް ދީނީ ދަރުސް ދެއްވައިފަ އެވެ. އަދި އެތައް ބައެއްގެ ޝައުގުވެރިކަން މައުމޫންގެ އެ ދަރުސްތަކަށް އޭރު ހުއްޓުނެވެ.

މައުމޫން ފައުންޑޭޝަނުން މި ރޯދަ މަހު އިހްޔާ ޖަލްސާތައް ބާއްވަން ވަނީ ނިންމައިފަ އެވެ. އެ ޖަލްސާތައް އޮންނާނީ މި މަހުގެ 14، 21 އަދި 28 ވަނަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގަ އެވެ.

ފުރަތަމަ ޖަލްސާ އޮންނާނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭގަ އެވެ.