ހުޅުމާލޭގައި މިދިޔަ ހޯމަ ދުވަހު ހިނގި ބަސް އެކްސިޑެންޓުގައި މަރުވި ޔުކްރެއިން މީހާގެ ހަށިގަނޑު އޭނާގެ އާއިލާއާ ހަވާލުކޮށްފި އެވެ.
ހަށިގަނޑު އާއިލާއާ ހަވާލުކުރުމުން މިހާރު ވަނީ ޔުކްރެއިނަށް ގެންދިއުމުގެ މަސައްކަތް ފަށާފައި ކަމަށް އެމްޓީސީސީގެ ސީއީއޯ ހުސެއިން ޝާހު "މިހާރު" އަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހަށިގަނޑު ގެންދިއުމަށް، އިންޑިއާގެ ނިއު ދިއްލީގައި ހުންނަ ޔުކްރެއިން އެމްބަސީން ހުއްދަތައް ހޯދަން އާއިލާ އިން މިހާރު ވަނީ ދިއްލީ އަށް ގޮސްފައި ކަމަށެވެ.
އެކްސިޑެންޓުގައި މަރުވި 31 އަހަރުގެ އަންހެން މީހާގެ ހަށިގަނޑު ޔުކްރެއިނަށް ގެންދަން އޭނާގެ މަންމަ ވަނީ ރާއްޖެ އައިސްފަ އެވެ. ހަށިގަނޑު ގެންދެވެންދެން ބާއްވާފައި އޮތީ މާލޭގައި ހުންނަ މޯޗަރީގަ އެވެ.
ހެނދުނު ޖޮގިން އަށް ނުކުމެ އުޅެނިކޮށް އަންހެންމީހާ މަރުވީ ޑްރައިވަރު ނިދިޖެހިފައި އިނދެފައި ސިއްސައިގެން ގޮސް ސްޕީޑް ބާރުކޮށްލެވި ކޮންޓްރޯލުން ނެއްޓި އަންހެން މީހާގެ ގައިމަތިން ބަސް ދިއުމުންނެވެ. މި އެކްސިޑެންޓާ ގުޅިގެން ޑްރައިވަރު ވަނީ ހައްޔަރުކޮށްފަ އެވެ.
މަރުވި މީހާގެ އާއިލާ ރާއްޖޭގައި ތިބުމާއި ހަށިގަނޑު ޔުކްރެއިނަށް ގެންދިއުމުގެ ހަރަދު ހަމަޖައްސާނީ އެމްޓީސީސީންނެވެ.