ބިހާއި އަލުވީގެ އަގު އުފުލި، ފިޔާ ބަސްތާއަކުން 100ރ. ބޮޑުވެއްޖެ

ރޯދަ މަސް ފެށެން ހަ ދުވަހަށް ވެފައިވާ އިރު ބާޒާރުގައި އަލުއްވާއި ބިހުގެ އަގު އުފުލި ފިޔާ ބަސްތާއަކުން 100ރ. އުފުލިއްޖެ އެވެ.


ހޯލްސޭލްކޮށް މުދާ ވިއްކާ ފަރާތްތަކުން ބުނީ ރޯދަ މަހު އެންމެ ޑިމާންޑް ބޮޑު ތިން ބާވަތުގެ އަގު އުފުލިގެން ދިޔައީ، މި މަހު ރާއްޖެ އަންނަން ހަމަޖެހިފައިވާ ބައެއް ޝިޕްމަންޓްތައް ތާށިވެގެން ކަމަށާއި އެ ބާވަތްތައް އެސްޓީއޯ އިން ގަނެގެން ރީޓެއިލް ކުރަމުން ގެންދާތީ ކަމަށެވެ.

ވިޔަފާރިވެރިން ލަފާ ކުރަނީ އެ ތިން ބާވަތުގެ އަގު ރޯދަ މަހު ތެރޭގައި ވެސް ބޮޑު ވާނެ ކަމަށެވެ.

ބާޒާރުގައި ކުރިން 160ރ. އަށް ވިއްކި ފިޔާ ބަސްތާއެއްގެ މިއަދުގެ އަގަކީ 240-280ރ. އެވެ. އަދި 300ރ. އަށް ވިއްކި އަލުވި ބަސްތާ މިހާރު 350ރ. އަށް ހުރި އިރު 310ރ. އަށް ވިއްކި ބިސް ކޭހަކުން ވަނީ 40ރ. ބޮޑުވެފަ އެވެ.

ހޯލްސޭލް މުދާ ވިއްކާ ބައެއް ފަރާތްތަކުން މި ބާވަތްތަކުގެ އަގު ބޮޑު ކުރި ނަމަވެސް، އެސްޓީއޯއިން ރޯދައަށް ހާއްސަކޮށްގެން ރާއްޖެ ގެނެސް ވިއްކާ ފިޔާ، އަލުވި އަދި ބިސް ކޭހުގެ އަގަކަށް އެއްވެސް ބަދަލެއް ނާދެ އެވެ.

އެސްޓީއޯގެ ފުޑް އެންޑް ބެވަރެޖާސްގެ ޖެނެރަލް މެނޭޖަރު ފާތިމަތު އާޝާން ވިދާޅުވި ގޮތުގައި އެ ކުންފުނިން ރޯދައަށް ހާއްސަކޮށްގެން ގެންނަ ބާވަތްތަކުގެ އަގު، މުޅި ރޯދަ މަހު އެއްވަރެއްގައި ހިފަހައްޓަން މަސައްކަތް ކުރާނެ އެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ ތަކެތި ރާއްޖެ ގެނައުމުގައި ދަތިކަމެއް ދިމާވެއްޖެ ނަމަ ތަކެތީގެ އަގު ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯގެ ހަ ނަންބަރު ކޮށިންނާއި ރަށްރަށުގައި ހުންނަ 13 ފިހާރައިން ވެސް ފިޔާ ބަސްތާއެއް ވިއްކަނީ 160ރ. އަށެވެ. އަދި 250ރ. އަށް އަލުވި ބަސްތާއެއް ވިއްކާ އިރު ބިސް ކޭހެއް ވިއްކަނީ 275ރ. އަށެވެ.