ގައުމީ ބޮޑު މާހެފުން މިއަދު ބާއްވައިފި އެވެ.
އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން ހަވީރު 4-6 އަށް ޖުމްހޫރީ މައިދާނުގައި ބޭއްވި މި މާހެފުން ޝަރަފުވެރިކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމެވެ.
މާހެފުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވަނީ ރޯދަ މަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ނަސޭހަތްތެރިވެވައިގެންފަ އެވެ.
އެ ހަރަކާތް ކުރިއަށް ގެންދިޔަ ވަގުތު ދީނީ މައުލޫމާތު ސާފުކުރަން ބޫތުތަކެއް ވެސް މިނިސްޓްރީން ވަނީ ޖުމްހޫރީ މައިދާން ސަރަހައްދުގައި ބަހައްޓައިފަ އެވެ. އަދި ސުވާލުތަކަށް ދީނީ ބޭފުޅުންގެ ފަރާތުން ޖަވާބުދެއްވި އެވެ.
މިއަހަރުގެ ރޯދަ މަހާ ދިމާކޮށް މިނިސްޓްރީން ބުނަނީ ދީނީ ތަފާތު ގިނަ ކަންތައްތަކެއް ކުރާނެ ކަމަށެވެ. އެގޮތުން މަގުތަކުގައި ޒިކުރު ބޯޑުތައް ހަރުކުރުމާއި އާއްމުން ގިނައިން ގޮސްއުޅޭ ސަރަހައްދުތަކުގައި ގުރުއާން ޖަހަން ވަނީ ނިންމައިފަ އެވެ. އަދި ރޯދަ މަހު ސޯޝަލް މީޑިއާގައި ބޭނުންކުރާނެ ހާއްސަ ހޭޝްޓެގެއް ވެސް ތައާރަފްކޮށްފައިވެ އެވެ. ފޮޓޯ އާއި ވީޑިއޯ ހިއްސާ ކުރުމަށް ހާއްސަ ކުރި ހޭޝްޓަގަކީ Roadha37 އެވެ.