ފަތިސް · 05:06

ފަލަކީ ގޮތުން މާދަމާ އަކީ މުލަރޯދަ ދުވަސް

ހިނގަމުން މިދާ ޝައުބާން މަހުން މިއަދަކީ 29 ވަނަ ދުވަސް ކަމަށްވުމާ އެކު، މިއަދުގެ އިރު އޮއްސުމާ އެކު، ރޯދަ މަހަށް ހަނދު ބެލުމުގެ މަސައްކަތް ފެށޭނެ އެވެ. އިސްލާމީ ހުރިހާ ޤައުމެއްގައި ވެސް މިރޭ ހަނދު ބަލާނެ އެވެ. އަދި ހަނދު ފެނިއްޖެ ނަމަ މާދަމާ އަކީ މި އަހަރުގެ މުލަރޯދަ ދުވަސް ކަމުގައި އިއުލާންކުރާނެ އެވެ.


ހަނދު މަހަކީ ބިމުގެ ވަށައިގެން ހަނދު ދައުރުކުރަމުން ގޮސް ފުރިހަމަ ބުރެއް ފުރިހަމަ ކުރުމެވެ. ހިނގަމުން މިދާ ޝައުބާން މަސް ފުރިހަމަ ކުރުމަށްޓަކައި، ބިމުގެ ވަށައިގެން ހަނދު، ބުރެއް ފުރިހަމަކުރީ ރާއްޖޭ ގަޑިން މިއަދު ހެނދުނު 8:00ގަ އެވެ. އެހެންކަމުން ރާއްޖެ އަށް މިއަދުގެ އިރު އޮއްސޭއިރު، ހަނދުގެ އުމުރުން ހުންނާނީ 10 ގަޑިއިރާއި 15 މިނެޓް ހޭދަވެފަ އެވެ.

މާނައަކީ މިއަދުގެ އިރު އެރުމަށް ފަހު، އަދި އިރު އޮއްސުމުގެ ކުރިން ޝައުބާން މަސް އެވަނީ ފުރިހަމަ ވެފަ އެވެ. އަދި އިރު އޮއްސޭއިރު، ހަނދު ނޯއްސި ފެންމަތީގައި ހުންނާނެތީ، އިރު އޮއްސުމާ އެކު އާ މަހެއްގެ ފުރަތަމަ ރޭ ފެށުނީ ކަން ޔަގީނެވެ. މިއަދުގެ އިރު އޮއްސޭއިރު ހަނދު ނޯއްސި ފެންމަތީގައި ހުންނާނެތީ، މިރޭ ހަނދު ފެނުމުގެ ފުރުސަތު ކޮންމެވެސް ވަރަކަށް އެބަ އޮތެވެ.

ކުރިން ދެންނެވި ފަދައިން މިއަދުގެ ހެނދުނު 8:00ގެ ފަހުން އާ ހަނދު ހުންނާނީ އުފަންވެފަ އެވެ. ރޯދަ މަސް ފެށުމަށްޓަކައި ފެނޭތޯ މި އުޅެނީ މި ދެންނެވި އާ ހަނދެވެ. އެހެންކަމުން ހަނދު ފެނޭތޯ ބަލަން ބޭނުން ހެއްޔެވެ؟ އެހެން ވިއްޔާ ހަނދު ބަލަން ދާނީ ކޮން ތަނަކަށް ހެއްޔެވެ؟ އާ މަހަކަށް ހަނދު އަރާތީ އިރުމަތީ ފަރާތަށް ހެއްޔެވެ؟

ނޫނެކެވެ. ހަނދު ބަލަން ނުކުންނާނީ ހުޅަނގު ފަރާތަށެވެ. ހަނދު، މި ބިމުގެ ވަށައިގެން ފުރިހަމަ ބުރެއް ފުރިހަމަކުރާ ދުވަސްވަރު އިރާއި ހަނދު ދަތުރުކުރަމުން ދާނީ ވަރަށް ކައިރި ކައިރިން އެކުއެކީގައި ކަހަލަ ގޮތަކަށެވެ. މި ދެންނެވީ، އިރާއި ހަނދު، އިރުމަތީ ފަރާތުން އަރާނީ އަދި ހުޅަނގު ފަރާތަށް އޮއްސޭނީ ވެސް ދާދި އެކު އެކީގަ އެވެ. އެހެންވީމާ، އާ މަހެއް ހުޅެވި ހަނދު ހޯދާށޭ ކިޔާފައި އިރުމަތީ ފަރާތަށް ދިޔަސް ފެންނާނެ ހަނދެއް ނުހުންނާނެ އެވެ.

ޓެލެސްކޯޕެއްގެ ޒަރީއާ އިން ހަނދު ބެލުމަށް މީހަކު މަސައްކަތް ކުރަނީ. މި އަހަރުގެ ރޯދަ މަހަށް ހަނދު ބެލުން އިސްލާމީ ހުރިހާ ގައުމެއްގައި ވެސް މިރޭ އޮންނާނެ،

އިރު އޮއްސޭއިރު ހަނދު ނޯއްސި އުޑުމަތީގައި ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދެއްކުމަކީ، ހަނދު ލޮލަށް ފެންނަން ޖެހޭ ސަބަބެއް ނޫނެވެ. އުޑުމަތީގައި ހަނދު ހުރި ކަމުގައި ވިޔަސް، ޖިއޮގްރަފިކަލް ހާލަތެއްގެ ސަބަބުން ނުވަތަ ފަލަކީ ހާލަތެއްގެ ސަބަބުން ނުވަތަ އެހެން ސަބަބަކާ ހުރެ ނަމަވެސް ހަނދު ނުފެނުން ވަރަށް ބޮޑަށް އެކަށީގެންވެ އެވެ.

ހަނދު ނުފެންނަން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި، އިރު ހިނގާ ދަނޑި އާއި ހަނދު ހިނގާ ދަނޑިއާ ކައިރިވުމުގެ ސަބަބުން ވެސް ހަމަލޮލަށް ހަނދު ނުފެނިދާނެ އެވެ. އެގޮތަށް މެދުވެރިވަނީ، ބިމުގައި ތިބެގެން ބަލާއިރު، އިރާއި ހަނދު އުޑުމަތީގައި އެތުރުފައި ހުންނަ ގޮތަކުން، އިރާއި ހަނދާ ދެމެދު ހުންނަ ދުރުމިން ކުޑަވެއްޖެ ނަމަ، ހަނދުގެ ކައިރިފަށަށް އެޅިފައި ހުންނަ ފަނޑު އަލި، އިރުގެ ވަރުގަދަ ދަޅަގަނޑުގެ ތެރެއިން އިންސާނުންގެ ހަމަ ލޮލަށް ފާހަގަ ނުކުރެވޭތީ އެވެ. އަދި ހަމަ އެފަދައިން އުޑުމަތީގައި ހަނދު ހުރި ކަމުގައި ވިޔަސް، ޖައްވު ނުސާފުވުމުން ނުވަތަ ވިއްސާރަވުމުން ނުވަތަ ވިލާ ބޯވުމުން ނުވަތަ ހުޅަނގު ފަރާތު އުދަރެހާ ދިމާލަށް ރަށެއްގެ މަލަމަތިން އަރާފައި ހުންނަ އަލިކަމެއްގެ ސަބަބުން ވެސް ހަނދު ފާޅުވުމަށް ހުރަސް އަޅައިފާނެ އެވެ.

މާލެ އަށް މިއަދު ހަނދު އޮއްސޭނީ އިރު އޮއްސޭތާ 22 މިނެޓް ފަހުން ކަމަށްވާއިރު، އިރު ގޮސް ހުޅަނގު ފަރާތު އުދަރެހާ ނިވައިވާއިރު، ހަނދު ހުންނާނެ އުސްމިނަކީ ގާތްގަނޑަކަށް އެންމެ ފަސް ދަރަޖަ އެވެ. އަދި މާލެ އަށް ހަނދު ހުންނާނެ މިސްރާބަކީ 288 ދަރަޖަ އެވެ. އިރު ހުންނާނެ މިސްރާބަކީ 293 ދަރަޖަ އެވެ. މާނައަކީ އިރު އޮއްސޭއިރު ހަނދާއި އިރު ހުންނާނީ ވަރަށް ކައިރި ކައިރީގަ އެވެ. މި ދުވަސްވަރު އުޑުމަތީގައި އެތުރިފައި ހުންނަ ގޮތަށް ބަލާއިރު، އިރާއި ހަނދާ ދެމެދު ހުންނާނީ އެންމެ ފަސް ދަރަޖައިގެ ދުރުމިނެވެ. މާނައަކީ ހަނދު ހުންނާނީ އިރުގެ ދަޅަގަނޑުގެ ތެރޭގަ އެވެ. އެހެންކަމުން އިރު އޮއްސޭތާ 22،20 މިނެޓް ވަންދެން، ހަނދު ފެންމަތީގައި ހުރި ކަމުގައި ވިޔަސް، ހަމަލޮލަށް ހަނދު ފެނުމަކީ ވަރަށް ދުރު ކަމެކެވެ. ނުފެންނާއެކޭ ނޫނެވެ.

އިތުބާރު ހުރި ފަލަކީ ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އެންމެ އުތުރަށް މިއަދު ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 21 މިނެޓް ފަހުންނެވެ. މާލެ އަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 22 މިނެޓް ފަހުންނެވެ. އަދި އެންމެ ދެކުނުން އައްޑު އަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 23 މިނެޓް ފަހުންނެވެ.

އިސްލާމީ ބައެއް ގައުމުތަކަށް ބަލާއިރު، ދުނިޔޭގެ އެންމެ އިރުމަތީ ބިތުގައިވާ އިންޑޮނީޝިޔާގެ ޖަކާޓާ އަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 20 މިނެޓް ފަހުންނެވެ. އެންމެ ހުޅަނގު ބިތުގައިވާ މަޣްރިބުގެ ރަބާތަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 24 މިނެޓް ފަހުންނެވެ. މެދުއިރުމަތީގެ ގައުމުތަކަށް ބަލާއިރު، އަބޫދާބީ އަށާއި އުންމާން އަދި ގުދުސަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 18 މިނެޓް ފަހުންނެވެ. މައްކާ އަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 22 މިނެޓް ފަހުންނެވެ. މިސްރުގެ ވެރިރަށް ގާހިރާ އަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 20 މިނެޓް ފަހުންނެވެ.

އެހެންކަމުން، މުޢުތަބަރު ފަލަކީ ހިސާބަށް ބަލާއިރު، މިއަދުގެ އިރު އޮއްސުމާއެކު ޝަޢުބާން މަސް ފުރިހަމަވެ، ރަމަޟާން މަސް ފެށިގެން ދާނެ އެވެ. ނަމަވެސް ޝަރުއީ ހަމަތަކަށް ބަލާއިރު، އަދުލުވެރި ހެކިވެރިއެއްގެ ހެކިބަހުން، ހަނދު ފެނުނު ކަމަށް ސާބިތުވެގެން ނޫނީ، ރޯދަ ހިފާކަށް ނުފެށޭނެ އެވެ.

އިރު އޮއްސުމުގެ ކުރިން ހަނދު އުފަންވެފައިވާ ކަމާއި އިރު އޮއްސުމަށް ފަހުގައި، ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ވިޔަސް ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ފަލަކީ ހިސާބުން ކަށަވަރުވެފައި، އެ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި ހަނދު ފެނިއްޖެ ނަމަ، ފަލަކީ ގޮތުންނާއި ޝަރުޢީ ގޮތުން ވެސް ހަނދު ސާބިތުވީ އެވެ.

މިއާ ޚިލާފަށް، އިރު އޮއްސުމުގެ ކުރިން ހަނދު އުފަންވެފައިވާ ކަމާއި އިރު އޮއްސުމަށް ފަހުގައި، ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ވިޔަސް ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ފަލަކީ ހިސާބުން ކަށަވަރުވިޔަސް، އެ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި ހަނދު ނުފެނިއްޖެ ނަމަ ފަލަކީ ގޮތުން ހަނދު ސާބިތުވީ އެވެ. ނަމަވެސް ޝަރުޢީ ގޮތުން ހަނދު ސާބިތެއް ނުވާނެ އެވެ. އެއީ "ރަމަޟާން މަހަށް ހަނދު ފެނުމުން ތިޔަބައިމީހުން ރޯދަ ހިފަން ފަށާށޭ، އަދި ޝައްވާލް މަހަށް ހަނދު ފެނުމުން ތިޔަބައިމީހުން ރޯދަ ހިފުން ހުއްޓައިލާށޭ" ކީރިތި ރަސޫލާ ހަދީސްކުރައްވާފައި އޮންނަ ބަސްފުޅަށް ރިޢާޔަތްކުރުމުންނެވެ.