ސްޓެލްކޯ އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ ފްލެޓްތައް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
21 ޖުލައި 2022 - 10:24
ހުޅުމާލޭގައި ސްޓެލްކޯ އިން ފްލެޓް އަޅަން ފެށި ފަހުން، އެ ކުންފުންޏަށް ތިން މެނެޖިން ޑިރެކްޓަރުންނާއި ތިން ޗެއާމަނުން އަތުވެއްޖެ އެވެ. ބޯޑަށް ވެސް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ އެވެ. އެ ކުންފުނީގައި ހަދާފައިވާ ގަވައިދުގައި ބުނެފައިވާ ގޮތުން، ސްޓެލްކޯގެ ކޮންމެ މަގާމެއްގައި ހުއްޓަސް ފްލެޓް ހައްގެވެ. ނަތީޖާ އަކީ، ތިން އެމްޑީންނަށް ވެސް އަދި ޗެއާމަނުންނަށް ވެސް ފްލެޓް ލިބުމެވެ.
"މިސާލަކަށް ޒުހޫރު (ކުރީގެ އެމްޑީ). އެއީ ހުޅުމާލޭގައި ވެސް ފްލެޓް ހުރި މީހެއް. އަމިއްލަ ގެދޮރު ހުރި މީހެއް. ސްޓެލްކޯގައި އެބަތިބި ބައިވަރު މީހުން ފްލެޓް ހައްގު ނޫން. އެކަމަކު ޒުހޫރަށް ވެސް، މުގުނީ (އެންމެ ފަހުން ހުންނެވި އެމްޑީ) އަށް ވެސް ޝަރީފަށް ވެސް ފްލެޓް ލިބުނު. އަދި ކޮބާ، ޗެއާމަނުންނަށް ވެސް ފްލެޓް ލިބުނު،" ސްޓެލްކޯގެ ފްލެޓްތައް ބަހާލި ގޮތް އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިނެވެ.
"ސިޔާސީ ގޮތުން އައްޔަން ކުރާ މަގާމުތަކަށް ފްލެޓް ހައްގެއް ނޫން. ސްޓެލްކޯގެ ތަޖުރިބާ އަށް އެކަނި ބެލިޔަސް، ކިތަންމެ ކުޑަ ދުވަސްކޮޅެއްގައި އެތާނގައި މަސައްކަތް ކުރިޔަސް ފްލެޓް ހައްގުވުމަކީ އިންސާފެއް ނޫން. ހާއްސަކޮށް ޗެއާމަނުންނާއި ބޯޑު މެމްބަރުން. އެއީ ތަނުގެ މުވައްޒަފުން ކަމަކަށް ނުބެލެވޭނެ."
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުގެ އެކި ކުންފުނިތަކުން އަންނަނީ އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަކޮށް ފްލެޓް އަޅަމުންނެވެ. މިހާރު ނިމެން ގާތްވެފައިވާ އެ ޕްރޮޖެކްޓްތަކުގެ ދަށުން ސްޓެލްކޯ ނޫނަސް ބައެއް ކުންފުނިތަކުން އެ ކުންފުނިތަކުގެ ސިޔާސީ މަގާމުތަކަށް ވެސް ފްލެޓް ދެ އެވެ.
ސިޔާސީ މަގާމުތަކަކީ ސަރުކާރު ބަދަލުވުމުން އާންމުކޮށް ގެއްލޭ މަގާމުތަކެކެވެ. ސަރުކާރު ބަދަލުނުވިޔަސް ވަޒީފާގެ ޔަގީންކަމެއް އެ މީހުންނަކަށް ނޯވެ އެވެ. ސިޔާސީ މަގާމުތަކުގައި އެއް ކުންފުނިން އަނެއް ކުންފުންޏަށް ބަދަލުކުރުން އާންމުވެފައިވާއިރު ކުންފުނިތަކުގެ މީހުންނަށް މިލްކުވާ ގޮތަށް އޮންނަ ފްލެޓްތަކެއް އެ މީހުންނަށް ދިނުން އެއީ އެންމެ ރަނގަޅުތޯ ބައެއް ކުންފުނިތަކުގެ މުވައްޒަފުން ދަނީ ސުވާލު އުފައްދަމުންނެވެ.
ސްޓެލްކޯ އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ޓަވަރެއް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ރައީސް ޔާމީންގެ ދައުރު، ވިޔަފާރި ކުންފުނިތަކާ ހަވާލުކޮށްގެން ހުޅުމާލޭގެ ދެވަނަ ފޭހުގައި ފްލެޓްތައް އަޅަން ފެށީ އެ ކުންފުންޏެއްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަގުސަދުގަ އެވެ. ސަރުކާރަށް ލިބޭނީ އެ ފްލެޓް އިމާރާތުން ބައެއް ފްލެޓްތަކެވެ. އެކަމަކު، އެ ބައި މި ސަރުކާރުން ވަނީ ދޫކޮށްލައިފަ އެވެ.
އޭރު ސަރުކާރުން ކުންފުނިތަކާ އެކު އެއްބަސްވެފައި އޮތީ، އެ ކުންފުންޏަކުން އަމިއްލަ އަށް ހަރަދުކުރާ ގޮތަށް އަދި ފްލެޓްތައް ދޭނެ އުސޫލެއް ވެސް އެތަނަކުން ހަދާ ގޮތަށެވެ.
އެމްއޭސީއެލްގައި އެކަން އޭރު ހިނގައިދިޔަ ގޮތް އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި ގޮތުގައި، އެ ކުންފުނިން ފްލެޓް ދޭނެ އުސޫލެއް ހަދާފައި އޮތީ ވަރަށް ގިނަ ގޮތްތަކަށް ވިސްނުމަށް ފަހު އެވެ. އޭނާ ވިދާޅުވި ގޮތުގައި ފްލެޓް ދޭނެ އުސޫލުގެ ތެރޭގައި އެއްވެސް ފްލެޓެއް އޮތް މީހަކަށް ފްލެޓެއް ހައްގެއް ނޫނެވެ.
"އެހެންވެ އެކި ގޮތްގޮތުން ބިމާއި ފްލެޓް ހުރި މީހުންނަށް އެ ސްކީމުގައި ބައިވެރިއެއް ނުވެވުނު،" އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން ވަކި އެއްޗެއް އަންގައިފައެއް ނެތް އޭރަކު ވަކި ގޮތަކަށް ވަކި ބަޔަކަށް ލިބެން ޖެހޭނެއެކޭ ނުވަތަ ނޫނެކޭ ވެސް. އުސޫލު ހަދަން އަޅުގަނޑަށް އެނގިފައި އޮތީ އެތަނަކަށް އަމިއްލަ އަށް."
އެހެންވެ، ހުޅުމާލޭގައި ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އެސްޓީއޯގެ އިތުރުން އެމްއޭސީއެލް ކަހަލަ ކުންފުނިތަކުން ފްލެޓް އަޅަމުން އަންނައިރު އޭގެ ތެރެއިން ބައެއް ކުންފުނިތަކުގައި ބޯޑުގެ މެމްބަރުންނަށް ވެސް ފްލެޓް ލިބޭ ގޮތަށް އުސޫލުގައި ހިމެނި އެވެ.
އޭގެ ނަތީޖާ އަކަށް ވަނީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޯޑުގެ މެމްބަރުކަން ކޮށްލިޔަސް، ފްލެޓް ހައްގުވާ ކަމެވެ. އެނގިފައިވާ ގޮތުގައި، ކުންފުންޏަކަށް ދާދިފަހުން އައްޔަން ކުރި ޗެއާމަނަކަށް ވެސް އެޕާޓްމެންޓެއް މިހާރު ހުރީ ރިޒާވް ކޮށްފަ އެވެ. އެގޮތަށް ލިބޭ ފްލެޓެއް ދެން އަތުލެވޭނެ ގޮތެއް ވެސް ނެތެވެ.
އެމްޑަބްލިއުއެސްސީގެ އުސޫލުގެ ދަށުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވެސް ވަނީ ފްލެޓް ބައްލަވައިގެންފަ އެެވެ. އެކަމަކު އެކަމާ ގުޅިގެން ސުވާލުކުރުމުން އޭނާ ވެސް ޖަވާބެއް ނުދެއްވަ އެވެ. އަދި މިއީ، އެންމެ އިންސާފުވެރި ގޮތްތޯ ދެންނެވުމުން، ސްޓެލްކޯގެ މެނެޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވެސް ޖަވާބެއް ނުދެއްވަ އެވެ.
ބައެއް ކުންފުނިތަކުން އެގޮތަށް ހެދިޔަސް އެހެން ކުންފުނިތަކުން ފްލެޓް ދޭން ނިންމާފައި ވަނީ އެ ކުންފުނީގެ ދުވަސްވީ މުވައްޒަފުންނަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ކުރިން ހުންނެވި މުގުނީ ވިދާޅުވެފައިވާ ގޮތުގައި އޭނާ ފްލެޓް ބައްލަވައިގަނެފައި ވަނީ އެ ކުންފުނީގެ ބޯޑު މެމްބަރުންނަށް ކަނޑައަޅާފައިވާ ފްލެޓުން ކަމަށާއި ކޮންމެ މީހަކަށް ވެސް ފްލެޓް ގަތުމުގެ ހައްގު އެ ކުންފުނިން ދީފައިވާ ކަމަށެވެ.
ސްޓެލްކޯއިން ބުނިގޮތުގައި އެ ކުންފުނީގެ ފްލެޓުތަކުގެ ތެރެއިން ހަ ފްލެޓް ވަނީ ބޯޑު މެމްބަރުންނަށް ހާއްސަ ކޮށްފަ އެވެ.
ކޮމިޓީގައި އޭނާ ވިދާޅުވީ އުސޫލު ބަދަލުކުރީ، ކުރީގެ މެނެޖްމަންޓުން ކަމަށާއި ސްޓެލްކޯގެ އާ ބޯޑުން ވެސް ނިންމީ ކުރީގެ ބޯޑުން ކަނޑައެޅި އުސޫލުތަކާ އެއްގޮތަށް ފްލެޓުތައް ދޫކުރުމަށް ކަމަށެވެ.
ސްޓެލްކޯ އިން ފްލެޓް ދޫކުރާ އުސޫލުގައިވާ ގޮތުގައި ފްލެޓަށް ކުރިމަތިލާ ކޮންމެ މުވައްޒަފަކަށް ވެސް ފްލެޓް ލިބޭނެ އެވެ. އެ ކުންފުނިން އެ ބަދަލު ގެނައީ ފްލެޓުތަކަށް ފުރަތަަމަ އިއުލާން ކުރުމުން ހިމެނި ޝަރުތުތަކާ އެކު، އެކަށީގެންވާ ތަރުހީބެއް ނުލިބިގެން ކަމަށް މުޣުނީ ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ބަދަލުގެ ސަބަބުން މާލޭގައި އަމިއްލަ ގެއެއް ހުއްޓަސް ފްލެޓް ލިބެ އެވެ.
"އެންމެ ފުރަތަމަ ބައިވަރު ކަންތައްތަކަށް ބެލި. އެހެންނަމަވެސް އެކަށީގެންވާ ވަރަށް މީހުން ކުރިމައްޗެއް ނުލާ. އެހެންވެ ކުރީގެ ބޯޑުން ހުރިހާ ޝަރުތެއް އުނިކޮށް ކުރިމަތިލާ ކޮންމެ މީހަކަށް ވެސް ފްލެޓް ލިބޭ ގޮތް ހެދީ." ނޮވެމްބަރު 2020 ގައި އޭނާ ވިދާޅުވި އެވެ.
ފްލެޓް ގަތް މީހުންނާ އެކު ކޮންޓްރެކްޓް ހަދާފައިވާތީ އެގޮތަށް ކުރިއަށް ދާން އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.
"ކުރިން ފްލެޓުތައް ދޫކުރި މީހުންނާ އެކު ވަނީ ކޮންޓްރެކްޓު ހަދާފައި. އެހެންކަމުން އެ އުސޫލުތައް ބާތިލުކޮށް ފްލެޓުތައް ނަގަންޏާ ގާނޫނީ މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެ. މީގެ ސަބަބުން ކުންފުނި ބަދުނާމުވެ އިތުރު ހަރަދުތައް ކުރަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް،" މުޣުނީ ކޮމިޓީގައި ވިދާޅުވެފައި ވެ އެވެ.
އެކަމަކު ކޮމިޓީގައި މުޣުނީ އެގޮތަށް ވިދާޅުވެފައި ވަނިކޮށް ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ވަނީ ފްލެޓް ދޫކުރި އުސޫލް ކަމުނުދާ ކަމަށް ބުނެ، އެ އުސޫލް މުރާޖައާކުރާށެވެ.
މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި އެސްއޯއީ ކޮމިޓީން އެގޮތަށް ނިންމީ އުސޫލުން ބޭރުން ފްލެޓް ދޫކުރަން އުޅޭކަމުގެ ޝަކުވާ ބޮޑުވެގެންނެވެ.
އޭގެ ތެރޭގައި ކުންފުނީގައި ތިން މަސް (ދާއިމީ) ނުވާ މުވައްޒަފުންނަށް ފްލެޓް ދޭން ނިންމުމާއި މާލޭގެ ގެދޮރު ހުރި މީހުންނާއި ސްޓެލްކޯގެ އިސްވެރިންނާއި ބޯޑު މެމްބަރުންނާއި ސްޓެލްކޯގެ ފްލެޓް ކޮމިޓިގެ ހުރިހާ މެމްބަރުންނާއި އެ ކުންފުނީގައި ނޫޅޭ މުވައްޒަފުންނަށް ދޫކުރި ކަމުގެ ޝަކުވާ ބޮޑުވެ، މައްސަލަ ބެލުމަށް ފަހު ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ވަނީ ކުންފުނިން ފްލެޓް ސްކީމެއް ހުޅުވާލުމުގެ ބޭނުމަކީ ބޯހިޔާވަހިކަން ތަހައްމަލްކުރާ އެތަނުގެ މުވައްޒަފުންނަށް ސަބްސިޑައިޒް ރޭޓެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ. އެކަމަކު ސްޓެލްކޯގެ ފްލެޓްތަކަށް ހުޅުވާލައި ދޭން ނިންމާފައި ވަނީ އެ އުސޫލުން ނޫން ކަމަށް ކޮމިޓީގެ ރިޕޯޓުގައިވެ އެވެ.
ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް ފްލެޓް ދޭން އޭރު ނިންމިޔަސް އެ ކުންފުނީގެ ނުވިކި ހުރި ފްލެޓްތައް ވިއްކުމަށް ހުޅުވާލިއިރު ވަނީ އުސޫލަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ވެސް ގެނެސްފަ އެެވެ. އޭގެ ތެރޭގައި މުވައްޒަފުންގެ މާލޭ ސަރަހައްދުގެ ދިރިއުޅުމުގައި ހާލަތާއި ސްޓެލްކޯގައި ދެ އަހަރު މަސައްކަތްކޮށްފައިވާ މީހުންނަށް ވާންޖެހެ އެވެ.
ކުންފުނިތަކުގެ މުވައްޒަފުން ޝަކުވާ ކުރަނީ އެ ކުންފުނިތަކުގައި އެތައް އަހަރެއް ވަންދެން މަސައްކަތް ކުރި މުވައްޒަފުންނަށް ފްލެޓް ލިބި، ސިޔާސީ ގޮތުން އައްޔަން ކުރާ މީހުންނަށް އައްޔަން ކުރާ ދުވަހު ވެސް ފްލެޓް ހައްގުވާތީ އެވެ. އެ މީހުންގެ ނަޒަރުގައި އެއީ ބޭއިންސާފު ނިންމުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
26 July 2022
"އެކަށީގެންވާ އަދަދު" އެއީ ކިހާވަރެއްތަ؟ އެންމެ ފަހުން ކުރިމަތީ މީހުންނަށްވުރެ ގިނައިން އޭރު ކުރިމަތިލާފަވެސް ހުރުން އެކަށީގެންވޭ. އަދަދު ބަޔާންކުރީމަ އެނގޭނީ. ސިޔާސީ މީހުންގެ "އެކަށީގެންވާ އަދަދު" މިއީ ހިތުލަފައަށް ދޫކޮށްލެވޭވަރުގެ އެއްޗެއްނޫން.
އެދުރުބޭ
23 July 2022
ކީކޭ ދެންބުނާނީ؟ ވެރިކަން ކުރާނެ އެހެން ޤައުމެއްގެ ބަޔަކު ދެންޖެހޭނީ ގެންނަށް . މުޅިޤައުމުގައި ވަގުން. ޤާނޫނާ ޤަވާއިދުތައްވެސް މިަހަދަނީ ދައުލަތުން ، ވައްކަމާ ފަސާދަޔާ ، ފޭރުމާ ، ޓެކުމަށް ވިސްނައިގެން. ހަލާކުހުރި ސަދޫމަށް.
އަންތަރީސް
22 July 2022
އެތައް އަހަރެއް ވަންދެން ކުންފުނީގައި މަސައްކަތް ކުރި މީހަކާ އަލަށް ކުންފުންޔަށް ވަންނަ މީހަކާއި އެއްވަރެއް ނުވާނެ. މޮޔަ ނުގޮވާ
އަލް އުސްތާޒު
22 July 2022
ނަން ވާނީ ރައީސް ޔާމިން ކޮރަޕްޓް ކަމަށް. މަ ވާ ސަލާމް
ފަލަސްތީން
22 July 2022
ރައިސް ޔާމިން ތަރައްގީ ވަރައް ބަރާބަރު.
އިންޞާފު
22 July 2022
ސިޔާސީ މަގާމަކަށް ޢައްޔަންކުރީމަ ދިވެހި ރައްޔިތަކަށް ލިބޭ އެންމެހާ ޙައްޤުތަކުން މަހްރޫމްވަނީ ތަ؟
ފްލެޓްމީހާ
22 July 2022
ފްލެޓަށް ވަރަށް ފައިސާ ހަރަދުކުރަންޖެހޭ. ހިލޭއެއްނޫން ފްލެޓް ލިބެނީ.
ސަނީހާ
22 July 2022
ސްޓެލްކޯ އިން އެމް.ދީ.ޕީ އެކްޓިވިސްޓުން ވައްދާ ފްލެޓް ދެނީ. މި ޝަރީފް އާ އަކްރަމާ އިބްރާހިމް ދީވެސް ވަނީ ފްލެޓް ނަގާފަ.
މުޙައްމައިދީ
21 July 2022
ސައިކަލު މަޑި ފަޅައިގެންދިޔައިމަ އެބައްދާލާނެ ރުފިޔާއެއް ނެތިވެ އެއަށް އަރާ ކޮންމެ ފަހަރަކު ފަޓްލޫނާއި ޖަންގިޔާ ތެމިތެމި ތިބި ޙާލުގައި ތިބި ބަޔަކަށް މާބޮޑެތި މަޤާމްތައް ލިބުނީމާ ފެންނާނެކަންކަން. ތިއިން ކުންފުންޏެއްގެ މަތީ ފަޑީގައި ތިބީ މެރިޓް އުސޫލުން ގޮސްތިބިބައެއް ނޫން. ރައީސްއޮފީހުން، މަޖިލިސްމެމަބަރެއް، ނުވަތަ ކޮންމެވެސް ނުފޫޒަކުން ލިބިގެން ތިބި މަޤާމްތައް. އެމީހުން ކަންކުރާގޮތަށްވުރެ މަޤާމް ތަކަށް ދާގޮތާއި ބެހޭގޮތުން ވާހަކަދައްކަބަލަ.
ޝެލަރީ
21 July 2022
މީ ވަރަށް ތެދުވާހަކައެއް މިހާރު ބޯޑުގަތިބި ހުރިހާމީހުނައްވެސް ފުލެޓްދީފައޮތީ މީ ވަރަށް ބޭއިންސާފުން ކޮށްފައޮތްކަމެއް މިކަން ހުއްޓުވޭންޖެހޭނެ