އީކޯބޫގެ ހިއްސާދާރު ހޫގޯ ޕެޑްރޯސާ. އޭނާ އަންނަނީ ހޮޓަލުގެ ހުރިހާ މަސައްކަތް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައި-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
29 މެއި 2023 - 06:17
މި ހޮޓާ ފެނުމުން ވެސް މިއީ އާދައިގެ ހޮޓަލެއް ނޫންކަން ޔަގީން ވާނެ އެވެ. ހޮޓަލުގެ ކޮންމެ ދިމާލަކުން ވެސް ފެންނާނީ، ތިމާވެއްޓާ ރައްޓެހި މަންޒަރުތަކެވެ. މީހުން އައިސް ހިތްހަމަޖައްސާލައި، އަރާމުކޮށްލަން ތިބުމަށް ހެދި "އީކޯބޫ"ގެ ބޭރުން އޮނުގެ ރީތި ޑިޒައިންތައް ފެންނައިރު، މުޅި ސަރަހައްދުން ފެންނާނީ، ރާއްޖޭގެ ރީތި ކަމެވެ.
މީގެ ހައެއްކަ އަހަރު ކުރިން ރާއްޖޭގައި ސަފާރީއެއް ހިންގި، ޕޯޗުގީޒަށް އުފަން އެންޓޯނިއޯ މާކޯސް އާއި ހޫގޯ ޕެޑްރޯސާގެ ހިއްސާ އޮންނަ މި ބުޓީކް ހޮޓަލުގެ މަސައްކަތް ފެށުމުން އެ މީހުންގެ ގާތް ރައްޓެހިންނާއި އާއިލާއިން ވެސް، މިއީ ވާނެ ކަމެއް ކަމާ މެދު ސުވާލު އުފެއްދި އެވެ. ސަބަބަކީ، ވ. ތިނަދޫ ކަހަލަ ކުޑަކުޑަ ރަށެއްގައި ބޮޑު ހޮޓަލެއް ހެދުމެވެ. އެވެސް، ތިމާވެއްޓާ ރައްޓެހި ކޮންސެޕްޓަކަށް ބޮޑު ހޭދައެއް ކޮށްގެންނެވެ. އެކަމަކު ވެސް "ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް" ދާއިރާ އިން މަތީ ތައުލީމު ހާސިލުކޮށްގެން ހުރި ހޫގޯ އާއި އެންޓޯނިއޯ ބޭނުންވީ، ރާއްޖޭގެ އެންމެ މަތީފަންތީގެ ރިސޯޓުތަކެކޭ އެއްގޮތަށް ރާއްޖޭގެ ހޮޓާ ވިޔަފާރި އަށް ވެސް ތިމާވެއްޓާ ރައްޓެހި ކޮންސެފްޓެއްގެ އިންގިލާބެއް ގެންނާށެވެ!
އީކޯބޫގެ ރޫފް ޓޮޕް ރެސްޓޯރެންޓް. އެ ހޮޓަލުގައި ދެ ރެސްޓޯރެންޓް ހުރޭ-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ހޮޓަލުގެ ހުރިހާ ކަމެއް ބައްޓަންކޮށްފައި ވަނީ ތިމާވެއްޓަށް ހާއްސަ އިސްކަމެއްދީގެންނެވެ. ހޮޓާ ހެދުމަށް ބޭނުން ކޮށްފައިވާ މައިގަނޑު މެޓީރިއަލްއަކީ އޮނެވެ. "އީކޯބޫ" ނަން އެ ހޮޓަލަށް ދިނީ ވެސް އެ ސަބަބަށްޓަކަ އެވެ. އެނަން ނިސްބަތް ވަނީ "އިކޮލޮޖީ" އާއި "ބެމްބޫ" ދެ ބަސް އެއްކޮށްލައިގެންނެވެ. އެއީ އެ ހޮޓާ ރަމްޒުކޮށްދޭ އެންމެ މައި ދެ ބަހެވެ.
އެ ހޮޓަލުގެ މަސައްކަތް ފަށައި، ރާއްޖޭގައި އެފަދަ ކޮންސެޕްޓަކަށް ތަނެއް ހެދުމަށް އެންމެ ރަނގަޅު ލޮކޭޝަނެއް ބެލި އެވެ. ރ. އަތޮޅާއި ބ. އަތޮޅާއި އަރި އަތޮޅުގެ ރަށްތައް ވެސް ބެލުމަށް ފަހު، ވ. އަތޮޅު ތިނަދޫގައި ހޮޓާ އެޅުމަށް ނިންމީ، އެއީ ގުދުރަތީގެ ގޮތުން ރީތި މޫދަކާއި ގޮނޑުދޮށެއް އޮންނަ، ކައިރީގައި ފިނޮޅުތައް އޮވެފައި، މަސްވެރިކަމަށް ވެސް އެ ސަރަހައްދު ރަނގަޅުވާނެ ކަމަށް ބަލައިފަ އެވެ.
އީކޯބޫގެ "ބެމްބޫ ލޮފްޓް" ރޫމެއް. އެ ހޮޓަލުގައި ހަތަރު ކެޓަގަރީގެ ރޫމް ހުރޭ-- ފޮޓޯ: ފަޔާޒް މޫސާ/ މިހަރު
މި ތަނަކީ އެ ރަށުގައި ޓޫރިސްޓުންނަށް ހިދުމަތް ދޭން އެންމެ ފަހުން ހުޅުވި ތަން ވެސް މެ އެވެ. "އީކޯބޫ" އަކީ އެ ރަށުގައި ހުޅުވި ފުރަތަމަ ސިޓީ ހޮޓަލެވެ. އެފަދަ ތަފާތު ހޮޓަލުގެ މަސައްކަތް ފެށީ ރާއްޖޭގެ މެދު ފަންތީގެ ޓޫރިޒަމަށް އިންގިލާބީ ބޮޑު ބަދަލެއް ގެނައުމަށް ކަމަށް ހޫގޯ ބުންޏެވެ.
އެ ހޮޓަލުގެ ކޮންސްޓްރަކްޝަން މަސައްކަތް ފެށި ދުވަސްވަރާ ދިމާވީ، ކޮވިޑްގެ ދުވަސްވަރެވެ. އެހެންވެ، އެންތޯނިއޯ އާއި ހޫގޯ އެންމެ ބޭނުންވި ގޮތަށް ޕްރޮޖެކްޓް ޕްލޭނެއް ނުކުރެވުނެވެ. ހޮޓަލަށް ބޭނުންވާ މެޓީރިއަލް ގެނައުމަށް ވެސް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވި އެވެ. އެންމެ ފުރަތަމަ ޕްލޭން ކޮށްފައި އޮތީ އިންޑިއާއިން އޮނު ގެންނާށެވެ. އެހެން ނަމަވެސް، އިންޑިއާގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން ދެން ބެލީ އެންމެ އަވަހަށް ތަކެތި ގެނެވޭނެ ގޮތެވެ. ހޫގޯ އާއި އެންޓޯނިއޯ އަށް ދެން އޮތް އެންމެ ރަނގަޅު ޗޮއިސް އަކަށްވީ، ވިއެޓްނާމުން އެ ތަކެތި ގެނައުމެވެ.
މުޅި ޕްރޮޖެކްޓްގެ ހުރިހާ ކަމެއް ބެލެހެއްޓި ހޫގޯ ބުނީ، ކޮވިޑްގެ ދުވަސްތަކުގައި ކުރިމަތިވި، ގޮންޖެހުންތަކަކީ އޭނާގެ ހަޔާތުގައި ތަޖުރިބާ ކުރި އެންމެ އުނދަގޫ ދުވަސްތަކެވެ. އޭނާ ބުނީ، އެންމެ ބޮޑު އިސްކަމެއް ދިނީ، ޕްރޮޖެކްޓްގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދިއުން ކަމަށެވެ. ކޮވިޑާ ގުޅިގެން އެއްކޮށް ކޮންސްޓްރަކްޝަން މަސައްކަތް ހުއްޓާލައިގެން ކުޑަ ދުވަސްކޮޅަކު ތިބި ނަމަވެސް، ހުރި ވަސީލަތްތައް ބޭނުން ކޮށްގެން، އޭރު ވެސް ކުރެވޭނެ ކަންކަން އޭނާ ދިޔައީ މުވައްޒަފުން ލައްވާ ކުރަމުންނެވެ.
އީކޯބޫގެ "އޯކިޑް ޑަބަލް" ކޮޓަރިެއް. އެ ކެޓަގަރީގެ ކޮޓަރިތައް ހުންނަނީ ބަގީޗާ ފެންނަ ގޮތަށް-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ގާތްގަނޑަކަށް 12 ވަރަކަށް ވަޑިންނާ އެކު އީކޯބޫގެ 26 ކޮޓަރީގެ މުޅި ސްޓްރަކްޗާ ހެދުމުގެ މަސައްކަތް ފެށި އެވެ. އެ ކަމަށް ގާތްގަނޑަކަށް 6،000 ގަހުގެ އޮނު ބޭނުންވި އެވެ. އިމާރާތުގެ ސްޓަކްޗާގެ އިތުރުން ހިޔާ ކުރުމަށާއި ކޮޓަރިތަކުގެ ފްލޯގައި ވެސް ބޭނުންކޮށްފައި ވަނީ އޮނެވެ. އަދި ކޮޓަރިތަކުގެ އެނދާއި، މޭޒާއި އަލަމާރި އާއި ޓޮއިލެޓްރީ ފުޅިތަކާއި ރެސްޓޯރެންޓްގެ މޭޒާއި ގޮޑިތައް ވެސް ހަދާފައިވަނީ އޮނުންނެވެ.
"އުނދަގޫ ހާލަތުގައި ބޭނުންވީ، ދެމެހެއްޓެނިވި އަސާސްތަކުގެ ތެރެއިން ތިމާވެއްޓާ ރައްޓެހި ހިދުމަތްތަކެއް ދެވޭނެ ތަކެއް ހަދަން. އެކަން ހާސިލުކުރަން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވި. ކޮވިޑްގެ ދުވަސްވަރު އެފަދަ ކަމެއް ކުރަން ފެށުމުން ލޮޖިސްޓިކް ގިނަ ޑިލޭތައް ވެސް ވި،" ހޫގޯ، ހޮޓަލުގައި ހުރެ، "މިހާރު" އަށް ބުންޏެވެ.
އޭނާ ބުނީ، ހޮޓަލުގެ އިމާރާތުގައި ބެމްބޫ އެހާ ގިނައިން ބޭނުން ކުރަން ނިންމީ، އެއީ އިމާރާތެއް އެޅުމަށް އެންމެ ދެމެހެއްޓެނިވި މެޓީރިއަލް ކަމަށްވާތީ ކަމަށެވެ. އާންމުކޮށް އިމާރާތްތައް ހެދުމަށް ބޭނުން ކުރާ މެޓީރިއަލް އާ އަޅާ ބަލާ އިރު އޮނު ބޭނުން ކުރުމުން، އޭގެން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަވާނެ ކަމަށް ގަބޫލު ކުރާ ކަމަށް އޭނާ ބުންޏެވެ.
"ވީހާވެސް ނެޗުރަލް މެޓީރިއަލްއެއް ބޭނުން ކުރަން ވެގެން. ވަރަށް ބޮޑަށް ރިސާޗް ކުރުމަށް ފަހު ނިންމީ އޮނު ބޭނުން ކުރަން،" އޭނާ ބުންޏެވެ.
ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމެއް ނެތުމަކީ މުޅި ޓޫރިޒަމް އިންޑަސްޓްރީ އަށް ވެސް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. އުފައްދާ ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމެއް ގާއިމްކޮށްފައި ވަނީ ނިސްބަތުން މަދު ރިސޯޓެއްގަ އެވެ. އަދި ގެސްޓްހައުސް އާއި ހޮޓާތަކުގައި ކުނި މެނޭޖްކުރުމުގެ ކަންކަން ހުރީ ވަރަށް ވެސް ދަށް ފެންވަރެއްގަ އެވެ. އެހެންވެ، ހޮޓަލަކުން އަމިއްލަ އަށް މިފަދަ ކަމެއް ތައާރަފްކުރުމަކީ މެދުފަންތީގެ ޓޫރިޒަމްގެ ވިޔަފާރިތައް ކުރާ މީހުންނަށް ރަނގަޅު މިސާލެކެވެ.
އީކޯބޫގެ ބީޗް އޭރިއާގައި ޓޫރިސްޓަކު އިށީންދެގެން: އެ ހޮޓަލަށް ކުޑަ ދުވަސް ކޮޅެއްގައި ޓޫރިސްޓުންގެ ބޮޑު މަގްބޫލު ކަމެއް ވަނީ ލިބިފައި-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އެ ހޮޓަލުގެ ސްޓްރަކްޗާ ހެދުމުގައި އެންމެ މައިގަނޑު އެއްޗެއްގެ ގޮތުގައި އޮނު ބޭނުން ކުރީ، އެއީ ފަސޭހައިން ހެއްދޭ، އަދި އެހެން ކޮންސްޓަރަކްޝަން މެޓީރިއަލް އަށް ވުރެ ތިމާވެއްޓާ އޭގެން ލިބޭ ގެއްލުން ކުޑަވީމަ އެވެ.
އޭގެ އިތުރުން އެ ހޮޓަލަށް ބޭނުންވާ 30 ކިލޯވޮޓްގެ ކަރަންޓު އުފައްދަނީ ސޯލާ ޕެނަލުންނެވެ. އަދި ކުރިއަށް އޮތްތަނުގައި އެ އަދަދު އިތުރު ކުރުމަށް އީކޯބޫއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ސޯލާ ޕެނަލުގެ އިތުރުން ފަސް ޓަނުގެ ފެން އުފެއްދުމަށް އާރްއޯ ޕްލާންޓް ވެސް ވަނީ ބަހައްޓައިފަ އެވެ. އެ ހޮޓަލުގައި ބޭނުން ކުރާ ނަޖިސް ފެން ބޭނުން ކުރަނީ އޯގަނިކް ވޭސްޓް އުފެއްދުމަށެވެ. އަދި އެ ބޭނުން ކުރަނީ ފާޓިލައިޒާއެއްގެ ގޮތުގައި ހޮޓަލުގެ ބަގީޗާ ހެއްދުމަށެވެ. އެކަން ކުރުމަށް ހާއްސަ ސީވޭޖު ޓްރީޓްމެންޓް ޕްލާންޓް އެ ހޮޓަލުގައި ހުރެ އެވެ.
އީކޯބޫގެ ކޮޓަރިއެއްގެ ފާހާނަ. ފާހާނައިގެ ވެސް ބޭނުންކޮށްފައިވަނީ އޮނު-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އެ ހޮޓަލުގައި ކުނި ނައްތާލުމަށް ހާއްސަ ޝްރެޑާއެއް ވެސް ހުރެ އެވެ. ހޫގޯ ބުނީ، އެ ހޮޓަލުގެ ކުނި ނައްތާލާ މެޝިނު ބޭނުން ކުރަން އެ ރަށުގެ ކައުންސިލަށް ވެސް ދައުވަތު ދީފައިވާނެ ކަމަށެވެ. އޭރަށް މުޅި ރަށުގައި އުފައްދާ ކުނި ނައްތާލުމަށް އެ މެޝިން ބޭނުންކޮށް، ރަށުގެ އެކި ހިސާބުތަކުގައި ގަސް ހެއްދުމަށް، ފާޓިލައިޒާއެއްގެ ގޮތުގައި ބޭނުން ކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.
"އެކަން ވެސް އެބަ ކުރެވޭ. ކައުންސިލުން ނިންމަން ޖެހޭ ބައެއް ކަންކަން ހަމަޖެއްސުމުން، އެ މެޝިނުތައް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ބޭނުން ކުރެވޭނެ،" އޭނާ ބުންޏެވެ.
ބޮޑު ހޭދައެއްކޮށް ހެދި މި ހޮޓަލަކީ މިހާރު ވ. އަތޮޅުގައި ހުރި އެންމެ ތިމާވެއްޓާ ރައްޓެހި ހޮޓަލެވެ. ބެލެވޭ ގޮތުގައި ރާއްޖޭގައި ވެސް މިކަހަލަ ހޮޓަލެއް ދެން ނެތެވެ. ހޮޓާ ހުޅުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ގިނަ ބައެއްގެ މަގްބޫލުކަން ހޯދައިފަ އެވެ. ހާއްސަކޮށް ތިމާވެއްޓަށް ހޭލުންތެރި، ލޯބިކުރާ ޔޫރަޕްގެ ގައުމުތަކުގެ ގިނަ ޓޫރިސްޓުން އެތަނަށް އާދެ އެވެ.
އީކޯބޫ އިން ބޭނުން ވަނީ ރާއްޖޭގެ އެންމެ ހިތްގައިމު ރީތިކަން ތިމާވެއްޓާ ރައްޓެހި ގޮތަކަށް ޓޫރިސްޓުންނަށް ތަޖުރިބާ ލިބުމެވެ. އީކޯބޫ ނަމޫނާއަކަށް ބަލައި ރާއްޖޭގެ އެހެން ހޮޓާތަކުން ވެސް މިފަދަ ކޮންސެޕްޓަށް ގެނައުމަކީ އެ ކުންފުނީގެ އެންމެ ބޮޑު ބޭނުމެވެ. އަދި މިފަދަ ތަޖުރިބާތަކެއް ޓޫރިސްޓުންނަށް ފޯރުކޮށްދީގެން ވެސް ފައިދާވާ ވިޔަފާރިއެއް ހިންގޭނެ ކަމަށް އެކުންފުނިން އެ އަންނަނީ ދައްކަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިކަމުން
29 May 2023
ރާއްޖޭގެ ރަށްތަކުގަވެސް އޮނު ހައްދައިގެން އެކި ކަންކަމަށް ވިއްކަން ފެށިދާނެ.
ހަސަންޑީ
29 May 2023
މިފަދަ އިންވެސްޓްމަންޓްތަކަށް މަރުޙަބާ ކިޔާފަދައިން ހިމާޔަތްކޮށް ދެމެހެއްޓެންވާނެ، މިފަދަ ތަޖުރިބާ ކާރުންގެ ކުރާ މިބާވަތުގެ އީޖާދީ ކަންކަމުން ޢިބުރަތް ޙާސިލްކުރާ ބަޔަކަށް ވިޔަފާރީގައި ކާމިޔާބް ހޯދިދާނެ، ވަކިން ޚާއްސަކޮށް ޔޫރަޕް މާރކެޓައް ބޭނުންވަނީ މިފަދަ ކޮންސެޕްޓްތައް ލަގްޒަރީ ރޫމްތަކާ ޓޮއިލެޓެއްނޫން..
ކުދިންގެއަމާ
29 May 2023
ތިމާވެއްޓޭ ކިޔައިގެން އަނބުރާ ގޭހަކީ ދިވެހިން އެއަށް ހެއްލެންޖެހޭ އެއްޗެއްނޫން. ދުނިޔޭގެ އާބާދީ 8 ބިލިއަނުންމަތި، މިއެންމެނަށް ގެދޮރުއަޅަންބަލާއިރު ތިމާވެށީގެތެރެއިން ކޮންމެވެސް ބައެއް ނަގައިގެން ގެދޮރުއެޅެންއޮތީ. އެހެންވީމަ 8 ބިލިއަން ގެދޮރުއަޅާނިމޭއިރު ތިމާވެށި ކުރީގައޮތްގޮތަށް އޮތުމަކީ މުސްތަހީލުކަމެއް.
ރިބުދޫ ނާޒިމާ
29 May 2023
އާވީ ރިސޯޓް އަކީ ދިވެހި ވަކަރު ފުނަ މަދޮށި ކާނި ފަދަ ދިވެހި ހަމައެކަނި،. ދިވެހިން ހެދި ފައްކާ ރަށެއް. އޮނު އަށްވުރެން ގައުމީ ވަންތަ. އަތޮޅު ރައްޔިތުންގެ ހިއްސާއޮތް، މިހާރު ފޭރިގަނެފަ ކޮންމެސް ބައެއް
ދަގަތްފާނު
29 May 2023
އިރުމަތީ އޭސިއާގެ ގައުމަކުން 6000 އޮނުގަސް ކަނޑައިގެން އާގުބޯޓުގަ ބޯޓުދެލިއަންދަމުން ރާއްޖެއަށްގެނައިމަ ތިމާވެއްޓާ ރައްޓެހިއެވީ. ގޯތީގަހުންނަ ދިއްގާގަސް ކަނޑައިފިއްޔާ ތިމާވެއްޓާ އިދިކީލަ، ބޯހަލާކު.
ނަން.
29 May 2023
އޮނުގަހަކީ ވަރަށް ފަސޭހައިން ވަރަށް އަވަހަށް ހެދޭ އެއްޗެއް. ކުރީ ޒަމާނުއްސުރެ ހާއްސަކޮށް މިކަމަށް އޮނު ހައްދާ ސަރަހައްދުތައްވެސް ހުރޭ. ތަނެއް ހެދޭނީ ކޮންމެ ގޮތެއްވިޔަސް ކޮންމެވެސް އެއްޗެއް ބޭނުންކޮށްގެން. މިކަމަށް މިއަށްވުރެ ތިމާވެއްޓާ ރައްޓިހި މެޓީރިއަލްއެއް މަދުވާނެ.
ކޮރަލް
29 May 2023
ރިސޯޓް ތައް ހަދާ އިރު ދިވެހި ގްރޫޕްް ތަކަށް އަދި ކުންފުނި ތަކަށް މަސައްކަތް ނުލިބެ އެވެ. ނޫނީ ލިބެނީ ވ މަދުންނެވެ . މިކަން ބަލާލަން ޖެހެ އެވެ.
ފްރޭންސީ
29 May 2023
ތިނަދޫ އަކީ މިހާރު ހައެއްކަ ފަރަންޖީން ކޮންޓްރޯލް ކުރާ ރަށެެއް. ދެންް ވެސް އަތްޖަހާ ބާރަށް.
އަތްޖަހަމުން
29 May 2023
ދެމީހުންނާ ބައި އުޅޭ ކޮންމެ ރަށެއްގަވެސް ބޮޑު ހަރަދުކޮށްފަ ބަނދަރެއް އަޅާފަ އެއްވެސް ރަށެއް ބާކީނުކުރާނަމޭ ބުނީމަ އަތްޖަހާނެ. ރަށުގަ އުޅޭނެ ބަޔަކު ނުވޭ އެކަމު އޯގާތެރިކަމުން ހުރިހާ ކަމެއް އެބަ ފުރިހަމަކޮށްދޭންޖެހޭ.
ހަބަރޭ
29 May 2023
ރީއްޗެއްވެސް ނޫން. ރާއްޖެއަކާ ނުވެސް ގުޅޭ
ކަރުކެހޭ
29 May 2023
އޮނު ބޭނުންކުރުމުން ތިމާވެށްޓާއި ރަހުމަތްތެރިވާނެ , އެހެނިހެން ލަކުޑިއަށްވުރެ. އަނެއްކާ ގިނަދުވަސްވާނެ ހަލާކުނުވެ. އޮނު ފީނިތަކެއް ކަނޑާލުމަކީ ވެށްޓަށް ގެއްލުން ހުރިކަމެެއްނޫން. ދޮޅު އަހަރު ނަގާނީ ވިއެޓުނާމުގަ އޮނުގަސްތައް ހެދި ބޮޑުވާން.
އަޙޫ
29 May 2023
އޮނުން ހަދާފަ ހުންނަ ވަރަށް ރީތި ފެންބޯ ތައްޓާއި ކާތަށި ވެސް އަލީއެކްސްޕްރެސްގައި ލިބެން ހުރެއެވެ. އެ އެއްޗެތިވެސް ބެންބޫން ހަދާލިނަމަ ވަރަށް ސަޅިވީހެވެ. ބޭންބޫ ގަހުގެ ބައެއް ވައްތަރުތަށް ދުވާލަކު '2.5 ފޫޓް (ދެފޫޓުބައި) ގަޑިއަކު "1.5 އިންޗި (އެކެއްބައިއިންޗި) އަށް ހެދޭ ކަމަށްވެއެވެ. ބެންބޫ ގަސް ހައްދައިގެން ނޫނީ ކެނޑި ތަނުގައި އެވަރަށް ގަސް ހެއްދިކަމަށް އޯނަރު ވެސް ޔަގީންކުރި ކަމަށް ހީކުރަމެވެ. ވަރަށްވެސް ރީއްޗެވެ. ޝުކުރިޔާއެވެ.