ގައިދީންނަށް އިހުމާލުވުމުގެ ތުހުމަތު: ހަގީގަތަކީ ކޮބައިބާ؟

ޖަލުގައި ބައިތިއްބާ ގައިދީންނާ މެދު އިންސާނިއްޔަތާ ހިލާފު ބޮޑެތި "ޖަރީމާތަކެއް" ހިންގާ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ. މިއީ ވަރަށް ސީރިއަސް ތުހުމަތުތަކެކެވެ. ބައެއް މީހުންނަށް އެ މީހުންނަށް އިއްވާފައިވާ ޖަލު ހުކުމަށް ވުރެ ވެސް ބޮޑެތި އަދަބުތައް ޖަލުގައި ދޭ ކަމަށް ބުނެވެ އެވެ. އަނިޔާ ކުރުމާއި އިންސާނީ ކަރާމާތް ގެއްލޭ ކަންކަން ޖަލުގައި ބައެއް ގައިދީންނަށް ދޭ ކަމަށްް ބުނެ ވަރަށް އާންމުކޮށް ބައެއް ބޭފުޅުން ވާހަކަ ދައްކަވާފައި ވެ އެވެ.


އޭގެ ތެރެއިން ބައެއް ތުހުމަތުތަކަކީ މި އެވެ؛ ގައިދީން ގެންގުޅޭ ތަނުގެ ފެންވަރު ދަށް ވާހަކަ އެވެ. ގައިދީންނަށް ކާން ދެނީ އެކަށީގެންނުވާ ތަކެއްޗެވެ. ގައިދީން ބަލިވުމުން ޑޮކްޓަރަށް ދައްކަން ފުރުސަތެއް ނުލިބެ އެވެ.

މައްސަލަ ހިލުނީ އަދީބު އޮންނެވި ތަނުން

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރުމާއި ޚިޔާނާތުގެ މައްސަލަތަކުގައި ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ނައިބު ރައީސް އަދީބުގެ ހަށިގަނޑަށް ކުރު މުއްދަތެއްގެ ތެރޭގައި އައި ބަދަލުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. އަދީބަށް އެހާ ބޮޑު "އަނަރޫފަ" ކަމެއް އައީ ޖަލު ބަލަހައްޓާ މީހުން، އަދީބާ މެދު އަމަލު ކުރާ ގޮތުން ކަމަށް ތުހުމަތު ކުރި އެވެ.

ކުރީގެ ނައިބު ރައީސް އަދީބު. މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި އަދީބު މާފުށީ ޖަލުގައި އޮންނެވީ ވަރަށް ހާލުގައި. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މައުލޫމާތު އެނގޭ މީހަކު "މިހާރު"އާ ވާހަކަ ދައްކަމުން ބުނި ގޮތުގައި އަދީބު ދޫނިދު އަށް އިއްޔެ ބަދަލުކުރުމާ ހަމައަށް އޮންނެވީ މާފުށީ ޖަލުގެ "ކޮންކްރީޓް ހޮހޮޅައެއްގެ ތެރޭގައި ކަމަށް ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އޭނާ ބުނި ގޮތުގައި އަދީބު އޮންނެވީ މާފުށީ ޖަލުގައި ހުންނަ އެންމެ ކުޑަ ގޮޅިތަކުގެ ތެރެއިން ގޮޅިއެއްގަ އެވެ. ގާތްގަނޑަކަށް ހަ ފޫޓާއި އަށް ފޫޓު ސައިޒްގެ ގޮޅިއެކެވެ. ނިދަން އަށްޓެއް ހުންނައިރު، އަދީބަށް ގޮދަނޑިއެއް ވަނީ ދީފަ އެވެ. އެ ގޮޅީގައި ފާހަނާއެއް ހުންނައިރު، ފެންވަރަން ޖެހެނީ ބާލިދީން ކަމަށް ވެސް އެ މީހާ ބުންޏެވެ.

އަދީބު އޮންނެވި ގޮޅިއަކީ މުސަޅާއި މީދާ ފަދަ ތަކެތި މީގެ ކުރިން މަރުވެ، ކުނިވެފައި އޮތް ތަނެއް ކަމަށް ވެސް އެ މީހާ ބުންޏެވެ. ކޮންމެއަކަސް، ކިތަންމެ ބޮޑު ކުށެއް ކުރުމުގައި ބައިވެރިކަން ސާބިތުވެފައި ހުރި މީހަކާ މެދު އަމަލު ކުރަން ވާނީ އިންސާނީ ކަރާމާތް ނުގެއްލޭ ގޮތަށް ކަމަށް އޭނާ ބުންޏެވެ.

"އަދީބާ މެދު އަމަލު ކުރަމުން ދަނީ އިންސާނިއްޔަތާ މުޅިން ހިލާފަށް، ޖަލުގައި ތިބި އެހެން ގައިދީންނާ ހިލާފަށް، މިއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން،" އޭނާ ބުންޏެވެ.

އެމީހާ ކިޔައިދިން ގޮތުގައި އަދީބު އެތަނުގައި "ދުވާލު ހަތަރުދަމު އިރަށް ދޮންވާ ގޮތަށް" ބާއްވާފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވި އެވެ. އަދީބު އެކަންޏެއް ނޫނެވެ. ބައެއް ސިޔާސީ ބޭފުޅުންނާއި މަރަން ހުކުމްކޮށްފައި ތިބޭ މީހުން ވެސް ތިބީ އެފަދަ ހާލެއްގައި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އަދީބާ އެހެން ގައިދީންނާ ގުޅޭ ގޮތުން ދައްކަމުން އަންނަ ހުރިހާ ވާހަކަތަކެއް ކަރެކްޝަނަލް ސާވިސްއިން ދޮގުކުރެ އެވެ.

އަދީބު އޮންނެވީ މާފުށީ ޖަލުގައި ހުންނަ އެންމެ ކުޑަ ގޮޅިތަކުގެ ތެރެއިން ގޮޅިއެއްގަ އެވެ. ގާތްގަނޑަކަށް ހަ ފޫޓާއި އަށް ފޫޓު ސައިޒްގެ ގޮޅިއެކެވެ. ނިދަން އަށްޓެއް ހުންނައިރު، އަދީބަށް ގޮދަނޑިއެއް ވަނީ ދީފަ އެވެ. އެ ގޮޅީގައި ފާހަނާއެއް ހުންނައިރު، ފެންވަރަން ޖެހެނީ ބާލިދީއެއް ބޭނުންކޮށްގެންނެވެ.

ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގްމާން ވިދާޅުވީ އަދީބާ މެދު އެއްވެސް ތަފާތު ކުރުމެއް ގެންގުޅެފައި ނުވާނެ ކަމަށެވެ. އަދީބު އޮންނެވީ އެހެން ގައިދީން ވެސް ގެންގުޅޭ ފަދަ ގޮޅިއެއްގައި ކަމަށާއި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ އަދީބުގެ ރައްޓެހިންނާ ބައްދަލު ކުރުމުގެ ފުރުސަތު ވެސް އަދީބަށް ލިބިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާންމުކޮށް ގައިދީން ބަހައްޓާ ސެލް (ގޮޅި) އެއްގައި އަދީބު އޮންނެވީ، އޭނާއާ މެދު އެއްވެސް ތަފާތު ކުރުމެއް ގެންގުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް،" ލުގްމާން ވިދާޅުވި އެވެ.

މާފުށީ ޖަލު: މި ތަނުގައި ގައިދީން ގެންގުޅެނީ އިންސާނީ ކަރާމާތާ އެއްގޮތަށް ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނޭ..-- ފޮޓޯ: ކެވިންޓިއޯ.ބްލޮގްސްޕޮޓް.ކޮމް
"ކޮންކްރީޓުން ތަނެއް ހަދައިގެން އެއްވެސް ގައިދީއަކު ނުގެންގުޅޭ،" -- ކަރެކްޝަނަލް ސާވިސް

އަދީބާ މެދު ތަފާތު ކުރުންތައް ގެންގުޅޭ ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް އޭނާ އިއްޔެ ވަނީ ދޫނިދޫ ޖަލަށް ބަދަލުކޮށްފަ އެވެ. ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ސޮއިކުރައްވައި ކަރެކްޝަނަލް ސާވިސް އަށް ފޮނުއްވި ސިޓީގައި ވަނީ ސަލާމަތީ ސަބަބުތަކަށް ވަކިގޮތެއް އަންގަންދެން، އަންގާރަ ދުވަހުން ފެށިގެން އަދީބު ދޫނިދޫ ޖަލަށް ބަދަލުކޮށްދިނުމަށެވެ. ދޫނިދޫ ޖަލަކީ ފުލުހުންގެ ތަހުގީގަށް ބަންދުގައި މީހުން ބައިތިއްބާ ތަނެކެވެ.

"އަދީބާ މެދު އަމަލު ކުރަމުން ދަނީ އިންސާނިއްޔަތާ މުޅިން ހިލާފަށް، ޖަލުގައި ތިބި އެހެން ގައިދީންނާ ހިލާފަށް، މިއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން،" - މައުލޫމާތު އެނގޭ މީހެއް

ޕެރޯލްގެ ގާނޫނުގައި ވަނީ ތަހުގީގަށް ބަންދު ކުރެވޭ މީހުން ބައިތިއްބަން ޖެހޭނީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށެވެ. ތަހުގީގު ނިމި، ޝަރީއަތް ފެށުމުގެ ކުރިން ނުވަތަ ޝަރީއަތް ފަށައި ހުކުމް ކުރުމުގެ ކުރިން ކޯޓު އަމުރެއްގެ ދަށުން ބަންދުކުރާ މީހުން ބައިތިއްބަން ޖެހޭނީ ރިމާންޑް ޖަލެއްގައި ކަމަށާއި ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުން އަންނަ މީހުން ބައިތިއްބަން ޖެހޭނީ އާންމު ޖަލެއްގައި ކަމަށް ގާނޫނުގައިވެ އެވެ.

ގައިދީންގެ ސިއްހީ ކަންކަމަށް އިސްކަމެއް ނުދޭ؟

ރާއްޖޭގެ ޖަލުތަކުގައި ވާނުވާއެއް ނޭނގި ގައިދީންތަކެއް މަރުވަމުން ދިއުމަކީ ގިނަ ބައެއްގެ މެދުގައި ކަންބޮޑުވުން އުފެދުނު ކަމެކެވެ. އެ ގޮތުން ކުރު މުއްދަތެއްގެ ތެރޭގައި ފަސް ގައިދީން ހަގީގަތް ނޭނގޭ ގޮތަށް މަރުވެގެން ދިއުމުން އެކަން އިތުރަށް ބަލާނެ މުއައްސަސާއެއް ނުވި އެވެ. އެއީ ގުދުރަތީ މަރުތަކެއްތޯ، ނުވަތަ އެހެން ގޮތަކަށް ވެފައިވާ މަރުތަކެއްތޯ ވެސް ނުބެލެ އެވެ. އެ މީހުން މަރުވުމުގައި ވެސް ތުހުމަތު ކުރެވުނީ ޖަލުތައް ބަލަހައްޓާ ފަރާތްތަކަށެވެ.

ޕެރޯލް ގާނޫނުގައި ބުނެފައިވަނީ ގައިދީންނާ މެދު އަމަލު ކުރަންވާނީ އިހްތިރާމާއެކު އިންސާނުންނާ މުއާމަލާތް ކުރުމަށް އެންމެ އެކަށީގެންވާ ގޮތަށެވެ. އަދި ގާނޫނުއަސާސީގެ އެއްވެސް ހައްގަކުން ނުވަތަ މިނިވަންކަމަކުން މަހްރޫމް ކުރެވޭނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެކަމަށް ކޮންމެހެން ބޭނުންވާ މިންވަރަށެވެ.

ހަމަ އެއާއެކު، ޖަލުގައި ތިބޭ ގައިދީންނާ މެދު އިންސާނިއްޔަތާ ހިލާފު ނުވަތަ އަނިޔާވެރި އަމަލުތައް ހިންގައިގެން ނުވާނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ. އަދި ގައިދީންނަށް ބޭނުންވާ ސިއްހީ ހިދުމަތެއް ނުވަތަ އެމީހުންނަށް ދޭން ހަމަޖެހިފައިވާ އެހެން ހިދުމަތެއް ދިނުމަށް އެހީތެރިވާން ޖެހެ އެވެ.

ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އަޅައިގެން މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މިދިޔަ މަހު ނެރުއްވި ބަޔާނުގައި ވަނީ ގައިދީންނާ މެދު އަމަލުކުރާ އުސޫލުގެ ސަބަބުން ބުއްދި ފިލައިގެން ގޮސް ތިބި ގައިދީންތަކެއް ވެސް ތިބި ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަށީގެންވާ ބޭސް ފަރުވާއެއް ނުލިބޭ ގައިދީން ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ބޭސް ލިޔެދިން ފަހުން ހަތަރު މަސް ވީއިރު ވެސް ޑޮކްޓަރު ލިޔެދިން ބޭސް ނުލިބޭ ގައިދީން އެބަތިއްބެވެ. ޖަލުން ގައިދީންނަށް ދޭ ކެއުމަށް ބަލާއިރު، އެއީ ރާއްޖޭގެ އެއްވެސް ރައްޔިތަކު ނުކާނެހާ "ދެރަވަރު" ކެއުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލުގައި ހިންގި ކޯސްތައް ފުރިހަމަ ކުރި ގައިދީންނަށް ސެޓްފިކެޓް ހަވާލުކުރި ރަސްމިއްޔާތެއްގައި ގައިދީން ހުދު ޔުނިފޯމެއްގައި. .-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަހްލޫފް ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ކަރެކްޝަނަލް ސާވިސްގެ ދެ އޮފިސަރުންގެ ކުރިމަތީގައި ގައިދީން އެއްކޮށް ބަރަހަނާކޮށް، ލަދުވެތި ގުނަވަންތައް ބަލައި، ގުދުކޮށް ބާއްވާ، ފުރަގަސްފަރާތް ފޭކޮށްގެން ފާސް ކުރެ އެވެ. އަދި އިންސާނީ ކަރަމާތަށް އުނިކަން ލިބޭ ކަންކަން ހުއްޓާލައި، މެޓަލް ސާޗް، ޕެޓްޑައުން ސާޗް، އަދި ތުވާލި އަންދަވައިގެން ސްޓްރިޕް ސާޗް ކުރުމަށާއި ބަރަހަނާކޮށްގެން އިތުރަށް ބަލައި ފާސްކުރާނަމަ، އެކަމަށް ބޭނުންވާ އާލަތްތައް ހޯދަން އޭނާ ހަރުކަށިކަމާއެކު ގޮވާލެއްވި އެވެ.

"ސްޕެޝަލިސްޓަކަށް ދައްކަން މާލެ ގެންދަން ޖެހިއްޖެނަމަ ވަގުތުން އެކަން ނުކުރެވިދާނެ، އެއީ ވަގުތު ނަގާ ކަންކަން، ޑޮކްޓަރަކަށް ދައްކަން ވެއްޖެނަމަ ޖަލުގައި ބައިތިއްބައިގެން ދައްކަމުން މިދަނީ،" -- ލުގްމާން

މަހްލޫފްގެ ހުރިހާ ވާހަކަތަކެއް ކަރެކްޝަނަލް ސާވިސްއިން ދޮގުކުރެ އެވެ. ލުގްމާން ވިދާޅުވި ގޮތުގައި ހުރިހާ ގައިދީން ވެސް ގެންގުޅެނީ އިންސާނީ ކަރާމާތާ އެއްގޮތަށެވެ. ޑޮކްޓަރަށް ދައްކަން ޖެހޭ ގައިދީން ގަވާއިދުން ޑޮކްޓަރަށް ދައްކަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ޖަލުގައި މަރުވި ގައިދީންނަކީ މާލެއަށް ގެނެސް، އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނިކޮށް މަރުވި މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްޕެޝަލިސްޓަކަށް ދައްކަން މާލެ ގެންދަން ޖެހިއްޖެނަމަ ވަގުތުން އެކަން ނުކުރެވިދާނެ، އެއީ ވަގުތު ނަގާ ކަންކަން. އެކަމަކު ޑޮކްޓަރަކަށް ދައްކަން ވެއްޖެނަމަ ޖަލުގައި ބައިތިއްބައިގެން ދައްކަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.

ލުގްމާން ވިދާޅުވި ގޮތުގައި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން އަބަދުވެސް ގައިދީންގެ ކަންކަން ރަނގަޅަށް ބަލާނެ އެވެ. ގައިދީންނަށް ކާން ދެނީ އިންސާނުން ދޭން އެންމެ އެކަށޭނަ އެއްޗެހި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސިއްހަތަށް ގެއްލުން ލިބޭ އެއްވެސް އެއްޗެއް ގައީދީއަކަށް ދީފައިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައިދީންނަށް ކާ އެއްޗެހި ދޭ އިރު، ފަރުވާ ކުޑަ ކުރާ ވާހަކައަކީ ދޮގެއް، ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ވެސް ކާން ދޭ އެއްޗެހި ގައިދީންނަށް ދެނީ،" ލުގްމާން ވިދާޅުވި އެވެ.

ގައިދީން ބަރަހަނާކޮށްގެން ބަލައި ފާސް ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ލުގްމާން ވިދާޅުވި ގޮތުގައި ޖަލަށް ވަންނަ ގައިދީން ސްޓްރިޕް ސާޗް ކުރަނީ ތުވާލި ދީ އިންސާނީ ކަރާމާތަށް އެއްގޮތަށެވެ.

އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތަކުގެ ސަބަބުން އަނިޔާ ލިބޭ ފަރާތުގެ އިންސާނީ ކަރާމާތް ގެއްލިގެން ދިއުމުގެ އިތުރުން އެ މީހާ އިންސާނެއްގެ ދަރަޖައިން މަހްރޫމްވެ އެވެ. ގާނޫނުއަސާސީގައި ބުނެފައިވަނީ އެއްވެސް މީހަކަށް ރަހުމްކުޑަ، ލާއިންސާނީ، އިހާނެތިކަމެއް ނުކުރުމަށާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބެއް އެއްވެސް މީހަކަށް ނުދިނުމަށާއި އަދި އެއްވެސް މީހަކަށް އަނިޔާއެއް ނުކުރުމަށެވެ.