ޕްރައިމަރީއަކާ ނުލައި ރިއާސީ ޓިކެޓް ދިނުން، މައްސަލައެއްތަ؟

ސިޔާސީ ޕާޓީގެ ނިޒާމު ރާއްޖެ އަށް ތައާރަފްވުމަށް ފަހުގައި، ޕާޓީގެ ފަރާތުން ވެރިކަމަށް ވާދަކުރާނެ މީހުން ކަނޑައެޅުން އޮންނަނީ ޕާޓީގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އެއަށް މި ކިޔަނީ ޕްރައިމަރީ އެވެ. މިދިއަ ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ވެސް އަމަލުކުރީ އެ ގޮތަށެވެ.


ޑިމޮކްރެޓިކް ހަމަތަކާ އެކު ރިއާސީ ނިޒާމަށް ވެރިކަން ކުރާ ގައުމުތަކުގައި ވެސް ޕްރައިމަރީ އަކީ އިންތިޚާބުގެ ވަރަށް މުހިންމު އުސޫލެކެވެ. ރިއާސީ އިންތިހާބު ބޭއްވުމުގެ އެތައް މަހެއް ކުރިން މުޅި ގައުމުގައި ޕްރައިމަރީ ބާއްވައި، އެ ޕާޓީއެއްގެ އެންމެ މަގުބޫލު ކެންޑިޑޭޓަކީ ކޮބައިތޯ ބަލަ އެވެ. އެމެރިކާގައި ވެސް ޕްރައިމަރީގެ ވާދަވެރިކަން އެންމެ ބޮޑުވަނީ، އެ ދުވަސްވަރަކު ވެރިކަމުގައި ހުންނަވާ ބޭފުޅެއްގެ ދެ ވަނަ ދައުރު ހަމަވާއިރު ބާއްވާ އިންތިޚާބާ ދިމާކޮށެވެ.

ރާއްޖޭގައި ދެން އެންމެ އަވަހަށް ބާއްވާ ރިއާސީ އިންތިޚާބު 2018 ގައި އޮންނަ އިރު، އިތުރު ދައުރަކަށް ކުރިމަތިލެއްވުމުގެ ފުރުސަތު މިހާރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީނަށް އޮންނާނެ އެވެ. އެހެންކަމުން 2018ގެ ރިއާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާނީ ރައީސް ޔާމީންތޯ ނުވަތަ އެހެން ބޭފުޅަކުތޯ ކަނޑައަޅަން ޖެހެ އެވެ.

އެއް ބަޔަކު ގަބޫލުކުރާ ގޮތުގައި، ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް އިތުރު ދައުރެއްގެ ފުރުސަތު، ޕްރައިމަރީއަކާ ނުލައި ފަހިކޮށްދޭން ޖެހެ އެވެ. ޕާޓީގެ އަސާސީ ގަވާއިދުގެ އެންމެ މާއްދާއަކަށް ބުރަވާ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ޕްރައިމަރިއަކާ ނުލައި ކެންޑިޑޭޓަކު އައްޔަންކުރުމަކީ ޑިމޮކްރެޓިކް ހަމަތަކާ ޚިލާފު ކަމެކެވެ.

ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދިނުމުގެ ބަހުސް ފެށުނީ ޕާޓީގެ ކައުންސިލްގެ ގިނަ އަދަދެއްގެ މެމްބަރުން އެގޮތަށް ހަމަޖައްސަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދެންނެވުމުންނެވެ. އެކަމަކު ކުރީގެ ރައީސް އަދި ރައީސް ޔާމީންގެ ބޭބޭފުޅު މައުމޫން އެގޮތަކަށް ތާއީދެއް ނުކުރައްވަ އެވެ. ކައުންސިލް މެމްބަރުންނަށް އެމަނިކުފާނު ފޮނުއްވި އެސްއެމްއެސްގައި ވިދާޅުވީ ޕާޓީގެ ޑިމޮކްރެޓިކް އުސޫލުތަކުގެ ބޭރުން ކަމެއް ކުރައްވަން އެމަނިކުފާނުގެ އަރިހުގައި ނުދެންނެވުމަށެވެ.

ރައީސް ޔާމީން މެލޭޝިޔާ އިން މާލެ ވަޑައިގެން ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާ (ވ) ސަލާމް ކުރައްވަނީ. ޕްރައިމަރީއަކާ ނުލައި ދެ ވަނަ ދައުރަކަށް ޓިކެޓް ދިނުމަށް ދުންޔާ ވެސް ތާއީދުކުރައްވާ. -- ފޮޓޯ: ރައީށް އޮފީސް

އެކަމަކު ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންގެ ނަޒަރުގައި ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވަން ޖެހެ އެވެ. ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ސިފަކުރެއްވި ގޮތުގައި މިދިއަ ދޭއް ބައި އަހަރުގެ ތެރޭގައި ރައީސް ޔާމީން ވަނީ އޭ ރިޕޯޓެއް ހޯއްދަވައިފަ އެވެ. އެހެންކަމުން އެމަނިކުފާނަށް ރިޔާސީ ޓިކެޓް ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީން އެމަނިކުފާނުގެ ޒިންމާ ވަރަށް ފުރިހަމައަށް އެބަ އަދާކުރައްވާ. ވައުދުތައް އެބަ ފުއްދަވާ. ރާއްޖެ މިއަދު މިދެކޭ މި ތަރައްގީ އަށް އެކަނި ބަލާލާފައި ވެސް، ރައީސް ޔާމީނަށް ޕްރައިމަރީއަކާ ނުލައި ޕާޓީގެ ޓިކެޓު ހައްގުވޭ. އެމަނިކުފާނު އެވަނީ ދެ އަހަރާ ބައިގެ މުއްދަތުގައި އޭ ރިޕޯޓެއް ހޯއްދަވާފައި. ކުލާހަކުން ކޮމާންޑެޑް ރިޕޯޓެއް ހޯދީމާ ޖެހޭނެ އަނެއް ކުލާހަށް ޕްރޮމޯޓްވާން،" ނިހާން ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕާލެމަންޓަރީ ގްރޫޕްގެ ނައިބް ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވީ ދެ ވަނަ ދައުރަކަށް ވާދަކުރެއްވެންޏާ ރައީސް ޔާމީނަށް ޓިކެޓް ދޭން ޖެހޭ ކަމަށެވެ.

"މިހާރު ރައީސް ޔާމީން ހުންނެވީ 2018 ގައި ވާދަކުރައްވަން ތައްޔާރަށް. ރައީސް ޔާމީން ދެ ވަނަ ދައުރަކަށް ކުރިމަތިލައްވަން ހުންނެވިއްޔާ އިތުރު މީހަކަށް އެ ފުރުސަތު ދޭކަށް މި ޕާޓީގެ އެއްވެސް މީހަކު ބޭނުމެއް ނުވާނެ،" ރިޔާޒު ވިދާޅުވި އެވެ.

"ދެ ވަނަ ދައުރެއްގައި ވާދަކުރެއްވުމަށްޓަކައި ޕްރައިމަރީއަކަށް ދާން ޖެހޭ ގޮތަށް އޮވެއްޖެއްޔާ އެއީ ޑިމޮކްރެޓިކް އެހެން މުޖްތަމައުތަކުގައި މީހުން ކުރާ ކަމެއް ނޫން. އެ ގޮތަށް ޕްރައިމަރީ ބާއްވަން ޖެހޭ ކަމަށް އަސާސީ ގަވާއިދުގައި އޮތިއްޔާ އެ ޖެހޭނީ ބަދަލުކުރަން."

އޭނާ ވިދާޅުވި ގޮތުގައި މިހާރު ދިމާވެގެން މި އުޅެނީ ޕީޕީއެމް އުފެއްދި އިރު ވިސްނިފައި ހުރި ކަންތަކެއް ވެސް ނޫނެވެ.

"އެއީ ޕީޕީއެމް ވެރިކަމުގައި ނުވެސް ނެތީސް ހަދާފައި އޮތް އެއްޗެއް،" އޭނާ ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމާ ބެހޭ ގޮތުން ކައުންސިލްގެ މެމްބަރުން ވިސްނާކަށް ވެސް ނުޖެހެ އެވެ.

"ޕާޓީގެ ރައީސްގެ އިސްނެންގެވުމުގެ ދަށުން ތި މައްސަލަ ކައުންސިލަށް އެޖެންޑާ ކޮށްގެން އެ ގޮތަށް ނިންމަން ޖެހޭނެ ކަމެއް އެއީ. ތިއީކީ މާ ބޮޑު ބަހުސަކަށް ދާން ޖެހޭ ވެސް ކަމެއް ނޫން،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕްރައިމަރީއަކުން ވާދަކޮށްގެން ވިޔަސް، ރައީސް ޔާމީން މިހާރު ރާއްޖެ ތަރައްގީ ކުރައްވަމުން އެ ގެންދަވާ ގޮތަށް ތަރައްގީ ކުރެވޭނެ އެކަކު ވެސް އެ ޕާޓީގެ ތެރެއަކު ނެތެވެ.

"މުޅި ދިވެހިރާއްޖޭން ވެސް ނެތް ރައީސް ޔާމީން ވަރުގެ ލީޑަރެއް ނެގޭކަށް. ދެން ކިހިނެއް އަދި ޕީޕީއެމްގެ ތެރޭގައި ޕްރައިމަރީއެއް ބާއްވައިގެން އެ ވަރުގެ ލީޑަރެއް ހޯދާނީ؟ އެހެންވީމާ ޕީޕީއެމަކު ނެތް ރައީސް ޔާމީނާ ވާދަކޮށްގެން ރައީސް ޔާމީން އެ ގެނެސްދެއްވާ ކުރިއެރުމާއި އެ ތަރައްގީ އާއި އެ އިގްތިސާދު އެ ގޮތަށް ގެނެސްދެވޭނެ މީހެއް ފެންނާކަށެއް،" ރިޔާޒް ވިދާޅުވި އެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދުގެ މާއްދާތައް ތަރުތީބުކޮށްފައި ހުރި ގޮތަށް ބަލާއިރު، ޕްރައިމަރީއަކާ ނުލައި ދެ ވަނަ ދައުރަކަށް ވާދަކުރެއްވުމުގެ ޓިކެޓް ރައީސް ޔާމީނަށް ދޭން ހުރަހެއް ނާޅަ އެވެ. އަދި އެއީ ޕާޓީގެ ޑިމޮކްރެޓިކް ހަމަތަކާ ޚިލާފު ކަމެއް ވެސް ނޫނެވެ.

އޭ ލެވެލްގެ ގަދަ ދިހެއްގެ ދަރިވަރުންނަށް އިނާމު ދޭން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ: 2018 ގެ އިންތިހާބުގައި ވާދަކުރައްވަން ބޭނުންފުޅުވޭ

ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން ނަމަ، ރިއާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ވާނީ އެކަމަށް ކުރިމަތިލާ މީހުންގެ މެދުގައި ބާއްވާ ޕްރައިމަރީގައި އެންމެ ގިނަ ވޯޓު ލިބޭ މީހެކެވެ.

ޕީޕީއެމްގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ފުރަތަމަ ދައުރު ފުރިހަމަކޮށް ނިމޭ އިރު ބާއްވާ އިންތިހާބުގައި، އަމަލުކުރާނެ ގޮތް އޮތީ އެހެން މާއްދާއެއްގަ އެވެ. އެ މާއްދާގައި ބުނެފައި ވަނީ، ޕީޕީއެމްގެ ޓިކެޓްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެ، ފަސް އަހަރުގެ ދައުރެއް އަދާކުރައްވާ ބޭފުޅަކު، ދެ ވަނަ ދައުރަކަށް ޕާޓީގެ ޓިކެޓްގައި ވާދަކުރައްވަން އެދިވަޑައިގަންނަވާ ނަމަ، ޕްރައިމަރީއެއް ނުބާއްވައި އެ ބޭފުޅަކަށް ޓިކެޓް ދެވިދާނެ ކަމަށެވެ.

މި މާއްދާ ލިޔެފައި ވަނީ، ވެރިކަމުގައި ހުންނަވާ ބޭފުޅަކު ދެ ވަނަ ދައުރަކަށް ވާދަކުރެއްވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގަސްދުގަ އެވެ. އެ ފުރުސަތު ދެވިދާނެ ކަމުގެ އެންމެ ބޮޑު އަނެއް ހެއްކަކީ، ވެރިކަމުގައި ހުންނެވި ބޭފުޅާއާ ވާދަކޮށް، ޓިކެޓް ހޯދަން އިތުރު ބަޔަކު ޝައުގުވެރިކަން ފާޅު ކުރިޔަސް، ޕްރައިމަރީއެއް ބޭއްވުން ލާޒިމު ނުވުމެވެ. އޭގެ ބަދަލުގައި އެފަދަ ހާލަތުގައި ޕާޓީގެ ކޮންގްރެސްގެ ބައްދަލުވުމެއް ބާއްވައި ޕްރައިމަރީއެއް ބާއްވާނީތޯ ނުވަތަ ނުބާއްވައި، އެއިރަކު ވެރިކަމުގައި ހުންނެވި ބޭފުޅަކަށް ޓިކެޓް ދޭނީތޯ ކަނޑައަޅާނީ އެވެ.

ޕްރައިމަރީއެއް ބާއްވަން ޖެހޭނީ، ޕްރައިމަރީ ބާއްވަން ފެންނަ ކަމަށް ކޮންގްރެސްގެ ބައްދަލުވުމުން ފާސްކޮށްފި ނަމަ އެވެ. އެހެންކަމުން ޕީޕީއެމްގެ އަސާސީ ގަވާއިދު ވެސް އެކުލަވާލާފައި ވަނީ، އެ ޕާޓީގެ ޓިކެޓްގައި އިންތިޚާބުވެފައި ހުންނެވި ބޭފުޅަކު ވެރިކަމުގައި ހުންނެވި ނަމަ، ޕްރައިމަރީއަކާ ނުލައި ދެ ވަނަ ދައުރަކަށް ކުރިމަތިލުމުގެ ފުރުސަތު ދޭން ބާރު އަޅައިފަ އެވެ.

ޕީޕީއެމްގެ ރައީސް މައުމޫން ނޫން ބޭފުޅަކު ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދެއްވަން އަދި ދެކޮޅެއް ނުހައްދަވަ އެވެ. އެކަމަކު ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދެއްވުމަށް އެދި މައުމޫނަށް ފޮނުވި ލިއުމުގައި ކައުންސިލްގެ 33 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރަކު ސޮޔެއް ނުކުރެ އެވެ. ސޮއިކުރި 29 މެމްބަރުންގެ ތެރޭގައި މައުމޫންގެ ބޭފުޅުން ކަމަށްވާ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ހިމެނިވަޑައިގަނެ އެވެ.

ހަގީގަތުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަކުން މައްސަލައެއް ނެތެވެ. އެކަމަކު އެގޮތަށް އަމަލްކުރައްވަން ޕާޓީގެ ރައީސް މައުމޫން އަދި ބޭނުންފުޅު ނުވާތީ ޕާޓީގެ އެތެރޭގައި ދެން ވާނެ ގޮތަކާ މެދު މިހާރު މި އޮތީ ސުވާލު އުފެދިފަ އެވެ.