އިންތިޚާބު ކާމިޔާބުކުރީ ކޮން ބައެއް؟

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ނަތީޖާ އިލެކްޝަން ކޮމިޝަނުން އަދި އިއުލާން ނުކުރިޔަސް ޕާޓީތަކާއި މީޑިއާ އިން ދަނީ ނަތީޖާތައް ހާމަކުރަމުންނެވެ. އެކަމަކު ސިޔާސީ ދެ ފަޅިން ހާމަކުރާ އަދަދުތަކުގެ ފަރަގު ހައިރާންވާހާ ބޮޑެވެ. ކޮންމެ ބަޔަކު ވެސް ކިޔަނީ، އިންތިޚާބު ކާމިޔާބުކުރީ އެ ބަޔަކުކަން ދައްކައިދޭ އަދަދުތަކެކެވެ.


އިންތިޚާބުގެ ނަތީޖާ ހޮނިހިރުދުވަހުގެ ރޭ އަންނަން ފެށި އިރު، އެއް ކަމެއް ވަރަށް ސާފެވެ؛ އާބާދީ އެންމެ ބޮޑު ތިން ސަރަހައްދުގެ އަޣުލަބިއްޔަތު، ވަރަށް ބޮޑު ތަނުން، ހޯދީ އިދިކޮޅު އެމްޑީޕީ އެވެ. އެއާ އެކު، އެ ޕާޓީ އާއި ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ވަނީ، ޖުމްލަ ގޮނޑީގެ އަދަދާއި ވަކިވަކި ވޯޓުން ވެސް، އިންތިޚާބު ކާމިޔާބުވެއްޖެކަން އިއުލާންކޮށްފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ހޮނިހިރުދުވަހު މީހަކު ވޯޓުލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ހިސާބުން ފެށިގެން ސަރުކާރުގެ ސަޕޯޓަރުންގެ އަޑު މަޑުވަމުން ގޮސް، އާދީއްތަ ދުވަހުގެ މެންދުރާ ހަމައަށް ސޯޝަލް މީޑިއާގައި އެ މީހުން ވަރަށް ބޮޑަށް ހިމޭންވި އެވެ. އެކަމަކު ވަރަށް ހެނދުނާ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ޓްވިޓާގައި ވިދާޅުވީ، ދެބައިކުޅަ އެއްބައި ވޯޓު ގުނާ ނިމުނު އިރު، ކައުންސިލްތަކުގެ ގިނަ ގޮނޑި ކާމިޔާބުކުރީ ޕީޕީއެމުން ކަމަށެވެ. އަދި މިއީ އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުންނާ ގިނިކަންޏާ ވާދަކުރައްވައި ރައީސް ޔާމީން ހޯއްދެވި ކާމިޔާބީއެއްގެ ގޮތުގައި ޝައިނީ ސިފަކުރެއްވި އެވެ. އޭގެ ފަހުން ވެސް އޭނާ ވަނީ ޓްވީޓެއްގައި ރައީސް ޔާމީނަށް މަރުހަބާ ވިދާޅުވެފަ އެވެ.

އެކަމަކު އިދިކޮޅު އެމްޑީޕީން ނެރުނީ ޝައިނީގެ އެ ވާހަކައާ މެދު ހައިރާންވާ ވަރުގެ ބަޔާނެކެވެ. އޭގައި އޮތީ ބޮޑު ތަފާތަކުން އިންތިޚާބު އެމްޑީޕީން ކާމިޔާބުކޮށްފައިވާ ކަމަށާއި ސަރުކާރުގެ ޚުދުމުޚުތާރުކަމާއި ބޭއިންސާފާއި ހައްގުތައް ނިގުޅައިގަތުމާ ދެކޮޅަށް ރައްޔިތުން ވޯޓު ދީފި ކަމަށެވެ. އޭގެ ކުރިން ވެސް ނިއުސް ކޮންފަރެންސެއް ބާއްވައި އެމްޑީޕީން ވަނީ "ދިވެހި ރައްޔިތުން އެވަނީ ބޮޑުކޮށް ރައީސް ޔާމީނަށް ނޫނެކޭ ބުނެފައި"ކަން ފާހަގަކޮށްފަ އެވެ.

އިންތިޚާބުގެ ނަތީޖާއާ ގުޅޭ ގޮތުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު (ވ) އާއި ނައިބު ރައީސް މުހައްމަދު ޝިފާޒް (ކ) ހޮނިހިރުދުވަހުގެ ރޭ ނޫސްވެރިންނާ ބައްދަލުކުރައްވަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު

އިންތިޚާބަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކޮށް ޕީޕީއެމުން ބުނީ އެ ޕާޓީ އަށާއި އެމްޑީއޭ އަދި ޑީއާރުޕީ އަށް ލިބުނީ "ވަރަށް ފުރިހަމަ ކާމިޔާބީއެއް" ކަމަށެވެ. ޕީޕީއެމްގެ ނާއިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ޕާލަމެންޓްރީ ލީޑަރު އަހުމަދު ނިހާން އިއުލާންކުރެއްވީ، ސަރުކާރު ކޯލިޝަނުން ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވާ ކަން ދައްކައިދޭ ނަތީޖާއެކެވެ. އެއީ ސަރުކާރަށް 219 އަދި އިދިކޮޅު އެމްޑީޕީ/ޖޭޕީ އަށް 206 އެވެ. މިކަމާ މެދު އިދިކޮޅު ފަރާތްތަކުން ރޭ ހައިރާންކަން ފާޅުކޮށް، ބުނެފައި ވަނީ އެއީ ނުބައި މައުލޫމާތެއް ކަމަށާއި ޕީޕީއެމުން އެހެން ބުނާތީ ކަންބޮޑުވާ ކަމަށެވެ.

ނިހާން (ކ) އާއި ޒަމީރު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ހުސެން ވަހީދު/ މިހާރު

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ބޭނުންވާ "50 ޕަސެންޓް އަދި އެކެއް ވެސް ލިބިއްޖެ" ކަމަށް ޕީޕީއެމުން ބުނެ އެވެ. އެކަމަކު އެމްޑީޕީން އިއުލާންކޮށްފައި ވަނީ ގިނަ ވޯޓު ލިބުނީ އެ ޕާޓީ އަށް ކަމަށެވެ.

ބެލެވޭ ގޮތުގައި ޕީޕީއެމުން ބުރަވަނީ ސަރުކާރުގެ ޕްރޮޕެގަންޑާ ފަތުރާ ދައުލަތުގެ މީޑިއާ ޕީއެސްއެމް އާއި ސަރުކާރު ކޮޅަށް ބުރަވާ އެހެން މީޑިއާތަކުގެ ނަތީޖާތަކަށެވެ. އެކަމަކު އެ ނަތީޖާތަކުގައި ވަރަށް ބޮޑެތި މައްސަލަތަކެއް އެބަ ހުއްޓެވެ. މިސާލަކަށް، ޕީއެސްއެމްގެ ވެބްސައިޓުން ފެންނަނީ ސިޓީ ކައުންސިލްތަކުގެ ހަތަރު ގޮނޑި ޕީޕީއެމުން އަދި އެއް ގޮނޑި ޑީއާރުޕީން ކާމިޔާބުކޮށްފައިވާ ކަމަށެވެ. އެކަމަކު، ވޯޓުލީ މަރުކަޒުތަކުގައި އިއުލާންކުރި ނަތީޖާތަކުން އެނގިފައިވާ ގޮތުގައި، މާލެ އާއި ފުވައްމުލަކުން ޕީޕީއެމް އަށާއި ޑީއާރުޕީ އަށް ލިބުނު ދެ ގޮނޑި ފިޔަވައި ސިޓީ ކައުންސިލްތަކުގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އެމްޑީޕީންނެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ވަރަށް އަވަހަށް ނަތީޖާ ގެންނާނެ ކަމަށް ބެލެވުނު ނަމަވެސް ބޮޑެތި ސަރަހައްދުތަކުން އެމްޑީޕީ ކުރި ހޯދަން ފެށުމާ އެކު، ނަތީޖާ ފޮނުވުން ލަސްވި އެވެ. ކޮންމެ ވޯޓު ފޮއްޓެއްގެ ދަށުގައި މީހަކު ހުންނާނެ ކަމަށް ޕީއެސްއެމުން ކުރިން ބުނުމުން، ބައެއް މީހުން ގަބޫލުކުރީ، ނަތީޖާ ވަރަށް އަަވަސް ވާނެ ކަމަށެވެ. ނަމަވެސް ސަރުކާރު ބުނިހާ ގޮތަކަށް ހިންގަމުން އަންނަ ދައުލަތުގެ މީޑިއާގެ އަމަލްތައް ހުރީ އަވަހަށް ނަތީޖާ ގެނެސްދޭން ބޭނުން ނުވާ ފަދަ ގޮތަކަށެވެ.

އިދިކޮޅު ޕާޓީތަކުގެ ކޮޅަށް ޖެހިފައިވާ ރާއްޖެ ޓީވީ ފަދަ މީޑިއާތަކުގެ ނަތީޖާތަކުން ފެންނަނީ ޕީއެސްއެމްއާ މުޅިން ތަފާތު މަންޒަރެކެވެ. އެއީ، ބެހެއްޓި 422 ވޯޓު ފޮށީގެ ތެރެއިން މިހާތަނަށް ގުނާފައިވާ 319 ފޮށީގެ ނަތީޖާ އަށް ބަލާ އިރު:

- އެމްޑީޕީ/ޖޭޕީ 321 ގޮނޑި

- ޕީޕީއެމް/އެމްޑީއޭ/ޑީއާރުޕީ - 163 ގޮނޑި

- މިނިވަން - 101 ގޮނޑި

މި ނަތީޖާ އަށް ބަލާ އިރު، 103 ވޯޓު ފޮށި ނުލައި، އިދިކޮޅު ޕާޓީތައް އުޅެނީ ސަރުކާރު ކޯލިޝަނަށް ވުރެ 158 ގޮނޑި ކުރީގަ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ "ސަން"ގެ ނަތީޖާތައް ރާއްޖެ ޓީވީގެ ނަތީޖާތަކާ ދާދި އެއްގޮތެވެ.

އެކަމަކު ސައްހަ އަދަދުތަކަކީ ކޮބައިކަން ކަށަވަރުކުރެވޭނެ ގޮތެއް އަދި ނެތެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު މެންދުރު ފަހު ވަގުތީ ނަތީޖާ އިއުލާންކުރަން ފަށާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.