ބަންގުލަދޭޝް މަސައްކަތު މީހުންގެ ވިސާ ރިޝްވަތުގެ ތެރެއިން؟

ބަންގުލަދޭޝް މަސައްކަތްތެރިން ރާއްޖެއަށް ގެންނަ އެއް ސަބަބަކީ އެ މީހުންނަށް ދޭން ޖެހޭ މުސާރަ ކުޑަ ވުމެވެ. އާންމުކޮށް އެ މީހުންގެ މުސާރަ އުޅެނީ 150 ޑޮލަރާއި 200 ޑޮލަރާ ދޭތެރޭގަ އެވެ. އެއީ ރާއްޖެ އަންނަ އެންމެ އަގުހެޔޮ މަސައްކަތު މީހުންނެވެ. އަވަށްޓެރި އިންޑިއާގެ ލޭބަރެއްގެ މުސާރަ 400 ޑޮލަރަށް އަރާއިރު ބަންގުލަދޭޝް މަސައްކަތު މީހުން ގެނެސްގެން ނޫނީ ދެކޮޅު ނުޖެއްސޭ ކަމަށް ކުންފުނިތަކުން ބުނެއެވެ.


މިދިޔަ އަހަރުގެ ނޮވެމްބަރު 6 އިން ފެށިގެން ބަންގުލަދޭޝްގެ މަސައްކަތު މީހުން ރާއްޖެ ގެންނަން އާންމުކޮށް އިމިގްރޭޝަނުން ވިސާ ދުލެއް ނުކުރެ އެވެ. އިއުލާންކޮށްފައި ވަނީ ބަންގުލަދޭޝް މަސައްކަތު މީހުން އާންމުކޮށް ގެނައުން މަޑުޖައްސާލީ ކަމަށެވެ. ހަމައެކަނި ކޯޓާ ދެނީ ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކަށާއި ޓޫރިޒަމް ދާއިރާ އަށް އެކަންޏެވެ.

ބޮލަކަށް އެތައް ހާސް ރުފިޔާއެއްގެ ރިޝްވަތު!

ބަންގުލަދޭޝް މަސައްކަތު މީހުންނަށް ވިސާ ދިނުން ހުއްޓުމާ އެކު ޕްރޮޖެކްޓްތައް ހުއްޓި އެތައް އެޖެންސީއަކުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ އެވެ. ހާއްސަކޮށް ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވި އެވެ. އެންމެ ފަހުން ވިސާ ހޯދުން ކޮރަޕްޝަންގެ ތެރެއިން މިވަނީ ކުރަން ފަށައިފަ އެވެ.

ބައެއް މީހުން ބުނާ ގޮތުގައި ބަންގްލަދޭޝްގެ މަސައްކަތު މީހަކަށް އިތުރަށް އެތައް ހާސް ރުފިޔާއެއް ދައްކަން ޖެހެ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެއީ އިމިގްރޭޝަންގެ ތެރެއިން "ވިސާ ގަތުމެ"ވެ.

"މިހާރު ބަންގުލަދޭޝްއިން މީހަކު މި ގެންނަން ޖެހެނީ 6،000 ރުފިޔާ އާއި 8،000 ރުފިޔާއާ ދޭތެރޭ އަދަދެއް އިތުރަށް ދީގެން. އެއީ އަދި ޑިޕޮސިޓަށް ދައްކާ ރުފިޔާގެ އިތުރުން ދޭ އެއްޗެއް. އެ ނުދީ ނުގެނެވޭ،" ބިދޭސީން އެތެރެކުރާ އެޖެންސީއެއްގެ މީހަކު، ނަން ހާމަނުކުރާ ގޮތަށް، ބުންޏެވެ.

އެކަން އެގޮތަށް ހިނގާކަން އެތައް އެޖެންސީއަކުން ވަނީ ބުނެފަ އެވެ. އަދި ނުފޫޒު ގަދަ ކުންފުނިތަކުން އިމިގްރޭޝަން ބައެއް މުވައްޒަފުންނަށް ރިޝްވަތު ދިނުމަށް ފަހު ބަންގުލަދޭޝް މަސައްކަތު މީހުން ގެންނަ ކަމަށް އެޖެންސީތަކުގެ ބައެއް މީހުން ކިޔައިދިނެވެ.

އިމާރާތްކުރުމުގެ މަސައްކަތުގައި ބޭރު ބަޔަކު ހަރަކާތްތެރިވަނީ: ބަންގްލަދޭޝް އިން މަސައްކަތު މީހުންނަށް އާންމުކޮށް ވިސާ ދޫކުރުން ވަނީ ހުއްޓާލާފައި

"ނަމެއްގައި ހުއްޓާލާފައި. އެކަމަކު ބަރާބަރަށް [ބަންގުލަދޭޝް އިން މީހުން] އެތެރެކުރޭ. މި ނަގަނީ ރިޝްވަތެއް. ފިހާރައަކަށް ނުވަތަ ފަހާތަނަކަށް މީހަކު ގެންނަން ބޭނުންވާ މީހުންނަށް ނެތް ދެއްތޯ ފުރުސަތެއް. އެކަމަކު ލާރި ހުރި މީހުންނަށް އެބަ އޮތް،" އެއް އެޖެންސީއެއްގެ އިސް މީހަކު ބުންޏެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންއިން ބަންގުލަދޭޝްގެ ވެރިރަށް ޑާކާ އާއި ރާއްޖެއާ ދެމެދު ސީދާ ފުލައިޓްތައް އަޅާއިރު އެ ފުލައިޓްތަކުން ގިނަ އަދަދެއްގެ ބަންގުލަދޭޝް މަސައްކަތު މީހުން މިހާރު ވެސް ރާއްޖެ އާދެ އެވެ. އެކަމަކު އެއީ، މައުލޫމާތު ހުރި ބައެއް މީހުން ބުނާ ގޮތުގައި، ސަރުކާރުގެ މަޝްރޫއުތަކަށާއި ޓޫރިޒަމް ދާއިރާ އަށް ހަމައެކަނި ގެންނަ ބައެއް ނޫނެވެ.

އާންމުކޮށް ބަންގުލަދޭޝް މަސައްކަތު މީހުންނަށް ވިސާ ދިނުން ހުއްޓާލި ފަހުން ރާއްޖެއަށް 2000 އަށް ވުރެ ގިނަ ލޭބަރުން އެ ގައުމުން އެތެރެވެފައިވާ ކަމަށް ވެއެވެ.

އޮންލައިން ސިސްޓަމް ތެރެއިން ނުގެނެވޭ

ބަންގުލަދޭޝް އިން ރާއްޖެ އަންނަ މަސައްކަތު މީހުންނަށް ރާއްޖެ އެތެރެވެވޭނީ، އަލަށް އަމަލްކުރަން ފަށާ މޯލްޑިވްސް އިމިގްރޭޝަން ޑިޕާޗާ ސްކްރީނިން ސިސްޓަމްގެ ދަށުން، އެޖެންސީތަކެއް މެދުވެރިކޮށް ސްކްރީންކޮށްގެން ކަމަށް މޯލްޑިވްސް އިމިގުރޭޝަނުން ބުނެ އެވެ. އެކަން ކުރުމަށް ބަންގުލަދޭޝްއިން އެޖެންސީތަކެއް ކަނޑައަޅައި ދިވެހި އިމިގްރޭޝަންގެ މުވައްޒަފުންނާ އެކު އަންނަނީ މަސައްކަތްކުރަމުންނެވެ.

އެ އުސޫލަށް އަމަލުކުރަން ފަށަން ބުނި ތާރީހު ފަހަނައަޅައި އެތައް ދުވަހެއް މިހާރު ވެއްޖެ އެވެ. ނަމަވެސް އެކަމެއް ނުއެއް ފެށެއެވެ.

އޮންލައިން ސިސްޓަމަށް އެޖެންސީތައް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ދެ ކުންފުންޏަކަށް އެ ސިސްޓަމް ބޭނުންކުރުމުގެ ފުރުސަތު ވެސް ވަނީ ދީފަ އެވެ. ނަމަވެސް އެސިސްޓަމްގެ ތެރެއިން އަދި ބިދޭސީން ނުގެނެވޭ ކަމަށް އެޖެންސީތަކުން ބުނެއެވެ.

އިމިގްރޭޝަނުން ދޮގުކުރޭ

އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ހަލީލް ވިދާޅުވީ ބަންގުލަދޭޝް މަސައްކަތްތެރިން ގެނައުމުގެ ހުއްދަ ދެމުން އަންނަނީ ސަރުކާރުން ހިންގާ ބޮޑެތި ޕުރޮޖެކްޓްތަކަށް އެކަންޏެވެ. އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ރިޝްވަތު ހިފައިގެން ވިސާ ދޭ ވާހަކައަކީ ދޮގެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު މި މައްސަލާގައި އިތުރަށް ވާހަކަ ދައްކާކަށް އިމިގްރޭޝަނުން ބޭނުމެއް ނުވެއެވެ.

މިހާރު ކަނޑައަޅާފައިވާ އުސޫލުގެ ބޭރުން ބަންގުލަދޭޝް މަސައްކަތު މީހުން ގެންނަކަން އެއީ ހަގީގަތެކެވެ. ނަމަވެސް އެ ގައުމުން ލޭބަރުން ގެންނަން ބޭނުން އެންމެންނަށް އެފުރުސަތެއް ނުލިބެއެވެ. ނަތީޖާއަކީ ފައިސާ ހުރި މީހުންގެ ބާރުގަދަވުމެވެ.