އަހަރެމެންނަށް ފަޅުރަށެއް ވެސް، ތުނޑިއެއް ވެސް ނެތް!

ބ. ކެންދުއާ ޖެހިގެން ކަހަލަ ގޮތަކަށް އޮތް ކުޑަކުޑަ ފަޅުރަށުގެ އެ ރީތި ތުނޑި އެވެ.


އޮއްސެމުން ދިޔަ އިރުގެ ކުލަ ދޯދިތައް ފެތުރެމުން ދިޔަ ވަގުތެވެ.

ވަށައިގެން އޮތް ސާފު ކަނޑާއި، ނޫ އުޑުން ދައްކާލާ ހިތްގައިމު މަންޒަރެވެ.

ބޮޑުވަމުން ދިޔަ ދިޔަވަރުގައި ގޮނޑު ދޮށަށް ބީއްސާލި ރާޅުތަކެވެ.

ކުޑަ އިރުކޮޅަށް ވަގުތު ހުއްޓުނު ކަހަލަ އެވެ. ގެމެންދޫގެ ތުނޑިމަތީގައި، އެ މަޑު ފަސްގަނޑު ތެރެއަށް ފައި ކޮއްޕާލައިގެން ހުރެވުނީ އެވެ. ސޯޅަ ވިލޭރޭގެ ހަނދު އަރާކަށް ގިނަ ވަގުތެއް ނެތެވެ. އެ ހަނދުވަރުގައި ރޭގަނޑުގެ ކެއުމަށް މަސް ފިހަން، ކެންދޫގެ ޒުވާނުންގެ ދެ ގްރޫޕެއް ތުނޑީގެ ދެ ފަރާތުގައި އަލިފާން ރޯކޮށްގެން އުޅުނެވެ. އެއީ، އެ މީހުން ބުނާ ގޮތުން، އެ ރަށު ޒުވާނުންގެ އާދައެކެވެ.

އެތައް އަހަރެއް ވީ، އެތައް އުފަލަކާއި ހިތްހަމަޖެހުން ގެނެސްދިން އާދައެކެވެ.

އެކަމަކު ރައްޔިތުންގެ އެ އުފަލަށް ހުރަސް އެޅުމުގެ ފުރަތަމަ ފިޔަވަޅު ސަރުކާރުން މިހާރު އަޅައިފި އެވެ؛ ބޮޑު ކުއްޔަކަށް ގެމެންދޫ ދޫކޮށްލުމެވެ. ހުށަހެޅި ބިޑްތަކުގެ ތެރޭގައި 600،000ރ ގެ ކުއްޔެއް ވެސް ހިމެނެ އެވެ. މި އޮތް ހުރިހާ ދުވަހު ކެންދޫ ރައްޔިތުން ބޭނުން އިރަކު، ބޭނުން ދުވަހަކު، ދަތުރު ދެވެން އޮތް ރަށް މިހާރު އެ މީހުންނަށް އެ ގެއްލެނީ އެވެ. ރައްޔިތުންގެ އުފަލަށް ވުރެ ފައިސާގެ ދަހިވެތިކަން ސަރުކާރަށް މިހާރު މި އޮތީ ބޮޑުވެފަ އެވެ.

"އެރަށް ކުއްޔަށް ދިނުމުން މުޖުތަމައުގެ ހިތްހަމަޖެހުމުގެ ބައެއް ގެއްލުނީ،" ކެންދޫ ކައުންސިލްގައި ހިމެނޭ އެމްޑީޕީގެ މެމްބަރު އިބްރާހިމް އަބްދުއްރަހުމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 1300 މީހުންގެ އާބާދީއެއް އޮތް ކެންދޫ ރައްޔިތުންގެ އެ ހިތްހަމަޖެހުމަށް ހުރަސްއެޅޭ ގޮތަށް ގެމަންދޫ ކުއްޔަށް ދިނުމަކީ ކަންބޮޑުވުން އޮތް، ސީރިއަސް މައްސަލައެކެވެ.

ގެމެންދޫގެ އެއް ފަރާތު އާނުގަނޑު: މިއީ ވެސް ހިތްހަމަޖައްސާލެވޭ ކަހަލަ މަންޒަރެއް

އެކަމަކު މިއީ ހަމައެކަނި ކެންދޫ ރައްޔިތުންގެ އުފަލަށް އެޅޭ ހުރަހެއް ނޫނެވެ. އެހެން ބައެއް ރަށްރަށުގެ މީހުން ދަތުރު ގޮސް އުޅުނު ފަޅުރަށްތައް ވެސް ބޮޑު އަގުގައި ވަނީ ކުއްޔަށް ދޫކޮށްފަ އެވެ. އެމްޑީޕީ ސަރުކާރާއި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ވެސް ދިވެހި ރައްޔިތުންގެ ޗުއްޓީ އާއި އުފަލާ ގުޅިފައި ހުރި ރަށްރަށް ޓޫރިޒަމަށް ދޫކުރީ ދެވަނަ ވިސްނުމަކަށް ނުގޮހެވެ. މިހާރުގެ ސަރުކާރުން ވެސް ވަނީ އާންމުންގެ ހިތްހަމަޖެހުމަށް ބޭނުންކުރި އެތައް ރަށެއް އެކި ފަރާތްތަކަށް ދޫކޮށްލައިފަ އެވެ.

ވަހީދުގެ ސަރުކާރުގައި ރިސޯޓެއް ހަދަން ކުޑަބަނޑޮސް ކުއްޔަށް ދިނުމުން ރާއްޖޭގެ ވެރިން، އާންމު ރައްޔިތުންގެ އުފަލާ މެދު ވިސްނާ މިންވަރު އެ އޮތީ އެނގޭށެވެ. ކުޑަބަނޑޮހަކީ ރާއްޖޭގެ ވެރިރަށް އަދި އެންމެ އާބާދީ ބޮޑު ސަރަހައްދުގެ ގިނަ ބަޔަކު ކޮންމެ ބަންދު ދުވަހެއްގައި ވެސް ބޭނުންކުރަމުން އައި ތަނެކެވެ. އުމުރުން އެންމެ ފަހަރަކު ނަމަވެސް އެ ރަށަށް ނާރާ ހުންނާނީ، މާލޭގެ ރަށްވެހިންގެ ތެރެއިން، ވަރަށް މަދު ބައެކެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގެ ވެރިކަމުގައި ވެސް ސަރުކާރުން ފައިސާއަށް ޖެހުނު ކިތައްމެ އަހަރެއް ދިޔަ އެވެ. އެޑްވާންސަށް އެތައް މިލިއަން ޑޮލަރެއް ލިބޭ ގޮތަށް އެ ސަރުކާރަށް ވެސް އެ ރަށް ކުއްޔެއް ދެވެން އޮތެވެ. އެކަމަކު އަބަދުވެސް އިސްކަންދިނީ މާލޭގެ ރައްޔިތުން ޗުއްޓީ ހޭދަކޮށްލަން ދާ ތަނެއްގެ ގޮތުގައި އެރަށް ބޭއްވުން، ރިސޯޓަކަށް ބަދަލުކުރުމަށް ވުރެ އިޖުތިމާއީ ފައިދާ ބޮޑުކަމެވެ.

މިއަދު ކުޑަބަނޑޮހަކީ ރިސޯޓެކެވެ. މާލޭގެ ބައެއް އާންމުންނަށް ދަތުރު ދާން ލިބެން އޮތް ފޭދޫފިނޮޅުގައި ރިސޯޓެއް ހަދަން މި ސަރުކާރުން ވަނީ ދޫކޮށްލައިފަ އެވެ. އެކަމަކު އެގޮތަށް އާރަށް ކުއްޔަށް ނުދެވިގެން އުޅެނީ ކީއްވެގެންތޯ ސުވާލު އުފެދެ އެވެ. ރިސޯޓަކަށް ހަދަން އެރަށް ނަގާނެ ވިޔަފާރިވެރިން މަދެއް ނުވާނެ އެވެ.

ދިވެހިން ދަތުރު ދާން ބޭނުންކުރި އިރު ކުޑަބަނޑޮސް އޮތް ގޮތް: މިރަށް މިހާރު ވަނީ ރިސޯޓަކަށް ތަރައްގީކޮށްފައި

ރައީސުލްޖުމްހޫރިއްޔާގެ އާއިލާ އާއި ސަރުކާރުގެ އިސް ބޭފުޅުންގެ ހިތްހަމަޖެހުމަށް މާލެ ކައިރިން ފަޅުރަށެއް ބޭނުންވާ ކަމަށް ވަންޏާ އެތައް ހާސް އާންމު ދިވެހިންގެ އެ އެދުމެއް ނޯންނާނެތޯ، ސިޔާސީ ވެރިން އަމިއްލަ ނަފުސާ ސުވާލުކުރަން ޖެހެ އެވެ. ރައްޔިތުންގެ އުފަލަށް ސީރިއަސްކޮށް ވިސްނާ ލީޑަރުން ދެނެގަނެވޭނީ އިޖުތިމާއީ މިކަހަލަ ކަންކަމުގަ އެވެ. ނަމަވެސް ސަރުކާރުގެ ހަރަދު ބޮޑުވާ ވަރަކަށް މި ފެންނަނީ ރައްޔިތުންގެ އުފަލާ ގުޅުން ހުރި ހުރިހާ ވަސީލަތެއްގައި އަގެއް ޖަހާ، ނީލަން ކިޔާ ތަނެވެ. އާންމުންގެ ޝަކުވާ އަޑުއެހުމެއް ނެތެވެ.

ފަޅުރަށް ގެމެންދޫ ކުއްޔަށް ދޭ މައްސަލާގައި ކެންދޫ ކައުންސިލަރު އިބްރާހިމް ސުވާލެއް ކުރެއްވި އެވެ. ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކެންދޫ ކައުންސިލްގެ ބެލުމުގެ ދަށުގައި އެރަށް ނުބޭއްވޭނެ ހެއްޔެވެ؟

"އަޅުގަނޑުމެން މި ބުނާ ވާހަކަ އަކީ ދައުލަތަށް ދޭންވާ އެއްޗެއް ދެވިދާނެ ނޫންހޭ މި ރަށު ރައްޔިތުންގެ ބެލުމުގެ ދަށުގައި ބާއްވައިގެން ވެސް،" އިބްރާހިމް ވިދާޅުވި އެވެ.

"މާ ބޮޑަށް ވިޔަފާރީގެ އުސޫލުން ގެންދިޔައިމާ މުޖުތަމައުގެ ހިތްހަމަޖެހުމުގެ ބައެއް ގެއްލުނީ. ވަރަށް ކަންބޮޑުވޭ...ރައްޔިތުންނަށް އެއްވެސް މަންފާއެއް ނެތް."

"ތަރައްގީ ޔަގީން"ގެ ޝިއާރުގެ ދަށުން ސަރުކާރުގެ ބޮޑުންނާއި ސަޕޯޓަރުން ފަހުރުވެރިވާ އިރު އެ ތަރައްގީގައި ދިވެހި ރައްޔިތުންނަށް ރާއްޖޭގެ ރީތިކަމުން އުފަލެއް ހޯދޭނެ ފުރުސަތުތައް މިދަނީ ހަނިވަމުންނެވެ. ރަށްރަށާއި ފަޅުތަކާއި ފިނޮޅުތައް ބޮޑު އަގަށް ވިއްކާލަނީ، ކައިރީގައި އޮންނަ ރަށްރަށުގެ މީހުންގެ އިޖުތިމާއީ އާދަތަކަށް ވިސްނާލުމެއް ނެތި އެވެ. ރުޅިއަންނަ ބަޔަކު ރުޅިއަންނަންވީ އެވެ. މި ފަަހަރު ރުޅިއައިސްގެން އުޅެން މި ޖެހުނީ ކެންދޫ ރައްޔިތުންނަށެވެ.

ގެމެންދުއަށް އިރު އޮއްސެނީ: ދެން މި ރަށް ދާނީ ކޮންމެވެސް ވިޔަފާރިވެރިއެއްގެ އަތް ދަށަށް

"މިރަށު ރައްޔިތުންނަށް އެރަށަށް ނޭރޭ ގޮތެއް ނުހެދޭނެ. އެ މީހުން އެރަށަށް އަރާނެކަން ކުއްޔަށް ހިފާ ފަރާތުން ދަންނަން ޖެހޭނެ،" އިބްރާހިމް ވިދާޅުވި އެވެ.

އެކަމަކު ރަށް ކުއްޔަށް ހިފާ ފަރާތުން އެ ފުރުސަތު ނުދީފިއްޔާ ރައްޔިތުންނަށް ހެދޭނެ މާ ބޮޑު ގޮތެއް ނޯންނާނެ އެވެ. މިއީ ގައުމު ހިންގަވަން ތިއްބެވި ވެރިންގެ މައްސަލައެކެވެ. އެހެން ނޫން ނަމަ ރައްޔިތުންގެ ހިތްހަމަޖެހުމާއި އުފަލަށް ކުރަމުން އަންނަ ޕިކްނިކް ދަތުރުތަކަށް ރާއްޖޭގެ ސަރުކާރުތަކުން ހުރަހެއް ނާޅާނެ އެވެ.

ވަގުތު ހުއްޓުނުކަމުގެ އިހުސާސްކުރެވުނު ގެމެންދުއަށް ދެވުމަކީ ޗުއްޓީއެއްގައި ލިބުނު ވަރަށް ތަފާތު އުފަލެކެވެ. ރާއްޖޭގެ އާދަޔާ ހިލާފު ރީތިކަން އެ ހިމޭންކަމުގައި ދެކިލުމަކީ ވެސް ބިޒީ ދިރިއުޅުމުގެ ތެރެއަށް ދޫކޮށްލެވޭ ހިތްހަމަޖެހުމެކެވެ. އެކަމަކު ދިވެހިންނަށް އެ މީހުންގެ އަމިއްލަ ގައުމުގައި އެ ހިތްގައިމުކަމުގެ އުފާ ހޯދަން މިއަދު މިދަނީ ދަތިތައް ދިމާވަމުންނެވެ.

ރައްޔިތުންގެ އުފަލަށް ވުރެ ފައިސާގެ ދަހިވެތިކަން މި އޮތީ މާ ބޮޑުވެފަ އެވެ.