ޓޫރިސްޓުންގެ އަދަދުތަކުން ބުނެދޭ ހަގީގަތް

އަދަދުތަކުން ދައްކައިދެނީ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނަ ތަނެވެ. މި އަހަރުގެ މިހާތަނަށް 1.1 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ހަ ޕަސެންޓްގެ ކުރިއެރުމެކެވެ. އެއް ބަޔަކަށް މިއީ ހަމަ ރަނގަޅު ކުރިއެރުމެކެވެ.


އެކަމަކު ރާއްޖެއަށް ޓޫރިސްޓުން އަންނަ މައިގަނޑު މާކެޓްތަކަށް ބަލާއިރު، ޓޫރިޒަމް ދާއިރާގެ ބައެއް ފަރާތްތަކުން، ތިބީ އެހާ ހިތްހަމަޖެހިފައެއް ނޫނެވެ. އެ މާކެޓްތަކުން، އެ އެމީހުން ބޭނުންވާ ވަރުގެ ކުރިއެރުމެއް ނުފެންނާތީ، ކޮންމެވެސް ވަރެއްގެ ކަންބޮޑުވުންތަކެއް ވެސް އެބަ ހުއްޓެވެ. ހާއްސަކޮށް ޗައިނާ އާއި އިނގިރޭސިވިލާތުގެ މާކެޓަށް ލޮޅުންތަކެއް ވަނީ އަރައިފަ އެވެ.

ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ގިނަވަނީ ރަޝިއާ، އިޓަލީ، ސްވިޓްޒަލެންޑް އަދި ފްރާންސް ފަދަ ގައުމުތަކުގެ ޓޫރިސްޓުން މަޑުމަޑުން އިތުރުވާތީ އެވެ. އަދި ތުރުކީ، ސްޕެއިން، ސްވިޑްން، ޔުކްރެއިން ފަދަ ގައުމުތަކުން އަންނަ ޓޫރިސްޓުންގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ޗައިނާ މާކެޓް، މަހުން މަހަށް ދަށަށް!

ރާއްޖޭގެ ޓޫރިޒަމްގެ 22 ޕަސެންޓް މިހާރު ހިއްސާކުރަނީ ޗައިނާއިންނެވެ. އެކަމަކު ޗައިނާއިން އަންނަ ޓޫރިސްޓުންގެ އަދަދު މިހާރު ދަނީ މަހުން މަހަށް ދަށްވަމުންނެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި މިދިޔަ އޮކްޓޯބަރު މަހުގެ ތަފާސްހިސާބުތަކުން ވެސް ފެންނަނީ އެ މަންޒަރެވެ.

އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮކްޓޯބަރު މަހު އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 2.2 ޕަސެންޓް ދަށްވެފަ އެވެ. އަދި މުޅި އަހަރު ދުވަހަށް ބަލާއިރު ޗައިނާ މާކެޓްގެ ވެއްޓުން އުޅެނީ 8.2 ޕަސެންޓްގަ އެވެ.

ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ ޗައިނާއިން އަންނަ ޓޫރިސްޓުން މަދުވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އަދި އެކަމަށް މަސައްކަތްތަކެއް ނުކޮށްފި ނަމަ ޓޫރިޒަމަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ރާއްޖެ އައި ޗައިނާ ޓޫރިސްޓުންތަކެއް ރިސޯޓެއްގެ ރެސްޓޯރަންޓެއްގައި: ޗައިނާ އިން އަންނަ ޓޫރިސްޓުންގެ އަދަދު މަހުން މަހަށް ދަނީ ދަށްވަމުން.

"ޗައިނާއިން އަންނަ އެއާލައިންތައް އިތުރުވެއްޖެ. އެކަމަކު އެ ގައުމުން އަންނަ މީހުން އިތުރުނުވުމަކީ މައްސަލައެއް. ތަފާސްހިސާބުތަކުން ފެންނަނީ މަދުވަމުން އަންނަ ތަން. މިކަމަށް ހާއްސަ މަސައްކަތްތަކެއް ކުރަން ވަނީ ޖެހިފައި،" އެ ތަޖުރިބާކާރު ވިދާޅުވި އެވެ.

ޗައިނާއިން އަންނަ ޓޫރިސްޓުން މަދުވަނީ ކޮން ސަބަބަކާ ހެދި ކަމެއް މިހާތަނަށް ދެނެގަނެވިފައެއްނުވެ އެވެ. އިންޑަސްޓްރީގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އޭގައި އިގްތިސާދީ މައްސަލަތަކެއް އުޅެފާނެ އެވެ. އެކަމަކު އެ ވާހަކަ މުޅިން ގަބޫލެއްނުކުރެވެ އެވެ. ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދުގެ ގޮތުގައި ބަލާ ގައުމުން ދުނިޔޭގެ އެހެން މަންޒިލްތަކަށް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ހިސާބުތަކުން ދައްކަ އެވެ.

ރާއްޖޭގެ މަޝްހޫރު ޓްރެވަލް އެޖެންސީއެއްގެ އިސް ވެރިއަކު ވިދާޅުވީ ޗައިނާ އިން އަންނަ ޓޫރިސްޓުން އިތުރުކުރަން އެކަށީގެންވާ މިންވަރަށް ޕްރޮމޯޝަނަލަށް ހަރަކާތްތައް ނުހިންގޭ ކަމަށެވެ.

"މުޅި އިންޑަސްޓްރީ ގުޅިގެން އެ ގައުމުގައި ޕްރޮމޯޝަނަލް ހަރަކާތްތަކެއް ހިންގަން އެބަ ޖެހޭ. ރާއްޖޭގެ ޓޫރިޒަމް މިހާރު ހިފެހެއްޓެނީ އެ ގައުމުން އަންނަ ޓޫރިސްޓުންނާ ހެދި،" އޭނާ ވިދާޅުވި އެވެ.

"އެހެން އެއްވެސް ގައުމަކުން ނާންނަ ވަރަށް އެ ގައުމުން އެކަނި އެބަ އާދޭ. އެއަށް ބިނާކޮށްގެން ރާއްޖޭގެ ޓޫރިޒަމް ތަރައްގީކުރަމުން މިގެންދަނީ ވެސް. އެހެންވީމަ އެ މާކެޓް ދަށްވަމުންދާ ނަމަ ރާއްޖޭގެ އިގްތިސާދަށް ވެސް އޭގެ ނޭދެވޭ އަސަރުކުރާނެ."

އެނދު އިތުރުވި މިންވަރަށް ޓޫރިސްޓުން އިތުރެއް ނުވޭ

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މިވަގުތު ޓޫރިސްޓުންނަށް 40،169 އެނދު ރަޖިސްޓްރީކޮށްފައި އެބަ ހުއްޓެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 11.4 ޕަސެންޓް ކުރިއެރުމެކެވެ. އެކަމަކު އެނދު އިތުރުވި ނިސްބަތަށް ބަލާއިރު އަންނަ ޓޫރިސްޓުންގެ އަދަދު މަދު ކަމަށް އިންޑަސްޓްރީގެ ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ.

އެއް ބަޔަކު ދެކޭ ގޮތުގައި އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޖާގަ ކުޑަވުމެވެ.

"މިހާރު އެއާޕޯޓް ހިންގަމުން ގެންދަނީ މެކްސިމަމް ކެޕޭސިޓީގައި. އެއާޕޯޓުގެ ޖާގަ އިތުރުނުވެ ޓޫރިޒަމް އިންޑަސްޓްރީ ފުޅައެއް ނުކުރެވޭނެ. މިއީ މީގެ ދިހަ އަހަރު ކުރިން އާ ރަށްތަކެއް މާކެޓަށް ދޫކުރިއިރު އަޅުގަނޑުމެން ދެއްކި ވާހަކަ،" ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުވަނީ މިހާރަށް ފުދޭ މިންވަރުގައި ނޫން ކަމަށެވެ. މިހާރު ރާއްޖޭގެ އެނދު ހުރި މިންވަރަށް ބާލައިރު އަހަރަކު މަދުވެގެން 1.5 މިލިއަނާއި 1.8 މިލިއަނާ ދެމެދުގެ އަދަދަކަށް ޓޫރިސްޓުން އިތުރުވާން ޖެހޭނެ ކަމަށް އެ ތަޖުރިބާކާރު ދެކެވަޑައިގަންނަވަ އެވެ.

ރާއްޖެ އައި ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލުން ނުކުންނަނީ: ޔޫރަޕުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އިތުރުކުރަން ޖެހޭ.

"ވަރަށް ކުޑަކުޑަ ހިތްވަރެއްލައިގެން އެ މިންވަރު މިހާރު ވެސް ހާސިލްކުރެވިދާނެ އެއާޕޯޓު ތަރައްގީކުރުން ލަސްވި ނަމަވެސް. ފުރަތަމަ ކަމަކަށް ޗައިނާ އާއި އިނގިރޭސިވިލާތް އަދި ޖަރުމަން ފަދަ މާކެޓްތަކުން އިތުރަށް މީހުން ގެނެވޭނެ ގޮތްތަކެއް ހޯދަންވީ. އޭރުން އެ ޓާގެޓް ހާސިލްކުރުމަކީ މާ ބޮޑު ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ޗައިނާ ފިޔަވައި ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޖަރުމަނުންނެވެ. އެ ގައުމުން މިދިޔަ މަހު 15،007 ޓޫރިސްޓުން އައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 15 ޕަސެންޓްގެ ކުރިއެރުމެކެވެ. އެކަމަކު ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އިނގިރޭސިވިލާތުން އައި މިންވަރު އިތުރުވީ އެންމެ 0.7 ޕަސެންޓަށެވެ.

"އިނގިރޭސިވިލާތުން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުކުރަން ހާއްސަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. މިފަހަރުގެ ޑަބްލިއުޓީއެމްގައި ވެސް އަޅުގަނޑުމެންނާ ދިމާވި އޮޕަރޭޓަރުން ކައިރީގައި އަޅުގަނޑުމެން އެދުނިން އެ ގައުމުން އަންނަ ޓޫރިސްޓުން އިތުރުކުރަން ހާއްސަ މަސައްކަތްތަކެއް ކޮށްދިނުމަށް. އެ މީހުން ވެސް ވަރަށް ބޮޑަށް އެބަ މަސައްކަތްކުރޭ މިފަހަރުގެ ސީޒަންގައި އަންނަ މީހުން އިތުރުކުރަން،" ޓްރެވަލް އެޖެންސީއެއްގެ އިސް ވެރިއަކު ވިދާޅުވި އެވެ.

ހިސާބުތަކުން ފެންނަން އޮތީ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނަ ތަނެވެ. އެއާއެކު ޓޫރިސްޓު އެނދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެކަމަކު ޓޫރިސްޓް އޮކިއުޕަންސީ ރޭޓް އަންނަނީ ދަށްވަމުންނެވެ. މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ އޮކިއުޕަންސީ ރޭޓް 64.8 ޕަސެންޓަށް ވަނީ ވެއްޓިފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެ ޕަސެންޓްގެ ދަށްވުމެކެވެ.

ޓޫރިސްޓް ގިނަ އެނދުތައް ހުސްކޮށް ހުރުމަކީ އިންޑަސްޓްރީގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

"ރިސޯޓު ނުވަތަ ހޮޓާ، ގެސްޓްހައުސް ހިންގާ ބަޔަކަށް އެއްވެސް އެނދެއް ހުސްކޮށް ހުރުމަކީ ގެއްލުމެއް. މުޅި އަހަރު ދުވަހު އޮކިއުޕަންސީ 64 ޕަސެންޓްގައި ހުރުމަކީ މާ ބޮޑު މައްސަލައެއް ނޫން. އެކަމަކު އެނދު އިތުރުވި ނިސްބަތަށް ބަލާއިރު އެއީ ވަރަށް ދަށް އަދަދެއް. އެންމެ ދަށްވެގެން 70 ޕަސެންޓްގައި އުޅެންވާނެ،" އެއް ތަޖުރިބާކާރު ވިދާޅުވި އެވެ.

ޓޫރިސްޓް ސީޒަންގެ އެންމެ މުހިންމު ދުވަސްތައް ކަމަށްވާ ކްރިސްމަސް އަދި އާ އަހަރުގެ ދުވަސްވަރު ރާއްޖޭގެ ޑިމާންޑް ބޮޑުވެ އެވެ. އެކަމަކު މަޝްހޫރު ބުކިން ސައިޓްތައް ދައްކާ ގޮތުން ރާއްޖޭގެ ވަރަށް ގިނަ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ އެނދުތައް ހުރީ ހުހަށެވެ. ބައެއް ތަންތަނުން އަގު ހެޔޮކުރުމުގެ އިތުރުން ބޮޑެތި ޑިސްކައުންޓް ވެސް ވަނީ އަޅުވައިފަ އެވެ.

ހަގީގަތަކީ ޓޫރިސްޓުންގެ އަދަދު އިތުރުވާން ޖެހޭ މިންވަރަށް އަދި އެކަން ނުވާ ކަމެވެ. އެހެންކަމުން އަދިވެސް އޮތީ ޕްރޮމޯޝަންގެ މަސައްކަތްތައް އިތުރުކޮށް، ވަރުގަދަކުރުމެވެ.