ހިތާނީ ފެސްޓިވަލްގެ އުފާވެރި މަންޒަރުތައް

މިރުޒާ ހުސެން ނިންމާފައި އޮތީ އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ހިތާނުކުރަން މި ބަންދުގައި ސްރީ ލަންކާއަށް ދާށެވެ. ހަރަދު ކުޑަވެފައި ފަސޭހަ ވެސް ވާނެތީ އެވެ. އެކަމަކު ސަދަގާތު ފައުންޑޭޝަނުން ކުރިއަށް ގެންދާ ހިތާނީ ފެސްޓިވަލްގެ އަޑުއިވުމުން އޭނާ ބޭނުންވީ އެކަން ތަޖުރިބާކޮށްލުމަށެވެ. އަތުން އެއްވެސް ހަރަދެއް ނުކޮށް، އާއިލާއާ އެކު ދަރިފުޅުގެ މި ހާއްސަ ދުވަސް ފާހަގަކުރެވޭނެތީ އެވެ.


"ވަރަށް އުފާވެއްޖެ މިތަނަށް އާދެވުނީމަ. އަޅުގަނޑުމެންނާއި ދަރިފުޅަށް ވެސް ހިތްހަމަޖެހުން ލިބިއްޖެ. ގިނަ ބަޔަކު އެކުގައި ވަރަށް މަޖާކޮށް މިކަން ކުރިއަށް މިގެންދަނީ،" ޅ. ހިންވަރަށް އުފަން މިރުޒާ ބުންޏެވެ.

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ހިންގަވާ ސޮދަގާތު ފައުންޑޭޝަނުން މިދިޔަ ބުދަދުވަހު ހުޅުމާލޭގައި ފެށި މި ފެސްޓިވަލުން މުޅިން ވެސް އިވުނީ މި ފަދަ އުފާވެރި ވާހަކަތަކެވެ. އާއްމު ގޮތެއްގައި ބޮޑު ހަރަދެއް ދާ ހިތާނު ކުރުމަށް، އެތަނުން ލިބުނު ލުއިފަސޭހަކަމުގެ ވާހަކަ އެވެ. ހުޅުމާލޭ ހޮސްޕިޓަލުން ހިތާނުކޮށްގެން، ކުދިން އެ ކޭމްޕަށް ގެންދާ ހަމައިން، ހަތަރު ދުވަސް ފަހުން އެތަނުން ދޫކޮށްލަން ދެން ލިބެން ހުރި ހިދުމަތްތަކުގެ ފުރިހަމަ ވާހަކަ އެވެ.

ރެެހެންދި ސްކޫޫލުގައި ކުރިއަށް ދާ ހިތާނީ ފެސްޓިވަލުގައި، ހިތާނުކޮށްފައިވާ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިން ޝޯއެއް ބަލަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު

އާއްމުން ޒިޔާރަތް ކުރުމަށް ހުޅުވާލާފައި އޮންނަ ހަވީރު ވަގުތު އިއްޔެ އެތަނަށް ވަދެލި އިރު ފެނުނީ އުފާވެރި މަންޒަރުތަކެވެ. ރެހެންދި ސްކޫލާއި ގޭޓްވޭ ސްކޫލުގެ މައި ހޯލުގައި ގާތްގާތުގައި އެނދުތައް އަތުރާފައި ހުރި އިރު، މުޅި ހޯލު ވެސް ވަނީ ވަރަށް ބޮޑަށް ޖަރީކޮށްފަ އެވެ. ސްޓޭޖު މަތީގައި ޖާދޫގަރަކު އޭނާގެ ހުނަރުތައް ދައްކަމުން ދިޔައިރު، ބެލެނިވެރިން އެ މީހުންގެ ދަރިން ކައިރީގައި ވަރަށް މަޖާވެފައި ތިއްބެވެ.

މުޅި ފެސްޓިވަލުން ވެސް ފާތުމަތު ރިފާއުއަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ އެ އެކުވެރިކަމެވެ.

"މިތަނަށް އައިއިރު އެއްވެސް ބަޔަކު ނުދަންނަން. އެކަމަކު މިހާރު އެންމެން ވެސް ހަމަ އެއް ފެމެލީއެއްގެ ގޮތަށް މި އުޅެވެނީ. އެކަނި ހުންނަ ގަޑީގައި ކަމެއް ބޭނުން ވިޔަސް، ކޮންމެ މީހަކު ވެސް ހަމަ ކޮށްދޭ،" ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ހިތާނުކުރަން ފެސްޓިވަލަށް އައިސް ހުރި ރިފާއު ބުންޏެވެ.

"މިހާރު އާ ރަހުމަތްތެރިން ވެސް ލިބިއްޖެ. ބައިވަރު ކުދިން ތިބޭތީ ދަރިފުޅު ވެސް ވަރަށް އުފާވެފައި ހުންނަނީ. ވަރަށް މަޖާ."

ހިތާނުކޮށްފައިވާ ކުއްޖެއް ކައިރީގައި އޭނާގެ ބެލެނިވެރިން މަޑުކޮށްލައިގެން-- މިހާރު ފޮޓޯ: ހުސެން ވަހީދު

އުފަން ރަށުގައި ވެސް ހިތާނު ކުރުމުގެ ފުރުސަތު އޮތް ނަމަވެސް އެކަމަށް ދާނެ ހަރަދަށް ބަލާފައި ރިފާއު އާއި އޭނާގެ ފިރިމީހާ ނިންމީ، ސަދަގާތު ފައުންޑޭޝަނުގެ މި ފެސްޓިވަލުގައި ބައިވެރިވާށެވެ.

ހިތާނު ކުރުމުގެ އަގު ގިނަ މީހުންނަށް މިހާރު ކުޑައެއް ނޫނެވެ. ބައެއް ރަށްރަށުގައި 2،000 ރުފިޔާއަށް ހިތާނު ކޮށްދިން ނަމަވެސް މާލޭގައި އެ އަގު އުޅެނީ 5،000 ރުފިޔާގަ އެވެ. އަދި ހޮސްޕިޓަލުން ދޫކޮށްލުމާ އެކު، ގޭގައި ބާއްވައިގެން ކުރަން ޖެހޭ ހަރަދުތައް ވެސް މަދެއް ނޫނެވެ. ހިތާނު ކުރާ ކުއްޖާ އާއި އޭނާ ކައިރީގައި ތިބޭ މީހުންނާއި އާއިލާ މީހުންގެ މުނިފޫހިފިލުވުމަށް ބޮޑުބެރުޖެހުމާއި ޝޯތައް ބޭއްވުމަކީ އާއްމު ކަމަކަށް ވާއިރު އެ ހުރިހާ ކަމަކަށް އެތައް ހާސް ރުފިޔާއެއް ހަރަދު ވެ އެވެ.

މާލޭގައި ދިރިއުޅޭ މީހުންނަށް އޮތް އަނެއް ތަކުލީފަކީ، ދަރިފުޅު ގެއަށް ގެނެސް، އެ ކުއްޖާ ހިތްހަމަ ޖެހޭ ކަހަލަ ގޮތަކަށް ބާއްވާނެ ޖާގަ ގޭގައި ނެތުމެވެ. ހިތާނުކޮށްގެން އުޅޭ ގޭގެ ޒީނަތްތެރިކުރުމަކީ ދިވެހިންގެ ޒަމާންވީ އާދައެއް ނަމަވެސް، ޖާގަ ނެތުމުގެ ސަބަބުން ގިނަ މީހުންނަށް އެކަން އުނދަގުލެވެ.

ހިތާނުކޮށްފައިވާ ކުއްޖަކު އެނދުމަތީގައި އިށީނދެލައިގެން: މި ފެސްޓިވަލުގެ އިންތިޒާމުތަކާ މެދު ބެލެނިވެރިން ހިތްހަމަ ޖެހޭ-- މިހާރު ފޮޓޯ: ހުސެން ވަހީދު

އަބްދުﷲ މުހައްމަދު ބުނިގޮތުގައި މި ހިތާނީ ފެސްޓިވަލް އޭނާ ހިޔާރުކުރި އެންމެ ބޮޑު އެއް ސަބަބަކީ އެ އެވެ. އާއިލާއާ އެކުގައި ކުޑަ ތަންކޮޅެއްގައި އުޅޭއިރު، ދަރިފުޅުގެ "ހިތާނީ ޕާޓީ" ބާއްވާނެ ޖާގަ ނެތުމެވެ.

"ފެމެލީގެ ގިނަ މީހުން އުޅޭނީ ގޭގައި. ސިޓިންރޫމުގައި ވެސް މީހުން ނިދާއިރު އެ މީހުން ބޭރުކޮށްލާފައި އެކަހަލަ ކަމެއް ނުކުރެވޭނެ. އެހެންވެ، އެގޮތަށް ބަލާއިރު މިއީ އަޅުގަނޑުމެންނަށް ވަރަށް ފަސޭހަ އަދި ހަރަދު ކުޑަ ގޮތެއް،" އަބްދުﷲ ބުންޏެވެ.

މި ހުރިހާ ލުއިފަސޭހަ ގޮތްތައް ހުރުމުން ބައެއް ރަށްރަށުން ވެސް މީހުން މި ފެސްޓިވަލުގައި ބައިވެރިވި އެވެ.

ސަދަގާތު ފައުންޑޭޝަނުން އެންމެ ފުރަތަމަ ނިންމާފައި އޮތީ 140 ކުދިން ހިތާނުކުރާ ގޮތަށެވެ. ނަމަވެސް ގިނަ ބައެއްގެ އެދުމުގެ މަތިން ފަހުން ވަނީ އެ އަދަދު 500 އަށް އިތުރުކޮށްފަ އެވެ.

މިދިޔަ އަހަރު ވެސް ކުރިއަށް ގެންދިޔަ މި ފެސްޓިވަލްގެ އިންތިޒާމްތައް މި އަހަރު މާ ރަނގަޅެވެ. ރެހެންދި ސްކޫލުގައި އެއްފަހަރާ 72 ކުދިންނަށް ތިބެވޭއިރު ގޭޓްވޭގެ ޖާގައަކީ 32 އެވެ. މި މަހުގެ 28 އާ ހަމައަށް ކޮންމެ ހަތަރު ދުވަހަކުން އާ ކުދިންނަށް ފުރުސަތު ދޭއިރު، ދުވަހުގެ ގަޑިތައް ވެސް ބަހާލާފައި ހުންނަނީ ދަރިވަރުންނާއި އެކުދިންގެ ބެލެނިވެރިން ވެސް މުނިފޫހިފިލުވޭ ގޮތަށެވެ.

ހިތާނީ ފެސްޓިވަލުގައި ކުދިންތަކެއް ގޭމް ކުޅެނީ: ކުދިން ހިތްހަމަޖެއްސުމަށް ގިނަ ހަރަކާތްތަކެއް މިތަނުގައި ކުރިއަށް ގެންދޭ-- މިހާރު ފޮޓޯ: ހުސެން ވަހީދު

އެގޮތުން ހަވީރު ވަގުތުގެ ހަރަކާތްތައް ކުޑަކުދިންނަށް ހާއްސަކޮށްފައި ހުންނައިރު ރޭގަނޑު 9:30 ހަމައަށް ބެލެނިވެރިން މުނިފޫހިފިލުވުމަށް، ބޮޑުބެރާއި އެކި ކަހަލަ ހަރަކާތްތައް ކުރިއަށް ގެންދެ އެވެ.

ރެހެންދި އަދި ގޭޓުވޭ ސްކޫލުގައި ވެސް ބެލެނިވެރިންނާއި ކުދިންނަށް ވަކިން ދެ ކެންޓީނު ހަދާފައި ހުރެ އެވެ. ކޮންމެ ވަގުތެއްގެ ކެއުން ވެސް އެތަނުން ލިބެ އެވެ. ކޮންމެ ހަތަރު ކުއްޖަކަށް އެތަނުގައި އޮފިޝަލެއް ހާއްސަކޮށްފައި ހުންނައިރު އެ ކުދިންނަށް ބޭނުންވާނެ ހުރިހާ ކަމެއް ކޮށްދެނީ އެ އޮފިޝަލުންނެވެ.

"މިހާރު"ން ވާހަކަ ދައްކާލި ހުރިހާ އެންމެން ވެސް ބުނީ ފެސްޓިވަލް ވަރަށް ފުރިހަމަ ކަމަށާއި ޝަކުވާ ކުރާނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.

"ހޮސްޕިޓަލުން މިތަނަށް ގެނައީއްސުރެ ހުރިހާ ކަމެއް އެ ކޮށްދެނީ މިތަނުގެ އޮފިޝަލުން. އިންތިޒާމުތަކާ ދޭތެރޭ ޝަކުވާ ކުރާނެ އެއްވެސް ތަނެއް ނެތް،" ބެލެނިވެރިޔަކު ބުންޏެވެ.

ސަދަގާތު ފައުންޑޭޝަނުން ބުނިގޮތުގައި މި ފެސްޓިވަލުގެ ހުރިހާ ކަމަކަށް ހަރަދު ކުރަނީ ދީލަތި ފަރާތްތަކުގެ އެހީގަ އެވެ. ފެސްޓިވަލްގެ ހުރިހާ ކަމަކަށް ތިން މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުވެފަ އެވެ. އާއްމުންގެ ފަރާތުން ލިބުނު ތަރުހީބާ މެދު އެ ޖަމިއްޔާއިން ހިތްހަމަ ޖެހެ އެވެ.