ޑިޕްލޮމޭޓުން ކިތަންމެ ހެޔޮ އެދުނަސް ވަކި އިމެއް އޮންނަންވާނެ

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު، ރިއާސީ އިންތިހާބުގެ ހަލަބޮލިކަން ވެރިވެފައި އޮތް ދުވަސްވަރެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ބަހުސް ހޫނުވެފައި ވަނިކޮށް، ސެޕްޓެމްބަރު 27، 2013ގައި އިންޑިއާ އޭރުގެ ސަފީރު ރަޖީވް ޝަހަރޭ، ދިވެހި ސަރުކާރަށް އެނގުމެއް ނެތި، އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން އެތަނުގެ މެމްބަރުންނާ ބައްދަލުކުރެއްވި އެވެ. އެކަމާ ގުޅިގެން އެ ދުވަހުގެ ރޭ ފޮރިން މިނިސްޓްރީ އަށް އޭނާ ހާޒިރުކުރި އެވެ.


ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި، ވަކި ގައުމެއްގެ ނަން ބަޔާން ނުކޮށް އިލްތިމާސް ކޮށްފައި ވަނީ ރާއްޖޭގެ ދާހިލީ ކަންކަމާ އެއްވެސް ފަރާތަކުން ނުބެހުމަށެވެ. އަދި އިންޑިއާ ސަފީރު އިލެޝަންސް ކޮމިޝަނަށް ވަޑައިގަތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ދެބަސް ވެވެން ނެތް ހަގީގަތަކީ، ރާއްޖެއަކީ އަވައްޓެރި ހުރިހާ ގައުމުތަކަށް ވެސް ނުހަނު ބޭނުން ޖެހިފައިވާ ގައުމެއް ކަމެވެ. އަދި ދުރުގައިވާ ރަހްމަތްތެރި ގައުމުތަކުގެ އެހީތެރިކަމަށް ވެސް ރާއްޖެ އިންތިހާ އަށް ބޭނުން ޖެހެ އެވެ. ރާއްޖޭގެ ހާލަތު ނިޔާކުރާ ގޮތުން އެއީ ބަދަލުކުރެވެން ވެސް ނެތް ހަގީގަތެކެވެ.

ނަމަވެސް އޭގެ މާނައަކީ، ދިވެހިރާއްޖެ އަކީ އަވައްޓެރި ގައުމުތަކުގެ ސިޔާސަތު ދަމަހައްޓަން ޖެހުން ކަމަށް ވެގެން ނުވާނެ އެވެ. އަދި ރާއްޖޭގެ ހާލަތުގެ ނާޒުކު ކަމަކީ، ބޭރު ގައުމުތަކުން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެގަންނަން ހިލޭ ދީފައި އޮންނަ ޕާސްޕޯޓެއް ނޫނެވެ.

އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ، ގއ. އަތޮޅަށް ކުރެއްވި ދަތުރުގައި ގއ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވަނީ. ފޮޓޯ މިޝްރާގެ ޓުވިޓާ އެކައުންޓް

ދާދި ފަހުން އިންޑިޔާގެ މިހާރުގެ ސަފީރު އަކިލޭޝް މިޝްރާ ގއ. އަތޮޅަށް ވަޑައިގެން އެ އަތޮޅު ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރެއްވި މައްސަލަ ދެ ގައުމުގެ ދެމެދުގައި ވަރަށް ބޮޑަށް ހޫނުވި އެވެ. ސަރުކާރުގެ ހުއްދަ ލިބިގެން މެނުވީ ބޭރުގެ ޑިޕްލޮމޭޓުންނާ ބައްދަލުކުރުން ކައުންސިލްތަކަށް މަނާކުރި އެވެ.

އިންޑިއާގެ ޓީވީ ޗެނަލެއް ކަމަށްވާ "ރަޖްޔާ ސަބާ" އިން ރާއްޖޭގެ ސިޔާސީ މަސްރަހާއި ޗައިނާއާ އެކު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން ބޭއްވި ޕެނަލް ޑިސްކަޝަންގައި އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ ތަޖުރިބާކާރެއް ކަމަށްވާ ބާރަތު ކަރުނާދް ވަނީ އިންޑިއާގެ އަސްކަރިއްޔާ ބޭނުންކޮށްގެން ނަމަވެސް ރާއްޖޭގެ މިހާރުގެ ވެރިކަން ބަދަލުކޮށް، ކަންކަން ހަމަޔަކަށް އަޅުވަން ޖެހިފައިވާ ކަމަށް ބުނެފަ އެވެ. އޭނާގެ ނަޒަރުގައި ރައީސް އަބްދުﷲ ޔާމީނަކީ ރީތި ގޮތުގައި ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރެއްވޭނެ ބޭފުޅެއް ނޫނެވެ. އެހެންކަމުން އޮތް ހަމައެކަނި ގޮތަކީ އިންޑިއާގެ މެރިން ކޮމާންޑޯ ބޭނުންކޮށްގެން ރާއްޖެއާ ދެކޮޅަށް "ވަރުގަދަ އަސްކަރީ ފިޔަވަޅުތަކެއް" އެޅުމެވެ.

ރާއްޖެއަކީ އިންޑިޔާގެ އަވަށެއް ކަމަށް ނުވަތަ ބީޖޭޕީން ބޭނުން ގޮތެއް ހަދަން އޮތް ބައި މަދު މުސްލިމުންކޮޅެއް ކަމަށް ބާރަތު ކަރުނާދް އަށް ހީވީ ކަހަލަ އެވެ. ނުވަތަ ރާއްޖެއަކީ އިންޑިޔާ އަށް ޖިޒީ ދީގެން އިންޑިޔާގެ އަޅުވެތިކަމުގައި އޮތް ގައުމެއް ކަމަށް ގަބޫލުކުރެވުނީ ކަމަށް ވެދާނެ އެވެ.

"މިހާރު އެ މީހުން އެ ދަނީ މާ މައްޗަށް. ރައީސް ޔާމީން ކިތަންމެ ގޯހަސް، ނޫނީ ޑިމޮކްރެސީއާ ޚިލާފަށް ވެރިކަން ކުރެއްވިޔަސް، ރައީސް ޔާމީން ވެރިކަމުން ދުރުކުރުމަށޭ ކިޔާފައި ދިވެހި ގައުމު ފުނޑިގެން ނުވާނެ،" ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް އެކުލަވާލާފައިވާ ކޯލިޝަންގެ އިސް ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

"ކޮންމެ ގޮތަކުން ސަރުކާރު ވައްޓާލައިގެން ކޮންމެ ގޮތެއް ހަދައިގެން ވިޔަސް ވެރިކަން ބަދަލުކުރުން އެއީ ގަބޫލުކުރެވޭނެ ގޮތެއް ނޫން. އިންޑިއާގެ ވަކި ފަރުދެއް ވިޔަސް، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލުވާލައި ރާއްޖެއަށް ހަމަލާ ދޭންވިއްޔޭ ކިޔައިގެން ވާހަކައެއް ނުދެއްކޭނެ."

އިނގިރޭސި ވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް، ގދ. ތިނަދު އަށް ވަޑައިގެން އެ ރަށު ކައުންސިލްގެ މެމްބަރުންނާ ބައްދަލު ކުރައްވަނީ. ފޮޓޯ ޑޯރިސްގެ ޓުވިޓާ އެކައުންޓް

އޭނާ ވިދާޅުވީ ރާއްޖޭގެ ކަންތައް ކިތަންމެ ގޯސް ވިޔަސް، އަދި އެ ކަންތައް ރަނގަޅު ކުރަން އެހީތެރިވެ ދިނުމުގެ ގޮތުން ކަމަށް ވިޔަސް، ރާއްޖޭގައި ތިބޭ ބޭރުގެ ޑިޕްލޮމޭޓުންނަށް އެމީހުންގެ އިން ފަހަނަޅައި ދެވިގެން ނުވާނެ ކަމަށެވެ.

"މިހާރު މި މީހުންނަށް ވަރަށް ސާފުކޮށް އެނގޭހެން ހީވޭ އެ މީހުންގެ ދައުރު. އެހެން އެއްވެސް ގައުމެއްގައި އެ މީހުންނަށް އެކަންކަމެއް ނުކުރެވޭނެ. މިދިޔަ ރިއާސީ އިންތިޚާބުގައި ވެސް ވަރަށް ސީނިއާ ޑިޕްލޮމޭޓުން އިލެކްޝަންސް ކޮމިޝަނަށް ވެސް ވަދެ އުޅުނު. ބައެއް އަތޮޅުތަކުގައި ކެމްޕޭން ކުރިކަމުގެ ވާހަކަ ވެސް ދެކެވޭ. އެމީހުންނަށް ހީވާ ކަހަލަ ރާއްޖޭގައި އޮންނަ ކޮންމެ އިންތިހާބެއްގައި އެމީހުންގެ ހިއްސާއެއް އޮންނަން ޖެހެޔޭ. ނޫން، އެއީކީ އެކަން ކުރެވޭނެ ގޮތެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ޑިޕްލޮމޭޓުން ފާޅުގައި ވަދެގެން އުޅެން ފެށީ، 2008ގައި ރާއްޖޭގެ ވެރިކަން ބަދަލުވި ހިސާބުންނެވެ. އޭގެ އިތުރުން ރާއްޖޭގެ ނާޒުކު ހާލަތުގެ ނާޖާއިޒު ބޭނުން ހިފައި، އެކި ކަންކަމުގައި ދިވެހިންނަށް ދަތިކުރުމުގެ ސިޔާސަތެއް، ބައެއް ފަހަރަށް އިންޑިޔާ އިން ވެސް ގެންގުޅެ އެވެ.

ޖީއެމްއާރުގެ އެއްބަސްވުން އުވާލުމުން ވެސް ފެނުނީ އެ މަންޒަރެވެ. އިންޑިޔާ އަށް ދާ ދިވެހިންނަށް ވިސާ ދިނުމުގައި އިންޑިޔާ އިން ތާށިކޮށްލި އެވެ. ބޭސްފަރުވާ އަށް ކޮންމެ ދުވަހަކުހެން އެތައް ދިވެހިންނެއް އިންޑިޔާ އަށް ދާއިރު، ކުރިން އެއް ދުވަހުން ދެ ދުވަހުން ލިބޭ ވިސާ ހޯދުމަށް ހަފުތާއަކަށް ވުރެ ގިނަ ދުވަސް ހޭދަކުރަން ޖެހޭ ގޮތަށް އިޖުރާއާތުތައް ބަދަލުކޮށްލި އެވެ. ވިސާ ޖެއްސުމަށް ދުވާލަކު އެންމެ 40 ނަންބަރު ދޫކުރާ ގޮތަށް ހެދުމުން، ރޭގަނޑު ދަންވަރުން ފެށިގެން އެތައް ބަޔަކު އިންޑިޔާ އެމްބަސީ ދޮށުގައި ނިދި ނަގާލާފައި، ވާރެޔާ ތެމިގެން ތިބި ދުވަސްކޮޅެއް ވެސް މާޒީ ވެއްޖެ އެވެ.

މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން. މި ތަނުގެ ދޮށުގައި ނިދި ނަގާލާފައި ކިޔޫގައި ތިބެން ޖެހުނު ދުވަސްތަކެއް ވެސް ހިނގައްޖެ.

އޭގެ އިތުރުން ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ބޭނުންވާ ހިލަ އާއި ހިލަވެލީގެ ކޯޓާ އިންޑިޔާ އިން ކެންސަލް ކުރި އެވެ. ރާއްޖެ އަށް ހިލަ ވިއްކުން މަނާކޮށްފައި އޮންނަތާ އަހަރެއްހާ ދުވަސް ފަހުން އެކަމުގެ ހުއްދަ އަލުން ދިނީ، އިންޑިޔާ އިން އުންމީދުކުރި ގޮތާ ޚިލާފަށް، އެމްޑީޕީގެ މައްޗަށް ޕީޕީއެމް ރިއާސީ އިންތިހާބުގައި ކުރި ހޯދައި ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން ޖެނުއަރީ 2014ގަ އެވެ.

މިހާރު ވެސް ރާއްޖެ ކުރިމަތިލާފައި މިވަނީ ރިއާސީ އިންތިޚާބަކާ އެވެ. އިންޑިޔާ އިން އަނެއްކާވެސް ފެންނަނީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ފީނަމުންދާ މަންޒަރެވެ.

"ނިކަން އިންޑިއާގައި ހުންނަވާ ދިވެހި ސަފީރަކު ދޭ ބަލަ އިންޑިއާގެ ވަކި ސްޓޭޓެއްގެ އިސް ވެރިންނާ ބައްދަލުކުރަން އެތާނގެ ފޮރިން މިނިސްޓްރީ މެދުވެރި ނުވެ، ވާ ގޮތް ބަލަން. އެ ހިސާބަށް ވައި ވެސް ނޭޅެވޭނެ،" ރާއްޖޭގެ ޚާރިޖީ ދާއިރާ އަށް ފަރިތަ، ކުރީގެ ވަޒީރަކު ވިދާޅުވި އެވެ.

"ޑިޕްލޮމޭޓުންނަކީ ވަކި އިމެއްގެ ތެރޭގައި ވަކި މަގްސަދަކަށްޓަކައި ތިބޭ ބައެއް. އެކަން އެނގޭނެ އިންޑިއާގެ ސަފީރަށް ވެސް އިންޑިއާގެ ހުރިހާ ޑިޕްލޮމޭޓުންނަށް ވެސް. އިންޑިއާ ކިތަންމެ ބޮޑަސް ކިތަންމެ ބޮޑު ޑިމޮކްރެސީއެކޭ ކިޔަސް، ބައިނަލްއަގުވާމީ ޑިޕްލޮމެސީއާ ޚިލާފަށް އެމީހުންނަށް ވެސް އުޅެވިގެން ނުވާނެ."

އޭނާ ވިދާޅުވި ގޮތުގައި ބޭރުގެ ޑިޕްލޮމޭޓުންނަށް ބޭނުންހާ ގޮތަކަށް ރާއްޖޭގައި އުޅެވެނީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ވެސް ދޯހަޅި ކަމުންނެވެ. އެއީ އެކަން އެ ގޮތަށް ކުރުމުގެ ފުރުސަތު ރާއްޖޭގެ ސަރުކާރުން ދީފައި ނުވަތަ ބޭނުން ގޮތަކަށް އުޅުމަށް ދޫކޮށްލާފައި އޮންނާތީ އެވެ.

އިންޑިޔާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ މަނަވަރުގައި ރަށެއްގެ ބަލި މީހަކު މާލެ އަށް ގެންނަނީ. އިންޑިޔާ އިން އަބަދު ވެސް ރާއްޖެ އަށް އެހީތެރިވެދޭ. ފޮޓޯ މިޝްރާގެ ޓުވިޓާ އެކައުންޓް

"ތި މައްސަލައިގައި ދެ ބައެއް އެބަ އޮތް. އެއް ބަޔަކީ އަހަރެމެން މި ކުރާ މަސައްކަތަށް އިންޑިޔާ އިން ކުރާ ތާއީދު. ރާއްޖޭގެ ޑިމޮކްރެސީ ރަނގަޅު މަގުން ހިނގަން އެމީހުން ވެސް ބޭނުންވޭ. އަހަރެމެން ވެސް ބޭނުންވޭ ރާއްޖެ އަށް ގެންނަން މި ބޭނުންވާ ބަދަލުތައް ގެނައުމުގައި އެމީހުންގެ އެހީތެރިކަން. އެކަމު އެންމެ ފައިދާ ބޮޑު ގޮތަކީ އެ މީހުން ވެސް އެމީހުންގެ އިމުގެ ތެރޭގައި ތިބުން. އޭރުން މާދަމާ އެހެން ބަޔަކު ވެރިކަމަށް އަޔަސް އިންޑިޔާއާ އެކު ގާތް ގުޅުމެއް އޮންނާނީ ވެސް،" ކުރީގެ ވަޒީރު ވިދާޅުވި އެވެ.

"ކިތަންމެ ޗައިނާއާ ގާތް ވިޔަސް އިންޑިޔާ އަށް ބަރޯސާވާ ކަންތައްތަކެއް އެބަހުރި. އެ ކަންތައް އޮންނާނެ ކުރިމަގުގައި ވެސް. ތައުލީމާއި ސިއްހަތާ މަސައްކަތްތެރިކަމުގެ ދާއިރާ އޮތީ އިންޑިޔާ އަށް ބަރޯސާވެފައި. އެހެންކަމުން ރާއްޖެ ކަހަލަ ކުޑަކުޑަ ގައުމަކުން ވަކި ގައުމަކާ އެއްބައިވެ އެހެން ގައުމުތަކާ ޖެހޭވަރު ކުރާކަށް ނުވާނެ."

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭން ކިތަންމެ ވަރަކަށް އެހެން ގައުމެއްގެ އެހީތެރިކަމަށް ބޭނުންވެފައި ވިޔަސް، އެ ގައުމަކުން ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހުމުގެ އިޚްތިޔާރެއް ނޯންނާނެ އެވެ. އަދި ރާއްޖޭގެ ވެރިކަން ކޮންމެ ގޮތަކަށް ހިނގި ކަމުގައި ވިޔަސް، ބޭރުގެ ގައުމަކުން ރާއްޖެ އަށް އަތްގަދަކޮށްގެން ވެރިކަން ބަދަލުކުރުމަކީ ގައުމާ މެދު އިޚްލާސްތެރި ކަމެއް ހުރި މީހަކު ތާއީދު ކުރާނެ ކަމެއް ނޫނެވެ.

އަަނެއްކޮޅުން ސަރުކާރުން ވެސް ރާއްޖޭގެ ހާލަތާ މެދު މިހާރަށް ވުރެ ބޮޑަށް ވިސްނަން ޖެހެ އެވެ. ރާއްޖެ ކަހަލަ ގައުމަކަށް ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ފިއްތުންތަކާ ކުރިމަތިލާން ނުޖެހޭނެ ގޮތެއް ވެސް ހޯދަން ޖެހޭނެ އެވެ. ގައުމުގެ މުހިންމު ސިޔާސަތުތައް ކަނޑައަޅާ އިރު ވަރަށް ދުރު މުސްތަގުބަލަށް ވެސް ނަޒަރު ހިންގަން ޖެހެ އެވެ.