އިދިކޮޅު ކެންޑިޑޭޓެއް ދައްކާނީ ކޮން އިރަކުން؟

ގާނޫނުއަސާސީގެ 110 ވަނަ މާއްދާގައި ބުނާ ގޮތުން ހިނގަމުންދާ ރިއާސީ ދައުރު ހަމަވުމުގެ 30-120 ދުވަހާ ދެމެދުގެ މުއްދަތެއްގައި ރިއާސީ އިންތިހާބު ބާއްވަން ޖެހޭނެ އެވެ. އެ މުއްދަތަށް ބަލާއިރު، އަދި ރިއާސީ އިންތިހާބުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުން ނަމަ، މި އަހަރުގެ ޖުލައި 12 އާއި 21 ވަނަ ދުވަހާ ދެމެދު ރިއާސީ އިންތިޚާބު އިއުލާން ކުރަން ޖެހޭނެ އެވެ. އަދި އޮކްޓޫބަރު 11ގެ ކުރިން ރައީސްގެ މަގާމަށް މީހަކު އިންތިޚާބު ކުރަން ޖެހޭނެ އެވެ.


މި މުއްދަތުތަކަށް ބަލާއިރު، ރިއާސީ އިންތިޚާބު އިއުލާން ކުރުމަށް ދެން ބާކީ އޮތީ ހަ މަސްދުވަހާއި ކުޑަ ދުވަސްކޮޅެކެވެ. މުއްދަތު މިހާ ކުރުވެފައިވާ އިރު ވެސް، ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި ވާދަކުރައްވާނީ ކޮން ކެންޑިޑޭޓުންނެއް ކަމެއް އަދިވެސް ކަށަވަރެއް ނުވެ އެވެ. ވެރިކަމުގައި ހުންނެވި ރައީސް ޔާމީން ދެ ވަނަ ދައުރަކަށް ވާދަކުރައްވާނެ ކަން ކަށަވަރުވެފައިވާ އިރު، އެމަނިކުފާނާ އަޅައިކިޔުމަށް ރައްޔިތުންގެ ކުރިމަތީގައި މިހާތަނަށް އިތުރު އެއްވެސް އިޚްތިޔާރެއް ނެތެވެ.

ރައީސް ޔާމީނާ ވާދަކުރެއްވުމަށް ނުކުންނަވާނީ ކޮން ކެންޑިޑޭޓުންނެއް ކަމެއް ނޭނގި ރައްޔިތުން އަދިވެސް ތިބީ ވާނުވާ ބަލާށެ އެވެ. ތަރައްގީގެ މަޝްރޫއުތައް ފައްޓަވަމުން، އަދި ނިމޭ މަޝްރޫއުތަކުގެ ޚިދުމަތް ފެށުމަށް ބާއްވާ ކޮންމެ ރަސްމިއްޔާތެއްގައި ރައީސް ޔާމީން ކެމްޕޭން ކުރައްވަމުން ގެންދަވާ އިރު، އިދިކޮޅުގައި އެފަދަ ހަރަކާތެއް ނެތެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވިއިރު ރަށަކަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން.-- ފޮޓޯ: ރައީސް އޮފީސް

މިހާތަނަށް އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ދައްކަމުން ގެންދަނީ ކުލަޖެހުމެއް ނުވާ ހުވަފެންތަކެކެވެ. ހަގީގަތުގައި ކެންޑިޑޭޓެއް ނުދެއްކިގެން އުޅެނީ، ރައީސް ޔާމީނާ ވާދަކުރައްވަން ވަކި ބޭފުޅުންކޮޅެއް ބޭނުންވެފައި، އެ ބޭފުޅުންނަށް ވާދަކުރެއްވޭނެ އެއްވެސް ފުރުސަތެއް ނެތުމުންނެވެ.

ރިއާސީ އިންތިހާބުގައި ވާދަކުރުމަށް އިދިކޮޅު ޕާޓީތަކުގައި އޮތީ މައިގަނޑު ދެ ތިއަރީއެކެވެ. ފުރަތަމަ ތިއަރީއަކީ، ހަގީގަތަކަށް ވުން ވަރަށް ދުރު ތިއަރީއެކެވެ. އެއީ، ހުރިހާ ޕާޓީތައް ގުޅިގެން އިދިކޮޅު އެއް ކެންޑިޑޭޓް ނެރުމެވެ. އަދި އެކަމަށްޓަކައި އިދިކޮޅު ޕާޓީތައް ބައިވެރިވާ ޕްރައިމަރީއެއް ބާއްވައިގެން ކެންޑިޑޭޓެއް ކަނޑައެޅުމެވެ.

މި ތިއަރީ އެމްޑީޕީން ތަންފީޒު ކުރާއިރު، ހުރިހާ ޕާޓީތަކުގެ ޕްރައިމަރީން ހޮވެން ޖެހޭ، ގުޅިފައިވާ އިދިކޮޅު ކެންޑިޑޭޓަކީ ކުރީގެ ރައީސް ނަޝީދެވެ. އަދި ޖުމްހޫރީ ޕާޓީން މި ތިއަރީ ތަންފީޒު ކުރާ އިރު، ހުރިހާ ޕާޓީތަކުގެ ޕްރައިމަރީން ހޮވެން ޖެހޭ، ގުޅިފައިވާ އިދިކޮޅު ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.

ނަމަވެސް އެ ދެ ބޭފުޅުންނަށް ވެސް ވަނީ ގާނޫނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ. ނަޝީދާއި ގާސިމްގެ ކިބައިގައި ވެސް ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނާ ޝަރުތު މިހާރު ހަމައެއް ނުވެ އެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް އިއްވި ހުކުމް 12 މަސްދުވަހަށް ވުރެ ދިގު ދިގެވެ. ރިޝްވަތުގެ މައްސަލައެއްގައި ގާސިމްގެ މައްޗަށް ވެސް ވަނީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އޭގެ އިތުރުން ވެސް ގާނޫނުއަސާސީގައި ބުނާ އިތުރު ޝަރުތެއް ގާސިމްގެ ކިބައިން އުނިވެ އެވެ. އެއީ އުމުރުން 65 އަހަރަށް ވުރެ މަތިވުމެވެ.

ގާސިމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. - ފޮޓޯ: މިހާރު

އަދާލަތު ޕާޓީގެ ވެސް އެންމެ ފުރަތަމަ ވިސްނުމަކަށް ވާނީ އެ ޕާޓީގެ ކެންޑިޑޭޓަކީ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކަމަށް ހެދުމެވެ. ނަޝީދާއި ގާސިމަށް ވެސް ޖަލު ހުކުމެއް ހުރަސް އަޅާ ފަދައިން އިމްރާން ވެސް ހުންނެވީ ޖަލު ހުކުމެއްގަ އެވެ. އެ ދެ ބޭފުޅުންނަށް އިންތިޚާބުގައި ވާދަކުރެއްވޭ ނަމަ، އިމްރާނަށް ވެސް އެ ފުރުސަތު ނުލިބޭންވީ ސަބަބެއް ނެތެވެ. ނަމަވެސް އިމްރާންގެ ތަފާތަކީ، ބޭސްފަރުވާގެ ނަމުގައި ނަޝީދާއި ގާސިމް ބޭރަށް ވަޑައިގެން ހުންނެވި ނަމަވެސް، އިމްރާން އެ ގޮތް ބޭނުން ނުވެ، އަނިޔާ އަށް ކެތްކުރެއްވުމެވެ.

މި ހަގީގަތްތައް މިހެން ހުރި އިރު ވެސް އެމްޑީޕީން ބުނަމުން ދަނީ، އެ ޕާޓީގެ ފަރާތުން ރިއާސީ އިންތިޚާބަށް ނުކުންނަވާނީ ނަޝީދު ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީން ބޭނުންވަނީ ރިއާސީ ކެންޑިޑޭޓްގެ ގޮތުގައި ގާސިމް ނެރުމަށެވެ. އަދާލަތު ބޭނުންވަނީ އިމްރާނެވެ. ނަމަވެސް ކުރިން މި ދެންނެވި ގާނޫނީ ހުރަސްތައް ހުރިހައި ހިނދަކު، އެ ތިން ބޭފުޅުންގެ މެދުގައި ޕްރައިމަރީއެއް ބާއްވައިގެން ރިއާސީ ކެންޑިޑޭޓެއް ކަނޑައެއް ނޭޅޭނެ އެވެ.

ނަޝީދަށް ވާދަނުކުރެއްވޭ ހާލަތެއްގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަން ބޭނުންވާ ކަމަށް ތުންތުންމަތިން ވާހަކަދެކެވޭ ބައެއް ބޭފުޅުން އެބަ ތިއްބެވި އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ އަބްދުﷲ ޝާހިދާއި މަޖިލީހުގެ ހިންނަވަރު ދާއިރާގެ އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ހިމެނެ އެވެ.

ޖުމްހޫރީ ޕާޓީގެ ހާލަތު ވެސް އޮތީ ހަމަ އެ ގޮތަށެވެ. ގާސިމް ވާދަނުކުރެއްވޭ ހާލަތެއްގައި ނަމަ، އެ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާނެ ކަމަށް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވިދާޅުވެފަ އެވެ. އޭނާގެ އިތުރުން، ޖޭޕީގެ ނައިބު ލީޑަރު، އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވެސް ވާދަކުރައްވަން ބޭނުންވާ ކަމަށް ތުންމަތިން ވާހަކަ ދެކެވެ އެވެ.

ހައި ކޯޓުގައި ބޭއްވި ޝަރީއަތަށް ފަހު އިމްރާން ނުކުމެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ

"އެކަމަކު އެއިން އެއްވެސް ބޭފުޅަކަށް ކެރިވަޑައެއް ނުގަންނަވާނެ އިނގޭތޯ، މި ދަނޑިވަޅުގައި އެކަން ހާމަކުރައްވާކަށް. އޭގެ ތެރެއިން ވެސް ނުރައްކާ އެންމެ ބޮޑުވާނީ، ނަޝީދުގެ ބަދަލުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަން އުޅުއްވާ ބޭފުޅަކަށް،" ސަރުކާރުގެ ކުރީގެ ވަޒީރަކު ރާއްޖޭގެ މިހާރުގެ ހާލަތާ މެދު ޚިޔާލު ފާޅުކުރެއްވި އެވެ.

"މިހާރު ބައްލަވާ އަބްދުﷲ ޝާހިދަށް އެ ދިމާވި ގޮތް. މީހަކު ކުރެއްވި ޓުވީޓަކުން ރެކެންވެގެން އެކަން ދޮގު ކުރެއްވުމުން އެވަރަކުން ވެސް ނުފުދުނު. އޭގެ އިތުރުން، ނަޝީދު އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެ ނަޝީދަށް ކެމްޕޭން ކުރައްވަން ވެސް ޝާހިދަށް މަޖުބޫރުވީ. އެއީ ހަމަ އެ ޕާޓީގެ ތެރެއިން އަންނަ ފިއްތުން."

މި ހަގީގަތްތައް މިހެން ހުރި އިރު ވެސް، އިދިކޮޅު ޕާޓީތަކުން މަސައްކަތް ކުރަމުން ދަނީ، މި އަހަރުގެ ރިއާސީ އިންތިޚާބުގައި އެ ބޭފުޅުންނަށް ވާދަކުރެއްވޭނެ ކަމަށް ބަލައިގެން އެ ކަމަށް މަގު ފަހިކުރުމަށެވެ. އަދި ރައްޔިތުންނަށް ވިސްނައިދެނީ ވެސް، މި ދެންނެވި ގާނޫނީ ހުރަސްތަކުގެ މަތިން ފުންމަވާލައްވައިގެން ވިޔަސް މި އަހަރުގެ ރިއާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމެވެ.

އިދިކޮޅު ހުރިހާ ޕާޓީތަކުން ވެސް ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީން ބަލިކުރެވޭނީ، އެއް ކެންޑިޑޭޓަކު ނެރެގެންނެވެ. ނަމަވެސް އެފަދަ ކެންޑިޑޭޓެއް ނުދެއްކިގެން އުޅެނީ، އިންތިހާބުގައި ނަޝީދާއި ގާސިމް ވާދަކުރައްވަން، އެ ދެ ޕާޓީން ބޭނުންވާތީ އެވެ.

އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވަފާނެ ކަމަށް ވާހަކަ ދެކެވޭ ބޭފުޅުންގެ ތެރޭގައި ހިމެނޭ އަބްދުﷲ ޝާހިދު (ވ-2) އަދި އިބްރާހީމް މުހައްމަދު ސޯލިހް (މ)

ހަގީގަތުގައި މިހާރު މާ ބޮޑަށް ވެސް ލަސްވެއްޖެ އެވެ. ރައީސް ޔާމީނާ ވާދަކުރައްވާނީ ކާކު ކަން ރައްޔިތުންނަށް ދުރާލައި އެނގެން ޖެހޭނެ އެވެ. ރައީސް ޔާމީންގެ މައްސަލަތައް ފާހަގަކޮށް ކޮރަޕްޝަނޭ ވައްކަމޭ ކިޔަން ނުތިބެ، ރައީސްގެ ބަދަލުގައި ދެން އިންތިޚާބު ކުރަންވީ މީހަކު ނުދައްކާ ލަސްކުރެވޭކަށް ނެތެވެ.

އެކްޓިވިސްޓުންގެ ލެވެލްގައި ފެންމަތިވާ ވާހަކަތަކަކީ، އޭގެ ޒާތުގައި ޕާޓީތަކުގެ ސިޔާސަތުގެ ތެރެއިން ފޭދިގެން އަންނަ ވާހަކަތަކެވެ. ކުރިން ދެންނެވި ގާނޫނީ ހުރަސްތައް ހުރި އިރު، ނަޝީދާއި ގާސިމް ނޫން ބޭފުޅަކު ނުދެއްކިގެން އުޅެނީ ކީއްވެގެންތޯ ސުވާލު އުފެދެ އެވެ. ބައެއް މީހުން ބުނާ ގޮތުގައި، ބޭރުގެ ކިތަންމެ ފިއްތުމެއް ކުރިމަތިވިޔަސް، މި އަހަރުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް، ނަޝީދަށް ވެސް އަދި ގާސިމަށް ވެސް، ރައީސް ޔާމީން ފުރުސަތު ދެއްވުން ދުރެވެ.

އެހެން ނޫން ނަމަ، އެންމެ ފުރަތަމަ ނަޝީދުގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެނެސް، އެއަށް ވުރެ ބޮޑު ޖަލު ހުކުމެއް އަންނަ ދައުވާއެއް ނުކުރީހެވެ. އަދި ގާސިމަށް އެ ފުރުސަތު ދެއްވާނެ ނަމަ، ގާނޫނުއަސާސީ ބަދަލުކޮށް، ވެރިކަމަށް ކުރިމަތިލެވޭ މީހުންގެ އުމުރު ވަކި މުއްދަތެއްގައި ނުހިފެހެއްޓީހެވެ. ހަމަ އެފަދައިން، ކަމަކަށް ނުވާ ކަހަލަ ވާހަކަތަކެއް ދައްކަވައިގެން ގާސިމްގެ މައްޗަށް ރިޝްވަތުގެ ދައުވާއެއް ވެސް ނުކުރީހެވެ.

ޖޭޕީގެ ޓިކެޓްގައި ވާދަކުރައްވަފާނެ ކަމަށް ވާހަކަ ދެކެވޭ އަބްދުﷲ ރިޔާޒް (ކ) އަދި އުމަރު ނަސީރު. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ފުރަތަމަ ތިއަރީގައި ބުނާ ގޮތަށް، އިދިކޮޅު އެއް ކެންޑިޑޭޓަކާ މެދު ޕާޓީތަކަށް އެއްބަސް ނުވެވިއްޖެ ނަމަ، ދެ ވަނަ ތިއަރީއަކީ، ކޮންމެ ޕާޓީއަކުން ވަކި ކެންޑިޑޭޓެއް ނެރުމެވެ. އެ ތިއަރީގެ ވެސް އެންމެ ފުރަތަމަ ޝަރުތަކީ ހަމަ އެ ތިން ބޭފުޅުންނެވެ. އެމްޑީޕީން ނަޝީދު، ޖޭޕީން ގާސިމް އަދި އަދާލަތުން އިމްރާނެވެ.

"އެ ނޫން އިޚްތިޔާރުތައް ވެސް އެބަ ހުރި. ވަގުތު ޖެހުނީމާ ހުރިހާ ބޭފުޅުންނަށް ވެސް ފެންނާނެ. މިހާރު ވަކި މީހަކު ނެރެ ދައްކާ އިރަށް، ޖެހޭނީ ނަޝީދާއި ގާސިމާއި އިމްރާނަށް ޖެހުނު ހާލު ނޫންތޯ. ކޮންމެވެސް ތުހުމަތެއް އަޅުވާފައި ގެންގޮސް ޖަލު ގޮޅިއަށް ލާނެ. އެއީ ޔަގީން ކަމެއް،" އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ނުހުންނަވާނެ ވާދަވެރި އިންތިޚާބަކާ ކުރިމަތިލައްވާނެހާ ހިތްވަރެއް. އެހެންވީމާ، ކިރިޔާ ވެސް ވާދަކޮށްފާނެ ހެން ހީވާ މީހަކު ހުރިއްޔާ ގެންގޮސް ޖަލު ގޮޅިއަށް ލާނެ."

އިޚްތިޔާރުތައް އެބަ ހުއްޓޭ ބުނުމަކުން ނުފެދޭނެ އެވެ. ކެންޑިޑޭޓުން ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ، ތިމާމެންނާ މެދު ރައްޔިތުން ވިސްނައި ގޮތެއް ކަނޑައެޅުމުގެ ފުރުސަތު ދޭން މިހާރު ވެސް މާ ލަސްވެއްޖެ އެވެ. އެ ކެންޑިޑޭޓުންގެ މެނިފެސްޓޯއަކީ ކޮބައިކަމާއި ސިޔާސަތުތަކަކީ ކޮބައިކަން ދުރާލައި ރައްޔިތުންނަށް އެނގެން ޖެހެ އެވެ. މިހާރުގެ ސަރުކާރާ މެދު ރައްޔިތުން ކަންބޮޑުވާ މައްސަލަތައް ހައްލުކުރެއްވުމުގައި އެ ބޭފުޅުންގެ ވިސްނުން ހުރި ގޮތް އެނގެން މާ ބޮޑަށް މިދަނީ ލަސްވަމުންނެވެ.