ޒުވާނެއްގެ ގަލަމުން ފާތުމަ، ފިރިހެން ފާތުމައެއް ނޫން

އެކުގައި މަސައްކަތްކުރާ ބަޔަކު މިދިޔަ ރޯދަ މަހު އެ މީހުންގެ އަމިއްލަ "މިއީ ކާކު؟" މުބާރާތެއް ކުރިއަށް ގެންދިޔަ އެވެ. އެ މަޖަލުގެ ތެރޭގައި އެކަކު ފޮނުވި ކަޅާއި ހުދުގެ ފޮޓޯއަކުން ފެނުނީ ދަނޑިގަނޑެއް ހިފަހައްޓާލައިގެން ކެމެރާ އަށް ހިނިތުންވެލައިގެން ހުރި އުމުރުން ދުވަސްވީ އަންހެނެކެވެ. އެއީ ކާކުކަން ދެނެގަންނަން ގިނަ މީހުންނަށް އުނދަގުލެއް ނުވި އެވެ. އެކަމަކު އެ އެންމެން ދިން ޖަވާބު ވެސް ވީ ނުބަ އެވެ. ސަބަބަކީ، އެ ގްރޫޕުގެ އެކަކު ދުށް ގޮތުގައި، އެ މީހުން އޭނާގެ ނަން ބުނީ ރަނގަޅަކަށް ނޫނެވެ.-- އޭނާ ބުނި ގޮތުގައި އެއީ ފާތުމަ އެވެ. "ފިރިހެން ފާތުމަ"އެއް ނޫނެވެ.


"ފިރިހެން ފާތުމަ" ނުވަތަ "އަންހެން ފިރިހެން ފާތުމަ"އެއްގެ ވާހަކަ މި ޖީލު ވެސް އަޑުއަހަ އެވެ. އެކަމަކު، ދޮށީ އުމުރުގެ މީހުންނާ ޚިލާފަށް، ގިނަ ޒުވާނުންނަށް އެ ބުނާ އެއްޗެއްގެ ހަގީގަތެއް ނޭނގޭނެ އެވެ. އެއީ ޚިޔާލީ މީހެއް ކަމަށް ހީކުރާ ޒުވާނުން އުޅެ އެވެ. ފިރިހެނަކު "ރަނޑު" ކަމަށް ބުނެ ރައްދުކޮށްލާ މަލާމާތެއްގެ ގޮތުގައި ވެސް ފާތުމަގެ ނަން ބޭނުންކުރެ އެވެ. އެކަމަކު "ފިރިހެން ފާތުމަ"އަކީ މިސާލު ބަހެއް، ވައްބަހެއް އަދި މަޖާޒެއް ވެސް ނޫނެވެ. އަސްލު މީހަކަށް ކިޔައި އުޅުނު ވަނަމެކެވެ. އާއްމުކޮށް އަންހެނުން ނުކުރާ ވަރުގަދަ އެތައް މަސައްކަތަކުން އާމްދަނީ ހޯދައިގެން އިހު ޒަމާނުގައި މާލޭގައި ދިރިއުޅުނު "ހިތްވަރުގަދަ، އަޒުމު ވަރުގަދަ، ހަރުދަނާ" އަންހެނެކެވެ.

އެފަދަ މީހަކަށް "ފިރިހެން ފާތުމަ"އޭ ކިޔުމަކީ އޭނާ ކުޑައިމީސްކޮށްލުންކަން ނާޝިޔާ މުހައްމަދު ސަލީމް (މޯނީ) އަށް ގަބޫލުކުރެވެން ފެށީ އެކުގައި މަސައްކަތްކުރާ މީހަކު އެކަން ފާހަގަކުރީމަ އެވެ. "މިއީ ކާކު؟" ސުވާލުގެ ޖަވާބުގައި "ފިރިހެން ފާތުމަ"އޭ ބުނި މީހުންގެ ތެރޭގައި ނާޝިޔާ ވެސް ހިމެނުނެވެ. އެކަމަކު ޗެޓް ގްރޫޕުގައި ދެކެވުނު ވާހަކަތަކާ އެކު ކުއްލިއަކަށް އޭނާގެ ލޯ ހުޅުވުނު ފަދަ އެވެ. ލިޔުންތެރިކަމުގެ ހުނަރާއި ޝައުގުވެރިކަމުގެ ތެރެއިން ނާޝިޔާ، 25، ގެ ފުރަތަމަ ފޮތް ފާތުމަ އަށް ޚާއްސަ ވެގެންދިޔަ ގޮތަކީ އެއީ އެވެ.

މިދިޔަ ހަފްތާގައި ނެރުނު ކުޑަކުދިންގެ ވާހަކަ ފޮތް "ފާތުމަ" އިން ފެންނަނީ، އަންހެނުންނަށް ވަކި ކަހަލަ ކަންތައްތަކެއް ނުކުރެވޭނެއޭ ނުވަތަ އެކަށީގެނެއް ނުވެއޭ ބުނާ ވިސްނުމަށް ނުބަލައި، އާމްދަނީ ހޯދުމުގައި ވަރަށް ތަފާތު ނަމޫނާއެއް ދެއްކި އާދަޔާޚިލާފް އަންހެނަކަށް އޭނާގެ ހައްގު މަގާމް، އެތައް އަހަރެއް ފަހުން، ޒުވާން ލިޔުންތެރިޔަކު ދިން ތަނެވެ. އުމުރުން ފަސް އަހަރުން މަތީގެ ކުދިންނަށް ލިޔެފައިވާ އެ ވާހަކަ އިން ނާޝިޔާ ދޭން ބޭނުންވާ މެސެޖަކީ ވަކި ޖިންސަކަށް ވީތީ ނުކުރެވޭނެ އެއްވެސް މަސައްކަތެއް ނެތް ކަމެވެ. ފާތުމަގެ ދިރިއުޅުމުން ނާޝިޔާ އަށް ފެންނަނީ އެހެން މީހުންނަށް ވަރަށް ބޮޑު ހިތްވަރެކެވެ.

"ހަގީގަތުގައި މިއީ ދެ ކަމަކަށް ހައްލެއް ހޯދުމުގެ ގޮތުން ނެރުނު ފޮތެއް،" ބައްޕަ، ލިއުންތެރިޔާ ހޯރަފުށީ މުހައްމަދު ސަލީމްގެ ފިޔަވަޅު މަތިން އަދި މަންމަ ޒޫނާ އިބްރާހީމްގެ އެހީތެރިކަމާ އެކު ލިޔުންތެރިކަމުގެ ތެރެއަށް ވަން ޒުވާނާ ކިޔައިދިނެވެ.

"އެއް ކަމަކީ ފާތުމަ އަށް ކުރިންސުރެ ދެވިފައި އޮތް ނަން އަދިވެސް ބަދަލުނުވެ އޮތީމަ އެކަން ރަނގަޅުކޮށް އަދި މި ޖީލަށް އޭނާގެ ހިތްވަރު އަންގައިދިނުން. ދެވަަނަ ކަމަކީ ޒަމާނާ ގުޅޭ ގޮތަށް ހުންނަ، ކުޑަކުދިން ކިޔާ ހިތްވާ ކަހަލަ ދިވެހި ފޮތްތައް ވަރަށް މަދުވީމަ، އެފަދަ ފޮތެއް ނެރުން."

ފާތުމަ ކުރީ ކޮން ކަމެއް؟

ހަނދާން ހުރި ބައެއް މީހުންގެ ވާހަކަތަކުން އެނގޭ ގޮތުގައި ދިރިއުޅުމަށްޓަކައި ފާތުމަ ނުކުރާ އެއްވެސް މަސައްކަތެއް ނެތެވެ. އޭނާގެ ޚާއްސަ ކަމަކީ އަންހެނުންނާއި ފިރިހެނުންގެ ދައުރު މުޅިން ވަކިން އޮތް ޒަމާނެއްގައި އަންހެނަކަށް ވީތީ ލަދުގަނެ، ފަސްޖެހިފައި ނެތުމެވެ.

ފާތުމަގެ ފޮޓޯއަކާ އެކު ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ލިޔުންކޮޅެއްގައި (މަސްދަރެއް ނޭނގޭ) އޭނާ ސިފަކޮށްދީފައިވެ އެވެ؛

"ފިރިހެން ފާތުމައަކީ ރުއްރުކަށް އަރާ މަހަށް، ފަރަށް ގޮސް އުޅުނު މުރާލި އަންހެނެކެވެ. އޭނާ ރާނާ ވަޑާންކޮށް ވެސް އުޅުނެވެ. އިހު ޒަމާނުގައި ހުޅުލޭގައި މީހުން ދިރިއުޅުނު އިރު މީނާ އެކަނިމާއެކަނި ބޮއްކުރާގައި ދެ އަތުން ފަލި ޖަހައި ހުޅުލެ އަށް ގޮސް ދަރާއި ފުޅަފި، ކުރުފެލާން ބޭނުން އިލާ، އިލޮށިފަތި، ދިޔާހަކުރު، ގަބުޅި ކުރުނބާ، ބިއްފަނާއި ކޮޅުފަންދަނޑި އާއި މުޑި ފަދަ ތަކެތި ބޮއްކުރަ އަށް އަރުވާ ދެ އަތުން ފަލި ޖަހާފައި ދަތުރުތައް ކޮށް އުޅުނެވެ. މާލޭގެ ފުއްޓަރު ފަރާތަށް ބޮއްކުރާގައި ނުކުމެ ކެޔޮޅުކަން ކުރެ އެވެ.

މި ފާތުމައަކީ ވަރަށް ހިތްވަރުގަދަ އަޒުމު ވަރުގަދަ ހަރުދަނާ އަންހެނެކެވެ. [އިނގިރޭސީންގެ ހިމާޔަތުގައި ރާއްޖެ އޮތް ދުވަސްވަރު އިނގިރޭސި މަންދޫބެއްގެ ގޮތުގައި ރާއްޖޭގައި ހުންނެވި އާތިންޓަން] ޑޭވީ އާއި އިދިކޮޅަށް [1962ގައި] އަންހެންވެރިން ކުރި މުޒާހަރާގައި ދޫނިދުއަށް ފުރަތަމަ ވަން ދޯނީގެ ހުންގާނުގައި ހުރީ ވެސް ފާތުމަ އެވެ. މީގެ އިތުރުން ކުޑަކިބާ ބަދިގޭގެ ކައްކާ މީހެއްގެ ވަޒީފާ އަދާކުރުމާއި ބަރޮހާއި އިހުރު މީނާ ބެލެހެއްޓި ދުވަސްވަރެއް ވެސް ދިޔަ އެވެ."

"މީހުން ގަބޫލުކުރާ ކަމެއް ނޫން"

އަސްރަފީ ބުކްޝޮޕާއި މެރާކީ އިން ލިބެން ހުރި އަދި މިއަދު ހަވީރު އާޓިފިޝަލް ބީޗުގައި ވިއްކަން ހަމަޖެހިފައިވާ ފޮތާ ބެހޭ ގޮތުން ބައެއް މީހުން ނާޝިޔާ އަށް ބުނެދިން އެއްޗަކީ މިއީ އާއްމުންގެ މެދުގައި އެހާ މަގުބޫލު މައުލޫއުއެއް ނޫން ކަމެވެ. ފުރުސަތުތަކުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަކުރުމުގެ ވިސްނުން ދިވެހިންގެ ތެރެއިން ގިނަ ބަޔަކު އަދިވެސް ބަލައިނުގަންނަކަން އެ މީހުން އޭނާ އަށް ހަނދާންކޮށްދިނެވެ. އެކަމަކު އެއީ ހުރަހެއް ކަމަކަށް ނާޝިޔާ ނުދެކެ އެވެ.

"ފޮތް ނެރުމުގެ ކުރިން ވެސް މީހުން ބުނި މީތި ވަރަށް އުނދަގޫވާނެއޭ ވިއްކަން. މިއީ މީހުން ގަބޫލުކުރާ ކަމެއް ނޫނޭ. އެކަމަކު އަޅުގަނޑު ބެލީ ވިޔަފާރީގެ ފައިދާއެއް ހޯދާކަށް ނޫން. ހިތަށްއެރީ މީހުން އަޑު އަހަން ބޭނުން ނުވާ ވާހަކައެކޭ ކިޔާފައި މިކަން ދޫކޮށްލެވޭކަށް ނެތޭ. އެހެންވީމަ ގޮންޖެހުމަކަށް ވިޔަސް އެންމެ ރަނގަޅު ކަމަށް ފޮތް މި ނެރުނީ،" ފަހަރި، އިހުސާނާ އަހުމަދުގެ ކުރެހުންތައް ހިމަނާފައިވާ ފޮތާ ބެހޭ ގޮތުން ނާޝިޔާ ބުންޏެވެ.

"ފާތުމަ" ނެރުމުގެ ހަފްލާގައި ނާޝިޔާ، ދިވެހި ބަހުގެ މުދައްރިސް އަބްދުﷲ ސޯދިގު (ސޯދުބެ)އާ އެކު --ފޮޓޯ: މުހައްމަދު ސަލީމް

ޔޫތު މިނިސްޓްރީގައި ހަތް އަހަރު ވަންދެން އުޅުމަށް ފަހު މިހާރު، ގެވެށި އަނިޔާ އާއި އާއިލީ މައްސަލަތަކުގެ ޝިކާރައަކަށްވާ ކުޑަކުދިންނާއި އަންހެނުންގެ ހައްގުގައި އަމިއްލަ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ނާޝިޔާގެ މަގްސަދަކީ ވަކި ޖިންސަކަށް ވީތީ އެއްވެސް މަސައްކަތެއް ކުރަން ހުރަހެއް ނެތް ކަން، ބޮޑުވަމުން އަންނަ ޖީލަށް އަންގައިދިނުމެވެ. އޭގެ ތެރޭގައި އޭނާގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅު ވެސް ހިމެނެ އެވެ.

"ފޮތުގެ މައިގަނޑު މެސެޖަކީ ކޮންމެ މަސައްކަތަކީ ވެސް އަބުރުވެރި މަސައްކަތެއްކަން. އަންހެންކުދިންނަށް ވެސް ފިރިހެންކުދިންނަށް ވެސް، އެ ކުއްޖަކު ބޮޑުވެގެން ކުރާ ހިތްވާ ކަމެއް ކުރެވޭނެއޭ،" ކުޑަކުދިންގެ އިތުރު ދެ ފޮތެއް ލިޔަމުން އަންނަ ނާޝިޔާ ކިޔައިދިނެވެ.

އެ މެސެޖު ދޭން އޭނާ އަށް ފެނުނު އެންމެ ރަނގަޅު މިސާލަކީ ފާތުމަގެ ހަޔާތެވެ. އެއީ ނަމޫނާއެއްކަން އަމިއްލަ އަށް ނަގައިގެނުވުނު ހިސާބުން އެހެން މީހުންނަށް ވެސް އެކަން އަންގައިދޭން ބޭނުންވީ އެވެ.