ހުޅުމާލޭގެ އާބާދީ ބޮޑުވަނީ، އެކަމަކު ފެރީ ނިޒާމުގައި ދުވެއްޔެއް ނެތް!

ރާއްޖޭގައި އެންމެ ގިނަ ބަޔަކު ކޮންމެ ދުވަހަކު ދަތުރުކުރާ ތަނަކީ ހުޅުމާލެ އެވެ. ތަފާތު ބޭނުންތަކުގައި ހުޅުމާލެ އާއި މާލެއާ ދެމެދު 25،000 ވަރަކަށް މީހުން ފެރީގައި ދަތުރުކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.


މީގެ 14 ވަރަކަށް އަހަރު ކުރިން މީހުން އާބާދުވާން ފެށި ހުޅުމާލޭގައި މިހާރު ގާތްގަނޑަކަށް ބައިލައްކަ މީހުން ދިރިއުޅޭ ކަމަށްވެ އެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު ރަށެވެ.

މާލޭގެ އަވަށެއްގެ ގޮތުގައި ބަލާ ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށީއްސުރެ އެންމެ ބޮޑު ޝަކުވާއަކީ، މާލެ އާއި ހުޅުމާލެއާ ދެމެދު އެކަށީގެންވާ ގޮތެއްގައި ފެރީގެ ޚިދުމަތް ނުދެވުމެވެ. އަދި އެކަމާ މިހާރު ހަވާލުވެފައިވާ އެމްޓީސީސީ އަށް ހިދުމަތް ތަރައްގީ ނުކުރެވޭ ވާހަކަ އެވެ.

ހުޅުމާލޭގެ އާބާދީ ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ އިރު، ފެރީގެ ހިދުމަތާ މެދު ގިނަ ބައެއްގެ ޝަކުވާ އެބަހުއްޓެވެ. އެންމެ ބޮޑު އެއް ޝަކުވާއަކީ ހުޅުމާލެ އަށް މީހުން އިތުރުވަމުން އަންނަ ނިސްބަތުން ފެރީ ދޯނިތައް އިތުރުނުވެ، ފެރީ ޓާމިނަލް ތެރޭގައި ތޮއްޖެހެން ޖެހުމެވެ.

ހުޅުމާލޭ ފެރީއަށް އަރަން ބަޔަކު ކިޔޫ ހަދައިގެން: މާލެ އާއި ހުޅުމާލެއާ ދެމެދު ދުވާލަކު 25،000 މީހުން ދަތުރުކުރާ ކަމަށްވޭ.

އެމްޓީސީސީގެ ފެރީ ދަތުރުތަކުގައި ބޭނުންކުރަނީ އާދައިގެ 13 ފެރީ ދޯންޏާއި ތިން އޭސީ ފެރީ އެވެ. މީގެ ތެރެއިން ގިނަ ދޯނިތަކަކީ ބޭނުންކުރާތާ އެތައް އަހަރެއް ވެފައިވާތީ އަބަދު މަރާމާތަށް އެހެލަން ޖެހިފައިވާ ދޯނިތަކެކެވެ. އަދި ފަހުން "ޕްރީމިއަމް ލިންކް"ގެ ނަމުގައި ބޭނުންކުރާ އޭސީ ފެރީތައް ވެސް ކޮންމެވެސް މައްސަލަތަކެއް ޖެހިގެން އެންމެ ބާރު ބޮޑު ގަޑިތަކުގައި ދޭތެރެ ދޭތެރެ އިން ހިދުމަތް މެދުކެނޑެ އެވެ.

އެމްޓީސީސީން އާއްމުކޮށްފައިވާ ހުޅުމާލެ ފެރީތަކުގެ ޝެޑިއުލްގައިވާ ގޮތުން ފަތިހު މާލެ އިން ފުރަތަމަ ފުރާނީ 5:30 ގަ އެވެ. އެންމެ ފަހު ފެރީ މާލޭގެ އިތުރުން ހުޅުމާލެ އިން ވެސް ފުރާނީ ރޭގަނޑު ދަންވަރު 2:30ގަ އެވެ. އަދި ހެނދުނު އެންމެ ބާރު ބޮޑު ގަޑިތަކުގައި އާއްމުކޮށް ކޮންމެ ދިހަ މިނެޓަކުން ދަތުރެއް އޮންނާނެ ކަމަށް ޝެޑިއުލް ކޮށްފައިވެ އެވެ. އެ ނޫން ގަޑިތަކުގައި ވެސް ކޮންމެ 15 މިނެޓަކުން ފެރީއެއް އޮންނާނެ ކަމަށް ޝެޑިއުލްގައިވެ އެވެ.

ހުޅުމާލެ އަށް މިދިޔަ ހަތަރު ވަރަކަށް އަހަރު އެތައް ހާސް ބަޔަކު ވަނީ ދިރިއުޅުން ބަދަލުކޮށްފަ އެވެ. ނަމަވެސް ފެރީގެ ހިދުމަތަށް މާ ބޮޑު ކުރިއެރުމެއް ނާދެ އެވެ. އެ ހިދުމަތަށް އެންމެ ފަހުން އައި ބަދަލަކީ އޭސީ ތިން ފެރީ އިތުރުކުރުމާއި ދަތުރު ކާޑު ބޭނުންކޮށްގެން އާދައިގެ ފެރީތަކުގައި ދަތުރުކުރެވޭނެ ގޮތް ހެދުމެވެ.

މެރިން ޑިޒައިނުން ބަންނަ ދޯނިތައް ނުލިބި އެތައް އަހަރެއް

ހުޅުމާލޭ ފެރީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެމްޓީސީސީން މީގެ ދެ އަހަރެއްހާ ކުރިން، އޭސީ ދެ ފެރީ ބަންނަން މެރިން ޑިޒައިން ކިޔާ ކުންފުންޏަކާ ހަވާލުކުރި އެވެ. ނަމަވެސް ދެ އަހަރަށްވުރެ ގިނަ ދުވަސްވީއިރު ވެސް އެ ދޯނިތައް ނުނިިމިގެން، އެ ފެރީތައް ދުއްވޭ ވަރުވީ އެމްޓީސީސީން ތިލަފުއްޓަށް ގެންގޮސް އެ ދޯނިތަކުގެ މަސައްކަތް ނިންމައިގެންނެވެ. އެއީ "ކޮއިމަލާ1" އަދި "ކޮއިމަލާ 2" އެވެ. ނަމަވެސް އޭގެ ފަހުން އިތުރު ތިން އޭސީ ފެރީ ބަންނަން ހަވާލުކުރި އެވެ.

"އެންމެ ފުރަތަމަ ޓްރާންސްޕޯޓް ޑިޕާޓްމަންޓުން ހުށަހެޅީ އޭސީ ފަސް ފެރީ ބަންނަން. އެކަމަކު ބޯޑުން ނިންމީ ފުރަތަމަ ދެ ފެރީ ބަންނަން. އޭގެ ނަތީޖާ އަށް ބަލާފައި އިތުރު ފެރީ ބަންނަން ހަވާލުކުރަން. ނަމަވެސް ފުރަތަމަ ބަންނަން ހަވާލުކުރި ދެ ފެރީ ނުނިމެނީސް އިތުރު ތިން ފެރީ ބަންނަން ހަވާލުކުރީ،" އެ ކުންފުނީގެ ކުރީގެ ބޯޑުގެ މެމްބަރަކު ވިދާޅުވި އެވެ.

ހުޅުމާލޭގެ ދަތުރުތަކުގައި ބޭނުންކުރާ ފެރީ ދޯންޏެއް: އޭސީ ތިން ފެރީ ބަންނަން ހަވާލުކުރި ނަމަވެސް އެ މަސައްކަތް ނުނިމި ވަނީ ދިގުލައިގެން ގޮސްފައި.

އެ ތިން ފެރީގެ މަސައްކަތް ނިންމައި އެމްޓީސީސީއާ ހަވާލުކުރުން ލަސްވާތީ، މިދިޔަ އަހަރު ބޭއްވި އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސީއީއޯ އިބްރާހިމް ޒިޔަތު ވަނީ އެ ފެރީތައް ކަނޑައެޅިފައިވާ މުއްދަތަށް ނިންމައި ހަވާލުނުކުރާ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. އަދި މެރިން ޑިޒައިނާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އޭރު އޭނާ ވިދާޅުވި އެވެ. އެކަމަކު މުއްދަތަށް ނުނިންމުމުން، މެރިން ޑިޒައިންއާ މެދު ފިޔަވަޅެއް އެޅިކަމެއް އެމްޓީސީސީއަކުން ނުބުނެ އެވެ.

މެރިން މެރިން ޑިޒައިން އާއި އެމްޓީސީސީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުން ފެބްރުއަރީ 2017 ގައި އެ ފެރީތައް ހަވާލުކުރަން ޖެހެ އެވެ. ފެރީތައް ބަންނަން ހަވާލުކުރީ 12 މިލިއަން ރުފިޔާ އަށެވެ. ފެރީތަކަށް އިންޖީނު ސަޕްލައިކޮށްދެނީ އެމްޓީސީސީންނެވެ.

އެ ޕްރޮޖެކްޓްގެ ހަގީގަތްތައް އެނގިވަޑައިގަންނަވާ ބޯޑު މެމްބަރަކު ވިދާޅުވީ ދޯނި ހަވާލުނުކުރެވި ލަސްވި ނަމަވެސް މެރިން ޑިޒައިނާ މެދު ފިޔަވަޅެއް ނޭޅެނީ އޭގެ ތެރެއަށް ނުފޫޒުތަކެއް ވަދެގެން ކަމަށެވެ. އަދި އެ ދޯނިތައް ބަނދެ ހަވާލުކުރަން އެކި ދުވަސްތައް ދިން ނަމަވެސް، ނުނިމި ލަސްވެގެން އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންމެ ފުރަތަމަ މެރިން ޑިޒައިނާ ބަންނަން ހަވާލުކުރީ 180 މީހުންގެ ޖާގައިގެ ދެ ފެރީ ނަމަވެސް ބަނދެގެން ގެނައި އިރު ހުރީ 146 މީހުން ޖާގަ ކަމަށެވެ.

"ދެން އޮޑިޓުން ބަލައި ސާވޭކޮށް އެންގީ މަދުވި އަދަދަށް ކޮންޓްރެކްޓަރު އަތުން ފައިސާ ކަނޑަން. އެކަމަކު އެއިން އެއްވެސް އެއްޗެއް ނުކަނޑާ. އޭގެ އިތުރުން ފެރީ ހަވާލުނުކޮށް ޑިލޭވި ދުވަސްތަކަށް ވެސް ފައިސާ ކަނޑަން އެންގި. އެހެން އޮތްވައި ސަތޭކަ މީހުންގެ ޖާގައިގެ އިތުރު ތިން ފެރީ އާއި ކާގޯ ފެރީ ބަންނަން އެ ކުންފުންޏާ ހަވާލުކުރީ. އެ ފެރީތައް ވެސް ގެންނަން އެތައް މުއްދަތެއް ދިން. އެކަމަކު އަދިވެސް ނުގެނެވިގެން އެއުޅެނީ،" އެ ބޯޑު މެމްބަރު ވިދާޅުވި އެވެ.

އެ ކުންފުނީގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ އޮފިޝަލަކު ވިދާޅުވީ ފުރަތަމަ ބަން ދެ ފެރީ ބޭނުންކުރަން ފެށީ އޭގައި ޖާގަ ހުންނަން ޖެހޭ މިންވަރަށް ގޮނޑި ޖަހައިގެން ކަމަށެވެ. އަދި އޭގެ އިތުރުން އެ ފެރީތައް ބޭނުންކުރަން ފެށީ ސަލާމަތީ ގޮތުން ހުންނަން ޖެހޭ ޝަރުތުތައް ކަނޑައަޅައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ މެރިން ޑިޒައިނާ ހަވާލުކުރި ތިން ފެރީގެ ތެރެއިން ދެ ފެރީ މިމަހު ބޭނުންކުރަން ފަށާނެ ކަމަށެވެ. އަދި ތިންވަނަ ފެރީ ވެސް ހުރީ ނިމިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ފެރީތަކުގެ މަސައްކަތް ނުނިމި ލަސްވުމުން އަޅުގަނޑުމެން އެކަމާ ބެހޭ ގޮތުން ނެގޯޝިއޭޓްކުރި. އަދި މިހާރު ތިންވަނަ ފެރީ ވެސް އެހުރީ ނިމިފައި. ވަރަށް އަވަހަށް ގެނެވޭނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު "މިހާރު"އާ ވާހަކަދައްކަވަމުން މިދިޔަ މަހުގެ ތެރޭގައި ވިދާޅުވީ ހުޅުމާލޭގައި އަލަށް ހެދި ފްލެޓްތަކަށް މީހުން ބަދަލުވާން ފަށާއިރު ފެރީގެ ހިދުމަތަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން އިނގުރައިދޫގައި ބަންނަ ތިން ފެރީގެ ތެރެ އިން ދެ ފެރީ ޑިސެމްބަރު މަހު މާލެ ގެނެސް ދަތުރުތަކުގައި ބޭނުންކުރަން ފެށޭވަރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ޑިސެމްބަރު މަސް ނިމުނުއިރު ވެސް އެ ފެރީއެއް ބޭނުންކުރާކަށް ނުފަށަ އެވެ.

އިތުރުވި އާބާދީއާއެކު ޓާމިނަލް ތޮއްޖެހިފައި

ހުޅުމާލޭގައި އަމީން ކޮންޓްރަކްޝަނުން ހެދި 300 ފްލެޓަށާއި ސަރުކާރުން އަލަށް އެޅި ފްލެޓްތަކުގެ ތެރެއިން 661 ފްލެޓަށް 5،000 އަށް ވުރެ ގިނަ މީހުން މިދިޔަ ތިން މަހެއްހާ ދުވަހުގެ ތެރޭގައި ދިރިއުޅުން ބަދަލުކުރި އިރު އެމްޓީސީސީގެ ފެރީގެ ހިދުމަތަށް އައި އެއްވެސް ކުރިއެރުމެއް ނެތެވެ. ހެނދުނު އެންމެ ބާރު ބޮޑު ގަޑީގައި، ހުޅުމާލޭގައި ހުންނަ ފެރީ ޓާމިނަލް ތޮއްޖެހިގެން ގަޑިއަށް ތަންތަނަށް ދާން ޖެހޭ މީހުންނަށް ނުދެވިގެން އަޑުގަދަކޮށް، ޝަކުވާކުރުން ވަނީ އާއްމުވެފަ އެވެ. އަދި ހުޅުމާލެ އަށް މީހުން އިތުރުވި ނިސްބަތާއެކު ސައިކަލް ގެންދާ ފެރީތަކަށް ވެސް އިންތިހާ އަށް ބާރު ބޮޑުވެފައިވެ އެވެ.

ހުޅުމާލެ އާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީ ދޯންޏަކަށް ބަޔަކު އަރަނީ: އެ ހިދުމަތުގައި ބޭނުންކުރާ ގިނަ ދޯނިތަކަކީ ބޭނުންކުރާތާ އެތައް އަހަރެއްވެފައިވާ ބާ ދޯނިތަކެއް.

އާ ފްލެޓްތަކަށް މީހުން ބަދަލުވުމާއި ސްކޫލްތައް ހުޅުވުމާ އެކު މި ދުވަސްވަރު ހުރިހާ ގަޑިއެއްގައިހެން މާލޭގެ އިތުރުން ހުޅުމާލޭގެ ފެރީ ޓާމިނަލް އޮންނަނީ ފުރި ބާރުވެފަ އެވެ. އޮފީސްތައް ނިމިގެން މީހުން މެންދުރު ފަހު ގެ އަށް ދާން ދަތުރުކުރާ ގަޑީގައި، ކުރިން ދިހަ ވަރަކަށް މިނެޓް ޓާމިނަލްގައި ފެރީ އަށް މަޑުކުރަން ޖެހުނު ނަމަވެސް މިހާރު އާއްމުކޮށް ވިއްސަކަށް މިނެޓް މަޑުކުރަން ޖެހެ އެވެ.

ހުޅުމާލޭގެ އާބާދީ ބޮޑުވަމުން ދާ ވަރަކަށް އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ފެރީގެ ނިޒާމު ހަރުދަނާ ކުރުމަށެވެ. ހުޅުމާލެ އާއި މާލެ އޮތީ ގުޅި ލާމެހިފައި ކަމަށް ވާތީ، މި ދެ ރަށް ދޭތެރޭގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީ ކޮށް ހަލުއި ކުރަން ޖެހެ އެވެ. ހަގީގަތަކީ، ބްރިޖް ހުޅުވަން ދެން ބަލަހައްޓައިގެން ތިބޭ ވަރަށް ވުރެ މި މައްސަލަ މާ ނާޒުކު ކަމެވެ.