ބޯހިޔާވަހިކަމަށް އެދި އާދޭސްކޮށްގެން ހޯދި ފްލެޓްތައް ކުއްޔަށް!

އެންމެ ފަހުން ހުޅުމާލޭން ދޫކުރަން ނިންމި ފްލެޓްތަކަށް 15،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އެ އެންމެންނަކީ ވެސް، ހުރިހާ ޝަރުތުތަކަކުން ވެސް، ބޯހިޔާވަހިކަމެއް ނެތް ކަމަށް ސާބިތުވި މީހުންނެވެ. ނަމަވެސް ފްލެޓްތައް ލިބުނު މީހުން އަމަލު ކުރަމުންދާ ގޮތުން، އެއީ ހަގީގަތުގައި ވެސް އެ ފްލެޓްތައް ހައްގުވާ މީހުންތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.


އެ ފްލެޓްތައް ލިބުނު މީހުން އެ ފްލެޓްތަކުގައި ދިރިއުޅުމުގެ ބަދަލުގައި، އެ ތަންތަން ބޮޑު އަގުގައި ކުއްޔަށް ދީގެން އާމްދަނީ ހޯދަން މިހާރު ވަނީ އަމާޒު ހިފައިފަ އެވެ.

މީގެ ކުރިން ވެސް އެ މައްސަލަ ބޮޑުވެފައިވާތީ މި ފަހަރުގެ ފުލެޓްތައް ދޫކުރުމާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މި ފަހަރު ދޫކުރާ ފްލެޓްތަކުގައި ދިރިއުޅޭނީ އެ ފްލެޓްތައް ލިބުނު މީހުންކަން ޔަގީންކުރާނެ ކަމަށާއި ފްލެޓް ހަވާލު ކުރާނީ ވެސް އެ ކަން ޔަގީން ކުރުމަށް އެގްރީމެންޓް ހެދުމަށް ފަހުގައި ކަމަށެވެ.

ފްލެޓް ލިބުނު މީހުންނާއެކު އެގްރީމެންޓް ހަދައި އަދި އޭގެ ތެރެއިން ބައެއް ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާފައިވާ އިރު، އެގްރީމެންޓްގައި ބުނެފައިވާ ގޮތުން، ކުއްޔަށް ދިނަސް ދެވޭނީ ތިން ކޮޓަރީގެ ފްލެޓަކުން އެއް ކޮޓަރި އެެވެ. އަނެއް ދެ ކޮޓަރީގައި ދިރިއުޅެން ޖެހޭނީ ފްލެޓް ލިބުނު މީހުންނެވެ.

އަލަށް ދޫކުރި ބައެއް ފުލެޓްތައް. އެތަން ކުއްޔަށް ދޫކުރާ މައްސަލަ ބޮޑު. -- މިހާރު ފޮޓޯ

ނަމަވެސް ކަން ހިނގަނީ އެ ގޮތަކަށް ނޫނެވެ. މި ފަހަރު ހުޅުމާލޭން ދޫކުރި 661 ފްލެޓްގެ ތެރެއިން ބައެއް ފްލެޓްތަކުގައި އެ މީހުން ދިރިއުޅުމުގެ ބަދަލުގައި އެހެން މީހުންނަށް ކުއްޔަށް ދޭން މިހާރު ވަނީ ފަށައިފަ އެވެ. އެކިއެކި ވެބްސައިޓްތައް މެދުވެރިކޮށް އެ ފްލެޓްތައް ކުއްޔަށް ދިނުމަށް ވަނީ އިއުލާންކޮށްފަ އެވެ. އެ ނަމްބަރުތަކަށް ގުޅުމުން ފުލެޓް ކުއްޔަށް ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

"މި އުޅެނީ ރައްޓެއްސަކަށް ލިބުނު ފްލެޓަކަށް ބަދަލުވާން. އޭނަ ބޭނުންވަނީ، އޭނާ އަށް ލިބުނު ފްލެޓް ކުއްޔަށް ދީފައި އޭނާ މިހާރު ވެސް މާލޭގައި އެ އުޅޭ ތާނގައި އުޅެން. އޭނާ ބުނި 15،000 ރުފިޔާ އަށް އެ ތަން ދީފާނަމޭ،" އަލަށް ދޫކުރި ފްލެޓެއް ކުއްޔަށް ހިފަން އުޅޭ މީހަކު އެ ވާހަކަ ކިޔައިދެމުން ބުންޏެވެ.

އެ ފްލެޓްތައް ލިބުނު މީހުން، އެހެން މީހުންނަށް ކުއްޔަށް ދޫކުރާ އަގުތައް އުޅެނީ 16،000 ރުފިޔާއާ 20000 ރުފިޔާއާ ދެމެދުގަ އެވެ. ނަމަވެސް އެ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހެނީ 7000 ރުފިޔާ އެވެ.

އެހެންކަމުން، 7،000ރގެ ފްލެޓެއް މަހަކު 16،000ރ. އަށް ކުއްޔަށް ދީފިއްޔާ، އެ ފްލެޓްގެ ވެރި ފަރާތަށް 9،000ރ.ގެ ފައިދާއެއް ކޮންމެ މަހަކު ލިބޭނެ އެވެ. އަދި 20،000ރ. އަށް ފްލެޓް ކުއްޔަށް ދީފިއްޔާ، އެ ފްލެޓްގެ ވެރި ފަރާތަށް މަހަކު 13،000ރ.ގެ ފައިދާއެއް ލިބޭނެ އެވެ.

ނަމަވެސް އެ ހުރިހާ ފްލެޓްތަކެއް ވެސް ލިބުނު މީހުންނަކީ ވެސް، މާލޭގައި އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތިގެން ފްލެޓަށް ކުރިމަތިލި މީހުންނެވެ.

ފްލެޓް ކުއްޔަށް ދޫކުރާ ބައެއް މީހުންނާ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭގެ ތެރެއިން ގިނަ މީހުން ޖަވާބެއް ނުދެ އެވެ. އޭގެ ތެރެއިން އެކަކު ބުނީ އޭނާ ދިރިއުޅެމުން އަންނަނީ ތިމާގެ މީހެއްގެ އެޕާޓްމަންޓެއްގައި ކަމަށް ވާތީ އެ ތަން ދޫކޮށްލެވެން ނެތުމުން ލިބުނު ފްލެޓް ކުއްޔަށް ދެނީ ކަމަށެވެ.

މަގުސަދު ހާސިލް ނުވެ، ވިޔަފާރިއަކަށް!

އަސާސީ ހިދުމަތްތައް ފަސޭހަ އިން ހޯދުމަށްޓަަކައި ތޮއްޖެހިފައިވާ މާލެ އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޯހިޔާވަހިކަމެވެ. އެކަށީގެންވާ ބޯހިޔާވަހިކަމެއް ނުލިބި ހާލުގައި ދިރިއުޅޭ އެތައް ބަޔަކު އެބަ ތިއްބެވެ. ސަރުކާރުން ފްލެޓްތައް އަޅައި އެ ތަންތަން ހެޔޮ އަގުގައި ކުއްޔަށް ދެނީ ވެސް، ހެޔޮ އަގެއްގައި ބޯހިޔާވަހިކަމުގެ ފަސޭހަކަން ހޯދައިދިނުމަށެވެ.

އެ މަގުސަދުގައި މީހުންނަށް ދޭ ފްލެޓްތަކުގައި ދިރިއުޅުމުގެ ބަދަލުގައި އާމްދަނީ ހޯދާ ވަސީލަތެއްގެ ގޮތުގައި އެ ފްލެޓްތައް ބޭނުންކުރަން ފެށުމުން، ބޮޑު ޚަރަދުގައި ފްލެޓް އެޅުމުގެ މަގުސަދު ހާސިލެއްނުވެ އެވެ.

"ސަރުކާރުން ފުލެޓް މި އަޅަނީ ނިކަމެތިންނަށް ބޯހިޔާވަހިކަން ދޭން. އެކަމަކު މިކަން ވާ ގޮތަކީ، މިއީ ބަޔަކަށް ނަފާ ހޯދަން ދޭ ތަންތަން. އެ މީހުން ދިރިއުޅޭނެ ތަން ހުރެ އިތުރު ތަނެއް ދިނީމަ އެ އުޅޭ ތަނުގައި އުޅެމުން ލިބޭ ފްލެޓް ކުއްޔަށް ދީގެން ފައިދާ އެ ނަގަނީ. މިއީ މިކަން ވާ ގޮތަކީ،" އިމާރާތް ކުރުމުގެ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

ފުލެޓްތައް ކުއްޔަށް ދިނުން އާންމުވެފައިވާ އިރު އެ ކަން މޮނީޓާ ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބް ވާގޮތް ނުވެފަ އެވެ.

އާމްދަނީ ހޯދަން ފްލެޓްތައް ކުއްޔަށް ދޭން ފަށާފައިވާ އިރު، މަތިން ޕޮއިންޓް ލިބުނު ބައެއް މީހުން ތިބި ގޮތަށް ތިއްބައި، މާ މަދުން ޕޮއިންޓް ލިބުނު މީހުންނަށް މިފަހަރު ފްލެޓް ދިނުމުން ގިނަ ބަޔަކު މިހާރު ވެސް ދަނީ ޝަކުވާ ކުރަމުންނެވެ. ފްލެޓް ކުއްޔަށް ދޭ މީހުންގެ އެ އަމަލުތަކުން ސާބިތުވާ އެއް ކަމަކީ، ފްލެޓް ލިބުނު ބައެއް މީހުންނަކީ ބޯހިޔާވަހިކަމުގެ ދަތިކަން ހުރެގެން ފްލެޓަށް ކުރިމަތިލި ބައެއް ނޫން ކަމެވެ. އަދި ފްލެޓް ދިނުމުގައި އެކަން ކަށަވަރު ވެސް ކޮށްފައި ނުވާ ކަމެވެ.

ފްލެޓަށް އެދުނު ފޯމްތައް ޕީޕީއެމް ކެމްޕެއިން އޮފީހަށް ގެންދިޔަ ކަމާއި ކެމްޕެއިން އޮފީހުން އެ މީހުންނަށް ގުޅައި ރައީސް ޔާމީނަށް ތާއީދު ކުރަންތޯ ސުވާލު ކުރިކަމުގެ އަޑުތަކެއް، ފްލެޓް ލިބުނު މީހުންގެ ލިސްޓު އާންމު ކުރުމާ އެކު ފެތުރުނެވެ. އެކަމަކު އެ ޒިންމާއާ ހަވާލުވެވަޑައިގެން ހުންނެވި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެކި ފަހަރު މަތިން ވިދާޅުވެފައި ވަނީ އެ ފަދަ ލިސްޓެއް އެއްވެސް ކެމްޕެއިން އޮފީހަކަށް ފޮނުވާފައި ނުވާނެ ކަމަށެވެ.

ފްލެޓުތަކުގައި ދިރިއުޅޭނީ ފްލެޓްތައް ލިބުނު މީހުންތޯ ޔަގީން ކުރާނެ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވެފައިވީ ނަމަވެސް ކަން މިވާ ގޮތަކީ ހަމަ ކުރިއެކޭ އެއް ގޮތަށް އެ ތަންތަން ކުއްޔަށް ދީގެން އާމްދަނީ ހޯދުމެވެ.