މާލެ - ރާއްޖެތެރެ ބަހުސް ކޮން މިސްރާބަކަށް؟

އެއް ބަޔަކަށް އެއީ ފިތުނައަކެވެ. އެކަމަކު އެ ވާހަކަ ދައްކާ މީހުންގެ ފަރުވާލެއް ނެތެވެ. އެ މީހުންނަށް، މާލެ އާއި ރަށްފުށުގެ ފަރަގު އެއީ ނަފީ ނުކުރެވޭނެ ހަގީގަތެކެވެ.


އަޅުގަނޑާއި ފާތުމަތު ޝާއިރާއާ 2014 ވަނަ އަހަރު ފުރަތަމަ ފަހަރަށް ބައްދަލުވި އިރު އޭނާއަކީ ރަށްފުށު މީހުންގެ ހައްގުގައި ވަކާލާތުކުރަން ސޯޝަލް މީޑިއާގައި އެ ދުވަސްވަރު އިސްނަގައިގެން އުޅުނު ޒުވާނުންގެ ތެރެއިން އެކަކެވެ. އެ މީހުން އޭރު ދައްކަން ފެށީ މާލެ ނޫން ރަށެއްގައި ދާއިމީ އެޑްރެސް އޮތް ކޮންމެ ދިވެއްސަކު ވެސް ދަންނަ ބާ ވާހަކައެކެވެ. އެކަމަކު ވޭތުވެދިޔަ ތިން އަހަރު ފައްކާވެގެން އައި ރާއްޖެތެރެ ހަރަކާތަކީ އާ ފެށުމެއް ވެސް މެ އެވެ.

އިރެއްގައި "ފަސްކުޅަ މަދު"، ދެވަނަ ދަރަޖައިގެ ބައެއްގެ ގޮތުގައި ތިބި މީހުންގެ ތެރޭގައި، ރަށްފުށަށް ނިސްބަތްވީތީ ލަދުވެތިވި ޒުވާނަކު ހުރި ނަމަ، އެ އިހުސާސުން މިންޖުވި އެވެ. ދަށްކޮށްލުމުގެ ގޮތުން ކިޔައި އުޅުނު "ރާއްޖެތެރެ"އަކީ ފަޚުރަކަށް ހަދައި އެ ނަން އަމިއްލަކުރި އެވެ. ހައްގުތަކަށް ގޮވާލުމުގެ ފުޅާ ސައްލާއެއްގައި އެތައް ބަޔަކު ބައިވެރިވެ ޖެހިލުމެއް ނެތި ޚިޔާލުފާޅުކުރަން ފެށި އެވެ. ޝާއިރާ ފަދަ ރަށްފުށު މީހުން އެކަންޏެއް ނޫނެވެ. މާލެ އަށް ނިސްބަތްވާ ބައެއް މީހުން ވެސް މެ އެވެ. އެއީ އެއް ބަދަލެވެ. އާ އަނެއް ކަމަކީ އެ ވާހަކަ އަޑުއަހަން ބޭނުން ނުވާ ބަޔަކު ވެސް ތިބިކަން، ކުރިން ދުވަހަކު ވެސް ފާޅުވެފައި ނުވާ މިންވަރަށް، ހާމަވުމެވެ. އެކަމަކު ޝާއިރާ އަށް، އެ ދެކޮޅުހެދުމުން އާއްމު މީހާގެ ޝުއޫރުތަކަށް ވުރެ ބޮޑު އެހެން ކަމެއް ވެސް ފެނެ އެވެ.

ރާއްޖެތެރޭ މީހުންގެ ހައްގުގައި ސޯޝަލް މީޑިއާގައި ގޮވާލުންތަކާއި ފާޑުކިޔުންތައް މެދުނުކެނޑި ގުގުމަމުންދަނީ ބައެއް ފަހަރު ހޫނު ބަހުސްތަކާއި ދޭތެރެދޭތެރެ އިން ހިނގާ ބަހުގެ ކުދި ހަނގުރާމަތަކުގެ ވެސް ތެރޭގަ އެވެ. އިސާހިތަކު އެ ޒުވާބު އަނެއްކާވެސް އާދައިގެ ހާލަތަކަށް އެނބުރި ހިނގައިދާނެ އެވެ. މިއީ މި ސައްލާ މި ވަގުތު އޮތް މިންވަރެވެ. ފޭސްބުކް ޕޭޖުތަކާއި ޓްވިޓާ ފީޑްތަކާއި ބްލޮގްތަކުގަ އެވެ. މައިގަނޑު މައުލޫއުގެ ދަށުން އަރިމަތީ ސުރުޚީތައް އެޅި، ދުވާލަކު އެތަކެއް ހާސް ލަފްޒު ލިޔެވެމުންދާ އިރު އެހެން ބައެއް ގޮވާލުންތަކާއި ހަރަކާތްތައް ވެސް އައިސް ރާއްޖެތެރެ ފިކުރާ އަތްޖޯޑުކޮށްފިކަން ސޯޝަލް މީޑިއާގެ މަލަމަތިން ދޭހަވެ އެވެ. އެކަމަކު އިންޓަނެޓުގެ ތޮށިގަނޑު ފަޅާލާފައި ނުކުންނަ ހިސާބަކަށް މި ބަހުސް އަދިއެއް ނުދެ އެވެ. ސުވާލަކީ، އެ ވަގުތު ޖެހިއްޖެ ހެއްޔެވެ؟

ރަށްފުށުގެ ސާދާ ދިރިއުޅުން: މި ހިތްފަސޭހަކަން ގިނަ ދިވެހިންގެ އަތުން ވަނީ ބީވެފައި..---މިހާރު ފޮޓޯ: ހުސައިން ވަހީދު

ޝާއިރާ ފަދަ ބައެއް މީހުން ވަރަށް ފާޅުގައި، އެކަމަކު އަތުވެދާނެ ބަދަލުހިފުމެއްގެ ކަންބޮޑުވުން އިހުސާސްކުރާ މީހުން ކާކުކަން ނޭނގޭ ގޮތަށް، ފާޅުކުރަމުން ގެންދާ ޝުއޫރުތަކަށް ލިބޭ ރައްދުތަކުން އެއް ކަމެއް ސާފެވެ؛ މިއީ ނާޒުކު މައުލޫއުއެކެވެ. ވަރަށް ބޮޑު ތާރީޚެއް އޮތް އަދި އެތައް ބައިވަރު މައްސަލަތަކާއި ޖަޒުބާތުތައް ވެސް ހިމެނޭ ކަމެކެވެ. ފަހަރުގައި، ރާއްޖެތެރެ ހަރަކާތުގެ މީހުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެއީ އެވެ؛ މި ހުރިހާ ކަމެއްގެ ތެރޭގައި އެ މީހުންގެ އަސްލު ގޮވާލުން އޮޅުންބޮޅުންވެގެން ދިޔުމެވެ.

އެކަމަކު އެ ގޮވާލުމަކީ ކޮބާ ހެއްޔެވެ؟

ޝާއިރާގެ ބަހުން ނަމަ، ދެ ލަފްޒެކެވެ؛ ސޯޝަލް ޖަސްޓިސް އެވެ. އޭނާ ދެކޭގޮތުގައި ރާއްޖެތެރެ ހަރަކާތުގައި އޮޅުން އަރަންވީ ކަމެއް ނެތެވެ. އެއާޚިލާފަށް، އެ މީހުން ދައްކާ ވާހަކަ "އޮޅުވާލަން" ބަޔަކު ބޭނުންވަނީ އެވެ.

"ސޯޝަލް ޖަސްޓިސްގެ ވާހަކަ ދެއްކީމަ، މި ވާހަކައަކީ ފިތުނަ އުފެދޭ ވާހަކައެއް ކަމަށް، މިއީ މާލޭ މީހުންނާއި ރާއްޖެތެރޭ މީހުންގެ ވާހަކައެއް ކަމަށް ހަދަން އުޅޭ ބައެއް އެބަ އުޅޭ،" އޭނާ ބުންޏެވެ.

"އެ ގޮތަށް ވާހަކަ ޓްވިސްޓުކުރަނީ ކޮންމެހެން މާލޭ މީހުންނެއް ވެސް ނޫން. އެ ބައެއްގެ ބޭނުމަކީ މި ވާހަކަ ޓެބޫއެއް ގޮތަށް ބޭއްވުން. އެއީ މި ވާހަކަ ފެންމަތިވީމަ އުނދަގޫވާ ބައެއް. މުއްސަނދިންނާއި ފަގީރުންގެ ހުރި ފަރަގުގެ ވާހަކަ ދެއްކިޔަދޭކަށް އެ މީހުން ބޭނުމެއް ނުވޭ."

ސޯޝަލް ޖަސްޓިސް އަށް ވަކާލާތުކޮށް ސޯޝަލް މީޑިއާގެ ކަންކޮޅުތަކުގައި ފާޅުކުރާ ޝުއޫރުތަކުން ފެންނަނީ އެއްގޮތް ބަސްކޮށާރެކެވެ. ދުނިޔޭގެ ތަޖުރިބާތަކާއި ފަހަކަށް އައިސް އެމެރިކާ ފަދަ ގައުމުތަކުގެ އެކި ހަރަކާތްތަކާ އެކު މަގްބޫލުކަން ބޮޑުވެގެން ދިޔަ މަފްހޫމްތަކާއި ވިސްނުންތައް ވެސް މެ އެވެ. މުއްސަނދިންނާއި ފަގީރުންގެ ފަރަގު ބޮޑުވަމުންދާ ކަމާއި މަހުޖަނުންނާއި "އެލީޓިސްޓުން"ނާއި ކެޕިޓަލިޒަމްއަކީ "ވަބާ"އެއް ކަމެވެ. "ލިވިން ވޭޖު"ގެ ވާހަކަ އެވެ. "މާލޭ ޕްރިވިލެޖު" ފަދަ ސިފަކުރުންތަކެވެ. ސަރަހައްދީ ތަރައްގީ އަށާއި ފެޑެރަލް ނިޒާމަކަށް ގޮވާލުމެވެ. އެކަމަކު މި ހުރިހާ ވާހަކައެއް ވެސް ވަށައިގެން އެނބުރޭ އެއް މައުލޫއުއެއް އޮތްކަން ޝާއިރާ ވެސް ގަބޫލުކުރެ އެވެ.

މައްސަލައިގެ ހިތް: މާލޭގެ ކުލި

ސޯޝަލް ޖަސްޓިސް ކަމަށް ވިޔަސް ނުވަތަ ރާއްޖެތެރޭ މީހުންގެ ހައްގުތައް ކަމަށް ވިޔަސް، މި ބަހުސްގައި އެންމެ އާއްމީ އަދި އެންމެ ޚިޔާލުތަފާތުވުން ވެސް ބޮޑީ ރަށްފުށުން މާލެ އަށް ހިޖުރަކުރަން މަޖުބޫރުވުމާއި މާލޭގެ ކުއްޔާ ބެހޭ ގޮތުން ދައްކާ ވާހަކަތަކެވެ. އެކަމަކު ޝާއިރާ ފާހަގަކުރާ ގޮތުގައި ކުލީގެ މައްސަލަ ސީރިއަސްކޮށް ނަގަން ޖެހެނީ ވަރަށް ބޮޑު ސަބަބަކާ ހެދި އެވެ.

"ކުލި ދައްކާ ބަޔަކާއި ކުލި ލިބޭ ބައެއް މި އުޅެނީ މާލޭގައި. އިންއީކުއަލިޓީ (މުއްސަނދިންނާއި ފަގީރުންގެ ފަރަގު) ބޮޑުވުމުގައި ކުލި ވަރަށް ބޮޑު ބައެއް ކުޅޭ. އެއީ މީހުންގެ ހުރިހާ ކަމަކާ ސީދާ އަދި ނުސީދާކޮށް ގުޅުން ހުރި ކަމެއް. މީހާގެ އުފެއްދުންތެރިކަމާއި ތައުލީމު ލިބިގަތުމުގެ ފުރުސަތުތަކާއި ސިއްހަތާއި ހުރިހާ ކަމެއް ވެސް،" މާލޭގެ ކުލީގެ ވާހަކަ ދައްކަނީ ކީއްވެގެންކަން އޭނާ ބުނެދިނެވެ.

"މި ވާހަކައިގެ ސެންޓާ އަށް މާލެ/ ރާއްޖެތެރެ ވާ ސަބަބަކީ ރާއްޖެތެރެ މީހުން މާލެ އަށް ހިޖުރަ ކުރަން ޖެހިފައި އޮތުމުގެ ސަބަބުން މާލެ ތޮއްޖެހި އާބަން ޕަވަޓީ މި ތާނގައި ބޮޑުވީމަ. އޭގެ (ފަގީރުންގެ) ތެރޭގައި ގިނައީ މާލެ އަށް އުފަން ދިވެހިންތޯ ނުވަތަ ރާއްޖެތެރެއިން މާލެ އަށް ހިޖުރަކުރި ދިވެހިންތޯ އެނގޭނެ ރަސްމީ ހިސާބުތަކެއް ނެތް."

ކޮންމެ އަކަ ކިލޯމީޓަރަކަށް ނިސްބަތުން 65،000 މީހުން ދިރިއުޅޭ މާލެ އިންތިހާ ދަރަޖަ އަށް ތޮއްޖެހިފައިވާ އިރު ފަގީރުކަން ދަނީ ބޮޑުވަމުން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލޭގައި ތުރާލުގައި އުޅެން ޖެހިފައި ވަނީ ރަށްފުށު މީހުން އެކަނި ނޫންކަން ޝާއިރާ ވެސް ގަބޫލުކުރެ އެވެ. އެކަމަކު އޭނާގެ ނަޒަރުގައި، ރަށްފުށު މީހުންގެ ދަތި ހާލު އެހެން ކަންކަމާ އަޅާކިޔާކަށް ވެސް ނުޖެހެ އެވެ.

"ސިއްހީ ފަރުވާ އާއި ތައުލީމު އަދި ވަޒީފާގެ ފުރުސަތުތަކަށް ބަލާ އިރު ރާއްޖެތެރޭ މީހުން އަބަދުވެސް ހަމަ ސްޓްރަގްލްއެއްގެ ތެރޭގައި އުޅެން ޖެހިފައި މި އޮންނަނީ ވެސް މި ބުނާ އެލީޓިސްޓުން އެކަން އެހެން ބާއްވަން މަސައްކަތްކުރާތީ. މާލޭގެ ބިމު ކުލި ތިރިވިޔަ ނުދިނުމަކީ އޭގެ އެއް ބޭނުން ކަމަށް ވެދާނެ،" އޭނާ ބުންޏެވެ.

ފަހަރުގައި، މައްސަލައަކީ މާލޭ މީހުންނެއް، ރާއްޖެތެރޭ މީހުންނެއް ނޫނެވެ. ފަހަރުގައި މި ދެ ބައި މީހުން އެއް ބަޔަކު އަނެއް ބައެއްގެ ދުޝްމަނުންނަށް ނުވެ، ދެ ބައި މީހުންގެ ވެސް އެއް "ދުޝްމަނަކު" ވާކަން ގަބޫލުކުރަންވީ އެވެ. ފަހަރުގައި އެންމެންގެ ވެސް އަމާޒަކަށް ހަދަންވީ، ޝާއިރާ އެ ބުނާ ގޮތަށް، "މި ކަމުވޮށިގެންވާ މީހުންގެ ފުށުން ނެއްޓި"ގަތުމެވެ. އެކަމަކު އެއީ ކޮން ބައެއް ހެއްޔެވެ؟ ސިޔާސީ ލީޑަރުން ހެއްޔެވެ؟ މަހުޖަނުން ހެއްޔެވެ؟ ނުވަތަ ފަރުދާގެ ފުރަގަހުގައި ފިލާ ތިބި އެހެން ބައެއް ހެއްޔެވެ؟

ޝާއިރާ އަށް އެއް ކަމެއް ޔަގީނެވެ.

"ސަރުކާރު ބަދަލުކުރެވޭ. އެކަމަކު ސަރުކާރަށް ނުފޫޒު ފޯރުވަން މި އޮންނަ ލޭޔާ ބަދަލެއް ނުކުރެވޭ ދުވަހަކު ވެސް،" އޭނާ ބުންޏެވެ.

"ސަރުކާރާއި މަހުޖަނުންނާ އެއްވެފައި އޮންނަ ތަނެއްގައި ސިޔާސަތުތައް ބޮޑަށް ބުރަވާނީ ކުންފުނިތަކުގެ ނަފާ ބޮޑުކުރުމަށް، އާއްމު މީހާގެ ހައްގު ރައްކާތެރިކުރުމަށް ވުރެ ބޮޑަށް. އަހަރެން ގަބޫލުކުރާ ގޮތުގައި މި ވާހަކަ ދައްކާ އިރު ވިސްނާކަށް ނުޖެހޭ، މުއްސަނދި މީހުން ރުހޭނެ ގޮތްގޮތަށް ބަސްމަގު ބަހައްޓާކަށް. އިންއީކުއަލިޓީގެ ވާހަކަ ދައްކަން ޖެހެނީކީ މުއްސަނދި މަހުޖަނުންގެ ޓާމްސްގައި އެ މީހުން ހިތް އެދޭ ގޮތަކަށް ނޫން. މި އުޅެނީ ބަޔަކު މުއްސަނދި ވެގެން އެކަން ބޮޑުވެގެނެއް ނޫން. މި އުޅެނީ މުއްސަނދި، އެލީޓް ގްރޫޕެއްގެ ނުފޫޒު ސިޔާސަތުތަކުގެ ތެރެއިން އައިސް އަހަރެމެން އާއްމުންގެ ހުރިހާ ކަމަކަށް އަތްފޯރުވާތީ އެކަން ބޮޑުވެގެން."

އެ ރޫހުގައި އޭނާގެ ވާހަކަ ބިނާކުރީ އިގްތިސޯދީ ތިއަރީއެއް ނަފީކުރުމުގެ މައްޗަށެވެ. ޝާއިރާ ބުނަނީ ވިޔަފާރިވެރިން އިތުރަށް މުއްސަނދިވާނެ މަގުފަހިކޮށްދިނީމާ އާދައިގެ ރައްޔިތުންނަށް ފައިދާވާނެ ކަމަށް ފޮތުގައި އޮތަސް، "ޓްރިކްލް ޑައުން އިކޮނޮމިކްސްއަކީ ޚިޔާލީ ވާހަކައެއް" ކަމަށެވެ.

"މަތީގައި ތިބޭ މީހުންގެ ތަށިތައް ފުރިގެން ތިރިއަށް ފައިބާނެ ކަމަށް ބުނާ ތިއަރީއެއްގެ ވާހަކަ (ދައްކާ އިރު) އިކޮނޮމިކްސް ފޮތުގައި އެކަން އޮންނަނީ އެހެން. އެކަމަކު އަސްލު ކަން ވަނީ އެހެނެއް ނޫން،" ޝާއިރާ ބުންޏެވެ.

"މަތީގައި ހުންނަ ތަށިތައް އެއީ ނުފުރޭނެ ތަށިތަކެއް. އެ ފުރުމުގެ ކުރިން ގިނަވާ ބައި އެއަށް ވުރެ ބޮޑު ކަންވާރަކަށް އެޅޭ ގޮތަށް ސިޔާސަތު ބައްޓަން ކުރުމަށް ނުފޫޒު ފޯރުވައި ދައުލަތުގެ ބާރުތައް ބައްޓަން ކުރުމަށް މަސައްކަތްކުރުމަކީ މުއްސަނދިގެން ސަގާފަތެއް. އެއަށް އެ މީހުން ކިޔަނީ ޕްރޮފިޓް މެކްސިމައިޒޭޝަން."

އޭގެ މާނައަކީ، އޭނާ ފާހަގަކުރި ގޮތުގައި، އިންސާނީ ކަރާމާތަށް ބެލުމެއް ނެތި މުއްސަނދިން ހިތުހުރި ގޮތަކަށް ކަންތައް ކުރުމެވެ. އޭނާ ބުނަނީ "އެހެން މީހުން އޭގެ އަގު އަދާކުރަން ޖެހޭ ގޮތަށް ޕްރޮފިޓް މެކްސިމައިޒޭޝަން ހާސިލްކުރެވިގެނެއް ނުވާނެ" ކަމަށެވެ.

"ލިވިން ވޭޖެއް (އަސާސީ ބޭނުންތައް ފުއްދޭނެ މިންވަރަށް ދޭން ޖެހޭ އުޖޫރަ) ކަނޑައެޅިޔަ ނުދީ އޮންނަ އޮތުން ވެސް މިއީ އޭގެ މިސާލެއް. ޚާއްސަކޮށް ޓޫރިޒަމް އިންޑަސްޓްރީ އަށް ބަލާ އިރު އެންމެންނަށް ވެސް ހީވާނެ އެއީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު އޮންނަ ސިނާއަތެއް ކަމަށް. އެކަމަކު ހުރިހާ ރިސޯޓްތަކެއްގައި ތިބި ދިވެހި މުވައްޒަފުންގެ އަދަދަށް ވުރެ ގިނަ މުވައްޒަފުން ސިވިލް ސާވިސްގައި އުޅޭ،" ޝާއިރާ ފާހަގަކުރި އެވެ.

ހަމަ އެ ގޮތަށް، އޭނާ ދެކެނީ، ރައްޔިތުން ފަގީރު ހާލަތަށް ވެއްޓިގެންދިޔަ ނުދޭން އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ ވާހަކަ ސަރުކާރުން ދެއްކިޔަސް އެފަދަ "ސޭފްޓީ ނެޓްތަކުން ރައްޔިތުމީހާ ހިފަނީ އެ މީހާ ވެއްޓުމަށް ފަހު ނުވަތަ ވެއްޓެމުން ދަނިކޮށް" ކަމަށެވެ.

"ރައްޔިތުން އަތުން ޓެކްސް ނަގާވަރާ ބަލާ އިރު ރައްޔިތުންނަށް ހުޅުވިފައި ހުރި ސޯޝަލް ޕްރޮޓެކްޝަންގެ ދޮރުތައް ވަރަށް ހަނި. ޓެކްސް ސިސްޓަމްއާ އެކީ އާއްމު މީހާގެ ދިރިއުޅުމުގެ ހާލަތަށް އެއްވެސް ބަދަލެއް ނާދޭ،" ޝާއިރާ ބުންޏެވެ.

މި ހުރިހާ ޝުއޫރުތަކުން ވެސް އެއް ކަމެއް ސާފެވެ. މައްސަލަތައް ބޮޑެވެ. ގިނަ އެވެ. ރާއްޖޭގެ އެންމެން މާލެ ސަރަހައްދަށް ޖަމާކުރަން ބޭނުންވާ ސަރުކާރެއް އައުމާ ގުޅިގެން ބަހުސް އިތުރަށް ހޫނު ވެސް ވެއްޖެ އެވެ. އެކަމަކު މި ސައްލާ ސޯޝަލް މީޑިއާގެ އިންތައް ފަހަނަޅައި ގައުމީ ފެންވަރަކަށް ހިނގައިދާނެ ހެއްޔެވެ؟

"ސަރަހައްދީ ތަރައްގީ ގުރުބާންކޮށް މާލެ ސަރަހައްދަށް ރާއްޖެތެރޭ މީހުން ތޮއްޖެއްސުން ހުއްޓާލުމަށް ގޮވާލު"މުގެ ޕެޓިޝަނެއް 2014ގައި ސަރުކާރަށް ހުށަހަޅަން ރާއްޖެތެރެ ހަރަކާތުން އުޅުނެވެ. ކޮންމެވެސް ސަބަބަކާ ހެދި އެކަން ފެއިލްވީ އެވެ. "ސަރަހައްދީ ތަރައްގީއަކީ ހަމައެކަނި ގްރޭޓަ މާލޭ އުފެއްދުންތޯ؟" ސުވާލުކޮށް، ސަރަހައްދީ ތަރައްގީ އަށް ގޮވާލާ ސަބަބުތައް ބަޔާންކޮށްފައިވާ އެ ކަރުދާހުގައި އޮތް ފުރަތަމަ ހުށަހެޅުމަކީ "ބިން ހިއްކުމާއި މީހުން ބަދަލުކުރުމާ ބެހޭގޮތުން ހުރިހާ ފަންތިއެއްގެ، ހުރިހާ ގިންތިއެއްގެ މީހުން ހިމެނޭ ގޮތަށް ގައުމީ މަޝްވަރާތައް ބޭއްވު"މެވެ.

ރާއްޖެތެރެ ހަރަކާތް އެ ދިމާއަށް ދީލައިލަންވީ ވަގުތު ޖެހިއްޖެ ހެއްޔެވެ؟ ވަކި އިންތިޒާމެއްގެ ދަށުން ޚިޔާލުތަކާއި ޝުއޫރުތައް ފާޅުކުރާ ބައްދަލުވުންތަކެއް ބޭއްވިދާނެ ހެއްޔެވެ؟ އެކަން ކުރާނީ ކޮން ބައެއް ހެއްޔެވެ؟

ޝާއިރާ ގަބޫލުކުރާ ގޮތުގައި، "އެތައް ފަށަލައެއް" ހިމެނޭ މި މައްސަލައިގެ "ހައްލު ވެސް އަންނަން ޖެހޭނީ ފަށަލަތަކަކަށެ"ވެ. އޭނާ ބުނަނީ "ވަރަށް ގިނަ މީހުންގެ ކަންބޮޑުވުމާ އެކު އެންމެން ވެސް މަސައްކަތްކުރަމުން އަންނަނީ މި 'ކަމުވޮށިގެންވާ މީހުން' ފުށުން ނެއްޓި ރައްޔިތުން ތަމްސީލްކޮށްދޭނެ ސިޔާސީ ޕްލެޓްފޯމެއް އުފަންކުރަން" ކަމަށެވެ. އެކަމަކު މި ބަހުސްގެ ކުރިމަގާ ބެހޭ ގޮތުން ޝާއިރާ ބުނާނެ އެއްޗެއް ނެތެވެ. ދެން އަޅަންވީ ފިޔަވަޅު އޮތީ ސޯޝަލް މީޑިއާ ބަދަވިންގެ އަތްމަތީގައި ކަމަށް އޭނާ ނުދެކޭތީ އެވެ.

"ނެކްސްޓް ސްޓެޕް އަންނަންވާނީ އާއްމުންގެ ފަރާތުން. އަހަރެން ނުވަތަ މިކަން ކުރަން ވަކާލާތުކުރާ ކުޑަ ގްރޫޕަކުން ނޫން،" ޝާއިރާ ބުނެލި އެވެ.