ރިޕޯޓް / ދީން

ކެތްތެރިކަމާއި ނަމާދުން ވާގިވެރިކަން ހޯދުން

އިސްލާމީ މަރުކަޒުގައި މި އަހަރުގެ ފިތުރު އީދު ނަމާދު ކުރަނީ: މުސްލިމުން ކަންކަމުގައި ވާގި ހޯދަންޖެހެނީ ކެތްތެރިކަމާއި ނަމާދުން. -- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ދިރިއުޅުމުގެ ހަޔާތުގައި އިންސާނާ ބޭނުންވާ ހުރިހާ ކަމެއް ނުފުދޭނެ އެވެ. އަދި ދިރިއުޅުމުގައި ތަފާތު ދަތިތަކާއި ހުރަސްތަކާ ކުރިމަތި ނުލައިވެސް ނޫޅެވޭނެ އެވެ. މިފަދަ ދަނޑިވަޅުތަކުގައި ކެތް ކުރުމާއި ގެއްލުން ދެނިވި ކަންކަމުން ދުރުހެލިވެގެން ހުރުން ވަރަށް މުހިންމެވެ. އެހެން ނޫންނަމަ ފަހުން ހިތާމަ ކުރަން ޖެހޭ ފަދަ ކަމެއް ކުރެވިދާނެ އެވެ. ނަތީޖާއެއްގެ ގޮތުން އާޚިރަތުގެ ޖަޒާގެ އިތުރުން މީސްތަކުންގެ ނަފްރަތާއި ދުނިޔަވީ އުގޫބާތްތަކާ ކުރިމަތިލާން ޖެހިދާނެ އެވެ. ވީމާ މިކަމުގައި ﷲގެ ހަޒްރަތުން ވާގިވެރިކަން ބޭނުންވެ އެވެ. މިކަމަށް އޮތް މަގު އިސްލާމް ދީން ވަނީ ބަޔާންކޮށްފައެވެ.

އިސްލާމް ދީނުގެ އަގީދާ އާއި އިބާދާތާއި މުއާމަލާތާއި އަހުލާގުގެ އެންމެހާ ކަންކަން ފުރިހަމަ އަށް ކުރާ ނަމަ އެއީ އިންސާނާގެ އެދުންތައް ކޮންޓްރޯލު ކުރުމަށް ލިބޭ ވަރަށް ބޮޑު ތަމްރީނަކަށް ވެ އެވެ. މިގޮތުން މިސާލަކަށް ނަމާދާއި ރޯދަ އާއި ޒަކާތް ފަދަ އަޅުކަންތަކުގައި މަހްރޫމްވުންތަކެއް ނުވަތަ ގުރުބާންވުންތަކެއް ހިމެނިފައިވުމުން އެގޮތުގެ މަތީ އިންސާނާ ދެމިހުންނަ ނަމަ ދަސްވާނީ ހިތް އެދޭ ކޮންމެ ކަމެއް އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން ކަމުގަ އެވެ. ދިރިއުޅުމުގެ ހަޔާތުގައި އުފަލާއި ތަނަވަސް ކަމާއި ފަސޭހަ ކަން އޮންނަ ފަދައިން ހިތާމަ އާއި އުނދަގޫތަކާއި ދަތި ހާލަތްތައް ވެސް އަންނާނެ ކަމުގަ އެވެ.

މިފަދަ ދަތި ހާލަތްތަކާ ކުރިމަތިލައި ކެތްތެރިކަމާއެކު އޮމާން ގޮތަކަށް ދިރިއުޅުމަށްޓަކައި މުހިންމު ތަމްރީނެއް އިންސާނާ އަށް ބޭނުންވެ އެވެ. މަހްރޫމްވުމުގެ ވޭން ތަހައްމަލު ކުރަން ދަސްވާން ޖެހެ އެވެ. މިކަމަށް އޮތް އެންމެ ބަރާބަރު ތަމްރީނަކީ އަޅުކަންތަކާއި އަޚުލާގެވެ. މިސާލަކަށް ރޯދަ އަށް ބަލައިލާށެވެ. ރޯދައަކީ އެހެން އެއްވެސް މީހެއްގެ ފަރާތުން ފިއްތުމަކާ ނުލައި ތިމާ އަމިއްލަ ނަފްސުގެ އެދުންތައް ހިފަހައްޓާ ހިފަހައްޓާލުމެކެވެ. މިގޮތުން ކެއިންބުއިމާއި ޝަހުވާނީ އެދުން ފުއްދުމުގެ މިނިވަންކަމާއި ގާބިލިއްޔަތު ލިބިފައިވާ އިރު ވެސް އެ ކަންކަން ނުފުއްދައި ކެތް ކުރެ އެވެ. މިފަދަ މީހަކަށް އޭނާގެ އެދުންތަކާއި ބޭނުންތައް ފުއްދުމުގެ ކުޅަދާނަކަމާއި ގާބިލުކަން ނެތިދާ ދަނޑިވަޅުތަކުގައި ތަހައްމަލު ކުރާކަށް އެއްވެސް އުނދަގުލެއް ނުވާނެ އެވެ.

އެދުންތައް ކޮންޓްރޯލު ކުރުމުގަ އާއި ދިރިއުޅުމުގެ ދަތިތަކާ ކުރިމަތި ލުމުގައި އަޅުކަމާއި އަޚްލާގުގެ ތެރެއިން ވަރަށް ހާއްސަ ދެކަމަކުން ވާގިވެރިކަން ހޯދަން ކީރިތި ޤުރުއާނުގައި ބާރު އަޅަ އެވެ. މިގޮތުން އަލްބަޤަރާ ސޫރަތުގެ 351 ވަނަ އާޔަތުގައި މިކަމަށް ﷲ އަމުރު ކުރައްވާފައި ވެ އެވެ. އަދި ހަމަ އެ ސޫރަތުގެ 54 ވަނަ އާޔަތުގައި، ބަނީ އިސްރާއީލުންނާ މުޚާތަބު ކުރައްވައި ﷲ ވަހީ ކުރެއްވި ބަސްފުޅުގެ މާނައިގައި ވެ އެވެ. "އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި ހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑު ކަމެކެވެ. (އެބަހީ ވަރަށް ދަތި އުނދަގޫ ކަމެކެވެ.)"

މި ދެ އާޔަތުގައި އެވާ ކެތްތެރިވުމުގެ ތެރޭގައި ތިން ބާވަތެއްގެ ކެތްތެރިވުން ހިމެނޭ ކަމަށް އިލްމުވެރިން ވިދާޅުވެ އެވެ. އެއް ބާވަތަކީ ﷲ ނަހީ ކުރައްވާފައިވާ އެންމެހާ ކުށްތަކާއި ފާފަތަކަށް އަރައިގަތުމުން ދުރުހެލިވެ ހުރުމުގައި ކެތްތެރިވުމެވެ. ދެ ވަނަ ބާވަތަކީ ﷲގެ އަމުރުތަކަށް ކިޔަމަންތެރިވެ ބޯލެނބުމުގައި އުފުލަންޖެހޭ ބުރަތަކަށް ކެތްތެރިވުމެވެ. ތިން ވަނަ ބާވަތަކީ ދިރިއުޅުމުގެ ހަޔާތުގައި ދިމާވާ އެކިއެކި މުސީބާތްތަކާއި ދަތި އުދަނގޫތަކަށް ކެތްތެރިވުމެވެ.

ވީމާ އިންސާނާގެ ކިބައިގައިވާ ތަފާތު އެދުންތައް ކޮންޓްރޯލު ކުރުމުގަ އާއި ދިރިއުޅުމުގެ ދަތިތަކާ ކުރިމަތިލާ އިރު ކެތްތެރިކަމަކީ ވަރަށް ބޭނުންތެރި ސިފއެކެވެ. ސަބަބަކީ އެދުންތައް ކޮންޓްރޯލު ނުކުރެވޭ ނަމަ ހަރާމް ކަންތައްތަކަށް އަރައިގަނެވޭނެތީ އެވެ. ވަކިން ޚާއްސަކޮށް ކެއިންބުއިމާއި ޖިންސީ އެދުން ފުއްދުމުގެ އެދުން ކޮންޓްރޯލު ނުކުރެވޭ ނަމަ ފަހުން އެކަމާ ދެރަވެ ހިތާމަ ކުރަން ޖެހޭ ފަދަ ކަންކަން ތިމާ އަށް ކުރެވޭނެ އެވެ.

ޖުލައި 6، 2016: މި އަހަރުގެ ފިތުރު އީދު ނަމާދު ޖުލައި 6، 2016 ވަނަ ދުވަހުގެ ހެނދުނު އިސްލާމީ މަރުކަޒުގައި ކުރަނީ: އީދު ނަމާދުގެ ރަސްމީ ޖަމާއަތް މި އަހަރު އިސްލާމީ މަރުކަޒުގައި ބޭއްވިއިރު، އެތައް ހާސް ބަޔަކު ދިޔަ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވީމާ ކެތްތެރިވާން ދަސްކުރަން އެބަ ޖެހެ އެވެ. މިކަން ކުރެވޭނީ އެންމެ ފުރަތަމަ ތިމާގެ އަގީދާ ވަރުގަދަ ކުރެވިގެންނެވެ. ﷲގެ އަމުރުތަކަށް ކިޔަމަންވެ ނަހީތަކުން ދުރުހެލިވުމަކީ ޚުދު ތިމާ އަށް ދުނިޔެ އާއި އާޚިރަތުގައި ފައިދާ ހުރި ކަމެއް ކަން ހިތުގެ އަޑިން ގަބޫލު ކުރެވިގެންނެވެ. އަދި މި ގަބޫލު ކުރުން އަބަދު ވެސް ދެމެހެއްޓުމާ އެކު ފާފައެއް ކުރެވެން ކުރިމަތިލެވޭ ހަމަ ކޮންމެ ދަނޑިވަޅަކު ﷲގެ އަޒާބާއި ދުނިޔަވީ އުގޫބާތާއި ލަދުގަންނަން ޖެހުމުގެ މަތިން ހަނދާން ކޮށް އެކަމުން ދުރުހެލިވުމުގެ އަޒުމުގައި ސާބިތުވާން އާދަ ކޮށްގެންނެވެ.

މިގޮތަށް ކެތްތެރިވާން އާދަ ކުރުމަށް ފަހު ދެން ބޭނުންވާނީ ނަމާދާއި އެ ނޫން ވެސް އަޅުކަންތައް ކޮށްގެން ނަފްސު ތާހިރު ކުރުމުގެ މަސައްކަތް ކުރުމެވެ. އޭރުން ﷲގެ ވާގިފުޅާ އެކު ތިމާ އަށް އެދުންތައް ކޮންޓްރޯލު ކުރެވޭނެ އެވެ. ޝައިތާނުންގެ ވަސްވާސްތަކަށް ނުގުޑާނެ ފަދަ ނަފްސެއް ތަރުބިޔަތު ކުރެވޭނެ އެވެ. ވާގިވެރިކަން ހޯދުމުގައި ކެތްތެރިކަމާ އެކު ނަމާދުގެ ވާހަކަ ވަކިން ހާއްސަކޮށް ގެނެސްފައިވުމުގެ ބޭނުމަކީ ނަމާދަކީ އެންމެހާ ފާހިޝް އަމަލުތަކާއި މުންކަރާތްތަކުން އިންސާނާ ދުރުހެލިކުރުވާ ވަރަށް މުހިންމު އަޅުކަމަކަށް ވާތީ އެވެ. ނަމާދު އޭގެ ރޫހާނިއްޔަތާ އެއްގޮތަށް އަދާ ކުރެވޭނަމަ ހަމަ ޔަގީނުން ވެސް ފާހިޝް އަމަލުތަކާއި މުންކަރާތްތަކުން އިންސާނާ ދުރުހެލި ކުރުވާނެ އެވެ. މިއީ ﷲގެ ވަހީ ބަސްފުޅުން ކަށަވަރު ވެގެންވާ ކަމެކެވެ.

ނަމާދުން ވާގިވެރިކަން ހޯދިދާނެ ތަފާތު ހާލަތްތަކެއް ވެ އެވެ. މިގޮތުން އެއް ހާލަތަކީ މުއުމިނުންނަށް އެ މީހުންގެ ދީނާއި ނަފްސާއި މުދަލާއި އަބުރު ފަދަ ކަންކަމުގައި ތަފާތު އެކިއެކި މުސީބާތްތަކާއި ދަތި ހާލަތްތައް މެދުވެރި ވުމުން ހަދާނެ އެހެން އެއްވެސް ގޮތެއް ނެތް ވަގުތު ﷲ އާ ގުޅުން ބަދަހި ކުރުމަށް ނަމާދުން ވާގިވެރިކަން ހޯދުމެވެ. މީގެ އެއް މިސާލަކީ ފިރުޢައުނުގެ ފަރާތުން ކުރިމަތިވި މުސީބާތްތަކުގައި މޫސާގެފާނާއި ހާރޫނުގެފާނަށް ﷲ އެންގެވި ކަންކަމެވެ. އެއީ ގައުމުގެ މީހުންނަށް މިސްރުގައި ގޭގެ ހައްދަވައި އެ ގޭގެ ގިބުލައަށް ބަހައްޓައި ނަމާދު ގާއިމު ކުރުމެވެ. (ޔޫނުސް 87)

ދެ ވަނަ ހާލަތަކީ، އިސްލާމީ ދައުވަތު ފެތުރުމާއި އެކަމުގައި ކުރިމަތިވާ ގޮންޖެހުންތަކުގައި ނަމާދުން ވާގިވެރިކަން ހޯދުމެވެ. އެހެނީ މި ބުރަ މަސްއޫލިއްޔަތަކީ ނަފްސު ތަހުޒީބުވެ ތަޒުކިޔާ ކޮށްގެން ނޫނީ ނުކުރެވޭނެ ކަމެކެވެ. ނަމާދަކީ ނަފްސު ތަޒްކިޔާ ކުރުމަށް އޮތް އެންމެ ރަނގަޅު އެއް އަޅުކަމެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ދީނަށް ގޮވާލެއްވުމުގެ އަމުރު ފެށިފައިވަނީ ރޭގަނޑުގެ ހަމަހިމޭން ވަގުތުގައި ނަމާދު ކުރެއްވުމަށް ކުރެވުނު އަމުރަށް ފަހު އެވެ. (އަލްމުއްޒައްމިލް 1). ތިންވަނަ ހާލަތަކީ، ފާފަތައް ފުއްސެވުމަށް އެދުމުގައި ނަމާދުން ވާގިވެރިކަން ހޯދުމެވެ. ހެޔޮ ކަންތަކަކީ ނުބައި ކަންކަން ފޮހެލާ ކަމެއްކަން ﷲ ބަޔާން ކުރައްވާފައި ވަނީ ދުވާލުގެ ދެ އިރާއި ރޭގަނޑުން ބައެއްގައި ނަމާދު ކުރުމަށް އަމުރު ކުރެއްވުމަށް ފަހު އެވެ. (ހޫދު 114).

ހަތަރު ވަނަ ހާލަތަކީ، ﷲ އަށް ޝުކުރުވެރި ވުމުގައި ނަމާދުން ވާގިވެރިކަން ހޯދުމެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ކައުޘަރު ދެއްވި ކަން ބަޔާން ކުރެއްވުމަށް ފަހު ﷲ އަންގަވަނީ ނަމާދު ކުރެއްވުމަށެވެ. (އަލްކައުޘަރު 1-2). ފަސް ވަނަ ހާލަތަކީ، ގިޔާމަތް ދުވަހުން ކުރިމަތިވެދާނެ އެންމެހާ ބިރުތަކާއި މުސީބާތްތަކުން ރައްކާތެރިވުމަށްޓަކައި ނަމާދުން ވާގިވެރިކަން ހޯދުމެވެ. ހިތްތަކާއި ލޯތައް ފަރާތްފަރާތަށް އެނބުރިގެންދާ ދުވަހަށް ބިރުގަންނަ މީހުންގެ އެއް ސިފައަކީ ނަމާދު ގާއިމު ކުރުން ކަން އައްނޫރު ސޫރަތުގެ 36 ވަނަ އާޔަތުން އެނގެ އެވެ.

ވީމާ ތިމާގެ ނަފްސުގައިވާ އެންމެހާ އެދުންތައް ކޮންޓްރޯލު ކުރުމަށްޓަކައި ރިވެތި އަހުލާގާއި އަޅުކަމުން އަދި ވަކިން ހާއްސަކޮށް އޭގެ ތެރެއިން ކެތްތެރިކަމާއި ނަމާދުން ވާގިވެރިކަން ހޯދަން ހަމަ ކޮންމެ މުސްލިމަކު ވެސް މަސައްކަތް ކުރަން ޖެހޭނެ އެވެ. އޭރުން އެދުންތައް ކޮންޓްރޯލު ކުރެވި ދުނިޔެމަތީ ތިމާ ލަދުގަންނަން ނުޖެހި ސަލާމަތް ވެވޭނެ އެވެ. އަދި އާހިރަތުގެ އަޒާބުގެ އިތުރުން ދުނިޔަވީ އުގޫބާތްތަކުން ވެސް ތިމާއަށް ސަލާމަތް ވެވޭނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454