ރިޕޯޓް / ޓްރީޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލް: ޓޫރިޒަމްގެ ހިނިތުންވުން ބަލިމީހުންނަށް

ކުރިން ނަމަ އޭނާގެ އިންޓަވިއު ބިނާކުރީހީ އާކިޓެކްޗާގެ ދާއިރާ އިންނާއި ޓޫރިޒަމްގެ ސިނާއަތުގެ މައްޗަށެވެ. ނަމަވެސް ކެމެރާ ކުރިމަތީގައި، "މިހާރު"ގެ ނޫސްވެރިންނާ އެކު އަހުމަދު ސަލީމް (ގަދަގޭ ސަލީމް) ގާތްގަނޑަކަށް ގަޑިއެއްހާ އިރު ހޭދަކުރެއްވީ އެ ދެ ދާއިރާގެ ވާހަކަ ދައްކަވާކަށެއް ނޫނެވެ. ރާއްޖޭގައި މިހާތަނަށް ތަރައްގީކުރި އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލްގައި، އޭނާއަށް ހާއްސަކޮށްފައިވާ ކޮޓަރިކޮޅުގައި އިންނަވައި ކިޔައިދެއްވީ ރާއްޖޭގެ ސިއްހީ ހިދުމަތަށް އިންގިލާބެއް ގެންނާނެވަރުގެ މަޝްރޫއުއާ ބެހޭ ގޮތުންނެވެ.

ސަލީމް، އޭނާގެ އާންމު ހިނިތުންވުމުގައި އިންނެވީ ވަރަށް ހަމަޖެހިވަޑައިގެންފަ އެވެ. މިދިއަ އަށް މަސް ދުވަހު އޭނާގެ ކޮންމެ ދުވަހެއް ހެން ހޭދަކުރެއްވީ، ރާއްޖޭގެ ޓޫރިޒަމްގެ ކާމިޔާބު ވިޔަފާރިވެރިންގެ ބަޔަކު އެކުވެގެން ފެށި މަސައްކަތް ނިންމުމުގެ ފަހު މަރުހަލާގަ އެވެ. އެ ހުރިހާ ކަމަކުން އަތްދޫކޮށްލައްވައި، މިއަދު 110 މިލިއަން ޑޮޮލަރު (1.6 ބިލިއަން ރުފިޔާ)ގެ ހޮސްޕިޓަލްގެ ދޮރު ހިދުމަތަށް ހުޅުވާލުމުން، ސަލީމަށް ކުރެއްވޭ އުފާ ވަރަށް ބޮޑެވެ.

"މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ހޮސްޕިޓަލްގެ ހިދުމަތް ފެށުމާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.

"ވަރަށް ބޮޑު މަސައްކަތެއްގެ ނިމުން މިއީ."

ކުރިއްސުރެ އޮތް މަގުސަދެއް، ޓްރީ ޓޮޕް އިންވެސްޓްމަންޓްގެ ތެރެއިން

މިއީ އާދައިގެ މަޝްރޫއެއް ނޫނެވެ. ރާއްޖޭގެ ޓޫރިޒަމްގެ ކާމިޔާބު ގްރޫޕެއް ކަމަށްވާ ކްރައުން ކޮމްޕެނީގެ ހިއްސާދާރުން، ހާއްސަކޮށް ޗަމްޕާ ހުސެން އަފީފު ކުރިންސުރެ ވެސް ދައްކަވާ ވާހަކައެއް އޮވެ އެވެ؛ ރާއްޖޭގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ހެދުމެވެ. އެކަމަކު ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްގީކޮށް، ހިންގުމަކީ ހަމައެކަނި ކްރައުން ކޮމްޕެނީއަށް އެކަނި ކުރެވޭނެ ކަމަކަށް ނުވާތީ، އެ ބޭފުޅުންގެ ހިއްސާ އޮންނަ އެހެން ތިން ކުންފުނި ކަމަށްވާ ކާސާ ހޯލްޑިންގްސް އާއި ޗަމްޕާ ބްރަދާސް އަދި ކުރެއްދޫ ހޯލްޑިންސް ބައިވެރިވި އެވެ. ޓްރީ ޓޮޕް އިންވެސްޓެމަންޓަކީ އޭގެ ނަތީޖާ އެވެ.

"މި ކުންފުނި އުފެއްދުނީމާ ހުރިހާ ޑިރެކްޓަރުން ވެސް ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް ކަމެއް ކޮށްދިނުމަކީ ބޭނުންތެރި ކަމެކޭ. އިޖުތިމާއީ ކަމެއް ވެސް މީގައި އެބަ އޮތް،" ސަލީމް ވިދާޅުވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލާ ގުޅޭ ގޮތުން ސަލީމް އިއްޔެ "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރާއްޖޭގެ އެންމެ ފުރަތަމަ އާކިޓެކްޓްގެ ގޮތުގައި މަޝްހޫރުވި ސަލީމަށް ޓްރީ ޓޮޕް ހޮސްޕިޓަލް މަޝްރޫއުގެ ގިނަ ޒިންމާތަކެއް ހަވާލުކުރި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެހެން ބޭފުޅުންގެ އެހީތެރިކަމާ އެކު ހޮސްޕިޓަލް ނިންމުނީ ވަރަށް ބޮޑެތި ޗެލެންޖްތަކާ އެކުގަ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ހޮސްޕިޓަލާ ގުޅޭ އެއްވެސް ކަހަލަ ތަޖުރިބާއެއް އެއިން އެއްވެސް ބޭފުޅެއްގެ ނެތުމެވެ. އެކަމަކު އެހީތެރިކަން ހޯދިދާނެ ގޮތްތައް މަދެއް ނޫނެވެ. އެހެންކަމުން ހޮސްޕިޓަލް އިމާރާތްކުރަން އެ ދާއިރާގެ ތަޖުރިބާ ބޮޑު ތުރުކީގެ ޓާމާކްސް ކަނޑައެޅި އެވެ. އަދި ހޮސްޕިޓަލް ހިންގަން ހަވާލުކުރީ ގިނަ ގައުމުތަކެއްގައި ސިއްހީ ހިދުމަތް ދެމުން އަންނަ އޮސްޓްރޭލިޔާގެ ރަމްސޭ ހެލްތު ކެއާ އާއި މެލޭޝިއާގެ ތަޖުރިބާކާރު ކުންފުންޏެއް ކަމަށްވާ ސައިމް ޑާބީ ހެލްތު ކެއާ ގުޅިގެން އުފެއްދި ރަމްސޭ ސައިމް ޑާބީ ހެލްތު ކެއާއާ އެވެ.

މަޝްރޫއު ފެށިއިރު ބެލެވުނީ ގާތްގަނޑަކަށް 90 މިލިއަން ޑޮލަރުން ނިންމާލެވޭނެ ކަމަށެވެ. ނަމަވެސް ނިމުނު އިރު 110 މިލިއަން ޑޮލަރަށް އެރި އެވެ.

"ވަރަށް ބޮޑު އޯވަ ބަޖެޓެއް މިއީ. މިއީ މިކަހަލަ ޕްރޮޖެކްޓްތަކުގައި ވަރަށް ގިނައިން ވާ ކަމެއް،" ސަލީމް އޭގެ ކުޑަ ތަފްސީލަކަށް ވަޑައިގަތެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ބައެއް މުވައްޒަފުން މަސައްކަތުގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

"ދެ ސަބަބަކާ ހެދި އޯވަ ބަޖެޓް ވީ. އެއް ކަމަކީ އަޅުގަނޑުމެންގެ އެކްސްޕެކްޓޭޝަން ހުރީ ވަކި ވަރަކަށް. އެހެންވީމާ އެ އެކްސްޕެކްޓޭޝަނާ ހަމައަށް ދިއުން [އެއް ކަމަކީ]. އޭގެ އިތުރުން އަޅުގަނޑުމެން ފަށައިގަތް ފަހުން ނިންމީ، އަޅުގަނޑުމެން ބޭނުމޭ އަފީފް ވިދާޅުވާ ގޮތަށް ފިއުޗާ ޕްރޫފް ހޮސްޕިޓަލެއް. އޭގެ މާނައަކީ މިތަނުގައި ހުންނާނީ ވަރަށް ހައި ޓެކްނޮލޮޖީ. އެހެންވެ، އެ ޓެކްނޮލޮޖީ ތައާރަފުކުރަން ފުދޭވަރަކަށް އިތުރު ހަރަދުތަކެއް ދިޔަ."

ޓްރީ ޓޮޕް ހޮސްޕިޓަލްގެ އިސް ވެރިންގެ އަމާޒަކީ، މިހާރު އެތަނުގައި ގާއިމްކޮށްފައިވާ ޒަމާނީ ޓެކްނޮލޮޖީގެ މައިބަދަ ކުރިއަށް އޮތް 10 އަހަރަށް ވެސް ބޭނުން ކުރުމެވެ.

ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތް ނުނިމި ކޮންމެވެސް ވަރަކަށް ލަސްވުމަކީ ވެސް އިތުރަށް ޚަރަދު ކުރަން ޖެހުނު ސަބަބެކެވެ.

"ބަލިމީހާ"އެއް ނޫން، "ގެސްޓެއް"

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ޓްރީ ޓޮޕް އިންވެސްޓްމަންޓްގެ ހިއްސާދާރުން ނުކުރައްވާ ތަޖުރިބާއެއް ނެތެވެ. އާދައިގެ ރިސޯޓްތައް ދުނިޔޭގެ މަތީ ފެންވަރުގެ މަންޒިލްތަކަށް ހެދުމުގެ އިތުރުން، ބަދަލުވަމުން އަންނަ ޓޫރިޒަމްގެ ދާއިރާގައި ރާއްޖެ ފަހަތަށް ނުޖެހި ކުރިއަށް ގެންދެވޭނެ ކިތައްމެ ގޮތެއް މި ބޭފުޅުން ވަނީ ހޯއްދަވައިފަ އެވެ. ކޮންމެ ދުވަހެއްގެ މަސައްކަތް ގުޅިފައި އޮންނަނީ ފުރިހަމަ މެހެމާންދާރީއެއް ފޯރުކޮށްދިނުމުގެ މައްޗަށެވެ. ރާއްޖޭގެ ހިތްގައިމު މާހައުލުން އުފާވެރިކަން ބޮޑުކޮށްދޭނެ ކަންކަމަށެވެ. ރީތި ޑިޒައިންތަކުން މެހެމާނުންގެ ހިތް އަތުލުމެވެ.

އެ ހުރިހާ ތަޖުރިބާއެއްގެ ތެރެއިން ސަލީމާއި އެހެން ހިއްސާދާރުންނަށް ސިއްހީ ހިދުމަތް ވެސް ފެންނަނީ "މެހެމާނުންނަށް" ފޯރުކޮށްދޭ ހިތްހެޔޮ ކަމެއްގެ ގޮތުގަ އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ ދޮރުން ވަދެ، ހިދުމަތަށް އެދެނީ ބަލިމީހުން ކަމަށް ވިޔަސް، އެތަނުގެ ކޮންމެ މުވައްޒަފަކު ވެސް އެމީހުންނާ މުހާތަބުކުރާނީ "ގެސްޓް"ގެ ނަމުންނެވެ.

"ވަރަށް ޕޭޝަންޓް ފްރެންޑްލީ، ރިސޯޓުގައި ހުންނަ ކަހަލަ އެންވަޔަރުމެންޓެއް ކްރިއޭޓްކުރެވޭ ކަހަލަ ބިލްޑިން ޑިޒައިން ވެސް ހުންނަން ޖެހޭނީ. ސްޓާފުންގެ އެޓިޓިއުޑް ވެސް ހުންނަން ޖެހޭނީ އެހެން،" ސަލީމް ވިދާޅުވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ލޮބީ އޭރިއާ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެކަމަކު އޭޝިއާގެ ގައުމުތަކުގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާގައި އާންމުކޮށް އަދިވެސް ވިސްނެނީ، ސަލީމް ވިދާޅުވި ގޮތުގައި، ބަލިމީހާއަށް ބޭނުން ގޮތެއް ހެދިދާނެ ކަމެވެ. އެންމެ މުހިންމީ ޑޮކްޓަރުން ކަމެވެ. އެކަމަކު އެ ވިސްނުން ޓްރީ ޓޮޕް ހޮސްޕިޓަލުން ނުގެންގުޅޭނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"ހޮސްޕިޓަލްގެ އެންމެ މުހިންމު މީހަކީ ބަލިމީހާ. އެހެންވެ މިތަނުގެ މެނޭޖްމެންޓުން ބަލިމީހުންނަށް ޕޭޝަންޓުން ވެސް ކިޔުން ހުއްޓާލައި ކިޔާނީ ގެސްޓުން،" ސަލީމް ވިދާޅުވި އެވެ.

"ހުރިހާ ޑޮކްޓަރުންނަށް ވެސް މި އައިޑިއާ މިދެނީ. ޑޮކްޓަރުން މި ތިބެނީ ޕޭޝަންޓުންނަށް އިންފޮމޭޝަން ދީ، ވާހަކަ ދައްކައި ހަދަން. އެ މީހުން އަންނަނީ ކޮންމެހެން މޮޅު ޑޮކްޓަރެއް ވީމައެއް ނޫނޭ. އެ މީހުން އަންނަނީ ބަލިވެގެން. ޑޮކްޓަރުންގެ ކަމެއް އެ މީހުން ހިތްހަމަޖައްސައި ދިނުން."

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ދެ މުވައްޒަފަކު އެ ތަނުގެ ލޮބީ އޭރިއާގައި އިއްޔެ މަޑުކޮށްލައިގެން ތިބިއިރު، ރިސެޕްޝަނުން ޚިދުމަތް ދެނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ހޮސްޕިޓަލްގެ ހިދުމަތް ފެށިއިރު ގެސްޓް ރިލޭޝަންސްގެ ޓީމަށް ހަތަރު މަސް ދުވަހުގެ ތަމްރީން ވަނީ ދީފަ އެވެ. ދޮރުން ވަނުމާ އެކު ބައްދަލުކުރާނީ ހިނިތުންވެފައި ތިބި މުވައްޒަފުންނެވެ. ބޭނުންވާ ކަމެއް އޮޅުންފިލުވައިދީ، ދާންވާ މިސްރާބު ބުނެދެ އެވެ. ސަލީމް ވިދާޅުވި ގޮތުން ނަމަ ބަލިމީހާ ގޮވައިގެން ވައްދާނީ "އަޅުގަނޑުމެންގެ ޑޮކްޓަރުން ނުކުމެ" އެވެ.

"މީގައި މި އަންނަނީ އަޅުގަނޑުމެންގެ ރިސޯޓު އެކްސްޕީރިއަންސް. ރިސޯޓް އެކްސްޕީރިއަންސްގައި ހުރިހާ މުވައްޒަފުންގެ ކައިރީގައި ބުނާ ވާހަކަ އަކީ ގެސްޓުން އައިމާ ނޫނިއްޔާ އަޅުގަނޑުމެންނަށް ވެސް ލިބޭ އެއްޗެއް ނެތޭ. ތިބޭފުޅުންނަށް ވެސް ލިބޭނެ އެއްޗެއް ނެތޭ،" ސަލީމް ވިދާޅުވި އެވެ.

"ހަމަ އެ އައިޑިއާ މި ގެނައީ ހޮސްޕިޓަލަށް. އެހެންވީމާ އަޅުގަނޑުގެ ވަރަށް ބޮޑު އުންމީދެއް އެބަ އޮތް މިކަމުން ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް. ޑޮކްޓަރުންނަށް ވެސް މިކަން ވަރަށް ބޮޑަށް ކިޔައިދިނިން. އަޅުގަނޑުމެން މޮނީޓަ ކުރާނަން މިކަން މިގޮތަށް ދޭތޯ ވެސް."

ހޮސްޕިޓަލްގެ ޑިޒައިން ވެސް ބިނާކޮށްފައި ވަނީ ބަލިމީހުންގެ ހިތްހަމަޖެހުމުގެ މައްޗަށެވެ. އެގޮތުން އެމީހުންގެ ޕްރައިވަސީ ވަރަށް ބޮޑަށް ހިމާޔަތްކުރެވެ އެވެ. މިސާލަކަށް އެކްސްރޭ ނަގަން ދާއިރު، އާންމު އެހެން މީހުންނަކަށް ނުފެންނާނެ އެވެ. އެޑްމިޓްވެއްޖެ ނަމަ އެހާ ހިސާބުން ފެށިގެން އެއީ އެ ހޮސްޕިޓަލްގެ ޒިންމާއެކެވެ. ބަލިމީހާއަށް ކާން ދިނުމާއި ބޭސް ދިނުމާއި ފެންވެރުވުމާއި، މިހެން ގޮސް އޭނާއަށް ކޮށްދޭން ޖެހޭ ކަންކަމަކީ، ސަލީމް ވިދާޅުވި ގޮތުގައި، އެތަނުގެ ފުރަތަމަ މަސްއޫލިއްޔަތެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގައި ބަލި މީހުން އެޑްމިޓް ކުރާ ކޮޓަރިއެއް ސަލީމް، "މިހާރު"ގެ ނޫސްވެރިންނަށް އިއްޔެ ދައްކާލައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މިއީ ވޯޑް ހިމެނޭ ހޮސްޕިޓަލެއް ނޫނެވެ. ދެ އެނދު ހުންނަ ކޮޓަރިތަކުގައި ވެސް ދެ "ގެސްޓުން"ގެ ޕްރައިވަސީ ވަރަށް ބޮޑަށް ހިމާޔަތްކޮށްދެ އެވެ. މިސާލަކަށް ކޮންމެ އެނދެއްގެ ކުރިމަތީގައި ޓީވީއެއް ހުންނަ އިރު، އަޑުއަހަން ޖެހޭނީ ހެޑްސެޓް އަޅައިގެންނެވެ.

"މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަން ޖެހުނު ކަމެއް،" ދެ މީހުންނަށް ތިބެވޭ ގޮތަށް ހަދާފައި ހުރި ކޮޓަރިއެއްގެ ކުރިމަތީ ބިތުގައި ހަރުކޮށްފައިވާ ދެ ޓީވީއަށް އިޝާރަތްކުރައްވަމުން، ސަލީމް ވިދާޅުވި އެވެ.

"އެކަކު އަނެކަކަށް އުނދަގޫވެދާނެތީ އަޑުއަހަން ހުންނާނެ [ހެޑްސެޓް]. އޭރުން އެއްވެސް މީހަކަށް އުނދަގުލެއް ނުވާނެ އެއް ކޮޓަރިއެއްގައި އޮތަސް."

ބަލިމީހާއަށް ބޭނުންވާ ކަހަލަ ކެއުންތައް ތައްޔާރުކުރުމަކީ ރާއްޖޭގެ އެހެން ހޮސްޕިޓަލްތަކުން އަދި ލިބޭ ހިދުމަތެއް ނޫނެވެ. އެކަމަކު ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވަނީ ވެސް ހާއްސަ ބަދިގެއާ އެކު، ހާއްސަ ކައްކާއިންނާ ވެސް އެކުގަ އެވެ. މިސާލަކަށް ހަކުރުބަލީގެ މީހެއް ނަމަ އޭނާގެ ކެއުން ހުންނާނީ އެ ބައްޔަށް އިސްކަން ދީގެންނެވެ.

"ޕޭޝަންޓުންނަށް ހުރިހާ ކާއެއްޗެއް ލިބޭނެ. ބަލިމީހާ ކައިރީގައި ހުންނަ މީހާ އަށް ވެސް މެނޫ އޮންނާނެ. ހަމަ މިތަނުގެ ބަދިގެއިން ކައްކައިގެން ބްރެކްފާސްޓް ވެސް، ލަންޗް ވެސް ޑިނާ ވެސް އަދި އެހެން ހުރިހާ މީލެއް ވެސް ލިބޭނެ،" ސަލީމް ވިދާޅުވި އެވެ.

"ހަމަ އެގޮތަށް ބަލިމީހާ ކައިރީގައި ހުންނަ މީހާ އަށް ނުޖެހޭނެ ބޭސް ގަންނަން ދާކަށް. ހުރިހާ ބޭހެއް ހުންނާނެ ޕޭޝަންޓް ކައިރީގައި ހުންނަ ކަބަޑަކަށް ލާފައި ތަޅުލާފައި."

ޖަރާސީމާއި ވައިރަސްތަކުން ވީހާވެސް ބޮޑު ހިމާޔަތެއް ހޯދުމުގެ ޒަމާނީ ފިޔަވަޅުތައް ވެސް ވަނީ އަޅައިފަ އެވެ. ޔުފީފޯމް ލައިގެން އެއްވެސް މުވައްޒަފަކަށް ހޮސްޕިޓަލުން ބޭރަކަށް ނުދެވޭނެ އެވެ.

"މަސައްކަތް ނިންމާފައި ދާން ޖެހޭނީ ޔުފީފޯމް ބަހައްޓާފައި،" ހޮސްޕިޓަލްގެ ތިރީގައި ހުންނަ މައި ރިސެޕްޝަން އޭރިޔާގައި މަސައްކަތްކުރަން ތިބި މުވައްޒަފުންނަށް އިޝާރަތްކުރައްވާ ސަލީމް ވިދާޅުވި އެވެ.

"އެއީ ވެސް ސާފުތާހިރުކަމުގެ ގޮތުން އަޅާ ފިޔަވަޅެއް. އަޅުގަނޑުމެން ކެއާކުރާނެ އެ ހުރިހާ ކަމަކަށް."

ޓްރީ ޓޮޕް ހޮސްޕިޓަލް: މިއަދުން ފެށިގެން ވަނީ ޚިދުމަތް ދޭން ފަށާފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

މިއަދު ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ދާއިރާއަށް ޓްރީ ޓޮޕް އިންވެސްޓްމަންޓުން އެ ދޫކޮށްލަނީ ވަރަށް އަގުހުރި ބާބެކެވެ. މި ފެންވަރުގެ ހޮސްޕިޓަލެއް ރާއްޖެއިން ފެނިދާނެ ކަމަކަށް ގިނަ ދިވެހިން ކުރިއަކުން ގަބޫލެއްނުކުރެ އެވެ. އެކަމަކު ރާއްޖޭގެ އެހެން ހޮސްޕިޓަލްތަކާ އަޅާބަލާއިރު، ޓްރީ ޓޮޕް ހޮސްޕިޓަލްގެ އަގުތައް ބޮޑެވެ.

އާ ހޮސްޕިޓަލް ހަމައެކަނި ރީތީކީ ނޫނެވެ. ދިިވެހިންގެ އެތައް ބަޔަކަށް ލިބޭނެ ލުއިފަސޭހަތަކެއް ވެސް އެބަ ހުއްޓެވެ؛ އަމިއްލަ ގައުމުގައި ތިބެގެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމެވެ.

ކެންސަރާއި ހިތުގެ އޮޕަރޭޝަން ކުރުން ފަދަ ބޮޑެތި ބަލިތަކަށް ރާއްޖެއިން ބޭރުގައި ދިވެހިން ބޮޑު ހޭދައެއް ދަނީ ކުރަމުންނެވެ. ބަލިމީހާ ގޮވައިގެން އާއިލާގެ އެތައް ބަޔަކު ދާން ޖެހެ އެވެ. އެތަންތަނުގައި ތިބުމާއި ކެއުމަށް ވެސް ހޭދަކުރެ އެވެ. އެހީތެރިންގެ ގޮތުގައި ގިނަ ދުވަހު ބޭރުގައި އުޅެން ޖެހުމުން އެތައް ބައެއްގެ ވަޒީފާއަށް ވެސް ބުރޫއަރަ އެވެ.

އެކަމަކު ޓްރީ ޓޮޕް ހޮސްޕިޓަލްއާ އެކު އެ ދަތުރުތައް ނުކޮށް ފަރުޖެއްސުމުގެ ފުރުސަތު ދިވެހިންނަށް އެ ހުޅުވުނީ އެވެ.

ހަޔާތުގެ އެންމެ އުފާވެރި އެއް ދުވަސް

ސަލީމް ވިދާޅުވާ ގޮތުގައި ދެން އޮތީ އާންމުން، ނުވަތަ ހޮސްޕިޓަލްގެ "ގެސްޓުން" ދެކޭ ގޮތެވެ. އެ ހޮސްޕިޓަލާ މެދު ކުރި އުއްމީދުތަކާ އެއްވަރުގެ ހިދުމަތެއް ލިބޭކަން ކަސްޓަމަރުންނަށް ގަބޫލުކުރޭތޯ ޔަގީންކުރުމެވެ. އެއީ މުޅި މަޝްރޫއުގެ ވަރަށް މުހިންމު ބައެކެވެ.

މީގެ ކުރިން ސަލީމާއި އެހެން ހިއްސާދާރުންނަށް އުފާ ލިބިވަޑައިގަންނަވަނީ އާ ރިސޯޓެއް ތަރައްގީކޮށް ނިމުމުން، ނުވަތަ އެ ބޭފުޅުންގެ ރިސޯޓަކަށް އާ ބަދަލުތަކެއް ގެނައުމުންނެވެ. އެކަމަކު ޓޫރިޒަމް ދާއިރާގައި އެތައް އަހަރެއް ހޭދަކުރެއްވުމުން އެއީ، ސަލީމް ވިދާޅުވި ގޮތުގައި، "މިހާރު އާ ކަންކަމެއް ނޫނެ"ވެ. ޓްރީ ޓޮޕް ހޮސްޕިޓަލް ތަފާތެވެ. މިއީ ސިއްހީ ދާއިރާ އިން އެ ބޭފުޅުންގެ ފުރަތަމަ އުފެއްދުމެވެ. އެހެންކަމުން އެ ވަރުގެ ބޮޑު މަޝްރޫއުއެއް ނިންމާލެވުމަކީ ހިއްސާދާރުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި އުފަލެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގާ ކުންފުނީގެ ޑިރެކްޓަރު ސަލީމް އިއްޔެ "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ހޮސްޕިޓަލް ހުޅުވުމަށް ފަހު އަންނަ ފުރަތަމަ ހުކުރު ދުވަސް ނުވަތަ މާދަމާ އަކީ ހަޔާތުގެ އެންމެ އުފާވެރި އެއް ދުވަސް ކަމަށް، ސަލީމް ކުރިން ވިދާޅުވި އެވެ. އެގޮތަށް ވިދާޅުވީ ކީއްވެގެންތޯ ސުވާލު ދެންނެވުމުން އޭގެ ތަފްސީލަށް ވަޑައިގަތެވެ. އޭނާ ވިދާޅުވި ގޮތުގައި "މިއީ މުޅިން ތަފާތު ބޮޑު މަސައްކަތެކެ"ވެ.

"އަޅުގަނޑު ވަރަށް ބޮޑަށް ޕާސަނަލީ އިންވޯލްވެގެން، ފުރަތަމަ ދުވަހުން ފެށިގެން ވެސް [އުޅުނު ކަމެއް މިއީ]. އަނެއްކާ މެނޭޖްމެންޓް ކޮމްޕެނީއެއް ހޯދަން ވެސް ބޯޑުގެ ފަރާތުން ހުރިހާ ކަމެއް ކުރީ އަޅުގަނޑު،" ސަލީމް ވިދާޅުވި އެވެ.

"އެހެންވީމާ ވަރަށް ބޮޑު ސެޓިސްފެކްޝަނެއް ލިބޭތީ އަޅުގަނޑު [ދެންނެވީ] އެންމެ އުފާވާ ދުވަހެކޭ [އަންނަ ހުކުރުދުވަހަކީ]،" ސަލީމް ވިދާޅުވި އެވެ.

"ގެ އަށް ގޮސް ހަމަ މުންޑެއް ލައިގެން ނިދާލަންވީ."

58 ކޮމެންޓް, 105 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 4%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝެލަރީ

02 March 2018

ތީ ސިޓީހޮޓެލެއްތޯ؟؟؟

The name is already taken The name is available. Register?

7777

01 March 2018

@ ހަސަންފުތު. ނަޝީދު އަށާ އޭނަގެ ބައްޕައަށާ އޭނަގެ ކާފައަށްވެސް ހުވަފެނުން ފެނުފަ އޮތީ ޓްރީޓޮޕް ހޮސްޕިޓަލް އަޅަން. ޕްލޭންވެސްކުރި. މިއީ އާކަންތަކެއްނޫން. މިސަރުކާރުންވެސް ދެން އަންނަ ސަރުކާރުތަކުންވެސް ކުރާނީ އަންނި ޕްލޭން ކޮށްފަ ހުރި ކަންތައް. އެހެޔޮ 2020 ގަ އީޖާދު ކުރި ކަަމަަކަށް ވިއަސް.

The name is already taken The name is available. Register?

އަށްޑޫ މީހާ

01 March 2018

ވަރަށްވެސް އުފާވެއްޖެ މިފެންވަރުގެ ހިދުމަތްދޭ ހޮސްޕިޓަލެއް ރާއްޖޭގަ ހުޅުވުނީތީ. ނަމަވެސް ހިތާމަޔަކީ މީގެ އުފާ ލިބޭނީ ކިތަށް ރައްޔިތުންނަށްކަން ނޭގޭތީ. ނިކަމެތި ރައްޔިތުންނަކަށް މާކަ ބޮޑެތި ފައިދާތަކެއް ވާނެހެނެއް ހިޔެއްނުވޭ. މާ އަގުބޮޑީ... ހޮސްޕިޓަލަކީ މި ސަރަހައްދުގެވެސް އެންމެ އަގު ބޮޑު ހޮސްޕިޓަލަށްވާނެކަން ޔަގީން. އޭގެއިން އެގޭ ކަމަކީ މިކަންކޮށްފައިވަނީ ވިޔަފާރިއަކަށްކަން......ކޮންމެހެން ރައްޔިތުންނަށް ކޮށްދިންކަމެއްނުން ތީކީ. ކޮމެންޓް ކިޔާފަ ރުޅިއަޔަސް މީ ހަގީގަތަކީ. ރައްޔިތުން ފެލުމަށް ކޮށްގެން އުޅޭ ވިޔަފާރިއެއް.. ވިޔަފާރިވެރިންބަލަނީ ރައްޔިތު މީހާ ޖީބުގަ އެކަތިއޮތަސް އެވެސް ޖަހައިގަންނަން، ތި އަގަށްވުރެން މާއަގުހެޔޮކޮށް އޭޑީކޭއިންވެސް ހުރިހާ ކަމެއްވާނެކަން ޔަގީން.. އޭޑީކޭއިން ނުވާ ކޮންކަމެއްބާ ވަނީ،.

The name is already taken The name is available. Register?

ޙަސަން އަޙްމަދު

01 March 2018

މި ނަމޫނާއިން ރާއްޖޭގެ ހުރިހާ ހޮސްޕިޓާތަކެއްގެ މުވައްޒަފުންގެ މެދުގައި ވެސް ބަލި މީހުންނަށް އިހްތިރާމާ އެކު މުއާމަލާތު ކުރުމުގެ ސަގާފަތެއް އުފެދޭނެ ކަމުގަ އުންމީދު ކުރެވޭ.

The name is already taken The name is available. Register?

ސީލާސީލާ

01 March 2018

ކޮބާ ތަމެންނަށް ފެނޭތެ ހާކިމާ އިންނަށް ވާ ހާކިމާ އިން ވެރިކަމާއި ހަވާލު ވުމުން މިރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލު ވަމުން ދާ ތަން.

The name is already taken The name is available. Register?

ސަލީމާ

01 March 2018

ތިޔަ ވިޔަފާރިވެރިންގެ ޓީމަށް ވަރަށް ހާއްސަ ޝުކުރެއްދަންނަވަން އަދި މިސަރުކާރުން ތިފަދަ ކަމަކަށް މަގުފަހިކޮށްދިނީތީވެސް ޝުކުރު ދަންނަވަން. އުންމީދުކުރަން ހިތްހަމަ ޖެހޭވަރުގެ ހިދުމަތެއް ގެސްޓުންނަށް ލިބިގެންދާނެ ކަމަށް

The name is already taken The name is available. Register?

ސޮމްޗައި

01 March 2018

އަހުމަދު ސަލީމްއަށް ވަރަށްވެސް ބޮޑަށް ޝުކުރުވެރިވަން، ރާއްޖޭގައި ފެންވަރުރަނގުޅު ހޮސްޕިޓަލެއް ބިނާކުރައްވާ ހިދުމަތަށް ހުޅުވައިދެއްވީތީއެވެ. ހިތުގެ އޮޕަރޭޝަން ކުރެވޭ ހޮސްޕިޓަލެއް ރާއްޖެއަށް އެހާމެވެސް މުހިންމުއެވެ. މުންޑު ތުރުކުރައްވައިގެން ހަމަނިދި ލިބިވަޑައިގަތުމަށް ފަހު ދިވެހިންނަށް ފަސޭހައިން މަދުފައިސާ ކޮޅަކުން އިންޝޫރަންސްގެ ދަށުން ސިއްހީ ހިދުމަތް ލިބޭނެ ގޮތެއް ރާވާ ހަދާދެއްވުން ވަރައްވެސް މުހިންމުއެވެ.

The name is already taken The name is available. Register?

ހަސަންފުތު

01 March 2018

ކޮލިޓީ މެންޓެއިން ކޮއް ހިދުމަތުގެ ފެންވަރު ދުވަސްވާ ވަރަކައް ރަގަޅު ވެގެން ދަންޔާ ކިތަންމެ ހާވެސް ރަގަޅު .. ފުރަތަމަ ހުޅުވާ އިރު ވަރަށް ވެސް ނަލަ ކޮއް ފުރިހަމަ ކޮއް ހުއްޓަސް ފަހުން ވާނެ ގޮތެއް ނޭގޭ.. ބުރިޖު އެޅީމަ އަދި ތިތަނުގެ ޑިމާންޑް މާ ބޮޑުވާނެކަމައް ލަފާ ކުރެވޭ ..

The name is already taken The name is available. Register?

ގެސްޓް

01 March 2018

އާސަންދައިން ދެއްކޭތަ؟ އަމާނާ ތަކަފުލް ގެ ޚިދުމަތް ލިބޭތަ؟

The name is already taken The name is available. Register?

ސަރީފު

01 March 2018

މިފަހަރު ބޮޑު ޗުއްޓީއަށް ޓްރީ ޓޮފަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!