މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖުގެ މައި ސައިޓުން ފުރަތަމަ ވެސް އަޅައިގަތީ ރާއްޖެ އިން މީގެ ކުރިން ދުވަހަކު ވެސް ނުފެންނަވަރުގެ ބިޔަ މެޝިންތަކާއި ކްރޭންތަކާއި އެކި ވައްތަރުގެ ދަގަނޑު ހޮޅިތަކެވެ. ބްރިޖް އަޅާ ސީސީސީސީން ސައިޓުގައި ބޭނުންކުރާ ކްރޭންތައް އެކަނި ވެސް ހައިރާންވާހާ އުހެވެ. ހިތްފަސޭހަ މައިދާނެއްގެ ގޮތުގައި ކުރިން ބޭނުންކުރި ލޮނުޒިޔާރަތްކޮޅު މިހާރު އޮތީ، ބްރިޖް މަސައްކަތާ އެކު އިންޑަސްޓްރިއަލް ސަރަހައްދަކަށް ބަދަލުވެފަ އެވެ. ބްރިޖް އެޅުމަކީ ހިތަށް ގެނެވޭވަރަށް ވުރެ އުނދަގޫ ކަމެއް ކަން އެނގުނީ ސައިޓު ތެރޭގައި ކުރަމުން ދިޔަ ބުރަ މަސައްކަތްތަކާއި ފެންނަން ހުރި މެޝިނަރީޒްތަކުންނެވެ.
ސައިޓު ވަށައިގެން ފެނުނު ހުރިހާ މަންޒަރުތަކެއް ތަަރައްގީއާ ގުޅުވާލާއިރު މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއު ކަން އެ ސަރަހައްދުން އެކަނި ވެސް ސާފެވެ. ބްރިޖާއެކު ލޮނުޒިޔާރަތްކޮޅަށް އައިސްފައިވާ ބަދަލުތަކަށް ވުރެން މުހިއްމީ އޭގެ ސަބަބުން އަންނަން އޮތް ތަރައްގީ އެވެ. އެ ތަރައްގީގެ ކުލަވަރާއެކު ދިވެހިން ދެކެމުން ދިޔަ ބްރިޖްގެ ހުވެފެން ހަގީގަތަކަށް ވާނެ ކަމުގެ އުއްމީދު މިވަނީ ބޮޑުވެފަ އެވެ.
ބްރިޖްގެ ސައިޓު ފޮޓޯ ނަގައި ވީޑިއޯ ކުރަން ފުރަތަމަ ފަހަރަށް މިދިޔަ އާދީއްތަ ދުވަހު ނޫސްވެރިންނަށް ދިން ފުރުސަތުގައި ފުރަތަމަ ވެސް ދައްކާލީ އުސް ތާނގިތަކެއް ހެން ހުރި ދެ މެޝިނެވެ.
މެޝިންތަކުގެ ތަފްސީލް ދެއްވަމުން ސީސީސީސީގެ ޕްރޮޖެކްޓް މެނޭޖަރު ލިން ފޫ ވިދާޅުވީ ބްރިޖްގައި ބޭނުންކުރާ ހުރިހާ ކޮންކްރީޓެއް ތައްޔާރުކުރާނީ ދެ ބެޗިން ޕްލާންޓުގައި ކަމަށެވެ. އޭގެތެރޭގައި ބްރިޖްގެ މައި ތަނބުތަކުގައި ކަނޑު އަޑިއަށް ޖަހާ ޕައިލްތަކަށް ބޭނުންވާނެ ކޮންކްރީޓެއް ތައްޔާރުކުރާނީ މި ބެޗިން ޕްލާންޓުންނެވެ. ކޮންމެ ތަނބަކަށް ވެސް ގިނަ އަދަދެއްގެ ކޮންކްރީޓް އަޅާނެ އެވެ.
އޭނާ އިޝާރާތްކުރެއްވި ކަންކަމަށް ބަލާއިރު، ބްރިޖްގެ މަސައްކަތް ހުއްޓާނުލައި ކުރިއަށްދާއިރު ބޭނުންވާ މިންވަރަށް ކޮންކްރީޓްތައް ހެދުމަކީ އިންސާނުންނަށް ކުރެވޭ ވަރަށް ވުރެ ބުރަ މަސައްކަތެކެވެ. ބެޗިން ޕްލާންޓްތަކާ ޖެހިގެން ހުރީ އެއްފަހަރާ 40 ޓަން އުފެލޭވަރުގެ ދެ ގެންޓްރީ އެވެ. އޭގެ ބޭނުމަކީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވި ގޮތުގައި ބްރިޖްގެ ސުޕަ ސްޓްރަކްޗާ އަށް ބޭނުންވާ ތަކެތި އުފުލުމެވެ.
ބްރިޖްގެ ޕްލެޓް ފޯމަށް އަރަން ދިޔައިރު ކުރިމަތިން ބޮޑު ވަޅުގަނޑެއް ފެނުނެވެ. ޓެސްޓަކަށް ޕައިލްކޮށްފައިވާ އެ ހޮޅިއަކީ ބްރިޖްގެ ބިޔަ ތަނބުތަކުގެ ސައިޒެވެ. ކޮންމެ ހޮޅިއެއްގެ ޑައިމީޓަރުގައި 10 ފޫޓު ހުންނާނެ ކަމަށް ޑެޕިއުޓީ މިނިސްޓަރު މުއްތަލިބްގެ އެކި އިންޓަވިއުތަކުގައި ވިދާޅުވެފައިވީ ނަމަވެސް ކުރިމަތިން ފެނުނީ ހުޅުލޭ ކޮޅަށް މިހާރު ޖަހާފައިވާ ހަތަރު ހޮޅީގެ ސައިޒްކަން އެނގުނީ މުއްތަލިބް އިޝާރާތްކުރެއްވުމުންނެވެ.
"މިއީ މެޝިން ޓެސްޓްކުރަން ޖެހި ހޮޅިއެއް. މި ސައިޒުގެ ޓެސްޓް ޕައިލެއް ހަދަން ތޮރުފުމުގެ މަސައްކަތް އެބަދޭ މާލެ ސައިޓު ތެރޭގައި،" މުއްތަލިބް ވިދާޅުވި އެވެ.
ބްރިޖްގެ އެންމެ އުނދަގޫ މަސައްކަތަކީ ފުން ކަނޑަށް މި ހޮޅިތައް ޖެހުމެވެ. ދެ ސައިޒުގެ ހޮޅިޖަހާއިރު މިހާރު ވަނީ 1.6 މީޓަރުގެ ޓެސްޓް ޕައިލެއްގެ މަސައްކަތް ނިންމައިފަ އެވެ. މިހާރު ކުރިއަށް ދަނީ އެ ޕައިލްގައި ބޭނުންކުރާ ކޮންކްރީޓް ޓެސްޓްކުރުމުގެ މަސައްކަތެވެ.
އޭނާ ވިދާޅުވި ގޮތުގައި ބްރިޖްގައި ޖުމްލަ 35 ހޮޅި ޖަހާނެ އެވެ. ކޮންކްރީޓުން ހަދާ ރެއިންސްފޯސްމަންޓް ހޮޅި ބިމު އަޑިއަށް 100 މީޓަރަށް ޖަހައި ކޮންކްރީޓް އަޅާނެ އެވެ.
"ކޮންމެ ޕިއާއެއް، އެއީ މައިތަނބެއްގައި ހަތް ޕައިލް އިންނާނެ. ހަތް ޕައިލަށް ހަތް ހޮޅި ޖަހައި ތޮރުފާފައި ވެލި ނަގާނެ. އޭގެ ފަހުން ރެއިންފޯސްމެންޓް އޭގެތެރެއަށް ލާފައި ކޮންކްރީޓް މި އަޅަނީ،" މުއްތަލިބް ތަފްސީލްކޮށް ދެއްވި އެވެ.
"ރެއިންފޯސްމެންޓް އަޅައި ކޮންކްރީޓް އަޅައި ޓެސްޓް ވެސް ކުރޭވޭނެ ހަތް ދުވަހުގެ ސްޓްރެންތު ކިހާވަރެއްތޯ 28 ދުވަހުން ކިހާ ވަރެއްތޯ. މި ހުރިހާ ކަމެއް ބަލައި ޓެސްޓްކުރެވޭނެ."
އޭގެ ފަހުން ދެން އޮންނާނީ ބްރިޖްގެ ޑިޒައިނުން ވީ އަކުރެއްހެން ފެންނަ ކެޕިން ހެދުމުގެ މަސައްކަތެވެ.
އެންމެ ވަރުގަދަ ތަނބުތައް ޖަހާނީ، މުއްތަލިބް ވިދާޅުވި ގޮތުގައި، ބްރިޖްގެ މެދުގަ އެވެ.
"ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް ކުރިއަށް ދާނެ މަސައްކަތެއް މިއީ 35 ހޮޅި ޖަހައި އެއަށް އަށް ކޮންކްރީޓް އެޅުން،" މުއްތަލިބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސެޕްޓެމްބަރުގެ ނިޔަލަށް ގިނަ ހޮޅިތައް ޖަހައި ނިމޭނެ އެވެ.
ބްރިޖްގެ މަސައްކަތަށް ބޭނުންވާ ދިގު ޕްލެޓްފޯމް މާލޭގެ އިރުދެކުނު ކަންމަތިން ފަށައިގެން ގެންގޮސް މިހާރު ވަނީ ކަނޑު މެދުގައި ގާއިމްކުރި ޕްލެޓްފޯމްތަކާ ގުޅާލައިފަ އެވެ. ހުޅުލޭ ކޮޅުން ހަދާ ބައިގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. މި ފާލަން އަޅަނީ ބްރިޖްގެ ދެކުނު ފަރާތަށް ވާ ގޮތަށެވެ. ބްރިޖްގެ މަސައްކަތްތަކަށް ބޭނުންވާ ގިނަ އެއްޗެހިތަކެއް އުފުލާނީ މި ފާލަން މަތީގަ އެވެ.
ޕްލެޓްފޯމު ބަލާފައި ބައެއް ނޫސްވެރިން ހީކުރީ ޕްލެޓް ފޯމު އަޅާފައި އިނީ ބްރިޖްގެ ފުޅާމިނަށް ކަމަށެވެ. އެކަމަކު ޕްލެޓްފޯމުގެ އިރުދެކުނުން އަޅާ އަސްލު ބްރިޖްގެ ފުޅާމިނުގައި 21 މީޓަރު ހުންނާނެ އެވެ. މިހާރު އަޅާފައިވާ ޕްލެޓްފޯމަށް ވުރެ ތިން ގުނަ ބްރިޖް ފުޅާވާނެ އެވެ.
ޕްލެޓް ފޯމުގެ ބޭނުމަކީ ކްރޭންތައް ދަތުރުކޮށް ބްރިޖަށް ބޭނުންވާ ކޮންކްރީޓް ފަދަ ސާމާނު އުފުލުމެވެ.
މުއްތަލިބް ވިދާޅުވި ގޮތުގައި އަސްލު ބްރިޖްގައި ހިމެނެނީ ތިން ބައެކެވެ. އެއީ މާލެ ފަރާތުން އަޅާ އެޕްރޯޗް ބްރިޖާއި ހުޅުލޭކޮޅުގައި އަޅާ އެޕްރޯޗް ބްރިޖްގެ އިތުރުން މެއިން ބްރިޖެވެ.
ގޮންޖެހުންތައް ގިނަ، އެކަމަކު ކޮލިޓީ މައްސަލައެއް ނޫޅޭނެ
ސީސީސީސީން ވަނީ ދުނިޔޭގައި މަޝްހޫރު ވަރަށް ގިނަ ބްރިޖްތައް ފަސޭހަކަމާ އެކު ނިންމާލައިފަ އެވެ. އެކަމަކު އެ ހުރިހާ މަސައްކަތަކާ އަޅާބަލާއިރު ވެސް މިއީ ގޮންޖެހުންބޮޑު މަސައްކަތެއް ކަމަށް ލިން ވިދާޅުވި އެވެ. އެއް ކަމަކަށް އޭނާ ފާހަގަކުރެއްވީ ބްރިޖް އަޅާ ސަރަހައްދެވެ. ފުން ކަނޑުގައި ބްރިޖް އަޅާއިރު، އެތަނުގެ އޮއިވަރާއި އެހެން ވެސް ކަންކަމަށް ބަލައި މަސައްކަތް ކުރަން ފަސޭހަ ނޫން ކަމަށް ވިދާޅުވި އެވެ. އެކަމަކު ލިން ވިދާޅުވި ގޮތުގައި، އެއީ އެ ކުންފުންޏަށް ނުވާނެ ކަމެއް ނޫނެވެ؛ އެ މަސައްކަތުގައި އެ މީހުން ތިބީ ވަރުގަދަ އަޒުމުގަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެ ގައުމުގެ ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ބަލާ ބްރިޖް، ޝެޑިއުލާ އެއްގޮތަށް ނިންމައި، ދިވެހިންގެ ހުވަފެން ހަގީގަތަކަށް ހަދައިދޭނެ އެވެ. މި މަޝްރޫއުގައި އެންމެ އިސްކަންދޭ ކަމަކީ ލިން ވިދާޅުވި ގޮތުގައި މަސައްކަތުގެ ކޮލިޓީ އެވެ.
ބްރިޖްގެ އެއްވެސް މަސައްކަތެއްގައި ކޮލިޓީގެ އެއްވެސް މައްސަލައެއް ނޫޅޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވަ އެވެ.
ބޭނުންކުރާ ހުރިހާ ސާމާނެއް ބޭނުންކުރަނީ އަދި މަސައްކަތް ކުރިއށް ގެންދަނީ ވެސް ކޮލިޓީ އަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ލިންގެ ވާހަކަތަކަށް މުއްތަލިބް ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ.
އޭނާ ވެސް ވިދާޅުވީ "ބްރިޖްގެ ހުރިހާ މަސައްކަތްތަކެއް ވެސް ކުރިއަށް ގެންދަނީ ކޮލިޓީ އަށް ވަރަށް ބޮޑަށް ބަލައިގެން ކަމަށް" ކަމަށެވެ.
"މިނިސްޓްރީގެ ހާއްސަ ޓީމެއް އެކަންޏެއް ނޫން. ޕްރޮޖެކްޓްގެ ހުރިހާ ކޮލިޓީ މަސައްކަތް ބެލުމަށްޓަކައި ޗައިނާގެ މި ކަހަލަ މަސައްކަތް ކުރުމަށް އެންމެ ގާބިލް ކުންފުނި، ސީސީސީ ހައިވޭ ކޮންސަލްޓެންޓްސް އިން ހަރަކާތްތެރިވޭ. ބްރިޖް ޑިޒައިންކުރުމުގެ މަސައްކަތް ކޮށްފައި އެ ވަނީ ވެސް އެ ފަރާތުން،" މުއްތަލިބް ވިދާޅުވި އެވެ.
އެ ކުންފުނީގެ ގާތްގަނޑަކަށް 20 މީހުން ބްރިޖް މަސައްކަތުގައި މާލޭގައި އެބަތިއްބެވެ. ފައުންޑޭޝަންގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މުއްތަލިބް ވިދާޅުވި ގޮތުގައި، އެ މަސައްކަތުގައި ކޮލިޓީ ބަލަން ކުރާނީ ކޮން ކަހަލަ ޓެސްޓްތަކެއް ކަމާއި ދެން ހުރި ތަފްސީލްތައް ވެސް ވަނީ ހިއްސާކޮށްފަ އެވެ.
ބްރިޖަށް ބޭނުންވާ ޓެސްޓްތައް ހެދުމާއި ވޯކްޝޮޕްތަކަށް ހުޅުމާލޭގައި ވަނީ ހަތަރު ހެކްޓަރުގެ ބިމެއް ހާއްސަކޮށްފަ އެވެ. މަސައްކަތް ކުރާ ސްޕީޑަށް ބަލާއިރު، ބްރިޖްގެ ދާއިމީ ސްޓްރަކްޗާ ފެންނަން މާގިނަ ދުވަހެއް ނެތެވެ. ލިން ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަ މަސް ތެރޭގައި ބްރިޖްގެ މަލަމަތި އާއްމުންނަށް ފެންނަން ފަށާނެ އެވެ.
މާހައުލަށް ހޭނެން ދުވަސްކޮޅެއް ނެގި، މިހާރު އުފާވެރި
ބްރިޖްގެ މަސައްކަތުގައި އެންމެ ފާހަގަކޮށްލެވެނު އެއް ކަމަކީ 24 ގަޑިއިރުގެ ދެ ޝިފްޓަށް މަސައްކަތް ކުރާ މުވައްޒަފުންގެ ހީވާގި ކަމެވެ. ސައިޓުން ޗައިނާގެ ގިނަ ބަޔަކު ފެނުނުއިރު، އެ މީހަކާ ހަވާލުކޮށްފައިވާ މަސައްކަތެއް ކުރުމުގައި ފަރުވާތެރި އެވެ. އެހެން ބައެއް ސައިޓުތަކުން ފެންނަ ގޮތަށް، ކަމެއް ނެތިފައި ނުވަތަ ވަރުބަލިވެގެން މަސައްކަތް މަޑުޖައްސާލާފައި ތިބޭ މަންޒަރެއް ވެސް ނުފެނެ އެވެ.
ބްރިޖްގެ މަސައްކަތުގައި މިހާރު ޖުމްލަ ހަރަކާތްތެރިވަނީ ގާތްގަނޑަކަށް 600 މުވައްޒަފުންނެވެ. އެކަމަކު ކުރިއަށް ހުރި މަސައްކަތްތަކާ އެކު ޕްރޮޖެކްޓުގައި ޖުމްލަ 1000 މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މުވައްޒަފުންގެ ނިދުމާއި ކެއުމާއި މުނިފޫހިފިލުވުމުގެ ހުރިހާ ކަމެއް ވެސް ހަމަޖައްސާފައި ވަނީ ސައިޓް ތެރޭގައި އަޅާފައިވާ އެކޮމޮޑޭޝަން ބްލޮކްތަކުގަ އެވެ. ފަސޭހަ އިން ރާވާލެވޭ ގޮތަށް ހުރި ގެތަކެއް ގެނެސް ވަނީ އަތުރާލައިފަ އެވެ.
މުވައްޒަފުންނާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރު ވިދާޅުވީ ދިވެހި މާހައުލަށް ހޭނެން ޗައިނާގެ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވި ކަމަށެވެ. އެންމެ ބޮޑު އުނދަގުލަކަށްވީ އޭނާ ވިދާޅުވި ގޮތުގައި، އަބަދުވެސް ކަނޑުގެ ރާޅު ޖަހާ އަޑު އިވޭތީ އެވެ. ފުރަތަމަކޮޅު އެ އަޑާ ހެދި ބައެއް މީހުންނަށް ނިދަން ވެސް އުނދަގޫވި އެވެ.
"އެކަމަކު އަބަދު އަޑުއިވިއިވި މިހާރު ހޭނިއްޖެ، މިހާރު މާހައުލުގެ މައްސަލައެއް ދިމައެއް ނުވޭ،" ވަން ވިދާޅުވި އެވެ.
މުވައްޒަފުންނަށް ހާއްސަ ރެސްޓޯރަންޓެއް ވެސް ސައިޓު ތެރޭގައި ހުރެ އެވެ. އެތަނުގައި ހަތަރު ޝެފުން ތިބޭއިރު ޗައިނީސްގެ ހުރިހާ ބާވަތެއްގެ ކެއުމެއް އެތަނުން ލިބެ އެވެ.
ޝެޑިއުލަށް ނިންމުން މަޖުބޫރު، ވަގުތެއް އިތުރެއް ނުކުރެވޭނެ
ޗައިނާ ސަރުކާރުގެ ވަރަށް ބޮޑު ހިލޭ އެހީއާ އެކު އަޅާ ބްރިޖްގެ މަސައްކަތް ސީސީސީސީއާ ހަވާލުކުރީ ޝެޑިއުލަށް ނިންމަން އެއްބަސްވެ އެވެ.
މުއްތަލިބް ވިދާޅުވި ގޮތުގައި ކަނޑައަޅާފައިވާ މުއްދަތަށް ވުރެ ވަގުތު އިތުރެއް ނުކުރެވޭނެ އެވެ. އެ މީހުންނަށް ދީފައިވާ މުއްދަތުގައި ބްރިޖް ނިންމައި ހަވާލުކުރަން ޖެހެ އެވެ. މިހާރު ލަފާކޮށްފައި އޮތް ގޮތުން 2018 ގެ ޖުލައި މަހު ބްރިޖް ރަސްމީކޮށް ހުޅުވާނެ އެވެ.
ދީފައިވާ ޝެޑިއުލަށް ވުރެ އެންމެ ދުވަހެއް ވެސް ލަސްނުކޮށް މަސައްކަތް ނިންމަން ތައްޔާރުކަން ސައިޓުން ފެނުނު މަންޒަރުތަކާއި ސީސީސީސީގެ އިސް ވެރިން ނޫސްވެރިންނާ ހިއްސާކުރި މައުލޫމާތުތަކުން އެނގެ އެވެ. އެހެންކަމުން ނޫސްވެރިންނަށް އަދި މިފެނުނީ ބްރިޖް މަސައްކަތްތަކުގެ ކުޑަ މިންވަރެކެވެ. ހަގީގީ މަސައްކަތްތައް އަދި އޮތީ ކުރިއަށެވެ. އެކަމަކު ޔަގީންވާ އެއް ކަމަކީ، ބްރިޖް ނިމުމުން ލޮނުޒިޔާރަތްކޮޅުން ކުރިއަށް ވުރެ ވެސް ހިތްގައިމުވާނެ ކަމެވެ.