ކުއްޖަކު ބާގާއެއް ކަނީ: ޖަންކް ފުޑް ފަދަ ތަކެތިން ދަރިވަރުންގެ ކިޔެވުމަށް އަސަރުކުރޭ.
01 އޯގަސްޓް 2016 - 06:28
ސްކޫލުތަކުގެ އިންޓަވަލް ގަޑީގައި ދަރިވަރުންނަށް ލުއި ކާނާ ދިނުމަކީ ތިޔަ ހީކުރާ ވަރަށް ވުރެ ނުރައްކާ އަދި އޭގެ ސަބަބުން އެ ދަރިވަރުންނަށް ނުހަނު ގެއްލުންތަކެއް ލިބޭނެ ކަމެކެވެ. ބެލެނިވެރިންނަށް ފަސޭހައަކަށް ނަމަވެސް ތި ހެދޭ ބޮޑު ގޯހުގެ ސަބަބުން ދަރިވަރުންގެ ނަތީޖާއަށް އެތައް ގޮތަކުން އަސަރުކޮށް ހޯދާ ނަތީޖާ ދަށްވާކަން ތަފާތު އެތައް ދިރާސާތަކަކުން ދައްކަ އެވެ.
ބައެއް ސްކޫލުތަކުގައި ދަރިވަރުންނަށް ތައްޔާރީ ކާނާ ދިނުމާ ދެކޮޅަށް ވަރަށް މަސައްކަތް ކުރެ އެވެ. އެ ކާއެއްޗެހީގެ ސަބަބުން ދަރިވަރުންނަށް ލިބޭ ގެއްލުންތަކާއި ފަހުން ކުރާނެ އަސަރުތަކުގެ ވާހަކަ ކިޔަދިނަސް އެވަނީ ފޫނެތް ފަޔަށް ފެން ފުރުން ކަހަލަ ކަމަށެވެ. އެ ވާހަކަތައް ދައްކާ ކޮޅެއް ނުލާނެ އެވެ. މި ނުރަނގަޅު އާދަ މިހާރު ދޫކޮށްލަންޖެހިއްޖެކަން އެންމެން ވެސް ގަބޫލުކުރަންޖެހެ އެވެ. ނަމަވެސް އަމަލުން އެކަމެއް ނުފެނެ އެވެ. ފަސޭހައަކަށް ފިހާރައަކަށް ވަދެލާފައި ޕެކެޓަކާއި ކޭކެއް ގަނެލާފައި ދަރިފުޅަށް ދެނީ އެވެ.
އިމާދުއްދީން ސްކޫލުގެ ދަރިވަރުންތަކެއް ރިޕޯޓު ފޮތް ހިފައިގެން ސުކޫލު ގޯތިތެރޭގައި މަޑުކޮށްލައިގެން.-- މިހާރު ފޮޓޯ:މުހައްމަދު ޝަރުހާން
އެމެރިކާގެ ޔުނިވާސިޓީއެއް ކަމަށްވާ އޮހިއޮ ސްޓޭޓް ޔުނިވާސިޓީ އަދި ޔުނިވާސިޓީ އޮފް ޓެކްސަސް ގުޅިގެން ގާތްގަނޑަކަށް 12،000 ކުޑަކުދިން ބައިވެރިކޮށްގެން 2014 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާގޮތުގައި ދަރިވަރުން ގިނައިން ޖަންކް ފުޑް ކާނަމަ ގްރޭޑް އަށަކާ ހަމައަށް ދާއިރު ހިސާބާއި ސައިންސް އަދި ކިޔުމުގެ ގާބިލްކަމަށް ބަދަލުތަކެއް އާދެ އެވެ. އަދި އިމްތިހާނެއްގެ ކުރިން ލުއި ކާނާއެއް ކާ ދަރިވަރުންނަށްވުރެ ސިއްހަތު ރަނގަޅު އެއްޗެއް ކައިގެން ޓެސްޓް ހަދާ ދަރިވަރުންގެ ނަތީޖާ ރަނގަޅުކަމަށް އެ ދިރާސާގައި ފާހަގަކޮށްފައި ވެ އެވެ.
"މި ދިރާސާގެ ނަތީޖާއިން ވަރަށް ރަނގަޅަށް އެބަދައްކާ ލުއި ކާނާ ކެއުމުގެ ސަބަބުން ދަރިވަރުންނަށް ކިޔެވުމުގެ ގެއްލުން ލިބޭކަން،" ދިރާސާގައި ބުނެފައި ވެ އެވެ.
ހަފުތާއެއްގެ ތެރޭގައި ދެ ތިން ފަހަރު ލުއި ކާނާ ކާ ދަރިވަރުންނަށް ވުރެ، ލުއި ކާނާގެ އެއްވެސް ބާވަތެއް ނުކާ ކުދިންގެ ހިސާބު އިލްމު ރަނގަޅުކަން ވެސް އެ ދިރާސާގައި ފާހަގަކޮށްފައި ވެ އެވެ.
ރާއްޖޭގެ ހަތަރު ސްކޫލެއްގެ ޕްރިންސިޕަލްގެ މަގާމާއި ތައުލީމީ ދާއިރާގައި ވިއްސަކަށް އަހަރު ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވި ގޮތުގައި އިންޓަވަލް ގަޑީގައި ދަރިވަރުންނަށް ލުއި ކާނާ ދޭ މިންވަރު މިހާރު މަދުވަމުން އަންނަކަން ފާހަގަކުރެވެ އެވެ. އޭނާ ވިދާޅުވީ ދަރިވަރުންގެ ދަތްތަކަށް ދިމާވާ މައްސަލަތައް ވެސް ވަރަށް ބޮޑު ކަމަށާއި އެއީ ލުއި ކާނާ ފަދަ ތަކެތީގެ ސަބަބުން ދިމާވާ ކަންތައްތައްކަން ފާހަގަކުރެވޭ ކަމަށެވެ.
ހިރިޔާ ސްކޫލުގެ ދެ ދަރިވަރުން ރިޕޯޓު ފޮތް ހިފައިގެން ދަނީ:.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
"ޖަންކް ފުޑް ދިނުން މިހާރު މަދުވަމުން އަންނަކަން ފާހަގަކުރެވޭ މިވީ ވިއްސަކަށް އަހަރުތެރޭ. އެކަމަކު އަދިވެސް ބޭނުންވާ ވަރަށް އެކަން ހައްލެއް ނުވޭ... އަޅުގަނޑު މަސައްކަތްކޮށްފައިވާ ހަތަރު ސްކޫލުގެ ދަރިވަރުންނަށް ވެސް ދަތުގެ މައްސަލަތައް ދިމާވިކަން ފާހަގަކުރެވޭ. އެއީ ލުއި ކާނާ ދިނުމުގެ ސަބަބުން ވީ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އިސްކަންދަރު ސްކޫލުގެ އިސް އޮފިޝަލަކު ވެސް ވިދާޅުވީ އެ ސްކޫލަށް ލުއިކާނާ ފަދަ ތަކެތި ގެނައުން މަނާކޮށްފައިވާނެ ކަމަށާއި ނަމަވެސް ވަރަށް މަދުން ނަމަވެސް އެފަދަ ތަކެތި ގެންނަ ކަން ފާހަގަކުރެވޭ ކަަމަށެވެ. އަދި ކޮންމެ އަންގާރަ ދުވަހެއްގައި ކާން ގެންދާ އެއްޗަކާ އެކު ކޮންމެ ވެސް ބާވަތެއްގެ މޭވާއެއް ގެންދަން އަންގާފައިވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ވަރަށް މަދުން މި ސްކޫލަށް ޖަންކު ފުޑް ކަހަލަ އެއްޗެހި ލިބޭނީ،" އޮފިޝަލް ވިދާޅުވި އެވެ.
ވަރަށް ގިނަ ސްކޫލުތަކުން މިހާރު ވެސް ބައެއް ދުވަސްތައް އެއީ ކޮންމެވެސް ފައިދާ ހުރި ކާނާއެއް ސްކޫލަށް ގެންދަން މަޖުބޫރު ދުވަހަކަށް އޮންނަނީ ހަދައިފަ އެވެ.
އެކަމަކު މާލޭ ސްކޫލެއްގެ ޓީޗަރަކު ވިދާޅުވީ ރަނގަޅު ކާނާ ގެނައުމަށް ދަރިވަރުންގެ ކިބައިން އެދުނަސް އެކަމަށް އަމަލު ނުކުރާ ކަމަށެވެ. އަދި ނޫސް ކަރުދާސް ފަދަ ތަކެއްޗަށް ލައިގެން ކާ އެއްޗެހި ގެންނަކަމަށާއި އޭގައި ހުންނަ ކެމިކަލްތަކުގެ ސަބަބުން ދަރިވަރުންގެ ސިއްތަހަށް ވަރަށް ބޮޑަށް އަސަރުކުރާކަން ފާހަގަކުރެވޭކަމަށް އޭނާ ވިދާޅުވި އެވެ.
ދަރިވަރުން ރަނގަޅު ސިއްހަތެއްގައި ދެމިހުރުމަށް ބިލަބޮންގް ސްކޫލުން މީގެ ދެތިން އަހަރު ކުރިން ވަނީ ވަރަށް މުހިއްމު ފިޔަވަޅެއް އަޅައިފަ އެވެ. އެއީ ސިއްހަތަށް ގެއްލުން ލިބޭ ބާވަތްތައް އިންޓަވަލްގެ ގޮތުގައި ދަރިވަރުންނަށް ދިނުން މަނާކުރުމެވެ. އެ ސްކޫލާއި ކެންގަރޫ ކިޑްސް ހިންގަމުން އަންނަ އައިލެންޑާސް އެޑިއުކޭޝަންގެ ޑިރެކްޓަރު އަދްލީ ރަޝީދު ވިދާޅުވީ ރަނގަޅު ކާނާ ކެއުމާ ގުޅޭގޮތުން ބެލެނިވެރިންނަށް ވަރަށް ގިނަ މައުލޫމާތުތައް ދީފައިވާ ކަމަށާއި އޭގެ ސަބަބުން އިންޓަވަލް ގަޑިއަށް ގެންނަ ކާ އެއްޗެއްސަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
"ބެލެނިވެރިން ވަރަށް ސަޕޯޓިވް އެކަމަށް،" އަދްލީ ވިދާޅުވި އެވެ.
ކުޑަކުދިންގެ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފު ވިދާޅުވި ގޮތުގައި ދަރިވަރުންނަށް ދޭ ތަފާތު އެކި ވައްތަރުގެ ބުއިންތަކާއި ކެއުންތަކުގެ ސަބަބުން އެ ކުދިން ގަޑިން ގަޑިން ކެއުމުގައި ފަރުވާ ކުޑަ ކުރެ އެވެ. އަދި ހަކުރު ގިނަ ބާވަތްތައް ދިނުމުގެ ސަބަބުން އެ ކުދިން ހަލަނިވެގެންދާކަން ފާހަގަކުރެވޭ ކަމަށާއި ކިޔެވުމަށް ސަމާލުކަން ދިނުމަށް ދަތިތަކާ ދިމާވާނެ ކަމަށް ނިޔާފު ވިދާޅުވި އެވެ.
"މި ހުންނަ ތަފާތު އެކި ޕެކެޓުތަކުން ދަރިވަރުންގެ ސިއްހަތަށް ވަރަށް ގެއްލުން ލިބޭ. މި އެއްޗެހި ދިނުމުގެ ސަބަބުން އެ ކުދިން ކާ ހިތް ކެނޑޭ. އަދި ގަޑިން ގަޑިއަށް ކެއުމުގައި ފަރުވާ ކުޑަކުރޭ،" ނިޔާފު ވިދާޅުވި އެވެ.
ބައެއް ސްކޫލުތަކަށް ކާ އެއްޗެހި ގެންދިއުމުގައި ރަނގަޅު ގަވާއިދުތަކެއް ހެދިފައި ހުންނަކަން ފާހަގަކުރެވޭ ކަމަށާއި އަދި ސްކޫލުތަކުގެ މެނޭޖުމަންޓުން ވެސް ރަނގަޅު ކާނާ ކެއުމަށް ދަރިވަރުންނަށް ހިތްވަރުދޭންޖެހޭކަން ނިޔާފު ފާހަގަކުރެއްވި އެވެ.
"ސްކޫލުތަކުން އެ ބޭފުޅުންގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އިންޓަވަލް ގަޑީގައި ރަނގަޅު ބާވަތްތަކުގެ އެއްޗެހި ގެނައުމަށް ނަސޭހަތް ދިނުން ރަނގަޅު. ދަރިވަރުން ސްކޫލަށް މިފޮނުވަނީ ރަނގަޅު އާދަތަކާއި ކަންތައްތައް ދަސްކޮށްދޭން. އެހެންވެ ވަރަށް މުހިއްމު ކަމެއް މިއީ ކެއުމުގެ ރަނގަޅު އާދަތައް ދަސްކޮށްދެވިފައި ހުރުމަކީ،" ނިޔާފު ވިދާޅުވި އެވެ.
ބެލެނިވެރިން ސަމާލުކަން ދޭންވީ މިކަމަށެވެ. އަމިއްލަ އަށް ތައްޔާރުކޮށްލެވޭ އެއްޗެހި އަމިއްލަ އަށް ތައްޔާރުކޮށްލައިފައި ދަރިވަރުގެ އަތަށް ދޭންވީ އެވެ. އަގަށް ބެލިޔަސް މާ ހެޔޮވާނެ އެވެ. ލުއި ބުއިންތަކާއި ލުއި ކެއުންތަކުން ހަގީގަތުގައި ފައިދާއެއް ނެތެވެ. އޮތް ހަމައެކަނި ކަމަކީ ފަސޭހަވުން އެކަންޏެވެ. އޭގެ ބަދަލުގައި ތިމާގެ ދަރިފުޅު އެބަ ހަލާކުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިދީދީއައްޑޫސިޓީ
22 August 2016
ދަރިވަރަށް ކިރުތައްޓަކާ ދޮނެކެޔޮ ވަކެއް ދޭވަހަކަ ދެއްކީމަވެސް ކަމަކު ނުދިޔަ.
ހަނދާން
01 August 2016
ތިކަމާ ގިނަ ބެލެނިވެރިން ނަފުރަތުކުރާނެ. އެމީހުން ބޭނުންވާނީ އެނދުމަތީގަ އޮވެގެން ދަރިފުޅު ސްކޫލަށް ގެންދާން.ކައްކާފަ އެއްޗެއް ދޭކަށް ބޭނުމެއް ނުވާނެ. ކައިރި ފިހާރަތަކުގައުޅޭ ބަންގާޅީންލައްވާ މައިލޯ ޕެކެޓަކާ ކޭކެއް ގެނެސް ހެނދުނު ސައިނުދީ އެއާއެކު ކައިރި އަވަށްޓެރިއަކާއެކު ފޮނުވާނީ ސްކޫލަށް. ވިހި ފަންސަވީސް ރުފިޔާ ދީފާ. ދެން އެކުދިން ބޭނުން އެއްޗެއް ކާލާނީ ނުވަތަ ބޯލާނީ. ގަންނާނީ ރެޑްބުލް ދަޅެއް. ބެލެނިވެރިޔާ މެންދުރުވަންދެން ގޭގަ އޮވެގެން ނިދާނީ. މީ މިހާރުގެ ހާލަތު.