ވިޔަފާރިވެރިންގެ ފުނިޖެހިފައިވާ ޝަކުވާތައް މީރާ އަށް

ދައުލަތުގެ ޓެކްސް އިދާރާ މީރާ އަކީ ދައުލަތަށް ނަގާ އެކި ޓެކްސްތައް ޖަމާކުރާ އަދި އެ ޓެކްސްތައް ހޯދަން މަސައްކަތްކުރާ ތަނެވެ. އެތަނުގެ މައިގަނޑު މަސައްކަތަކީ ޓެކްސް ދައްކަން ޖެހޭ ތަންތަނުން ޓެކްސް ހޯދުމާއި ޓެކްސް ދައްކަން އެންގުމެވެ. ނަމަވެސް ހަދާފައިވާ ގަވައިދުތަކަކަށް މީރާއިން އަމަލުކުރަން ފެށުމާ އެކު ކުދި ވިޔަފާރިތައް ބަނގުރޫޓުވެ، އިނދަޖެހެމުންދާ ކަމުގެ ޝަކުވާ ބޮޑެވެ.


އެ ޝަކުވާތަކަށް ކޮމިޝަނާ ޖެނެރަލް ޔަޒީދު މުހައްމަދު ވަނީ ރައްދު ވެސް ދެއްވައިފަ އެވެ. މީރާއަށް އަށް އަހަރު ފުރުން ފާހަގަކުރަން މިދިޔަ ހުކުރު ދުވަހުގެ ރޭ އޮތް ޖަލްސާގައި ޔަޒީދު ދެއްކެވި ވާހަކަތަކާ ގުޅިގެންނާއި އޭނާގެ ބަސްމަގު ހުރި ގޮތުން ވެސް ވަރަށް މީހުންގެ ރުޅިގަނޑު ފަޅައިގެން ދިޔަ އެވެ.

އެ ޖަލްސާގައި ޔަޒީދު ވަނީ، ޖީއެސްޓީގެ ސަބަބުން ކުދި ވިޔަފާރިތައް ބަނގުރޫޓުވަމުންދާ ކަމަށް ބުނާ މީހުންނަށް ސުވާލެއް ކުރައްވައިފަ އެވެ. އެއީ ޖީއެސްޓީއަކީ މުދަލާއި ހިދުމަތް ހޯދާ އާއްމު ރައްޔިތުން ދައްކާ އެއްޗެއްކަށް ވާ އިރު ވިޔަފާރިވެރިންނަށް އެކަން ނޭނގެނީތޯ ކުރެއްވި ސުވާލެވެ. އަދި ގަވައިދުތައް ހަދައިގެން މީރާ އިން ގެންދަނީ ކުދި ވިޔަފާރިތައް ޖޫރިމަނާކުރަމުން ކަމަށް ވިޔަފާރިވެރިން ބުނާ އިރު ޔަޒީދު ވިދާޅުވަނީ އެއީ ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ ޓެކުހުގެ ގާނޫނުގައި ކަނޑައަޅާފައިވާ ޖޫރިމަނާތަކެއްކަމަށް ވިދާޅުވެފަ އެވެ.

ބައެއް ވިޔަފާރި ބަނގުރޫޓުވަމުންދާ ކަމަށް ބުނެ ފާޑުކިޔާ ފަރާތްތަކަށް ރައްދު ދެއްވައި ޔަޒީދު ދެއްކެވި ވާހަކަތަކަކީ، ބައެއް މީހުން ދެކޭ ގޮތުގައި، އެ މަގާމުގައި ހުންނެވި ބޭފުޅަކު އެ ރާގުގައި ދައްކަވައިގެން ވާނެ ވާހަކަތަކެއް ނޫނެވެ. ބައެއް މީހުން ދެކެނީ ޔަޒީދު ހުންނެވީ މާ ބޮޑަށް "ސިޔާސީވެފައި" ކަމަށެވެ. އަދި މީރާގެ އަމާޒަކަށް ވާން ޖެހޭނީ ވިޔަފާރިތަކަށް ލުއި ގޮތްތަކެއް ހޯދައިދީ، އެ ވިޔަފާރިތައް ހިންގޭނެ ގޮތްތައް ވެސް ފަހިކޮށްދޭ ތަނަކަށް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

މީރާގެ ކޮމިޝަނާ ޖެނެރަލް ޔަޒީދު

"މި ބޭފުޅާ ވެސް ޔާމީން ގޮތަށް ސިޔާސީ މީހުންނަށް ރައްދު ދޭން ފެށީމަ ޓެކުހުގެ ނިޒާމުގެ ފެންވަރު ދެން ވަޒަންކޮށްލައްވާ. ނަމުން މިނިވަން މުއައްސަސާއެއް،" "މިހާރު" ނޫހުގައި މީހަކު ފާޅުކުރި ހިޔާލެއްގައި ވެ އެވެ.

ޔަޒީދު ދެއްކެވި ވާހަކަތަކާ ގުޅިގެން، ވިޔަފާރިވެރިއަކު ވިދާޅުވީ ޖީ 30ގެ ނަމުގައި ގަވައިދެއް ހަދައިގެން ވިޔަފާރިވެރިން ޖޫރިމަނާކުރަނީ ކޮން މަޖިލީހަކު ހެދި ގާނޫނަކުން ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"މީރާއަށް ޓެކްސް ދައްކާ ފަރާތްތައް އޮޑިޓްކޮށް އޮޑިޓްކުރަން ގާނޫނުގައި ކަނޑައަޅާފައި އޮންނަ ދެ އަހަރުގެ މުއްދަތަށް ވުރެ ގިނަ ދުވަހަށް އޮޑިޓްކޮށް، ހަތަރު އަހަރުގެ އެސެސްމަންޓެއް ހަދައި، އެއް މަސް ދުވަހުގެ ތެރޭގައި މިލިއަން ރުފިޔާ ދައްކަން އަންގަނީ ކޮން ގާނޫނަކުން ކަމެއް ނޭނގެ،" އެ ވިޔަފާރިވެރިޔާ ޝަކުވާކުރެއްވި އެވެ.

އޭގެ އިތުރަށް ވިޔަފާރިވެރިން ވަނީ ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރަން ގާނޫނުގައި އޮންނައިރު، ހަމައެކަނި ޓެކްސް ބަޔާން ހުށަހަނާޅާ ކުދި ވިޔަފާރިތަކުގެ ނަންތައް ވެސް ހާމަކޮށް، ބޮޑެތި ވިޔަފާރިތަކުގެ ނަންތައް ލިސްޓުން އުނިކުރާތީ ޝަކުވާކޮށްފަ އެވެ.

"ބޮޑެތި ބައެއް ތަންތަނުން ޓެކްސް ބަޔާން ހުށަނާޅައި، ޓެކްސް ފައިސާ ނުދެއްކިއަސް އެ މީހުންގެ ނަން ހާމަނުކުރަނީ ކޮން ތަނަކުން ހެދި ގާނޫނަކުން ކަމެއް ނޭނގެ. ޔަޒީދު ކޮންމެ އެއްޗެކޭ ވިދާޅުވިޔަސް މީރާ އިން އެތައް ބައެއްގެ ވިޔަފާރި ވަނީ ބަނގުރޫޓުކޮށްލާފައި. އެއީ ބަރާބަރަށް ޖީއެސްޓީ ދެއްކި ކަމަށް ވިޔަސް. އެގޮތަށް ކަންތައްތައް ކުރާތީ މީހުން ފާޑުކިޔަނީ،" އޭނާ ވިދާޅުވި އެވެ.

ފިހާރައެއްގެ ތެރޭގައި ވިއްކަން ބަހައްޓާފައި ހުރި ތަކެތި ބަޔަކު ބަލަނީ: ކްރެޑިޓަށް ދޫކޮށްފައި ހުންނަ މުދަލުގެ ފައިސާ ނުލިބެނީސް ޖީއެސްޓީ ދައްކަން އަންގާ.

ބައެއް ވިޔަފާވެރިން ވަނީ ކްރެޑިޓަށް ދޫކުރާ މުދަލުން ވެސް ޖީއެސްޓީ ނަގާކަމުގެ ޝަކުވާކޮށްފަ އެވެ.

"ޖީއެސްޓީ ނަގަން ވާނީ ވިއްކާފައި ފައިސާ ލިބިފައި ހުރި ނަމަ. ނަމަވެސް ކްރެޑިޓަށް ދޫކޮށްފައި ހުންނަ މުދަލަށް ވެސް ޖީއެސްޓީ ދައްކަން އަންގަނީ. ޔަޒީދު ކައިރިން އަހާލަން ބޭނުން ޖީއެސްޓީ ދައްކަން ޖެހެނީ އެ ވިޔަފާރިއަކަށް ފައިސާ ލިބުމުންތޯ؟ ކްރެޑިޓަށް ދޫކުރާ މުދަލުގެ ފައިސާ ނުލިބުނަސް ބިލްކޮށްފިއްޔާ އެބަ އަންގާ އެ ފައިސާ ދައްކަން. މިއީ ވިޔަފާރިތައް ބަނގުރޫޓުވާން ލިބޭ ފުރުސަތެއް،" ކުރިން ވާހަކަދެއްކި ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީރާގެ މުވައްޒަފުން ފިހާރަތަކަށް ވަދެ އަމިއްލައަށް ކަލްކިއުލޭޝަން ހަދައި ޓެކްސް ފައިސާ ހޯދަން މަސައްކަތްކުރާ ކަމަށެވެ. އެކަމަކު އެއީ ބޭއިންސާފު އަދި ނުރައްކާތެރި އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

ނަމަވެސް އެ ޖަލްސާގައި ޔަޒީދު ވިދާޅުވީ ޓެކްސްގެ ގޮތުގައި ލިބެން ނުޖެހޭ ފައިސާ ހޯދަން މީރާއިން މަސައްކަތް ނުކުރާނެ ކަމަށެވެ. އަދި ޓެކްސް ބަޔާން ހުށަހެޅުމާއި ހިސާބުތައް ބެލެހެއްޓުމާއި އޮޑިޓްކުރުމުގައި ދީފައިވާ ލުއިތަކުގެ އިތުރުން، މިދިޔަ އަހަރު ކުދި ވިޔަފާރިތަކުގެ ތެރެއިން 3،000އެއްހާ ވިޔަފާރީގެ ޖޫރިމަނާއަށް ވެސް ލުއި ދިން ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ނަތީޖާއެއްގެ ގޮތުން މި ވިޔަފާރިތައް މިހާރު ވަނީ ޓެކުހުގެ ނިޒާމުތައް އަދާކުރާ ފަރާތްތަކަށް ބަދަލުވެފައި. މީރާއިން ކުރަމުންދާ މަސައްކަތަކީ ގައުމު ތަރައްގީކުރުމަށް ކިތަންމެ މުހިންމު މަސައްކަތެއް ކަމުގައި ވިޔަސް، މި މަސައްކަތަކީ ހުރިހާ އެންމެން ރުހޭ މަސައްކަތެއް ނޫން،" ޔަޒީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭރުގެ އެކި ފަރާތްތަކުން އެ އޮތޯރިޓީ އަށް ތައުރީފްކުރާއިރު، އަމިއްލަ މަސްލަހަތުތަކެއް ހިމާޔަތްކުރަން އުޅޭ މަދު ބަޔަކު މީރާގެ ތަސައްވުރު ހުތުރުކޮށް، ރާއްޖޭގެ ޓެކްސް ނިޒާމް ހަލާކުކޮށްލަން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާތީ ހިތާމަކުރައްވާ ކަމަށެވެ.

ބައެއް ވިޔަފާރިވެރިން ގެންދަނީ އޮންލައިންކޮށް މުދާ ވިއްކާ ފަރާތްތައް މޮނިޓާނުކުރެވޭ ކަމުގެ ޝަކުވާކޮށްފަ އެވެ.

"އަޅުގަނޑުމެންނަށް އެބަ ފެނޭ އެތައް ބަޔަކު ވެބްސައިޓްތަކާއި ފޭސްބުކް ޕޭޖްތައް މެދުވެރިކޮށް އެތައް ހާސް ރުފިޔާއެއްގެ މުދާ ވިއްކާ ތަން. ޖީއެސްޓީ ނުދައްކާ އެތައް ބަޔަކު މަހަކު އެތައް ހާސް ރުފިޔާގެ ވިޔަފާރިކުރަމުން ގެންދޭ،" އެއް ވިޔަފާރިވެރިޔަކު ބުންޏެވެ.

ވިޔަފާރިވެރިން ބުނާ ގޮތުގައި މީރާއިން އަމަލުކުރަން ޖެހެނީ ވިޔަފާރިތަކަށް ގެއްލުން ނުވާނެ ގޮތަށް ބަލައިގެންނެވެ. ޓެކްސް ދެއްކުމަކީ ގާނޫނުން ލާޒިމުކުރާ ކަމެއް ނަމަވެސް އެ ފައިސާ ނެގޭނެ އުސޫލްތަކާއި ހަމަތައް އެ ގާނޫނުގައި ބަޔާންކޮށްފައި ވަނިކޮށް، މީރާގެ އަމިއްލަ ވިސްނުމަކަށް އަމަލެއް ނުކުރެވޭނެ ކަމަށް ވިޔަފާރިވެރިން ގަބޫލުކުރެ އެވެ.

ޓެކްސްއާ ބެހޭ މައުލޫމާތު މީރާ މުވައްޒަފުން މީހަކަށް ދެނީ: މީރާ އިން އަމިއްލައަށް ކަލްކިއުލޭޝަން ހަދައި ޓެކްސް ފައިސާ ހޯދަން މަސައްކަތްކުރާ ކަމަށް ބައެއް މީހުން ޝަކުވާކުރޭ.

"ބަޔަކު މައްސަލައެއް ޖައްސަން ދާނެ ތަނެއް ނެތް. މައްސަލައެއް ޖެއްސިޔަސް މީރާއާ ދެކޮޅަށް މައްސަލައެއް ނުވެސް ނިމޭނެ. އެހެންވެ މިނޫން ދުވަހެއް އަންނާނެކަމުގެ އިންތިޒާރުގައި މިތިބެނީ. މީރާގެ އަމަލުތަކުގެ ސަބަބުން އަޅުގަނޑުމެންނަށް އެތައް ގެއްލުމެއް ވެއްޖެ،" ކުރިން ވާހަކަ ދެއްކެވި ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

ޓެކްސް ނެގުމާ ބެހޭ ގަވައިދުތަކަށް ވިޔަފާރިވެރިން ވެސް އަމަލުކުރަން ޖެހެ އެވެ. އަދި އެ ގަވައިދާ އެއްގޮތަށް ދައްކަން ޖެހޭ ޓެކްސްތައް ދައްކަން ވެސް ޖެހެ އެވެ. އެއީ ރައްޔިތުން ވިޔަފާރިވެރިންނާ ހަވާލުކުރާ ވަރަށް ބޮޑު އަމާނާތެކެވެ. އެ އަމާނާތަށް އެއްވެސް އުނިކަމެއް ނުގެނެސް ދައުލަތާ ހަވާލުކުރުމަކީ ވިޔަފާވެރިން ކުރަން ޖެހޭ ކަމެކެވެ. ހަމަ އެގޮތަށް ވިޔަފާރިތަކަށް ހުރަސް އެޅޭ ގޮތަށް އަމަލްކުރުމުގެ ފުރުސަތު މީރާއަށް އޮވެގެން ނުވާނެ އެވެ.