"ރައީސް ވަޑައިގަންނަވާތީ، ކޮލަމާފުށީގައި ހުރި އެމްޑީޕީގެ ދިދަތައް ފުލުހުން ނަގައިފި"، "ކުރެންދު އަށް ރައީސް ވަޑައިގަންނަވާތީ އެމްޑީޕީ ހަރުގެ ބަންދުކޮށް ދިދަތައް ނަގައިފި"، "ނަޝީދުގެ ކަރު ބުރިކޮށްލަން ގޮވާލި މައްސަލަ އަށް ފުލުހުންގެ ބަހެއް ނެތް"، "އިންތިހާބަށް ހުރަސް އަޅަން ނުރައްކާތެރި ހަމަނުޖެހުން ހިންގަން އެބައުޅޭ: ފުލުހުން"
ފުލުހުންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ: ދެ ފިހާރައެއް ފަޅާލައި ވައްކަން ކުރި މައްސަލައެއް ދަނީ ބަލަމުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
13 ސެޕްޓެމްބަރ 2018 - 08:51
މަތީގައި އެވަނީ، މި ވެއަތުވެ ދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި މީޑިއާގެ ފަލަ ސުރުޚީން ޖާގަ ހޯދި ބައެއް ވާހަކަތަކެވެ. ފުރަތަމަ ފެންނަން ފެށީ، ރަށްރަށުގައި ސަރުކާރުން ހިންގާފައިވާ ބޮޑެތި މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން އެ ރަށްރަށަށް ވަޑައިގަންނަވާ އިރު، އެ މަނިކުފާނަށް ދަތިފުޅު ވެދާނެ ހެން ހުރި ކަންކަން ފުލުހުން ހައްލު ކޮށްދޭ މަންޒަރެވެ.
ބައެއް ރަށްރަށުގައި ކެމްޕޭނަށް އިދިކޮޅު އެމްޑީޕީން ދަމާފައި ހުންނަ ދިދަފަތިތަކާއި ބެނާ ފަދަ ތަކެތި، ކޯޓު އަމުރު ހޯދައިގެން ފުލުހުން ގޮސް އެ ތަކެތި ނަގައި ސަރަހައްދު އަލި ކުރެ އެވެ. ބައެއް ރަށްރަށުގައި ހުރި އެމްޑީޕީގެ ހަރުގެ ފަދަ ތަންތަން ބަންދުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެ އެވެ.
އެއީ ރައީސް ޔާމީން މިހާތަނަށް ވެސް ކެމްޕޭންގެ ދަތުރުފުޅެއްގައި ރަށަކަށް ވަޑައިނުގަންނަވާތީ ކަމަށް ވެދާނެ އެވެ. އިންތިޚާބަށް އެންމެ 11 ދުވަހަށް ވީއިރު، އެ މަނިކުފާނު މިވީހާ ތަނަށް މުޅިން ވެސް ވަޑައިގަތީ "މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމަށެ"ވެ. ކެމްޕޭނަކަށް ވަޑައެއް ނުގަންނަވަ އެވެ.
އިދިކޮޅު ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ފުލުހުން މިހާރު މަސައްކަތް ކުރަނީ ވަކި ސިޔާސީ ފިކުރެއްގައި ޖެހި، އެމީހުންގެ ގާނޫނީ ޒިންމާތައް ހަނދާން ނައްތާލައިގެން ތިބެ އެވެ. އަދި އެކި ކަންކަމާ ގުޅުވައިގެން ފުލުހުން އާންމުކުރާ ބަޔާންތަކުގައި، ފުލުހުންގެ ބަސްމަގު ހުންނަނީ ގައުމުގެ އަމަން ބަލަހައްޓާ އިދާރާއެއްގެ ބަސްމަގަށް ވުރެ ބޮޑަށް، ސިޔާސީ ޕާޓީއެއްގެ ބަސްމަގާ އެއްފަދަ ގޮތަކަށެވެ. އެ ފަދަ އެއް މިސާލަކީ، މި މަހުގެ 10 ވަނަ ދުވަހު ފުލުހުން އާންމު ކުރި ބަޔާނެވެ.
ކޮލަމާފުށީގައި ދަމާފައި ހުރި އެމްޑީޕީ ދިދަތައް
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވިދާޅުވި ގޮތުގައި އެ ދުވަހު ފުލުހުން އެ ދިން ބަޔާނުން އެނގެނީ އިދިކޮޅު ފަރާތްތަކުގެ ބޮލުގައި، ވަކިން ޚާއްސަކޮށް އިދިކޮޅު މައި ޕާޓީގެ ބޮލުގައި، އިލްޒާމްތަކެއް އަޅުވަން ސަރުކާރުން އުޅޭ ކަމެވެ. އެހެން ނޫން ނަމަ، ފެބްރުއަރީ 6 އަދި 7، 2012ގައި ރާއްޖޭގެ ސަލާމަތީ ބާރުތަކާއި އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު މާލޭގައި ހިނގި ހަމަނުޖެހުންގަނޑަށް ފަހު، ޖެހިގެން އައި ދުވަހު މާލެ އާއި ބައެއް ރަށްރަށުގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާއި ތަންތަނުގައި ހުޅުޖެހުމުގެ ހާދިސާ އަށް ނިސްބަތްކޮށް ފުލުހުން އެ ވާހަކަ ނުދެއްކީހެވެ.
"ފުލުހުން އެ ދުވަހު އެ ބުނީ ފެބްރުއަރީ 8، (2012) ގައި ހިންގި ފަދަ ހަމަނުޖެހުންތަކެއް، މި އިންތިޚާބާ ދިމާކޮށް ހިންގަން ބަޔަކު ރާވަމުންދާ ވާހަކަ. ފުލުހުން ފިޔަވައި އެހެން އެއްވެސް މީހަކު ނުދައްކާ ހަމަނުޖެހުމެއް ހިންގަން އުޅޭ ވާހަކަ. އަދި މިހާތަނަށް އިންތިޚާބާ ގުޅިގެން ހަމަނުޖެހުމެއް ނުވެސް ހިނގާ،" ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
"ފެބްރުއަރީ 8ގެ ހާދިސާއަކީ އިންތިހާބަކާ ގުޅޭ ކަމެއް ނޫން. އެއީ މުޅިން އެހެން ކަހަލަ ހާލަތެއް މެދުވެރިވެގެން ހިނގި ކަމެއް. އެކަމާ މިފަހަރުގެ ރިއާސީ އިންތިޚާބާ ގުޅުވައިގެން ފުލުހުން ވާހަކަ ދެއްކީމާ، ވަކި ބައެއްގެ ބޮލުގައި އަޅުވަންތާ މި ވާހަކަ މި ދައްކަނީ."
އޭނާ ވިދާޅުވި ގޮތުގައި މި އަހަރުގެ ރިއާސީ އިންތިޚާބާއި ފެބްރުއަރީ 8ގެ ހަމަނުޖެހުމާ ގުޅުވައިގެން ފުލުހުން ވާހަކަ ދެއްކީމާ، ފުލުހުންގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައި އޮތް މިންވަރު އެނގެ އެވެ.
"އެހެން ނޫން ނަމަ، ކީއްކުރަންތޯ ކޮންމެހެން ފެބްރުއަރީ 8ގައި ހިންގި ފަދަ އަމަލުތަކެއް ކުރަން އުޅެނިއްޔޭ ފުލުހުން އެ ބުނަނީ. އެ ދުވަހުގެ ވާހަކަ ނުބުނެ، ހަމަނުޖެހުން އުފައްދަން އުޅެނިއްޔޭ، ހުޅުޖަހަން އުޅެނިއްޔޭ ބުނިއްޔާ ރައްޔިތުންނަށް ނޭނގޭނީބާ؟ އެހެންވީމާ، އެ ފޯކަސް ކުރަނީކީ ރަނގަޅު ކަމަކަށް ނޫން. ގައިމު ވެސް އެމްޑީޕީއަކުން ނުބުނޭ ތަޅައިފޮޅާނަމެކޭ. ޕީޕީއެމަކުން ނުބުނޭ އެކަހަލަ ކަމެއް ކުރާނެ ވާހަކައެއް،" އެ ވަކީލު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ދެން ފާހަގަކުރާ އަނެއް މައްސަލައަކީ، ބޭނުން ގޮތަކަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް، ވެރިކަން ކުރާ ޕީޕީއެމަށް ފުރުސަތު ދޭއިރު، އިދިކޮޅު ކޯލިޝަންގެ ސިޔާސީ ހަރަކާތްތަކަށް ފުލުހުން އެ ފުރުސަތު ނުދިނުމެވެ. އެފަދަ އެއް މިސާލަކީ، ރައީސް ޔާމީން ބައެއް ރަށްރަށަށް ވަޑައިގަންނަވާ ދުވަހު، އެރަށުގައި ހުންނަ އެމްޑީޕީގެ އޮފީހާއި ޖަގަހަ ފަދަ ތަންތަން ފުލުހުން ބަންދުކުރުމެވެ.
ކުރެންދޫގައި ހުންނަ ހަރުގެ ބަންދުކޮށް، ފުލުހުން ފޯރިމަރަނީ
މަޖިލީހުގެ އިދިކޮޅު މެމްބަރަކު ވިދާޅުވި ގޮތުގައި މިހާތަނަށް ވެސް ހަމަނުޖެހުންތައް ހިނގާފައި ހުރީ އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ސަރުކާރުގެ މުއައްސަސާތަކުން ފުރުސަތު ނުދޭތީ އެވެ. ގއ. ކޮލަމާފުށީގައި ޕީޕީއެމްގެ ސަޕޯޓަރުންނާއި އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު މައްސަލަ ގޯސްވެ އެއް ބަޔަކު އަނެއް ބައެއްގެ ދިދަތަކާއި ބެނާތަކަށް ގެއްލުން ދޭ ހިސާބަށް ކަންތައް ދިޔައީ އެ ފުރުސަތު ނެތުމުންނެވެ.
"ފުލުހުންނަކީ ސަރުކާރުން އަންގާހާ ގޮތަކަށް ކަންތައް ކުރަން ތިބޭ ބައެއް ނޫން. ފުލުހުންގެ އަމަލުތައް ބަހައްޓަން ޖެހޭނީ، އާންމުންގެ މެދުގައި ހަމަހަމަކަން ނުގެއްލޭނެ ހެން ގާނޫނާ އެއްގޮތަށް. ޕީޕީއެމުން ބޭނުންވާ ކޮންމެ ތަނެއްގައި ދިދަތަކާއި ބެނާތައް ހަރުކުރެވޭ އިރު، އެމްޑީޕީން ދަމާ ބެނާތަކާއި ދިދަފަތި ފުލުހުން ގޮސް ނެގީމާ އެއީ، ހަމަހަމަ ކަން ގާއިމު ކުރުންތޯ،" މަޖިލީހުގެ އިދިކޮޅު މެމްބަރަކު ވިދާޅުވި އެވެ.
ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ މައްސަލައަކީ ސިޔާސީ މަގްސަދުތައް ހާސިލު ކުރުމަށް ޖިނާއީ އަދުލުގެ ނިޒާމު ބޭނުންކުރާތީ ކަމަށެވެ. ކޮލަމާފުށީގައި ހިންގި ހަމަނުޖެހުމާ ގުޅިގެން، ހަމައެކަނި އެމްޑީޕީގެ ސަޕޯޓަރުންތަކެއް ހައްޔަރު ކުރުމާއި އެމީހުން ހައްޔަރު ކުރި ގޮތުން ވެސް، އެއީ ސިޔާސީ ކަމެއް ކަން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސީރިއަސް ކުށްތަކެއް ކޮށްގެން ހައްޔަރު ކުރި ނަމަ އެންމެ ރަނގަޅު. އެ ދުވަހު 18 މީހުން ހައްޔަރު ކުރި އިރު، އޭގެ ތެރެއިން އެކަކު ހައްޔަރު ކުރީ މޫދުގައި އޮއްވާ. އޭނާ ބުނަނީ ތިމަންނައާ ހަވާލުކޮށްފައި އޮތީ ފަޅުތެރޭގައި ދިދަ ޖަހާށޭ. އެކަން ކުރަން މޫދަށް އެރި އުޅެނިކޮށް ފުލުހުން ގޮސް އޭނާ ހައްޔަރު ކުރި ކަމަށް ބުނަނީ،" ޝަމީމް ވިދާޅުވި އެވެ.
އެ ރަށު މީހުންނާ ހަވާލާދީ އޭނާ ވިދާޅުވީ ކޮލަމާފުށީގައި އެ ހަމަނުޖެހުން ހިނގި އިރު އެ ތަނުގައި އެއްވެސް ފުލުހަކު ނެތް ކަމަށެވެ. އަދި އެ މައްސަލައިގައި ހައްޔަރު ކުރި ހުރިހާ މީހުންނަކީ ވެސް އެ ރަށުގެ ޕީޕީއެމް މީހުން ފުލުހުންނަށް ކިޔައިދިން ލިސްޓެއްގައި ތިބި މީހުން ކަމަށް އެ ރަށުގެ ޕީޕީއެމް މީހުން ބުނާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
އޭގެ ފަހުން އިވުނީ، ބ. މާޅޮހުގައި އިދިކޮޅު އެމްޑީޕީން ދަމާފައި ހުރި ބެނާއެއް ފުލުހުން އިއްޔެ ނެގި ޚަބަރެވެ. އެއީ އޭގައި ލިޔެފައި އޮތް އިބާރާތެއްގެ ސަބަބުންނެވެ. އެ ބެނާގައި ލިޔެފައި އޮތީ "ވަގަކަށް ހާސް ދުވަސް، ރައްޔިތުންނަށް އެއް ދުވަސް" މިހެންނެވެ.
ރިއާސީ އިންތިހާބުގެ ކެމްޕޭނަށް ބ. މާޅޮހުގައި އެމްޑީޕީން ދަމާފައި ހުރި ބެނާއެއް، ސެޕްޓެމްބަރު 12، 2018 ގައި ފުލުހުން ނަގަނީ.
މާޅޮހު ކައުންސިލް މެމްބަރު އަބޫބަކުރު އަބްދުﷲ ވިދާޅުވީ އެރަށުގައި ދަމާފައި ހުރި ބެނާ ނެގުމަށް، އޭދަފުށީ ޕޮލިސް ސްޓޭޝަނުން އެންގީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ކަމަށެވެ. ސަބަބެއް ކަމަށް ފުލުހުންނާ ހަވާލާދީ، އަބޫބަކުރު ވިދާޅުވީ، އެ ބެނާގައި "ވަގު" އެ ލަފްޒު ޖަހާފައި އޮތުމެވެ.
އެ ރަށުގައި ދެމި ބެނާ ނެގީ، މުޖްތަމައުގައި އާންމުކޮށް ފެންނަން ހުރުން އެކަށީގެންނުވާ އެއްޗެއް ކަމަށް ދެކިގެން ކަމަށްވާ ނަމަ، އެއަށް ވުރެ ކުރިން އެ ގޮތަށް މަގުމަތިން ނަގަން ޖެހޭ ކިތަންމެ ތަކެއްޗެއް އެބަ ހުއްޓެވެ. އެފަދަ އެކައްޗަކީ، ރާއްޖެ ޓީވީ ކުރިމަތީގައި، އެ ޓީވީ އަށް ފުރައްސާރަ ކުރުމުގެ ގޮތުން، ވެރިކަން ކުރާ ޕީޕީއެމުން ދަމާފައި ހުރި ބެނާ އެވެ.
އެ ބެނާގައި ލިޔެފައި އޮތީ، "މީހުންގެ އަބުރާ ބެހޭ ނަމަ އެކަމުން ސަލާމަތް ވެވޭނީ އަބުރުފުޅު ފަންޑު ފޮށި ބަހައްޓައިގެން!" ކަމަށެވެ.
ހަމަ ގައިމު ވެސް މިއީ ރައީސް ޔާމީންގެ ކެމްޕޭނާ ގުޅުމެއް ހުރި ވާހަކައެއް ނޫނެވެ. ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ، އަބުރުގެ ގާނޫނުގެ ދަށުން ކުރައްވާނެ ކަމެއްގެ ވާހަކައެއް މިހާތަނަށް ރައީސް ޔާމީން ވިދާޅެއް ނުވެ އެވެ. މިހާތަނަށް "އަބުރުފުޅު ފަންޑު"ގެ ނަމުގައި ފަންޑު ހުޅުވައިގެން ފައިސާ ޖަމާކުރި ހަމައެކަނި ބަޔަކީ ރާއްޖެ ޓީވީ އެވެ.
ރާއްޖެ ޓީވީ ކުރިމަތީގައި ޕީޕީއެމުން ދަމާފައިވާ ކެމްޕޭން ފޮތިގަނޑެއް.
"އެއީ ކަނޑައެޅިގެން އަޅުގަނޑުމެންނަށް ފުރައްސާރަ ކުރަން ކޮށްފައި އޮތް ކަމެއްގެ ގޮތުގައި ބެލެވެނީ. އޭގެ އިތުރުން ދިވެހި ހުރިހާ ނޫސްވެރިންނަށް ވެސް ކޮށްފަ އޮތް ފުރައްސާރައެއް އެއީ،" ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ ވިދާޅުވި އެވެ.
"އަނެއްކާ އަޅުގަނޑުމެންގެ ތަކެއްޗަށް ވާޖަހައިގެން އެ ބެނާ ދަމާފައި ހުރި އިރު އަޅުގަނޑުމެންގެ ހުއްދައެއް ވެސް ނުނަގާ. އަޅުގަނޑުމެން މި ބަލަނީ އެއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ދެމި ބެނާއެއް ކަމަށް. އެ ނަގާށެކޭ ވެސް ނުބުނާނަން."
ސަރުކާރާ ގުޅިގެން ފުލުހުން ވެސް، ރައީސް ޔާމީނަށް ކެމްޕޭން ކޮށްދޭ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރިޔަސް، ވެރިކަން ކުރާ ޕީޕީއެމުން ބުނާ ގޮތުގައި ފުލުހުންނަކީ ސިޔާސީ ޕާޓީއެއްގެ ކެމްޕޭންގައި ބައިވެރިވާ ވަރަށް ވުރެ މާ ޕްރޮފެޝަނަލް އަދި ޒިންމާދާރު ބައެކެވެ.
"ފުލުހުން ކެމްޕޭން ކުރަންޏާ ކުރާނީ ގައުމިއްޔަތު ހިފެހެއްޓުމަށް، އަދުލު އިންސާފު ގާއިމު ކުރުމަށް، ގާނޫނުތަކަށް މީހުން ބޯލެންބުވުމަށް، އެއީ ފުލުހުން ކުރާނެ ކެމްޕޭނަކީ. އެ ނޫން ކެމްޕޭނެއް ފުލުހުން ނުކުރާނެ،" ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ އަބްދުﷲ ޚަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުގެ އަގު ވައްޓައިލުމަކީ، އިދިކޮޅު އެމްޑީޕީން އަބަދުވެސް ކުރާ ކަމެއް ކަމަށާއި، މިހާރު އެ ކަން ކުރަމުން ދަނީ ވެރިކަމަށް އައުމަށްޓަކައި ކަމަށެވެ.
ގއ. ކޮލަމާފުށީގައި ހިނގައި ދިޔަ ހަމަނުޖެހުމާ ގުޅިގެން ހައްޔަރު ކުރި އެންމެންނަކީ އިދިކޮޅު އެމްޑީޕީގެ ސަޕޯޓަރުން ކަމަށް ވެފައި، ޕީޕީއެމްގެ އެއްވެސް ސަޕޯޓަރަކު ހައްޔަރު ނުކުރަނީ ކީއްވެތޯ ސުވާލު ކުރުމުން ޚަލީލު ވިދާޅުވީ ފުލުހުން އެ ދުވަހު ވެސް އަދާކުރީ ފުލުހުންގެ ގާނޫނީ ވާޖިބު ކަމަށެވެ. އަދި އެއީ ވަކި ޕާޓީއެއްގެ ބަޔަކަށް ވެގެން ހައްޔަރު ކުރި ކުރުމެއް ކަމަށް ނުދެކޭ ކަމަށާއި، އެ މައްސަލައިގެ ތަހުގީގުގައި ވަކި ބަޔަކަށް ތުހުމަތު ކުރެވިއްޖެ ނަމަ، އެއީ ކޮން ޕާޓީއެއްގެ ބައެއްތޯ ބެލުމެއް ނެތި ހައްޔަރު ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ވާހަކަ އެ ގޮތަށް ހުރި ކަމުގައި ވިޔަސް، ފުލުހުންގެ އަމަލުތައް ހުރީ ހަމަ އެހާ ޕްރޮފެޝަނަލް ކޮށްތޯ އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދަ އެވެ. އެފަދަ ބައެއް މިސާލުތައް ވެސް ދެއްކެން ހުރީމަ އެވެ.
ރިއާސީ ކެމްޕޭންގެ ތެރޭގައި ޕީޕީއެމުން ދޮރުން ދޮރަށް ހިނގި ދުވަސްވަރު، ރައީސް ޔާމީން އެ ގެއަށް ވަޑައިގެންފި ނަމަ "ބޮލުގައި ޓަކި ޖަހާނެ" ކަމަށް ބުނެ މީހަކު ޓުވީޓެއް ކުރުމުން، ފުލުހުން އޭނާއާ ސުވާލުކޮށް ތަހުގީގު ކޮށް ފޯނު ވެސް އަތުލާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރުނެވެ.
BREAKING NEWS : Raees Nasheed, Raajje Aisfinama, Karu Buri Kohlaane Kamuge Inzaaru Miadhu Hulhumale gai Beyvvi PPM event eh gai Dheefi ! @AhmedMahloof @Huzam @MandhyZubair @MDPSecretariat @JenniferAishath @Raajje_tv pic.twitter.com/r3P4Za0lry
— Saaim 🇲🇻| #IbuFaisal2018 (@SaimMoosa) August 25, 2018
އޭގެ ފަހުން އިދިކޮޅު ރިއާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު މި ކެމްޕޭންގެ ތެރޭގައި ދެއްކެވި ވާހަކައެއްގައި، ހާލުގައި ޖެހުނު މަސްދޯންޏަކުން އެހީތެރިކަމަށް އެދުމުން ފުލުހުން އެހީތެރި ނުވި ކަމަށް، މަސްވެރިއަކާ ހަވާލާދީ ވިދާޅުވުމުން ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މިއާ ޚިލާފަށް، މިދިޔަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ޕީޕީއެމުން ބޭއްވި ރެލީއެއްގައި އެ ޕާޓީގެ ސަޕޯޓަރަކު، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރު ބުރިކޮށްލާނެ ކަމަށް ފާޅުގައި ގޮވައިލި މައްސަލަ އަދިވެސް އޮތީ ނުހިނގާ ކަމެއްގެ ގޮތުގަ އެވެ. އެކަމާ ބެހޭ ގޮތުން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ފުލުހުން ވަކި އެއްޗެއް ބުނާކަށް ބޭނުމެއް ނުވި އެވެ. ފަހަރެއްގައި އެއީ ޓެރަރިޒަމަށް ގޮވައިލުން ކަމަށް ފުލުހުންނަށް ނުވަނީ ކަމަށް ވެދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަން ނެތް
14 September 2018
ބޮޑު އަދަދަކުން ލިބުނީމަ..... ދެން ދޯ
އިބަ
14 September 2018
ތިޔައީ މިހާރު ކަމެއްކުރެވޭބައެއް ނޫން.ސިޔާސިފަނި އަޅާ ހަލާކު ވެފައޮތް ތަނެއް.މިދިޔަ އަހަރުތަކުގަ މިގައުމުގަ ހިގާދިޔަ ބޮޑެތި ޖަރީމަތަޢް ތަހުގީގުކޮށް އަނިޔާލިބުނު މީހުންނަށް އިންސާފު ހޯދއިދިނުމުގަ ވަނީފެއިލް ވެފަ.އެމީހުންގެ ހުރިހާ ވަސީލަތަކާ ހަކަތަ ހޭދަކުރަނީ ވަކިބައެގެ އަޅުދަށުވެ ރައްޔިތުންށަށް ގާނޫނުން ލިބިދީފަވާ މިނިވަން ކަން ހަނިކޮށް ނުހައްގުން ކަންތައްތައް ކުރުމުގަ.ތިޔަތަނުގެ ވެރިންވަނީ އެމީހުންގެ ގާނޫނީ ވާޖުބުހަދާން ނެތިޔަފަ.ހައްގައް ނަސްރު
ޢައިމަން
13 September 2018
ކޮމެންޓުތަކަށް ބަލާލި މަވެސް އެބަ އެނގޭ ފުލުހުންގެ މުއައްސަސާއައް ރައީތުން އިތުބާރު ނުކުރާކަން މިހާރު ވަރަށް ފާޅުކަން ބޮޑުގޮތެއް ގަވަކިފާތަކަށް ބުރަވެފަ މިހާރުއެވަނީ ފުލުހުން
ޝަފީޢުﷲ
13 September 2018
ފުލުހުން މިހާރު މަސައްކަތް ކުރަނީ ވަކި ސިޔާސީ ފިކުރެއްގައި ޖެހި، އެމީހުންގެ ގާނޫނީ ޒިންމާތައް ހަނދާން ނައްތާލައިގެން. ޝިފާން ކިތަންމެ ދޮގުކުރިޔަން މީހަމަ ތެދު.
ގޮއްޔެ
13 September 2018
ބޭނުންވާ ބަޔަކު ބޭނުންވެގެން އެއުޅެނީ ކޮންކަމެއްކަން ވަރަށް ސާފު. ކޮންމެވެސް އެއްޗެކޭ ކިޔައިގެން ކޮންމެވެސް ކަންތައްގަނޑެއް ހިންގައިގެން އެމް.ޑީ.ޕީ ން ވީހާވެސް ގިނަ މީހުން ހައްޔަރުކޮށް ވޯޓުން މަޙްރޫމް ކުރަން. ގއ. ކޮލަމާފުށްޓަށް ހެދިހެން ހަދަން. އެރަށުންވެސް 18 މީހުން ހައްޔަރުކޮށް ޓެރަރިޒަމްގެ ދަޢުވާ ކުރަނީ ޕީ،ޕީއެމްގެ ޖަގަހައަށް ގެއްލުންތަކެއް ދިން ކަމަށް ބުނެ. ޕީ.ޕީ އެމުންވެސް އެމް.ޑީ.ޕީ ޖަގަހައަށް ގެއްލުންދިން. އެކަމަކު މިސަރުކާރަށް އެމަންޒަރެއް ނުފެނޭ. އަދި އެމީހުން ކަމެއްކުރިތޯ ނުކުރޭތޯވެސް ނުބަލާ. ރޯމާދުވާލު މަގުމަތީގައިވެސް އެމީހުުންނަށް ކޮންމެފަދަ ޖަރީމާއެއްވެސް ހިންގޭ. އެކަމުގެ ހުއްދަވެސް އެމީހުންނަށް އޮވޭ. އެމް.ޑީ.ޕީ ކުދިން އިންތިހާއަށް ކެތްކުރަންވީ ވަގުތެއް މީ. ގަޔަށްބޮލަށް އެރިއަސް ކެތްކުރަންވީ ވަގުތެއް މީ. އެހެންނޫނީ ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމުގެ ފުރުޞަތެއް ނުލިބޭނެ.
ހާސަރު
13 September 2018
ފުލުހުންގެ ކުރީސަފު އެއްކޮށް ބަދަލުކޮށް ސަރުކާރަށް ބޭނުންހާގޮތަކަށް މީޑިއާގައި ބަޔާންތައް ނެރުނެއްކަމަކު މުޅި އެމުއައްސަސާ އޮތީކީ ގައުމު މިއޮތް ހާލުގައި ތާއަބަދު ބާއްވަން ބޭނުންވެފައެއްނޫން. އެތާތިބި ގިނަ މީހުން ވެސް ބޭނުންވާނީ ހަގީގީ ފުލުހުންގެ ގޮތުގައި މަސައްކަތް ކޮށް ގައުމަށް ރަގަޅުގޮތްވާން އަދި އާއްންމުންގެ ލޯތްބާއި އިހުތިރާމް ލިބޭބަޔަކަށްވާންކަށް ޔަގީން.
ަްްަކާކުކަންް
13 September 2018
ހީވަނީތަ . ފުލުހުން ވެސް މި ފަހަރު ވޯޓް ނުދޭނެ .
ތެޔޮވަޅު
13 September 2018
ތީބޮޑު މުސީބާތެކޭ . ތިޕޮލިހުން
ޅަވިޔަނިނއ
13 September 2018
ފުލުހުންނަކީ އެންމެ ކޮރަޕްޓް މީހުންނޭ ޔާމީނުވެސް ބުނީކަމެއް ވެގެންތާ ދޯ!
ޢަދަންބެ
13 September 2018
ފުލުހުންގެވާހަކަ ދައްކާކަށްނެތިން އެކަމަކު މިގައުމުގެ ހާލަތު މިހިސާބައްދިޔައީ ފުލުހުންނަށް ގައުމު ވާޖިބު އަދާ ނުކުރެވުނު މަ ސިޔާސީވެގެންގޮސްމުޅިމުއައްސަސާ ސިޔާސީ އޮއިވަރުގަޖެހި ބަނދެވުނީމަ ފުލުހުންގެ މުއައްސަސާ ސަލާމަތްކުރަން ދެންވަރަށް އުނދަގޫވާ ވަރަށް ބޮޑެތި ބަދަލުތަށްގެނެސް ފުލުހުންނަކީ ސިޔާސީ ކަންކަމުން ސަލާމަތްވެފަވާ މުއައްސަސާއަކަށް ހަދަންއެބަޖެހޭ އެހެންނޫނީ ރައީތުންނަށް އެތްވެސްރަށްކާތެރި ކަމެތްނެތް ރައީތުންނަކަށް