އަދިވެސް ގޮތްދޫނުކޮށް! ދެން އޮތީ ފިޔަވަޅު އެޅުން؟

ވަކި ކަމެއް ވަކި ގޮތަށް ކުރަން އެދޭ ކަމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ރާއްޖެއަށް އަންގާ ފަހަރުފަހަރު އާދެ އެވެ. އެއީ ޑިޕްލޮމެޓިކް ދާއިރާގައި އަބަދުވެސް ކަންކަން ހިނގާ ގޮތެވެ. ނަމަވެސް މިއަދު ރާއްޖެއަށް އަމާޒުވެފައިވާ އެންގުންތައް ވަރަށް ތަފާތެވެ. އެއީ ދިވެހި ތާރީހުގައި ވެސް ކުރިމަތިނުވާ ފަދަ ހަރުކަށި އިންޒާރުތަކެކެވެ.


ސިޔާސީ މިނިވަންކަން ކުޑަކުރަމުން ދިއުމާއި އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުން ދަށް ވާތީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖުލައި މަހު ނިންމި އިރު އެއީ ތާރީޚުގައި ވެސް ރާއްޖެއާ ދެކޮޅަށް އެފަދަ ނިންމުމެއް ނިންމި ފުރަތަމަ ފަހަރެވެ. މިފަހަރު އޭގެ އިންޒާރުތައް މި އަންނަނީ ރިޔާސީ އިންތިހާބާ ގުޅުވައިގެންނެވެ.

ބޮޑު ތަފާތަކުން ނާކާމިޔާބުވެވަޑައިގަތުމާ އެކު އެނަތީޖާ ގަބޫލުފުޅުކުރެއްވުމަށް ފަހު ރައީސް އަބްދުﷲ ޔާމީން މިހާރު މަސައްކަތް ފައްޓަވާފައި ވަނީ އިންތިހާބު ބާތިލްކުރުމާ ދިމާއަށެވެ. ޕީޕީއެމުން ހުށަހެޅި މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި މިއަދު ފަށާނެ އެވެ. ހަމައެއާ އެކު ރާއްޖެއަށް ބޭރު ގައުމުތަކުން މިވަނީ އިންޒާރު ދޭން ވެސް ފަށާފަ އެވެ. ހާއްސަކޮށް ދުނިޔޭގެ އެންމެ ބޮޑު ބާރު އެމެރިކާއިން ރާއްޖެއަށް ދޭ އިންޒާރުތައް ހަރުކައްޓެވެ. ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ހޮވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް މިހާރުގެ ސަރުކާރުން އެއްބާރުލުން ނުދޭ ނަމަ އަޅަން ޖެހޭ ކޮންމެ ފިޔަވަޅަކަށް ވެސް ތައްޔާރު ކަމަށް އެމެރިކާ އިން އެވަނީ ބުނެފަ އެވެ.

އިންތިހާބީ ރައީސް އިބޫ އާއި ރާއްޖެއަށް އިންޑިއާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު-- ފޮޓޯ: އެމްޑީޕީ

ޑިޕްލޮމެޓިކް އުސޫލުތަކަށް ބަލާއިރު އެފަދަ އިންޒާރެއް އިއުލާނުކުރާނީ ގިނަ މަޝްވަރާތަކަކަށް ފަހު ހައްލެއް ނުލިބުމުންނެވެ. އަދި އާއްމުކުރާ އެންގުންތަކަށް ވުރެ ހަރުކަށި އިންޒާރުތައް ސިއްރު ބައްދަލުވުންތަކުގައި ދެ އެވެ. އެހެންކަމުން މިހާރު ރާއްޖެއަށް އެ ދޭ އިންޒާރުތަކަކީ ކުޑަ ކަމެއް ނޫނެވެ.

ރައްޔިތުންގެ ނިންމުން ތަންފީޒު ކުރުމަށާއި ގާނޫނަށް ބޯލަނބަން އެންގުމުން، "ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިންނޭ"، "އިސްލާމް ދީން ނައްތާލަން އުޅެނީއޭ" ބުނެ، އޮޅުވާލަން ދައްކާ ވާހަކަތައް ސަރުކާރާއި ޕީޕީއެމުން މިހާރު މިވަނީ ހުއްޓާލަން ޖެހިފަ އެވެ. ރައްޔިތުންގެ ވޯޓުން ބަލިވުމުން އެ ބަލި ގަބޫލުނުކުރުމާއި ނާއިންސާފާއި ނުހައްގު ނުފޫޒުން ކުރާ ކަންކަން ހުއްޓާލަން ބޭރު ގައުމުތަކުން އެންގުމަކީ އިސްތިގުލާލާއި ސިޔާދަތާ ބެހުމެއް ނޫނެވެ. އެއީ، ބޭރު ގައުމުތަކުން ނުބުންޏަސް، ވެރިން ބޯލަނބަން ޖެހޭ ކަންކަމެވެ.

އަޅާނީ ކޮންކޮން ފިޔަވަޅުތަކެއް؟

ގައުމުތަކާ ދެކޮޅަށް އެހެން ގައުމުތަކާއި ޖަމާއަތްތަކުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އިގްތިސާދީ ގޮތުން ދަތިކުރުމާއި ދަތުރު ކުރުން މަނާ ކުރުމާއި ސަރުކާރުގެ ވެރިންގެ ވިޔަފާރިތައް ބޮއިކޮޓް ކުރުމާއި ބޭންކް އެކައުންޓްތައް ފުރީޒް ކުރުން ހިމެނެ އެވެ. އެވަރުން ނުވެއްޖެ ނަމަ، ބައެއް ހާލަތްތަކުގައި، އަސްކަރީ ފިޔަވަޅު ވެސް އަޅަ އެވެ.

ރާއްޖެއާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާއިން އިންޒާރު ދިން ނަމަވެސް އެއީ ކޮން ފިޔަވަޅުތަކެއް ކަމެއް ނުބުނެ އެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ދެކުނު އަދި މެދުތެރޭ އޭޝިއާގެ ކަންކަން ބަލަހައްޓާ ބިއުރޯގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ޕާސަން ރޮބަޓް ޕައްލަޑީނޯ ވިދާޅުވީ އަންނަ މަހުގެ 17 ވަނަ ދުވަހު، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާ ކުރެއްވުން ލަސްކޮށް ނުވަތަ ހުރަސް އަޅާ ނަމަ އެމެރިކާ އިން ފިޔަވަޅު އަޅާނެ ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ އިސް ވެރިޔަކު އިބޫއާ ބައްދަލު ކުރައްވަނީ-- ފޮޓޯ: އެމްޑީޕީ

އިނގިރޭސި ވިލާތުގެ ފޮރިން އޮފީހުގެ ސްޓޭޓް މިނިސްޓަރު މާކް ފިލްޑް ވިދާޅުވެފައި ވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 89 ޕަސެންޓް މީހުންގެ ނިންމުން ބުނެދީފައިވާ ކަމަށެވެ. އެގޮތަށް އަމަލު ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމައެކަނި އިނގިރޭސި ވިލާތެއް ނޫން. ބައިނަލްއަގުވާމީ މުޖުތަމައުން ވެސް އުންމީދު ކުރަނީ ރައްޔިތުންގެ ނިންމުމަށް އަމަލު ކުރާނެ ކަމަށް،" ފިލްޑް ވިދާޅުވި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު، ނަން ނުޖަހާ ގޮތަށް ވިދާޅުވީ، އެމެރިކާ ފަދަ ގައުމަކުން ރާއްޖެއާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިންޒާރު ދިނުމަކީ "ތޯތޯ ކަމެއް" ނޫން ކަމަށެވެ. ރާއްޖެއާ މެދު ފިޔަވަޅެއް އަޅާ އެކަން ފުރަތަމަ އަމާޒުކުރާނީ ވަކިވަކި މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ގައުމުތަކުގެ އެންގުންތައް ތަންފީޒު ކުރުމަށް ދެކޮޅުހަދާ ކަމަށް ބެލެވޭ ބޭފުޅުންނާ މެދު ފިޔަވަޅު އަޅާނީ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ހުރަސް އަޅާ ވިޔަފާރިވެރިންގެ ރިސޯޓްތަކަށް ޓޫރިސްޓުން ނައުމަށް އެންގުމާއި އެ ވިޔަފާރިވެރިން ބޭރު ގައުމުތަކުގެ ބޭންކުތަކުގައި ބަހައްޓާފައިވާ ފައިސާ ހިފެހެއްޓުމަކީ ވެސް އަޅާފާނެ ފިޔަވަޅެކެވެ. އަނެއްކޮޅުން ޑިމޮކްރަސީއަށް ހުރަސްއަޅާކަމަށް ފެންނަ މީހުންނަށް ބޭންކިންގެ އެއްވެސް މުއާމަލާތެއް ނުހިންގޭ ގޮތް ވެސް ހަދާފާނެ އެވެ. މިސާލަކަށް ބޭންކްތަކުން ދޫކުރާ އެއްވެސް ކަހަލަ ކާޑެއް ބޭނުންނުކުރެވުމާއި ކިރިޔާ ވެސް ބޭރާ ގުޅިފައި އޮންނަ މާލީ އެއްވެސް މުއާމަލާތެއް ނުކުރެވުން ވެސް ހިމެނެ އެވެ.

ރައީސް ޔާމީނާއި އަނބިކަބަލުން ފާތިމަތު އިބްރާހިމް އަދި ނައިބް ރައީސް އަބްދުުﷲ ޖިހާދު-- ފޮޓޯ: މިހާރު

ބައެއް ކަހަލަ އެކްސްޕޯޓް އިމްޕޯޓް ހުއްޓާލުމަކީ ވެސް އަޅާ ފިޔަވަޅުތަކެވެ. ދިވެހިންނަކީ މުޅި އިގްތިސާދާއި ދިރިއުޅުން އިމްޕޯޓަށް ބަރޯސާވެފައިވާ ބަޔަކަށް ވާއިރު އެފަދަ ފިޔަވަޅަކުން ބޮޑެތި މައްސަލަތަކެއް ދިމާވެދާނެ އެވެ. ރާއްޖޭގެ އިގްތިސާދު ބަރޯސާވަނީ ޓޫރިޒަމަށް ކަމަށް ވެފައި، ބައެއް ގައުމުތަކުން ރާއްޖެ އަށް ޓޫރިސްޓުން ދިއުން މަނާކޮށްފި ނަމަ އެކަން ވެސް ވާނީ ނުރައްކަލަކަށެވެ.

އިންތިހާބީ ރައީސް އިބޫ ވެސް ވަނީ ރައީސް ޔާމީންގެ އަމަލުތަކުގެ ސަބަބުން ރާއްޖެއާ މެދު ފިޔަވަޅު އެޅުމުގެ ބިރު އެބަ އޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި އެގޮތަށް އަމަލުނުކުރައްވާ ބަލި ގަބޫލުކުރެއްވުމަށް އިލްތިމާސްކުރެއްވި އެވެ.

ބަވަނަ ވެފައިވާ މި ދުނިޔޭގައި އެއް ގައުމެއްގެ ކަންކަން ހިނގާ ގޮތާއި އަނެއް ގައުމެއްގެ ސަލާމަތާ އޮންނަނީ ވަރަށް ބޮޑަށް ގުޅިފަ އެވެ. އިގްތިސާދީ އަދި އަސްކަރީ ގޮތުން ބެލި ނަމަވެސް މެ އެވެ. އެހެންކަމުން ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ކަންކަން ކުރުމަށް އެއް ގައުމުން އަނެއް ގައުމަށް ބާރުއަޅަ އެވެ. އެގޮތަށް ނުކޮށްފި ނަމަ އިންޒާރު ދެ އެވެ. އެވަރުން ނުވެއްޖެ ނަމަ ފިޔަވަޅު އަޅައިގެން ނަމަވެސް އެކަން ކުރުވަނީ އެވެ. މިއަދު ރާއްޖެއަށް މިވަނީ އެ ހަގީގަތާ ކުރިމަތިލާން ޖެހިފަ އެވެ.

އިބޫއަށް ދުނިޔޭގެ ބޮޑެތި ހުރިހާ ގައުމަކުން ވެސް ވަނީ މަރުހަބާ ކިޔާފަ އެވެ. އެހެންކަމުން ރައީސް ޔާމީނަށް އެހީތެރިވެ، ފާޅުގައި ދިފާއުކޮށްދޭނެ ގައުމެއް އަދި ނުފެނެ އެވެ. މިހާރުގެ ސަރުކާރުން އެންމެ ގާތް ގުޅުމެއް ބޭއްވި ޗައިނާ އާއި ސައުދީ އަރަބިއްޔާއިން ވެސް ވަނީ އާ ސަރުކާރަށް މަރުހަބާ ކިޔާފަ އެވެ. އަދި އާ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް ވެސް އެގައުމުތަކުން ބުނެފައިވެ އެވެ.

އެއްވެސް މައްސަލައެއް ނުޖެހި، އޮމާންކަމާއި އަމާންކަމާ އެކު ނިމުނު އިންތިހާބެއްގެ ނަތީޖާގައި އެހާ ބޮޑު ތަފާތެއް އޮތް އިރު ވެސް ސުޕްރީމް ކޯޓަށް މައްސަލަ ވެއްދުމުން އެކަން ގަބޫލުނުކުރަނީ މެޖޯރިޓީ ދިވެހިން އެކަންޏެއް ނޫނެވެ. މުޅި ދުނިޔެ ވެސް މެ އެވެ.