އަދީބު ގޭގައި، ސިޔާސީ މަސައްކަތުގައި!

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޒަމާންވީ އެކުވެރިޔާ، އިސްމާއިލް އާސިފް، އަލަށް އުފައްދަން މަސައްކަތްކުރައްވާ "މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް" ޕާޓީއަށް ފުރަތަމަ ސޮއިކުރެއްވީ އަދީބެވެ. އެ ޕާޓީއަށް 3،000 މީހުން ހަމަކުރުމުގެ ހުއްދަ ދިނުމުން އެކަން ކުރުމަށް އިސްކޮށް އުޅެނީ އަދީބުގެ ޓީމެވެ. އަދީބު އެ ޕާޓީއަށް ސޮއިކުރެއް ވުން ވެސް އޮތީ އާދައިގެ ގޮތަކަށެއް ނޫނެވެ. އޭނާ އިންނެވީ ކޯޓު ފަޓުލޫނުގަ އެވެ. ޕާޓީގެ މުއައްސިސް އާސިފް އިންނެވީ އާދައިގެ ހެދުމުގަ އެވެ. ސޮއިކުރެއްވިއިރު ފަހަތުން ފެންނަން ހުރީ އެޕާޓީގެ ބެނާ އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަމާޒުކޮށް "ފިނިފެންމާ" ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމުގައި ބައިވެރިވުމުގެ ކުށާއި ހިޔާނާތުގެ މައްސަލަތަކުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއްގައި މިހާރު ހުންނެވި އަދީބުގެ އެ މަންޒަރުން ގިނަ ބަޔަކު ހައިރާންވެ، ކަންބޮޑުވި އެވެ.

މިހާރު ބެލެވޭ ގޮތުގައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓެސްގެ އިސް ބޭފުޅަކަށް އެ ހުންނެވީ އަދީބެވެ. ސިއްހީ ހާލަކޮޅު ހުރި ގޮތުން ގޭބަންދަށް ބަދަލުކުރުމާ އެކު ފުރަތަމަ ވެސް މި ފެއްޓެވީ، އެއް ބަޔަކު ބުނާ ގޮތުގައި، ސިޔާސީ މަސައްކަތެވެ.

ދިވެހި ރައްޔިތުންގެ 1.2 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ވަނީ ވީނުވީއެއް ނޭނގި "ގެއްލިފަ" އެވެ. އޭރުގެ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ ހިންގެވުމުގައި އިސްކޮށް ހުންނެވީ އަދީބެވެ. އަދި ވަރަށް އާދައިގެ ދިރިއުޅުއްވުމެއްގެ ތެރެއިން ސިޔާސީ ދާއިރާއަށް ވަންނަވައި، ޓޫރިޒަމް މިނިސްޓަރުގެ ފަތްކޮޅާ އެކު އަދީބަށް އައި ކުއްލި ބޮޑު ބަދަލު ދިވެހި ރައްޔިތުން ހެކިވެ އެވެ. އަދި ޔާމީންގެ ސަރުކާރު ދެމެހެއްޓުމަށް، ރައްޔިތުން މަޖިލިހުގެ މެމްބަރުން ކޮންޓްރޯލް ކުރެއްވުމުގެ އިތުރުން މިނިވަން މުއައްސަސާތައް ވެސް އޮތީ، އޭރު އޭނާގެ އަތްދަށުގަ އެވެ.

ޔާމީނާއި އަދީބަކީ، "ފިނިފެންމާ" ގޮއްވާލުމާ ހަމައަށް، އެކައްޗެކެވެ. ނަމަވެސް މިހާރު ދެ ހަތުރުންނެވެ.

އަލްޖަޒީރާ އިން ރާއްޖެއާ ގުޅޭގޮތުން ތައްޔާރުކުރި ޑޮކިއުމެންޓްރީގެ ޓްރެއިލާއަކުން ނަގާފައިވާ ސްކްރީން ޝޮޓެއް.

އާ ޕާޓީ އާއި އަދީބު!

އާސިފް ވިދާޅުވި ގޮތުގައި ސިޔާސީ ދާއިރާއިން އަދީބު ފެނުމަކީ އޭނާގެ އުއްމީދެކެވެ. ނަމަވެސް އެއީ ވަކި މީހެއްގެ ޕާޓީއެއް ނޫން ކަމަށް އާސިފް ވިދާޅުވެ އެވެ. އެޕާޓީގެ ލީޑަރު ކަނޑައަޅާނީ، އޭނާ ވިދާޅުވި ގޮތުގައި، ކައުންސިލުންނެވެ.

"އަދީބު ސޮއިކުރާއިރު އޭނާގެ ރައްޓެހިން ވެސް އަންނާނެ. އެއީ މައްސަލައެއް ނޫން. މިއީ ވަކި މީހެއްގެ ޕާޓީއެއް ނޫން،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރާ ދެކޮޅަށް އެމްޑީޕީގެ ހަރަކާތްތައް ފެށުނު އިރު އިސްކޮށް އުޅުއްވި އާސިފް ވިދާޅުވި އެވެ.

ޕާޓީއަށް ސޮއިކުރައްވައި އަދީބު އާސިފްއާ ފޯމް ހަވާލު ކުރައްވަނީ

އާސިފް މިހާރު ގެންދަވަނީ އަދީބު ދިފާއު ވެސް ކުރައްވަމުންނެވެ. މިދިއަ ރިޔާސީ ކެމްޕޭން ތެރޭގައި ޔާމީނަށް ތާއީދުކުރައްވައި، އަދި އެމަނިކުފާނުގެ އިގުތިސާދީ ސިޔާސަތަށް ތައުރީފްކުރެއްވުމުގައި އުޅުއްވި އާސިފަށް މިއަދު އަދީބު ފެނިވަޑައިގަންވަނީ "ސިޔާސީ ކުށްވެރިއެއް"ގެ ގޮތުގަ އެވެ.

"އެންމެނަށް އެނގޭ އެއީ ސިޔާސީ ކުށްވެރިއެއްކަން. އެއީ ރާއްޖޭގެ ވެރިއަކަށް ހުންނަ މީހަކަށް ނޭނގި ކުރެވޭނެ ކަމެއް [ހިޔާނާތް] ނޫންކަން. އޭނާގެ [ރައީސް ޔާމީން] ދަށުގައި ހުންނަ މީހުންގެ ބޮލަށް ޖަހަނީކަން. ވެރިއަކަށް ނޭނގި އެކަމެއް [އެމްއެމްޕީއާރުސީގެ ހިޔާނާތް] ނުކުރެވޭނެ،" އާސިފް ވިދާޅުވި އެވެ.

ޕާޓީ ހެދުމުގައި އާސިފް ކުރިމަތިން ފެނުނަސް، އެކަމުގެ ފަހަތުގައި އެ ހުންނެވީ އަދީބުކަން ވަރަށް ބޮޑަށް ޔަގީނެވެ. އަދި ކުރިއަށް އޮތް މަޖިލިހުގެ އިންތިހާބުގައި އޭނާ އެހީތެރިވެގެން ބައެއް މެމްބަރުން ވާދަކުރުމަކީ ވެސް، މިހާރު މިދާ ގޮތުން ވަރަށް އެކަށީގެންވާ ކަމެކެވެ.

އަދީބުގެ ގާތް ބައެއް މީހުން ބުނާ ގޮތުގައި މަޖިލީހުގެ 10 ނުވަތަ 15 ގޮނޑި ހޯދައިދެއްވަން އަދީބު ހުންނެވީ ތައްޔާރަށެވެ.

"އަލަށް އުފައްދާ ޕާޓީންތޯ ނޫނީ އެހެން ޕާޓީއަކުންތޯ އަދި ބުނާކަށް ނޭނގެ. އަދީބު ބަޔަކު މަޖިލީހަށް ނެރޭނެ. އަދި އޭނާގެ ފަރާތުން ނުކުންނާނެ މީހުން ވާނެ،" އަދީބުގެ ގާތް މީހަކު، ނަން ނުޖަހަން ޝަރުތުކޮށް، ބުންޏެވެ.

"އޭނާ ލާރި ދީ ހަރަދުކުރާނެ. ޕީޕީއެމުން މި މަޖިލީހަށް ވެސް މީހުން ވައްދައި އެމީހުން ގެންގުޅުނީ އޭނަތާ."

އަދީބާއި ރައީސް ޔާމީން، އަދި ރައީސްގެ އަނބިކަނބަލުން ފާތުމަތު: ކުރީގައި މިއީ އެއް ގްރޫޕް - ފޮޓޯ: މިހާރު

ރާއްޖޭގެ ސިޔާސީ ދާއިރާއަށް ބަލާއިރު މަޖިލީހުގެ ގޮނޑިތަކެއް ކޮންޓުރޯލްކުރާ މީހެއްގެ ނުފޫޒު ގަދަވާނެ އެވެ. "ސިޔާސީ މާކެޓު" ގައި މަޖިލިސް މެމްބަރުންގެ އަގު ބޮޑުވަނީ ވެސް އެހެންވެ އެވެ. އެހެންކަމުން އަދީބު މަގުސަދަކަށް ވާނީ، ދިވެހި ރައްޔިތުންގެ ފައިސާ އިން، މެމްބަރުންތަކެއް ހޯއްދެވުމެވެ.

މާލީ މުއާމަލާތްތަކުން ހިންގާ ކުށްތައް ތަހުގީގުކުރާ ދައުލަތުގެ އިދާރާއެއްގެ އިސް ބޭފުޅަކު، ނަން ނުޖެހުމަށް ޝަރުތުކޮށް، ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގީ އެސްއޯއެފް ކިޔާ ކުންފުންޏަކަށް ފައިސާ ޖަމާކޮށް އެ ކުންފުނިން އެހެން މީހުންނަށް އެ ފައިސާ ދީގެން ކަމަށް ވާއިރު އަދިވެސް އެގޮތަށް ފައިސާ ބަހައިގެން ކަންކަން ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

"މިސާލަކަށް އެކި މީހުންގެ ނަމުގައި މަސް ދޯނި ދޯންޏާއި އެޕާޓްމަންޓުތައް ގަނެވިދާނެ. އެހެން މީހެއްގެ ނަމުގައި ހުއްޓަސް އެއީ އަދީބު ކޮންޓުރޯލް މީހަކަށް ވާ ނަމަ އޭނާގެ އެއްޗެހިތާ އެއީ،" ތަޖުރިބާކާރު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ބެހޭ ގޮތުން އަލްޖަޒީރާ އިން ތައްޔާރުކުރި ޑޮކިއުމެންޓްރީގެ ސްކްރީން ޝޮޓެއް.

ހަމަ އެހެންމެ އެކި އެކައުންޓްތަކަށް ޓްރާންސްފާކޮށް، އެކި މީހުން މެދުވެރިކޮށް ނަގުދު ފައިސާ ނެގުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބޭންކުގެ ތެރެއިން މުއާމަލާތެއް ނުހިންގައި ސީދާ ނަގުދު ފައިސާ ދީގެން ފަނޑިޔާރުންނާއި ދައުލަތުގެ ވެރިން ކޮންޓްރޯލްކޮށް، ކުށުން ސަލާމަތްވުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެބޭފުޅުން ކުރިން ވެސް ބުނެފައި އެވަނީ ފައިސާ ބެހީ ދަބަސް ދަބަހާއި ގޯނިގޯނީގައޭ. އެހެންވީމަ ދެންވެސް އެގޮތަށް ރިޝްވަތު ބަހައި އެފައިސާގެ ނުފޫޒު ފޯރުވުމުގެ ބިރު ވަރަށް ބޮޑު،" އޭނާ ވިދާޅުވި އެވެ.

އަދީބު ގޭބަންދަށް ދޫކޮށްފައި ހުއްޓަސް އޭނާގެ ފަރާތުން ސިޔާސީ ގޮތުން ނުފޫޒު ފޯރުވުން ކުރިއަށް ގެންދާނެ ކަމަށް، ނަން ނުޖަހާ ގޮތަށް، ވާހަކަ ދެއްކި ބައެއް މީހުން ބުނެ އެވެ. މިސާލަކަށް ބޭރުގެ އެކައުންޓްތަކުގައި ހުރެދާނެ ކަމަށް ލަފާކުރެވޭ ފައިސާ އެހެން އެކައުންޓްތަކަށް ޓްރާންސްފާކުރުމުގެ ފުރުސަތު މިހާރު އެ އޮތީ ހުޅުވިފައި ކަމަށް، އެމީހުން ދެކެ އެވެ.

ނުރައްކަލެއް، މޮނީޓާ ކުރޭ!

އަދީބަކީ ސަމާސާ ބޭފުޅެއް ނޫނެވެ. އެއީ ނުރައްކާތެރި ކުށްވެރިއެކެވެ.

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވި ގޮތުގައި އަދީބު ގޭބަންދަށް ބަދަލުކުރިޔަސް އެއީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެކެވެ.

ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް މުއިއްޒު ކޯޓުން ނިކުންނަވަނީ: --މިހާރު ފޮޓޯ/ނިޝާން އަލީ

އަދީބަށް ވެސް ބޭސް ފަރުވާކުރުމުގެ ހައްގު އޮންނާނެ ކަމަށާއި ނަމަވެސް އޭނާއާ ދޭތެރޭ ވިސްނަންވާނީ ނުރައްކާތެރި މުޖުރިމެއްގެ ގޮތުގައި ކަމަށް، މުއިއްޒު ވިދާޅުވި އެވެ. އަދީބު ގޭގައި ހުންނަވާ އިރު އޭނާ ބައްދަލުކުރައްވާ މީހުންނާއި ކުރައްވާ ކަންކަމާ މެދު ވަރަށް ރަނގަޅަށް ފާރަވެރިވެ ފުލުހުން ބަލަން ޖެހޭނެ ކަމަށް އޭނާ ދެކެވަޑައިގަނެ އެވެ.

"މިއީ ސަމާސާ މީހެއް ނޫން. ރާއްޖޭގައި ނެތް ވަރުގެ ނުރައްކާތެރި ބޮޑު މުޖުރިމެއް ކަމަށް ބަލަން ޖެހޭ. މީގެ ބޭނުން ހިފައި އޭނާ ފައިސާ ފޮރުވުމަށް މަސައްކަތް ކޮށްފާނެ. ނޫނީ ފައިސާ ދޭން މަސައްކަތް ކޮށްފާނެ. ފުލުހުން ޖެހޭ ވަރަށް ބޮޑަށް ފާރަވެރިވާން،" ތަޖުރިބާކާރު ވަކީލް ވިދާޅުވި އެވެ.

އަދީބުގެ ނެޓްވޯކް ދެނެގަނެ ފައިސާ ހޯދޭނެ!

އަދީބު ބޭސްފަރުވާއަށް ދޫކޮށްފައި ބަހައްޓަން ޖެހޭ ނަމަ އޭނާގެ ހަރަކާތްތައް މޮނީޓާކުރުމަކީ ފުލުހުންގެ ޒިންމާއެކެވެ. ދައުލަތުން ގެއްލުނު ފައިސާ ހޯދަން މި ސަރުކާރުން ހާއްސަ ކޮމިޝަނެއް އުފައްދާފައިވާއިރު އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެ ނަމަ ނުކުންނާނީ އެހެން ނަތީޖާއެއް ކަމަށް، ބައެއް ތަޖުރިބާކާރުން ބުނެ އެވެ.

ޖިނާއީ މައްސަލަތައް ތަހުގީގު ކުރާ އިދާރާއެއްގެ ވެރިއަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ މިވަގުތުން މިވަގުތަށް ވެސް ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ އަދީބުގެ ނެޓްވޯކް ދެނެގަތުމެވެ. އެމީހުންނާ ސުވާލުކޮށް އެންމެ ފުނަށް ގޮސް އެ މައުލޫމާތު ހޯދައި ފައިސާ ހުރިތައް ދެނެގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ސާފު އަދީބުގެ އެކައުންޓަކުން ދެން ކަމެއް ނުހިންގާނެ. ކުރަންވީ ކަމަކީ އޭނާއަށް ކަންކަން ކޮށްދޭ ނެޓްވޯކް އަތުލައިގަންނަންވީ. އެހެން ނޫނީ ދައުލަތަށް އަނބުރާ އެ ފައިސާއެއް ނުލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭން ބޭރުގެ ބޭންކްތަކުގައި ބަހައްޓާފައިވާ ފައިސާ ވެސް ދައުލަތުން މަސައްކަތް ކޮށްފި ނަމަ ހޯދޭނެ ކަމަށް ތަޖުރިބާކާރު ވަކީލުން ވިދާޅުވި އެވެ. އެކަން ކުރުމަށް، އަދީބުގެ މައްޗަށް ސާބިތުވެފައިވާ ކޮރަޕްޝަންގެ މައްސަލަތަކާއި އެފައިސާ ހުރި ކަމަށް ބެލެވޭ ބޭންކްތަކުގެ ތަފްސީލާ އެކު ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އެގައުމެއްގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމުން ކޯޓު އަމުރެއްގެ ދަށުން، އެ ފައިސާ އަނބުރާ ހޯދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާރު އަދީބުގެ ނުރައްކާތެރިކަން އެނގިވަޑައިގަންނަވަނީ މުއިއްޒު ކަހަލަ ދެތިން ބޭފުޅަކަށެވެ. ފާޅުގައި އެއްޗެއް ވިދާޅުވީ އޭނާ އެކަންޏެވެ.

އަދީބު އެ ހުންނެވީ ގޭބަންދުގަ އެވެ. އެކަމަކު އޭނާ އެ ކުރައްވަނީ ސިޔާސީ މަސައްކަތްތަކެވެ. އެފަދަ ކުށްވެރިޔަކަށް އެގޮތަށް އުޅުމުގެ ފުުރުސަތު ދައުލަތުގެ އިދާރާތަކުން ދީފައި އޮތް ސަބަބާ މެދު ސުވާލު އުފެދެ އެވެ.