ރިޕޯޓް / ކަނޑުމަތީގެ ހާދިސާ

ޝިމާ ގެއްލުން: "ކުރި މަސައްކަތް ހެއްދެވި ފަރާތަށް އެނގޭނެ"

ލ. ފޮނަދޫން އެ އަތޮޅު މާމެންދު އަށް، މިދިއަ ހުކުރުދުވަހުގެ އިރު އޮއްސި، ކަނު އަނދިރީގައި، ދަތުރު ކުރަމުން ދަނިކޮށް ޑިންގީ ބަންޑުން ޖަހާލައި އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒު ގެއްލިފައިވާއިރު ޑިންގީ ދުއްވަން އިން ޒުވާނާ އަށް ބައެއް މީހުންގެ ނުރުހުމުގެ އިނގިލި ވަނީ އަމާޒުވެފަ އެވެ.

އިބްރާހިމް ފަޒީލް، 24، އަކީ ޝިމާގެ ޒަމާންވީ ގާތް އެކުވެރިއެކެވެ. ނަމަވެސް ޝިމާ ގެއްލުނު ހިތާމަވެރި ހާދިސާގެ ސަބަބުން އޭނާގެ އާއިލާގެ ހިތްހަމަނުޖެހުން ފަޒީލަށް އެބަ އޮތެވެ.

ހާދިސާއާ ބެހޭ ގޮތުން މިހާތަނަށް ފަޒީލް ދެއްކި ވާހަކަތައް ޝިމާގެ އާއިލާ އާއި ބައެއް އެކުވެރިން ގަބޫލެއްނުކުރެ އެވެ. އެކަމަކު ފަޒީލް ބުނި ގޮތުގައި ޝިމާ ސަލާމަތްކުރަން އޭނާ ވަރަށް މަސައްކަތްކުރި އެވެ.

ނިދާފައި އޮތުމުން ފެރީ ކެޓި

މާލޭގައި އުޅުމަށް ފަހު މިދިއަ ބުރާސްފަތިދުވަހު ވައިގެ މަގުން ކައްދޫ އެއާޕޯޓަށް ޝިމާ ދިޔައީ ރަށަށް ދާށެވެ. ފަޒީލް ބުނާ ގޮތުން ނަމަ ޝިމާ ހުރީ އޭނާގެ 18 މަހުގެ ދަރިފުޅު ކައިރިއަށް ވީހާވެސް އަވަހަކަށް ދާން ބޭނުންވެފަ އެވެ.

ޝިމާ ބަލާ އެއާޕޯޓަށް ދިޔައީ، ލިންކް ރޯޑުން ކައްދުއާ ގުޅިފައި އޮތް ރާއްޖޭގެ އެންމެ ބޮޑު ރަށް، ލ. ގަމަށް ނިސްބަތްވާ ފަޒީލް އެވެ. އަތޮޅު ފެރީ އޮންނަ ދުވަހަށް ވާތީ، އެ މީހުން ނިންމައިގެން ތިބީ ފެރީގައި މާމެންދުއަށް ދަތުރުކުރާށެވެ.

އެކަމަކު ބުރާސްފަތިދުވަހުގެ ހެނދުނު 8:30 ހާ އިރު ޖެއްސި ފްލައިޓްގައި އިންދާ ކަންފަތުން ލޭ އައުމުން ޝިމާ ފުރަތަމަ ބޭނުންވީ، ފަޒީލް ބުނިގޮތުގައި، ޑޮކްޓަރަށް ދައްކާށެވެ. އެހެންވެ އަވަހަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދައްކައި ބޭސް ނެގި ކަމަށް އޭނާ ބުންޏެވެ.

އޭގެ ފަހުން ޝިމާ އެދުނީ، ފަޒީލް ބުނި ގޮތުގައި، އެ ރަށުގައި ނިދާލެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށެވެ. އެހެންވެ ގަމުގެ މުކުރިމަގުގައި ހުންނަ ލާބެ ގެސްޓް ހައުސްއަށް ޝިމާ ގެންދިޔަ ކަމަށް އޭނާ ބުންޏެވެ.

"ޝިމާ ބުނީ އޭނާގެ ރައްޓެއްސަކު ޖިންނި މޮޔަވެގެން ދެ ރޭ ވެއްޖެޔޭ ނުނިދާތާ. އެހެންވީމަ ނިދޭނެ ގޮތް ހަމަޖައްސާލަ ދޭށޭ. ބުނީމަ ގެސްޓް ހައުސްއަކަށް ގެންދިޔައީ،" ފަޒީލް ކިޔައިދިނެވެ.

އެކަމަކު ޝިމާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި އޭނާގެ ދޮންކާފަ އަލީ އިދުރީސް ބުނީ ޝިމާ މަޑުކޮށްގެން ހުރީ ގަމުގައި ހުންނަ ފަޒީލްގެ ގޭގައި ކަމަށެވެ. އެ ގޭ އެންމެންނާ ވެސް ޝިމާ ރައްޓެހި ކަމަށާއި ދޭތެރެ ދޭތެރެއިން އެގެއަށް ގޮސް އުޅޭ ކަމަށް ވެސް އަލީ ބުންޏެވެ.

އާއިލާގެ ފަރާތުން ދައްކާ އެ ވާހަކަ ފަޒީލް ދޮގުކުރެ އެވެ. އޭނާ ތަކުރާރުކޮށް ބުނީ ޝިމާ ހުރީ އެ ގެސްޓް ހައުސްގައި ކަމަށެވެ. އަދި އެ ދުވަހު 2:45 ގައި ފުރަން އޮތް ފެރީއަށް ދާންވާ އިރަށް ހޭލާނެ ކަމަށް ބުނެ ޝިމާ ނިދަން ވަނީ އެ ދުވަހުގެ 10 ޖަހާކަންހާއިރު ކަމަށް ފަޒީލް ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި ފެރީ ފުރާ ވަގުތު ކައިރިވާތީ ދެ ފަހަރެއްގެ މަތިން ޝިމާ އަށް ގޮވި އެވެ. އެކަމަކު އޭނާ ހެއެއް ނުލި އެވެ. ދެން އޭނާ މަސައްކަތްކުރީ މާމެންދޫން ބަޔަކު ގޮވައިގެން ގަމަށް ދިޔަ ލޯންޗަކުން ޝިމާ ފޮނުވާލަން ކަމަށާއި އެގޮތަށް އެކަން ނުވީ ލޯންޗުގެ ކައްޕީގެ ފޯނަށް ގުޅޭ ގޮތް ނުވުމުން ކަމަށް ފަޒީލް ބުންޏެވެ.

ޑިންގީ ހޯދީ ކޮންމެހެން ވެސް ޝިމާ ރަށަށް ދާން ބޭނުންވުމުން

ފަޒީލް ބުނާ ގޮތުގައި މާމެންދުއަށް ދާން ޝިމާ ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ބުރާސްފަތިދުވަހު ހަވީރު ވެސް ޑިންގީއެއްގައި ފުރަން އޭނާ އުޅުނެވެ. އެކަމަކު އެދުވަހު ނުފުރުނީ ފޮނަދޫން ހޯދި ޑިންގީގެ ވެރިފަރާތުން އޭގެ އިންޖީނު ވިއްކާލުމުންނެވެ. އެހެންވެ އެރޭ ޝިމާ ގަމުގައި މަޑުކުރީ ކަމަށް ފަޒީލް ބުންޏެވެ.

އޭނާ ބުނި ގޮތުގައި މާމެންދޫ ލޯންޗުގެ ދަތުރެއް ގަމަށް އޮތްތޯ ބަލަން އޭގެ ކެޕްޓަނަށް، ހުކުރުދުވަހު ވެސް، ގުޅި އެވެ.

"ގުޅީމަ އެ މީހުން ބުނީ މާވަށު ދަތުރެއްގައޭ މި ދަނީ. ގަމަށް ދަތުރެއް [އޮތިއްޔާ] ގެންގޮސް ދޭނަމޭ. ދެން ފަހުން ގުޅާ ފޯނެއް ނުނަގާ،" ފަޒީލް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ދެން އޭނާ މަސައްކަތްކޮށްގެން ފުނަދޫން އެހެން ޑިންގީއެއް ހޯދައި، އެއިން ދަތުރުކުރެވޭނެތޯ ޝިމާ ކައިރިން އެހި އެވެ. މީގެ ކުރިން ފަޒީލް ވަނީ އެކަހަލަ ޑިންގީގައި މާމެންދުއަށް ގޮސްފައި ކަމަށް އޭނާ ބުންޏެވެ.

ލޯޗެއްގައި ގާތްގަނޑަކަށް 20 މިނިޓުން ކުރެވޭ ދަތުރު އެ ޑިންގީގައި މާމެންދުއަށް ދެވޭނެ ކަމަށް އޭނާ ލަފާކުރީ ދެ ގަޑިއިރުންނެވެ.

ހުކުރު ދުވަހުގެ ހަވީރު 6:00 ހާއިރު ލ. ފޮނަދޫ މަގުކޮޅާ ދިމާލުން ޑިންގީގައި ފަޒީލާއި ޝިމާ ކަނޑަށް ނުކުތެވެ. އެކަމަކު އޭރު މޫސުން ގޯހެވެ. ވައި ގަދަވެފައި ކަނޑުގެ ރާޅު ބޮޑެވެ.

"އަހަރެންގެ ފޯނުން ކޯސް ޖެހީ އެރަށު [މާމެންދޫ] ޖެޓީއަށް. ކަނޑަށް ނުކުން ތަނާ ގަދަވި. ދެން އަހަރެން އެހީ ހަމަ ދާންވީހޭ؟ ބުނީމަ ޝިމާ ބުނި އާނއެކޭ ކޮންމެހެން ވެސް ދާން ބޭނުމޭ ދަރި ދެކިލާހިތްވާތީ،" ފަޒީލް ކިޔައިދިނެވެ.

ރިސޯޓަށް ދިޔައީކީ ނޫން، ދެވުނީ!

ގަދަ ކަނޑުގައި، ކަނު އަނދިރީގައި، ހަ ފޫޓުގެ ކުޑަ ޑިންގީގައި ދަތުރުކުރަމުން ގޮސް، ފޮނަދުއާ ޖެހިގެން އޮންނަ ގާދޫ ކައިރިއަށް މަޑުކޮށް ޕެޓްރޯލް އެޅި އެވެ. އަނެއްކާވެސް ދުއްވަމުން ދަނިކޮށް ޕެޓްރޯލް މަދުވުމުން ގާދު އާއި ސިކްސް ސެންސް ލާމް ރިސޯޓާ ދެމެދަށް މަޑުކޮށް ޕެޓްރޯލް އަޅަން މަސައްކަތް ކުރި ކަމަށް ފަޒީލް ބުންޏެވެ.

ރާޅާ އެކު ޑިންގީ ބަންޑުން ޖަހާލީ، އޭނާ ބުނި ގޮތުގައި، 6:50 ހާއިރު އެ މަސައްކަތުގައި ތިއްބަ އެވެ.

"ޕެޓްރޯލް އަޅަން އުޅުނު ވަގުތު ޝިމާ ހުރި އަހަރެންގެ ފޯނުން އަލި ކުރަން. އެހެން ހުއްޓާ ބަންޑުން ޖަހާލީ،" ފަޒީލް ބުންޏެވެ.

އޭނާ ބުނިގޮތުގައި ޑިންގީ ބަންޑުން ޖަހާލުމާ އެކު ފުރަތަމަ ވެސް ޝިމާ ގެއްލުނެވެ. ވަރަށް މަސައްކަތުން އޭނާ ފެނުނީ ޑިންގީ ދަށުން ކަމަށް ފަޒީލް ކިޔައިދިނެވެ.

"ދެން އަހަރެން ޝިމާ އެރުވީ [ބަންޑުން ޖަހާލާފައި އޮތް] ޑިންގީގެ މައްޗަށް. އޭރު ރާޅު ދަނީ ބޯ މަތިން،" ފަޒީލް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެ ގަދާގައި ޑިންގީ މަތީ ޝިމާއަކަށް ނީދެވުނެވެ. އޭނާ ވެއްޓުނެވެ. އަނެއްކާވެސް ޑިންގީ މައްޗަށް އެރުވި ކަމަށް، ފަޒީލް ބުންޏެވެ. އޭރު ޑިންގީގެ ބޮޑު ބައެއް އޮތީ، އޭނާ ބުނި ގޮތުން ނަމަ، އަޑިއަށް ގޮހެވެ.

ޝިމާއަށް ފަތާކަށް ނޭނގެ އެވެ. އެހެންކަމުން ފަޒީލް މަސައްކަތްކުރީ، އޭނާ ބުނި ގޮތުގައި، ތެޔޮ ޓޭންކް މަތީގައި ރަހުމަތްތެރިޔާ ބާއްވާށެވެ. އެހެންވެ ޓޭންކްގައި ހުރި ތެޔޮތައް ހުސްކުރި އެވެ. އެ މަސައްކަތުގައި ދެ މީހުންގެ ގަޔަށް ވެސް ވަރަށް ބޮޑަށް ތެޔޮ އެޅުނު ކަމަށް އޭނާ ބުންޏެވެ.

އޭރު، ފަޒީލް ބުނި ގޮތުގައި، ޑިންގީ އަޑިއަށް ހިނގައްޖެ އެވެ. އޭނާ އޮތީ ވަރުބަލިވެފަ އެވެ. ފެން މަތީ އޮވެވޭނެ ކަމުގެ އުއްމީދު ވެސް ގެއްލިފަ އެވެ. އެހެންވެ، ފަޒީލް ބުނީ، ޝިމާއަށް ހިތްވަރު ވެސް ދިން ކަމަށެވެ.

"ބުނިން ވަރަށް ހިތްވަރު ކުރާށޭ. އަހަރެން ގައިގައި ވަރެއް ނެތޭ. ވަރުދެރަވެގެން އަހަރެން ހަމަ އެއްކޮށް އުއްމީދު ކަނޑާލާފައި ދޫކޮށްލިން އަޑިއަށް ދާން. މަރުވީ ކަމަށް ހީކޮށް އަހަރެން ހަކަތަ ދޫކޮށްލިން،" ފަޒީލް ކިޔައިދިނެވެ.

އެ ހާލުގައި އޮވެ އިރުކޮޅެއް ފަހުން ބަލައިލި އިރު، ފަޒީލް ބުނި ގޮތުގައި، ޝިމާ ފެންނާކަށް ނެތެވެ. އަނދިރިކަމުން ތަނެއް ދޮރެއް ނޭނގެ އެވެ. ޝިމާއަށް ގޮވާގޮވާ، އެއްވެސް ޖަވާބެއް ނުލިބުނު ކަމަށް، ފަޒީލް ބުންޏެވެ.

މި ހާދިސާގެ ހަބަރު ފުރަތަމަ ފެތުރުނު އިރު އަޑުއެރީ، ސިކްސް ސެންސަސް ރިސޯޓާ ދިމާއަށް ފަޒީލް ފަތައިގަތީ އެ ރިސޯޓަށް އަރައި، އެހީއެއް ހޯދަން ކަމަށެވެ. ނަމަވެސް އޭނާ ބުނި ގޮތުގައި އެ ރިސޯޓާ ދިމާއަށް އޭނާއަށް ދެވުނީ އެވެ.

"އިރުކޮޅަކުން އިވުނީ ރާޅު މުގުރާ އަޑު. ދެން އިރުކޮޅަކުން ފައި ޖެހިއްޖެ ގަލެއްގައި. ދެން އަލި ފެނުނު ދިމާލަށް ފަތަން ފެށީ،" ބޮޑު ފަޅެއް އޮންނަ ރިސޯޓަށް ދެވުނު ގޮތާ ބެހޭ ގޮތުން ފަޒީލް ބުންޏެވެ.

ފަޒީލް ބުނި ގޮތުގައި ރިސޯޓަށް އެރުމުން ފުރަތަމަ ފެނުނު ކޮޓަރީގެ ދޮރުގައި ޓަކި ޖެހުމުން ދެ ޓޫރިސްޓަކު ނުކުތެވެ. ވެގެން އުޅޭ ގޮތް އެ މީހުން ކައިރީ ބުނުމުން ރިސޯޓުގެ ރިސެޕްޝަނަށް ގުޅައިދިނެވެ. އެ ރިސޯޓުން ވަގުތުން ފުލުހުންނަށް ގުޅައި ޝިމާ ހޯދުމުގެ މަސައްކަތް ފެށި ކަމަށް ފަޒީލް ބުންޏެވެ.

ސިކްސް ސެންސަސްއަށް ދެވުނީ ރޭގަނޑު 9:30 ހާއިރު އެވެ. އެހެންކަމުން ޑިންގީ ބަންޑުން ޖަހާލުމާ އެކު ފަޒީލް ކަނޑުގައި އޮންނަތާ ގާތްގަނޑަކަށް ތިން ގަޑިއިރު ވަނީ އެވެ.

މި ހާދިސާއާ ގުޅިގެން ފަޒީލް ގަމު ރީޖަނަލް ހޮސްޕިޓަލްގައި އެއް ދުވަހު ބޭއްވި އެވެ. އޭގެ ފަހުން ބައެއް މީޑިއާތަކަށް ހާދިސާގެ ވާހަކަ ކިޔައިދިން ނަމަވެސް، އޭނާ ބުނީ، އެއީ ވަރަށް ހިތްދަތި އަދި ކިޔައިދޭން އުނދަގޫ ހާދިސާއެއް ކަމަށެވެ.

ފަޒީލްގެ ވާހަކަތަކުގައި ގަބޫލުނުކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ޝިމާގެ އާއިލާ އިން ބުނެ އެވެ. އަދި ޝިމާ އެކަނި ދޫކޮށްލާފައި ފަޒީލް އެއްގަމަށް އަރަން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށް، ދޮންކާފަ އަލީ އިދުރީސް ބުންޏެވެ.

އެވާހަކައަށް ފަޒީލް ދިނީ ވަރަށް ކުރު ޖަވާބެކެވެ.

"ހެއްދެވި ފަރާތަށް އެނގޭނެ އަހަރެން ކުރި މަސައްކަތް. ޝިމާއަށް ވެސް އެނގޭނެ އަހަރެން ކުރި މަސައްކަތް. އޭނާއަށް ވަރަށް ހިތްވަރު ލައިދީ މަސައްކަތް ކުރިން."

ޝިމާ ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ސިފައިންނާއި ފުލުހުންގެ އިތުރުން މާމެންދޫ ބައެއް މީހުން ކުރަމުން އައި ނަމަވެސް އޭނާގެ އެއްވެސް ނިޝާނެއް އަދި ނުފެނެ އެވެ.

112 ކޮމެންޓް, 602 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 95%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަސްކިލަނބު

26 February 2019

ކީއްވެހޭ ސްޕީޑު ބާރަށް ދުއްވީ؟ ކީއްވެހޭ ހެލްމެޓް ނޭޅީ؟ ކީއްވެހޭ މިހެން ނެހެދީ؟ ދިވެހިން ކަންކަން ކުރަނީ އެވަގުތަކު އެކަމެއް ކުރުމަށް ބޭނުންވާތީ. ރާވައިގެނެއް ނޫން. ހާދިސާގެ ވަގުތުގައި ކަންކަން ދާނީކީ ލޮޖިކަކަށް ނޫން. ކުއްޖާ ނުގެއްލުނުނަމަ ފަޒީލުވާނީ ހީރޯ އަކަށް. މަންމައަކު ދަރިފުޅާ ބައްދަލުކުރުވަން ކަނޑު ހުރަސްކޮށް ދިންގީއެއްގައި ގެންދިޔަ ބަޠަލަކަށް.

The name is already taken The name is available. Register?

މުހައްމަދު އަހްމަދު

26 February 2019

ރަނގަޅުފެންވަރުގެ ތަހްގީގެއް ކުރެއްވުން އެދެން. 1- ފަޒީލް އެބުނަނީ ތެދަކަށްވެސް ވެދާނެ. 2- ފަޒީލް އޭނާ ބޭނުން ކުރުމަށްފަހު މަރާލީ ކަމަށް ވެދާނެ. 3- ފަޒީލް ބައިވެރިވެގެން ގްރޫޕަކުން އޭނާ ރޭޕް ކުރީ ކަމަށް ވެދާނެ. 4- ފަޒީލާ ގުޅިގެން ޝިމާ ފިލީ ކަމަށް ވެދާނެ. 5- ފަޒީލާ ގުޅިގެން ބަޔަކު ނުވަތަ ފަޒީލު އޭނާ ފޮރުވައިގެން އުޅެނީ ކަމަށްވެދާނެ.

The name is already taken The name is available. Register?

‫އަބްދުﷲނާފިޒް

26 February 2019

ފުލުހުންގެ ޤާބިލުކަމާމެދު ޝައްކެއް ނުކުރަން......

The name is already taken The name is available. Register?

އިހުމާލުވާ މީހުން

26 February 2019

އެމަންޖެ ގޮވާގެން ރިސޯޓަށް ފެތެންޖެހޭނެ. އެކަނި އަންހެނަކު ކަނޑަށް ދޫކޮށް އަންނާކަށް ނުޖެހޭ! އެވެސް އަދި ރޭގަނޑު! އިޙުމާލު އެބައޮތް. ހަނދާނުން ނުފިލާނެ ވަރުގެ ޖަލު ހުކުމެއް އަންނަންޖެހޭ.

The name is already taken The name is available. Register?

Mohamed Ahmed

26 February 2019

ކަލޭ މިތާގަ ގަދަ ވެފަ ވާހަކަ ދައްކާނެ.

The name is already taken The name is available. Register?

މެޖީސިއަން

26 February 2019

ތިކަހަލަ ކަމެއް ތިބޭފުޅާ އައް ދިމާވިނަމަ އިގޭނީ

The name is already taken The name is available. Register?

ފިސާރިކަނބަލެއް

25 February 2019

ސުވާލަކީ އެހާވަރަށް ހޯދިއިރު އެއްވެސް އެއްޗެއްގެ ނިޝާނެއް ނުފެނުނީ ކީއްވެބާ؟ ދެމީހުންގެ ގަޔަށް ޕެޓްރޯލް އެޅުނު ވާހަކަ އެބައޮތް، އަންދާފަ ނައްތާލީބާ؟ ފޯނަށް އެންމެ ފަހުން ރޭންޖް ލިބުނު ވެލިގަނޑެއްގެ ކައިރިންކަމަށް ހަބަރުގަ އޮތް،، ދެމީހުންގެ ފޯނުރެކޯޑްބަލާ، އެދެމީހުންގެ ގުޅުން، މައްސަލައެއްޖެހުނުތޯ؟

The name is already taken The name is available. Register?

ފަޒީލު

25 February 2019

ތިމީހުންނަށް ޤަބޫލު ނުކުރެވެންޏާ މަ މި ދައްކާ ވާހަކައިގެ ތެދު ދޮގު ބެލެންވެސް އެބައޮތް ދޯ؟ މި ބުނީ ގެސްޓްހައުސްގެ ނަންވެސް. ޑޮކަށް ދެއްކި ވާހަކަވެސް. އެތަންތަނަށް ގޮސް މައުލޫމާތު ސާފުކޮށްބަލަ!

The name is already taken The name is available. Register?

ކޭކުބެ

26 February 2019

ފަޒީލު ތިޔަބުނީ ހެޔޮކޮށް. ހެލްމެޓު ނާޅުވައި ކުއްޖަކު ގޮވައިގެން ދަނިކޮށް އެކްސިޑެންޓް ވެ ކުއްޖާއަށް ގޮތެއްވާ ނަމަވެސް، ޤަވާޢިދާ އެއޮތީ ޚިލާފުވެފައި. ދަތުރު ފަތުރުގެ ތަދިކަމުގައި އުޅޭ މީހުން ދަތުރުކުރަން ރިސްކު ނަގާ. އަބަދުވެސް ދިވެހިން ކަނޑުގައި ރިސްކު ނަގާ. ހާދިސާ އަކާއި ކުރިމަތި ވުމުން ފިލްމުތަކާއި ޑްރާމާތަކުގައި ވާގޮތަށްކަށް ނޫން ވާނީ. ވާނުވާވެސް ގިނަފަހަރު ނޭންގި ދާނީ. މީހުން ޝައްކު ކުރާނެ. އެފަރާތް ދެނެވޮޑިގެންވާނެ.

The name is already taken The name is available. Register?

އަހްމަދު

25 February 2019

ތިޔަ ފަޟީލުއާ ދޭތެރޭ މެދުގަ އެއްގޮތަކަށްވެސް ޝައްކުކުރާނެ ކަމެއްނެތް ގަމުގެ ގިނަ މީހުން އެކަމަކާ ޝައްކެއް ނުކުރާނެ. އޭނަޔަށް އެނގޭނެ. ހަމަ އޮޅުވާލަނީ.

The name is already taken The name is available. Register?

ޙިނި

25 February 2019

ފުލުހުންނާ މުޅި ގައުމު އަދިވެސް ވާނުވާގަ؟ ފާޒީލް، ޝިމާ ސަލާމަތް ކުރަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ފަޒީލް ހުންނަން ޖެހޭނީ ހައްޔަރުގަ ޖަލުގަ. ފަޒީލް ވަނީ ކަންޑު ދަތުރު ކުރުމުގެ ގާނޫނާ ހިލާފްވެ ޝިމާ ގެ ފުރާނަޔައް ނުރައްކާ ކުރުވާ އޭނާ ކަންޑައް ގެއްލުވާލާފަ. ކީއްވެ ފަޒީލް މިނިވަނެއް ގޮތުގަ އެހެރީ

The name is already taken The name is available. Register?

‫އަބްދުﷲނާފިޒް

26 February 2019

‫ތިސުވާލު ޗާންސެލަރާ ކުރަށްވާ

The name is already taken The name is available. Register?

އަލީސ

25 February 2019

މަގޭ ހިތެއް ނުބުނޭ ފަޒީލު އެހަދަނީ ދޮގެކޭ......އިރާދަކުރެއްވިޔާ ޝިމާ ފެންނާނެ

The name is already taken The name is available. Register?

ޥިސްނާށޭވެ އި

25 February 2019

ޥެދާނެ ތެދު ކަމަށްވެސް އެކަމު އެހެންވީ ކަނޑު ދަތުރު ކުރުމުގެ ޤަވާއިދާވެސް ހިލާފު ވީމަ އެހެން ވީމަ އެކަމަށް ފިޔަވަޅު އަޅަންޖެހޭ މި ފަދަ ކަންކަން މަދުކުރުމަށް ވެސް

The name is already taken The name is available. Register?

އޭނަ

25 February 2019

އެދެމީހުން ފޮނަދޫއިން ފުރައިގެން ދިޔަ އިރު ފެނުނު ބަޔަކު ނެތީތަ؟ އެ ދެމީހުން ފުރަން ދަނިކޮށް އެއްވެސް ތަނެއްގެ ސީސީ.ޓީ ކެމެރާއަކަށް އަރާފައިވޭތޯއާއި އެދުވަހު ހަވީރު އެދެމީހުން ފެނުނު މީހުން ތިބިތޯ ޔަޤީން ކުރަން އެބަ ޖެހޭ. އަދި އެ މަންޖެގެ ލަގެޖްވެސް ޑިންގީއަށް އަރުވާނެތާ! މާލެއިން އައި ކުއްޖެއްގެ އަތުގައި ލަގެޖް ބޭގްވެސް ނެތި ހުސްއަތާ ޑިންގީއަށް އެރީތަ؟ ފުރަން ދަނިކޮށް އެދެމީހުން ތަކެއްޗާއެކު ފެނުނު މީހުން ފޮނަދޫ މީހުންގެ ބަހެއް ބޭނުންވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454