އާންމު އިންތިހާބު: ވޯޓު ގަނެ ވިއްކުމުގެ ވިޔަފާރިއެއް؟

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް 20 ދުވަހަށް ވީއިރު، ބައެއް މީހުން ޖެހިލުމެއް ނެތި ފައިސާގެ ބޮޑެތި އަދަދުތައް ދިނުމަށް އެދި ކެންޑިޑޭޓުންނަށް ކުރަނީ އާދޭހެވެ. ފައިސާ ނުދީފި ނަމަ، ސަބަބެއްގެ ގޮތުގައި އެމީހުން ދައްކަނީ އެންމެ ކުޑަމިނުން އާއިލާގެ މެމްބަރެއްގެ ވޯޓު ވެސް ނުލިބޭނެ ކަމެވެ.


ހަމައެކަނި އެވަރުން ފުދުނީކީ ނޫނެވެ؛ ވަކި ފަރުދަކަށް ނުވަތަ ވަކި ޖަމާއަތަކަށް މާލީ މަންފާއެއް ނުވަތަ ހިދުމަތެއް ދޭނެ ކަމަށް ބުނެ ކެންޑިޑޭޓުން ފުލުފުލުގައި ވައުދުވަނީ އެވެ.

އާންމު އިންތިޚާބު ބޯމަތިވެފައިވާ އިރު، ދިވެހިންގެ ސަމާލުކަން ހުއްޓިފައި ވަނީ ކެންޑިޑޭޓުންނަށެވެ. ދެ ހަފްތާ ފަހުން އިންތިޚާބު ރައްޔިތުންނާ ބައްދަލު ކުރާއިރު، ކެމްޕެއިންގެ ފޯރި ވަނީ ވައިގައި ހިފައިފަ އެވެ. ކެންޑިޑޭޓަކު ވައުދެއްވެއްޖެ ނަމަ، ދެން ހުރި ކެންޑިޑޭޓުގެ ވައުދު މާ ބޮޑެވެ. އިންތިޚާބު ކުޑަތަންވީ ވަރަކުން ބައެއް މީހުން ކެންޑިޑޭޓުންގެ "ފައިބުޑަށް" ވެއްޓޭ މަންޒަރު ވެސް ގިނަ އެވެ.

އިންތިޚާބުގައި ދެކުނުގެ ދާއިރާއަކަށް ވާދަކުރައްވާ ކެންޑިޑޭޓެކެވެ؛ ކެންޑިޑޭޓުގެ ދާއިރާގައި 5،100 އަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ. މަޖިލިސް އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަކީ އޭނާ އަށް މިހާރު ބޮޑު ތަކުލީފެކެވެ. ދާއިރާގެ ރައްޔިތުން އެކި ކަންކަމުގައި ނުގުޅާ އިރެއް ނުދެ އެވެ. އޭނާ އަށް ގުޅާ ކޮންމެ މީހަކު ހެން ޑިމާންޑް ކުރަނީ ފައިސާގެ ބޮޑެތި އަދަދުތަކަށެވެ.

"ދުވާލެއްގެ މައްޗަށް އާދޭ 20-30 މީހުންގެ ފޯން ކޯލް. މުޅިން ހެން ގުޅަނީ ދާއިރާގައި ދިރިއުޅޭ މީހުން އެކި ކަންކަމުގައި. އެކަކު ގުޅާފައި ބުނެފާނެ ދަރިފުޅާ އެއްކޮށް ބޭސްފަރުވާ އަށް ބޭރަށް ފުރަން ދާން ހާހެއްހާ ޑޮލަރު ޖަމާކޮށް ދޭން. އެހެން މީހަކު ބުނެފާނެ ވަކި މިންވަރަކަށް ފައިސާ ދިނީމައޭ ވޯޓުލާނީ،"

"ދުވާލެއްގެ މައްޗަށް އާދޭ 20-30 މީހުންގެ ފޯން ކޯލް. މުޅިން ހެން ގުޅަނީ ދާއިރާގައި ދިރިއުޅޭ މީހުން އެކި ކަންކަމުގައި. އެކަކު ގުޅާފައި ބުނެފާނެ ދަރިފުޅާ އެއްކޮށް ބޭސްފަރުވާ އަށް ބޭރަށް ފުރަން ދާން ހާހެއްހާ ޑޮލަރު ޖަމާކޮށް ދޭން. އެހެން މީހަކު ބުނެފާނެ ވަކި މިންވަރަކަށް ފައިސާ ދިނީމައޭ ވޯޓުލާނީ. މިހެން ގޮސް އެހީއެއް ބޭނުންވެގެން ކޮންމެ މީހަކު ގުޅަނީ،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި ކެންޑިޑޭޓު ވިދާޅުވި އެވެ.

އުތުރުގެ ދާއިރާއަކަށް ވާދަކުރައްވާ އެހެން ކެންޑިޑޭޓެކެވެ؛ ގޭގެއަށް ޒިޔާރަތް ކުރައްވައި ރައްޔިތުންނަށް ވެވަޑައިގަންނަވަނީ ބޮޑެތި ވައުދުތަކެވެ. ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށް، ރަށުގެ ބިން ހިއްކައިދީ މަގުތަކުގައި ތާރު އަޅައިދޭނެ ކަމުގެ ވައުދެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި މާލޭގައި ބަހައްޓާފައި ހުރި ފޮއްޓަކަށް މީހަކު ވޯޓުލަނީ: ދެން އޮތީ މަޖިލިސް އިންތިހާބު--ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ހަގީގަތަކީ، މިއިން ކޮންމެ ކަމެއް ވެސް ރިޝްވަތުގެ ގޮތުގައި ބެލިދާނެ އެވެ. އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ސަބަބުން ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ދީފައި އޮތީ ފުލުހުންގެ ބަދަލުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށެވެ. އެގޮތުން އިންތިޚާބާ ގުޅޭ ގޮތުން ހިނގާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގެ ބާރު ވެސް އޮތީ އޭސީސީއަށެވެ.

ކޮންމެ ކެންޑިޑޭޓަކަށް ވެސް އިންތިޚާބާ ގުޅިގެން ހަރަދު ކުރެވޭނެ އެންމެ މަތީ މިންވަރަކީ އިންތިޚާބީ ދާއިރާއެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 2,000 ރުފިޔާގެ މަގުން ހިސާބުކުރުމުން ނުކުންނަ އަދަދު ކަމަށް އިންތިޚާބާ ބެހޭ އާންމު ގާނޫނުގައި ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު ވޯޓު ގަތުމަށާއި ރިޝްވަތު ދިނުން ފަދަ ކަންކަމަށް އެފައިސާ ބޭނުންކުރުމަކީ ކަނޑައެޅިގެން ގާނޫނާ ހިލާފް ކަމެކެވެ.

ކެންޑިޑޭޓުންނަށް ނުވެވޭނެ ވައުދުތަކުގެ ތެރޭގައި ވަކި ފަރުދަކަށް ނުވަތަ ވަކި ޖަމާއަތަކަށް މާލީ މަންފާއެއް، އެހީއެއް ނުވަތަ ހިދުމަތެއް ދޭން ބުނުމާއި ރަށުގެ ތަރައްގީ އަށް މަސައްކަތްކޮށް ދޭނެ ކަމަށް ބުނުމާއި ދާއިރާގެ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާކޮށް ދިނުމަށް ބުނުން ފަދަ ކަންކަން ހިމެނެ އެވެ.

ކެންޑިޑޭޓުންނަށް ނުވެވޭނެ ބައެއް ވައުދުތައް:

- ފުޓްބޯޅަ ދަނޑެއް އަޅައި ދިނުމަށް ވައުދުވުން.

- ހިލޭ ބޭސްފަރުވާކޮށް ދިނުމަށް ވައުދުވުން.

- ގުރުއާނާއި ކުޅިވަރު މުބާރާތްތަކަށް ހަރަދު ކުރާނެ ކަމަށް ވައުދުވުން.

- އެކިއެކި ހަރަކާތްތައް އިނާމް ދީ ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް ވައުދުވުން.

- އިންތިޚާބުވުމަށް ފަހު މުސާރައިގެ ވަކި ޕަސަންޓެއް ދާއިރާ އަށް ހަރަދުކުރާނެ ކަމަށް ބުނުން.

އޭސީސީގެ ސީނިއަ އެޑިއުކޭޝަން އޮފިސަރު މުހައްމަދު ޝާކިރު "މިހާރު" އަށް ވިދާޅުވީ އާންމު އިންތިޚާބާ ދިމާކޮށް ތަފާތު އެކި ކަންކަމަށް ކެންޑިޑޭޓުން އެހީ ދިނުމުގެ މައްސަލަތައް ކޮމިޝަނަށް ހުށަހަޅާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބާ ހިލާފަށް މަޖިލިސް އިންތިޚާބުގައި ނުކުންނަ ކެންޑިޑޭޓުން ގިނަ ކަމުން އެ މައްސަލަތައް ކޮމިޝަންގެ ސަމާލުކަމަށް އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގުން މަދު ކުރުމަށްޓަކައި އޭސީސީން ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދެ އެވެ. އަދި އޭސީސީ އަށް ހުށަހަޅާ އިންތިޚާބީ ކޮރަޕްޝަންގެ މައްސަލަތައް ބަލަން އެ ކޮމިޝަންގައި ވަނީ ހާއްސަ ތަހުގީގު ޓީމެއް ވެސް އެކުލަވާލައިފަ އެވެ.

"ގިނަ އިން ހުށަހެޅިފައި ހުރީ އެހީ ދިނުމުގެ މައްސަލަތައް. ގިނަ ބަޔަކު ބުނަނީ ނޭނގި ހިނގާފައި އޮތް ކަމެކޭ. އެކަމަކު ގާނޫނެއްގައި އޮންނަ އެއްޗެއް ނޭނގުމަކީ ކުށުން ބަރީއަވެވޭވެނެ ކަމެއް ނޫން. ގާނޫނީ ގޮތުން އެމީހަކު އެ ކުރަނީ ވަރަށް ބޮޑު ކުށެއް،" ޝާކިރު ވިދާޅުވި އެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި ރިޝްވަތުގެ ކުށްތަކުގެ ގޮތުގައި ހިމަނާފައިވަނީ ވޯޓު ދޭން ހުރި މީހަކަށް، ދައުލަތުގެ މުވައްޒަފެއް ނުވަތަ އަމިއްލަ ފަރުދަކު ދޭ ރިޝްވަތުގެ ކުށާއި ވޯޓު ދޭން ހުރި މީހަކަށް ނުވަތަ ޖަމާއަތްތަކަށް ކެންޑިޑޭޓަކު ދޭ ރިޝްވަތުގެ ކުށެވެ. ގާނޫނުލްއުގޫބާތުގައި މިފަދަ ކުށްތަކަށް އޮތް އެންމެ ކުޑަ އަދަބަކީ އެއް އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެކެވެ.

އިންތިޚާބުތަކާ ގުޅިގެން ހިންގާ ރިޝްވަތުގެ ކުށެއްގެ މައުލޫމާތު ސިއްރު ކުރުމަކީ ވެސް ކުށެކެވެ. އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި ކުށެއް ކަމަށް ބަޔާންކޮށްފައިވާ އެއްވެސް ކުށެއްގެ މައުލޫމާތު ސިއްރެއް ނުކުރެވޭނެ އެވެ.

ގާނޫނުގެ ތެރެއިން ކެންޑިޑޭޓުންނަށް ކުރެވޭނެ ބައެއް ކަންކަމުގެ ތެރޭގައި ދާއިރާގެ މީހުންނާ ބައްދަލުކޮށް އާންމުންގެ މަސްލަހަތަށްޓަކައި ބޭނުންވާ ކަންކަމަކީ ކޮބައިކަން އޮޅުންފިލުވުމާއި މަޖިލިހުގެ ނަޒާހަތްތެރިކަމާ އެކު އެ ކެންޑިޑޭޓަކު މަސައްކަތް ކުރާނެ ގޮތްތައް އޮޅުން ފިލުވައިދިނުމާއި އެހެން ކެންޑިޑޭޓުންނާ އަޅާބަލާއިރު ތިމާ އަށް ވޯޓު ދޭން ޖެހޭ ގާނޫނީ ގޮތުން ހުއްދަ ކުރެވޭ ސަބަބުތައް ބުނެދިނުމެވެ.

މީގެ އިތުރުން ރައްޔިތުންގެ ލާބަ އާއި މަންފާ އަށް އެ ކެންޑިޑޭޓަކު މަޖިލިހަށް ހުށަހަޅާނެ ބިލްތަކަކީ ކޮބައިކަމާއި މިހާރު އަމަލުކުރާ ގާނޫނުތަކަށް ގެންނަން ހުށަހަޅާނީ ކޮން އިސްލާހުތަކެއް ކަމާއި އުވާލަން ހުށަހަޅާނީ ކޮން ގާނޫނުތަކެއްކަން ހާމަކުރުމަކީ ވެސް ކެންޑިޑޭޓުންނަށް ކުރެވޭނެ ކަންކަމެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ހިނގަމުން ދަނީ. --- ފޮޓޯ: މަޖިލިސް

ޝާކިރު ވިދާޅުވި ގޮތުގައި އޭސީސީ އަށް ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި އެކަށީގެންވާ ހެއްކެއް ނެތުމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅަން ހުރަހަކަށް ވެ އެވެ. އެހެންވެ، މައްސަލައެއް ހުށަހަޅާ އިރު، ހެއްކާ އެކު ހުށަހެޅުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ފުޓްބޯޅަ މުބާރާތަކަށް ވެއްޖެ ނަމަ، އެ މުބާރާތުގެ ފޮޓޯ އާއި ވީޑިއޯ ހުށަހެޅުމަކީ ބޭނުންތެރި ކަމެއް. ރިޝްވަތުގެ ގޮތުގައި ހިނގާ މުއާމަލާތްތައް ވެސް ހުށަހެޅުން މުހިންމު. ރިޝްވަތުގެ މައްސަލަތައް ސާބިތުކުރެވޭ ވަރަށް ހެއްކެއް މިހާތަނަށް ހުށަހަޅާފައި ނެތް،" ޝާކިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭސްފަރުވާ ކުރުމުގެ ބޭނުމުގައި ކެންޑިޑޭޓުގެ ހަރަދުގައި މީހުން ތަންތަނަށް ފޮނުވުމަކީ ރިޝްވަތުގެ އަމަލެއް ކަމަށެވެ. އަދި ވަކި އަދަދަކަށް ޑޮލަރު ނުވަތަ ރުފިޔާ ދިނުމާއި ގެ އެޅުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް ކެންޑިޑޭޓުންނަށް ނުކުރެވޭނެ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭސްފަރުވާ ކުރުމުގެ ބޭނުމުގައި ކެންޑިޑޭޓުގެ ހަރަދުގައި މީހުން ތަންތަނަށް ފޮނުވުމަކީ ރިޝްވަތުގެ އަމަލެއް. އަދި ވަކި އަދަދަކަށް ޑޮލަރު ނުވަތަ ރުފިޔާ ދިނުމާއި ގެ އެޅުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ކެންޑިޑޭޓުންނަށް ފުރިހަމަކޮށް ނުދެވޭނެ ކަންކަމެއް ނޫން.

"އާންމުން ހޭލުންތެރިނުވުމުން ރިޝްވަތުކަން ނޭނގި ފާޅުގައި ފައިސާ އަށް އެދެމުންދޭ،" ޝާކިރު ވިދާޅުވި އެވެ.

އޭނާ ވަނީ ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ކެންޑިޑޭޓުން ވައުދުވަމުން ދާއިރު، ގާނޫނީ ތަރަހައިގެ ތެރެއިން އެކަން ކުރަން އިލްތިމާސް ކުރައްވައިފަ އެވެ. އަދި މަޖިލިހުގެ އިންތިޚާބުގައި ދާއިރާ އަށް އެންމެ ނަޒާހަތްތެރި ކެންޑިޑޭޓަކު އިންތިޚާބުކޮށް ދޭން އޭނާ އެދިވަޑައިގެންނެވި އެވެ.

އޭސީސީ އިން ބުނި ގޮތުގައި ކެންޑިޑޭޓުންނަށް ވެވެނޭ ބައެއް ވައުދުތަކުގެ ތެރޭގައި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ކެންޑިޑޭޓު އިންތިޚާބުވުމުން ކަންކަން ކުރާނެ ގޮތް ހާމަކޮށްދިނުމާއި ގައުމަށް ކުރިމަތިވާ އިޖްތިމާއީ މައްސަލަތަކުގެ ހައްލު ހޯދައި ދިނުމުގައި ކެންޑިޑޭޓު ގެންގުޅޭނެ ސިޔާސަތުތަކާއި މަޖިލިހުގެ ތެރެއިން ކަންކަން ކުރާނެ ގޮތްތައް ރައްޔިތުންނަށް ހާމަކޮށްދިނުން ހިމެނިދާނެ އެވެ.

ކެންޑިޑޭޓުންނަށް ވެވޭނެ ވައުދުތައް:

- މަޝްރޫއުތައް ހިނގާއިރު ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށް ބުނުން.

- މަޖިލިހުގެ ތެރެއިން މިނިވަން މުއައްސަސާތައް ޖަވާބުދާރީ ކުރުވާނެ ގޮތް ބުނުން.

- ރައްޔިތުންނާ ގުޅޭ ބިލްތަކުގައި ހިޔާލު ހޯދާނެ ކަމަށް ވައުދުވުން.

- ބަޖެޓުގައި މަޝްރޫއުތައް ހިމެނުމަށް މަސައްކަތް ކުރާނެ ކަމަށް ވައުދުވުން.

- ރައްޔިތުންނާ ފަސޭހަ އިން ބައްދަލުވާނެ ކަމަށް ވައުދުވުން.

- ބިލްތައް ފާސްކުރުމުގައި ރައްޔިތުންގެ މަސްލަހަތަށް އިސްކަން ދޭނެ ކަމަށް ބުނުން.

- ނަޒާހަތްތެރިކަމާއި ތެދުވެރިކަމާ އެކު ހުވާގެ މަތީގައި ހުންނާނެ ކަމަށް ބުނުން.

އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ މަޖިލިސް އިންތިޚާބުގައި 87 ދާއިރާއަކަށް 389 ކެންޑިޑޭޓުން ވަނީ ކުރިމަތިލައިފަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ވާދަކުރަނީ އަމިއްލަ ގޮތުންނެވެ. ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ ދާއިރާ އަށް ކުރިމަތިލީ އެމްޑީޕީންނެވެ.

ހަގީގަތަކީ މަޖިލިހަށް ހޮވަންވީ ފަސްބައިގައި ކިލަނބުކަމެއް ނެތް، ދީނަށް ތެދުވެރި، ގައުމު ދެކެ ލޯބިވާ، ތައުލީމީ، ދާއިރާގެ ތަރައްގީ އަށް ވިސްނާ، އަމާނާތްތެރި ކެންޑިޑޭޓެކެވެ. ރައްޔިތުން ވޯޓުލާންވީ ކުލައަކަށް ނޫނީ ފިކުރަކަށް ނޫނެވެ. ގާބިލްކަމަށް ގަބޫލު ކުރެވޭ މީހާ އަށެވެ. އެކަމަކު، އެންމެ ފުރަތަމަ ކަމަކަށް، ކެންޑިޑޭޓުންނެކޭ އެއްގޮތަށް، ރައްޔިތުން ވެސް އިހްލާސްތެރިވާން ޖެހެ އެވެ.