ރިޕޯޓް / ރައްޔިތުންގެ މަޖިލިސް

މަޖިލީހުން ސުޕްރީމް ކޯޓުގެ ނިންމުމަކާ ޚިލާފްވަނީތަ؟

މަޖިލިސްގެ އިދާރާ: އިތުބާރު ނެތްކަމުގެ ވޯޓާ ގުޅޭގޮތުން މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން މަޖިލީހުގެ ކޮމެޓީން ވަނީ ފާސްކޮށްފައި --ފޮޓޯ/މިހާރު

އާ ސަރުކާރަށް އަދި ހިންދަމާނުލެވި އުޅެނިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލަ އެވެ. އިންޑިއާއަށް ރާއްޖެ ހިފިދާނެ ކަމަށް މާރިޔާ ވިދާޅުވި ވިދާޅުވުމަކާ ގުޅިގެން އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ އިދިކޮޅު ކޯލިޝަންގެ މެމްބަރުންނެވެ. މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އެހާ ކުރު މުއްދަތެއްގައި ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅި ފުރަތަމަ ފަހަރެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅިއިރު، އިތުބާރު ނެތްކަމުގެ ވޯޓުތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ކުރިން ކޮށްފައިވާ ހުކުމެއް އޮތެވެ. ސުޕްރީމް ކޯޓުން މެއި، 2017 ގައި ކުރި ހުކުމުގައިވާ ގޮތުން ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ފަނޑިޔާރުންގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރިޔަސް، އެ ނިންމުމުގެ ސައްހަކަން ބިނާވާނީ ސުޕްރީމް ކޯޓުން އެކަމުގައި ގޮތެއް ނިންމުމުންނެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން މާރިޔާގެ މައްސަލަ މަޑުޖައްސާލި އެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމުގައި ހުރި ކަންކަން މަޖިލީހުގެ ގަވާއިދަށް އިތުރުކުރުމުގެ މަސައްކަތް ފެށި އެވެ. އެކަމަކު މަޖިލީހުގެ އާންމު ކޮމެޓީން މިދިޔަ ހަފުތާގައި އެ އިސްލާހުތައް ފާސްކުރިއިރު، އެކަން އޮތީ އަނެއްކާވެސް ޚިޔާލު ތަފާތުވުންތަކެއްގެ ތެރެއަށް ގޮސްފަ އެވެ.

ގަވާއިދަށް ކޮމެޓީން އިސްލާހު ގެނައީ ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ފަނޑިޔާރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާ ގުޅޭ ގޮތުން ހުރި ބައިތަކަށެވެ. އެފަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި އަމަލު ކުރަން ޖެހޭ އިޖްރާއާތުތަކާއި އެ މައްސަލައެއް ރައްދުވާ ފަރާތަށް ދިފާއުވުމުގެ ފުރުސަތު ދިނުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތަކާއި އެކަމަށް ދެވޭނެ ވަގުތުތައް ވެސް އެ އިސްލާހުގައި ހިމަނާފައިވެ އެވެ.

އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި ފުރިހަމަކުރަން ޖެހޭ އާ އިޖްރާއާތުތަކެއް އެ އިސްލާހުގައި ހިމަނާފައި އޮތަސް، އެ އިސްލާހު މިހާރު ވެސް އޮތީ ކުރިން ވެސް އޮންނަ ގޮތަށް، އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރުމާ އެކު އެވަގުތުން ފެށިގެން އެ ބޭފުޅަކު މަގާމުން ވަކިވާ ގޮތަށެވެ. އެހެންވެ އަނެއްކާ މިހާރު ހިޔާލު ތަފާތުވުންތަކެއް އުފެދިއްޖެ އެވެ.

މަޖިލީހުން އިތުބާރު ނެތްކަމުގެ މައްސަލައެއް ފާސްކުރިޔަސް، އެކަމުގެ އެންމެ ފަހުގެ ނިިންމުން ނިންމުމުގެ ބާރު އޮތީ ސުޕްރީމް ކޯޓަށެވެ. މި ބަދަލު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުން ގެނައީ އޭރުގެ ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ އޭރުގެ އިދިކޮޅު އެމްޑީޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ބައެއް މެމްބަރުން ހުށައަޅުއްވަން އުޅުއްވުމުންނެވެ. އޭރު ޔަގީންކުރެވުނީ ސުޕްރީމް ކޯޓުން އެ ހައްލު ހޯދައިދިނީ ސަރުކާރު ދަމަހައްޓައިދޭން ކަމެވެ.

އެކަމަކު ގާނޫނު އަސާސީ ބުނާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރުމާ އެކު، އެ މީހަކު އެ މަގާމުން ވަކިވާނެ އެވެ. ވަޒީރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ފަނޑިޔާރުންނާ މެދު ވެސް ގާނޫނު އަސާސީގައި އޮތީ އެގޮތަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމް އައީ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާ ގުޅޭ ގޮތުން ގާނޫނު އަސާސީގައި ހުރި މާއްދާތައް މާނަކުރުމަށް ފަހު އެވެ.

ސުޕްރީމް ކޯޓުގެ ހުކުމް

ސުޕްރީމް ކޯޓުގެ އެ ހުކުމުގައިވާ ގޮތުން ވަޒީރުންގެ އިތުބާރު ނެތްކަމަށް ފާސްކުރުމުގެ ބާރު މަޖިލީހަށް ލިބޭ ގޮތަށް ގާނޫނު އަސާސީގައި އޮންނަ މާއްދާ މާނަކުރަން ޖެހޭނީ ތިން ބާރު ވަކިވެފައި އޮންނަ ރިޔާސީ ނިޒާމުތަކުގައި އޮންނަ އިމްޕީޗްމަންޓް އިޖްރާއާތުގެ މައްޗަށް ބިނާކޮށްގެންނެވެ. އަދި އެ ބާރު މަޖިލީހުން ބޭނުން ކުރަންވާނީ އެއް ބާރުން އަނެއް ބާރުގެ މަސްއޫލިއްޔަތުތަކަށް ހުރަސް އެޅުމެއް ނެތި، ބާރުތަކުގެ މުސްތަގިއްލުކަން ނުގެއްލޭނެ ފަދަ ގޮތަކަށް ކަމަށް ވެސް ހުކުމުގައިވެ އެވެ.

"ގާނޫނު އަސާސީގެ ބުނެވިދިޔަ މާއްދާތަކުގެ ދަށުން ރައްޔިތުންގެ މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއްގެ ސައްހަކަން ބިނާވެގެންދާނީ އެ ނިންމުމަކާ މެދު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައެޅުމަށް ފަހު...." ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްވެވި ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ އެ ހުކުމް ނެރުނީ އޭރުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ފަރާތުން ހުށަހެޅުއްވި ދުސްތޫރީ މައްސަލައަކާ ގުޅިގެންނެވެ. ދައުވާ ލިބޭ ފަރާތެއް ނެތް، އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި ދައުލަތުން އޭރު އެ މައްސަލަ ހުށަހެޅީ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި ވަޒީރުން ވަކިކުރުމަކީ ސިޔާސީ ގޮތުން މަޖިލީހުން ނިންމާ ނިންމުމެއްގެ މައްޗަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށާއި އިތުބާރު ނެތްކަމުގެ ވޯޓުން ވަޒީރުން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބުތަކެއް ހުރެގެން ކުރެވޭ އިމްޕީޗްމެންޓަކުން ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެވެ.

މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ/މަޖިލިސް

އޭރުގެ އިދިކޮޅު ފަރާތްތައް އަދި މިހާރު ސަރުކާރު ކޯލިޝަންގައި ތިއްބެވި ބޭފުޅުންގެ ގިނަ ފާޑު ކިޔުންތަކެއް އެ ހުކުމަށް އަމާޒުވި އެވެ. އޭރު އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރީ އެއީ އޭރުގެ ސަރުކާރަށް މަޖިލީހުގައި އޮތް އަޣުލަބިިއްޔަތު ގެއްލިދާނެ ކަމުގެ ބިރުގައި ސަރުކާރުން ކުރި ކަމެއްގެ ގޮތުގަ އެވެ.

ގާނޫނީ ތަޖުރިބާކާރުންގެ ފާޑުކިޔުން ވެސް އެ ހުކުމަށް އަމާޒުވި އެވެ. އެކަމަކު އެ ހުކުމާ މެދު އެހެން ގޮތަކަށް ސުޕްރީމް ކޯޓުން ކަނޑަނާޅާހާ ހިނދަކު، އެ ހުކުމަށް ފުރިހަމައަށް އަމަލު ކުރަން މަޖިލީހާއި ދައުލަތުގެ އެހެން އިދާރާތަކަށް ވެސް ލާޒިމެވެ.

އިސްލާހު އެގޮތަށް ކީއްވެ؟

މަޖިލިހުގެ ގަވާއިދަށް ގެންނަ އިސްލާހު ކޮމެޓީގައި ފާސް ކުރިއިރު، އެ ހުކުމް ދެމިއޮތުމުން އިދިކޮޅު މެމްބަރުންނާއި ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވި އެވެ. އަދި އެ އިސްލާހަށް ވޯޓަށް އަހަން ތާވަލްކުރުމަށް ފަހު، އެންމެ ފަހު ވަގުތު އެކަމުގައި ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ކަމަށް ބުނެ، އިސްލާހަށް ވޯޓަށް އެހުން ވަނީ ފަސްކޮށްފަ އެވެ. އެކަމަކު އެފަދަ ބޮޑު ކަމަކާ ގުޅުން ހުރި އިސްލާހެއް ކޮމެޓީ މަރުހަލާގައި އަވަސް އަރުވާލައިގެން ފާސްކުރިއިރު އެކަންކަމަށް ކުރިން ނުބެލީ ކީއްވެގެންތޯ ސުވާލު އުފެދެ އެވެ.

ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވިދާޅުވާ ގޮތުން އެ އިސްލާހު އޮތީ ސުޕްރީމް ކޯޓުގެ ހުކުމާ ޚިލާފަށެވެ. އެ ބޭފުޅުން ވެސް ދައްކަވާ އެއް ސަބަބަކީ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރާ ހިސާބުން ފެށިގެން ވަގުތުން އެ މީހަކު މަގާމުން ވަކިވާ ގޮތަށް އޮތުމެވެ. މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް އެ އިސްލާހު ފާސްކުރީ އަވަސް އަރުވާލައިގެން ކަމަށް އެމްޑީޕީގެ މެމްބަރުން ވިދާޅުވެ އެވެ.

އެކަމަކު އެ އިސްލާހު ހުށަހެޅުއްވި އަދި އެ އިސްލާހު ފާސްކުރަން ކޮމެޓީގައި ވޯޓު ދެއްވި އިދިކޮޅު މެމްބަރުން އެކަމަށް ދައްކަވާ ސަބަބަކީ އިތުބާރު ނެތްކަމަށް ފާސްކުރެވޭ ބޭފުޅަކު އެކަމާ ހިތްހަމަނުޖެހޭ ނަމަ، އެ ބޭފުޅަކަށް ސުޕްރީމް ކޯޓަށް ވަޑައިގަތުމުގެ ފުރުސަތު އޮތް ކަމަށެވެ.

އެކަމަކު ފާހަގަކޮށްލަން ޖެހޭ ކަމަކީ ސުޕްރީމް ކޯޓުގެ ހުކުމް އޮތީ އިތުބާރު ނެތްކަމަށް ފާސްކުރެވޭ ބޭފުޅަކު ކޯޓަށް ދިއުމާއި ނުދިއުން އިހްތިޔާރީ ކަމެއްގެ ގޮތުގައި ދޫކޮށްލާފައި ނޫން ކަމެވެ. އެ ހުކުމް ބުނާ ގޮތުން އިތުބާރު ނެތްކަމަށް މަޖިލީހުން ނިންމާ ނިންމުން ސައްހަވާނީ ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުންނެވެ. މާނައަކީ މަޖިލީހުން އިތުބާރު ނެތް ކަމަށް ނިންމިިޔަސް އެކަމުގައި ސުޕްރީމް ކޯޓުގެ ނިންމުމެއް ނެތީސް، އެ މީހެއްގެ މަގާމާ މެދު ވަކި ގޮތެއް ކަނޑަނޭޅޭނެ ކަމެވެ.

ގާނޫނީ ބޭފުޅުންގެ ދެކެވަޑައިގަންނަވާ ގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމާ މެދު ހިތްހަމަނުޖެހުނަސް، އެ ހުކުމް ދެމިއޮތްހާ ހިނދަކު އެއަށް އަމަލު ކުރުން ނޫން ގޮތެއް ދައުލަތުގެ މުއައްސަސާތަކާއި އެނޫން ވެސް ފަރާތަކަށް ނޯންނާނެ އެވެ.

"ގާނޫނު ވަރަށް ސާފު. ސުޕްރީމް ކޯޓުން އެ ނިންމުން ބަދަލު ނުކުރާހާ ހިނދަކު، އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ފަރާތްތަކުން ވެސް އެއަށް އަމަލު ކުރަން ޖެހޭނެ،" ވަކީލް މައުމޫން ހަމީދު ވިދާޅުވެފައިވެ އެވެ.

އިތުބާރު ނެތްކަމުގެ ވޯޓާ މެދު ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށް އެ ކޯޓުގެ ނިންމުމުގައި އޮތީ ސާފުކޮށް ބަޔާންކޮށްފަ އެވެ. އެއަށް އެއްވެސް ބަދަލެއް ގެނައުމުގެ ހަމައެކަނި ބާރު އޮތީ ވެސް ސުޕްރީމް ކޯޓަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލިހަށް މިހާރު އޮތީ އެކަމާ މެދު ގޮތެއް ނިންމުމެވެ.

18 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

‫ތުއްތޮންބެ

20 March 2019

މ‫ަޖުލީހާ ސުޕްރީމްކޯޓާ ތިހަމަ އެކައްޗެއްނޫންތޯ.

The name is already taken The name is available. Register?

.އިތުބާރުނެތުން

20 March 2019

.އިތުބާރު ނެތް ކަމުގެ ވޯޓު މި ސަރުކާރުގެ ވަޒީރަކާ މެދު ހުށައެޅުމަކީ ވަރަށް ބޮޑު ކުށެއް ކަމުގާތޯ މި ވަނީ ވޭތުވެ ދިއަ ސަރުކާރުގެ ވަޒީރުންނާ ކުންފުނިތަކުގެ އެންޑީންނާ ނުވިތާކަށް ގައުމުގެ ރައީސަށް ދަންދެން އިތުބާރު ނެތްކަމަށް ދެއިރު ދެދަޅައަށް މަޖުލީހަށް ވެއްދި އިރުވެސް އެއީހަމަ ރަނގަޅު ކަމެއްތޯ؟ ހަމަނޭވާ ނުލެވިގެން އެ ވޯޓުތައް ހޯދާން ފައިސާ ޚަރަދުކުރި އިރުވެސް އެކަމަކީ ކޮރަފުސަނަކަށް ހަމަ ނުވަނީތޯ؟

The name is already taken The name is available. Register?

ހަސަނު

20 March 2019

މި ސަރުކާރުގެ މިނިސްޓަރެއްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ފާސްކުރުން ގޯސް.. އެކަމަކު އެއަށްވުރެ ގޯހީ މަޖުލީހުގެ މައްޗަށް ކޯޓުން އަމުރުކުރާން ފެށުން... އެްނެސް ކޯޓަކަށް އެނގިގެން ނުވާނެ މަޖުލީހުން ކަންކުރާންވީގޮތެއް.. ކޯޓުން އަމަލުކުރާން ޖެހޭނީވެސް ގާނޫނާ އެއްގޮތަށް.. މަޖުލީހުން ނިންމާ ގޮތަށް...

The name is already taken The name is available. Register?

އަބްދޫ

20 March 2019

މިހާރު ނަސީދު މަސައްކަތް ކުރަމުންދަނީ އޭނާ މަޖިލީހަށް ވަދެ ގައުމުގެ ހުރިހާބާރެއް މަޖިލީހުގެތެރެއަށް ވެއްދުމަށް

The name is already taken The name is available. Register?

އަބްދޫ

20 March 2019

ގާނޫނުއަސާސީގެ 63 އަށް ބައްލަވާ . އިދާރީގޮތުން އަޅާފިޔަވަޅެއްގެ ސަބަބުން އެއްވެސް ހައްގެްއް ގެއްލޭނަމަ އެފިޔަވަޅުގެ ސަބަބުން އަސަރުކުރާ ހުރިހާ ފަރާތްތަކަށް ކޯޓަށް ދިއުމުގެ ބާރު ދީފައިވާ އިރު މަޖިލީހުގެ ތަޅުމުން ހުރިހާކަމެއް ނިންމަން ފާސްކުރެވޭނީ ކިހިނެތް ؟

The name is already taken The name is available. Register?

ގޮބޮޅިބޭ

20 March 2019

މަޖިލިސް އެއީ ގާނޫނު ހަދާ ފަރާތް މަޖިލީހުން ހަދާ އެއްވެސް ގާނޫނެއް ގާނޫނު އަސާސީއާއި ާާފުނުވާނަމަ ސްޕްރީމްކޯޓުންވެސް އެއަށް ތަބާވާންޖެހޭނެ

The name is already taken The name is available. Register?

ޙުސަންބޭ

20 March 2019

މަޖިލިސެއްކަމަކު ސްޕްރީމްކޯޓުގެ ހުކުމަކާ ޚިލާފުވެއްޖެނަމަ ޚިލާފުވި މެންބަރުންނަށް އަދަބު ދޭންޖެހޭނެއެވެ.

The name is already taken The name is available. Register?

Ali Hammitte

20 March 2019

ސްޕްރީމް ކޯޓެކޭ، މަޖްލިސް އެކޭ، ރައްޔިތުން ހޮވާ ރައީސުންނެކޭ، ކޯޓުން ހޮވާ ރައީސުންނެކޭ އަދި ވޯޓް ދޭން ތިބި ގިނަ ރައްޔިތުންނެކޭ އެއްވެސް ތަފާތެއް ނެތް.

The name is already taken The name is available. Register?

އުދުހޭ

20 March 2019

ރަޖިސްޓްރީނުކޮށް ހިންގާ ސިޔާސީޕާޓީއެއްގޮތަށް ސުޕްރީމްކޯޓު ސިފަވަނީ އަޅުގަނޑުގެ ސިކުނޑި ޅަކަމުންތޯ؟ އަނެއްކޮޅުން ޗީފްމިނިސްޓަރުގެ މަތިންހުންނަ ރޫހާނީލީޑަރުވެސް ބޭނުންވަނީ އިސްލާހުގެ ބަދަލުގައި ސުޕްރީމާ ކޯލިޝަން ހަދަންކަމަށް ވިސްނޭ!!

The name is already taken The name is available. Register?

އުދުހޭ

20 March 2019

ސުޕްރީމްކޯޓުންނޫންތޯ ބަޔަކަށް ޓެރެރިޒަމްގެ ހުކުމް އިއްވާފައި ހަމަ އެގާނޫނުތަށް އޮއްވާ އެމީހުން ދޫކޮށްލަން އަމުރުނެރުނީވެސް؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454