މަޖިލިސް އިންތިޚާބު ރިޔާސީ ދައުރުގެ މެދަށް، ކިހިނެއް ވާނެ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ކޯލިޝަނަކުން ވެރިކަމަށް ވަޑައިގަތީ ގިނަ ވައުދުތަކަކާ އެކުގަ އެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހާއި ސަތޭކަ ދުވަހާއި ފަސް އަހަރުގެ ދައުރުގައި ފުއްދަވާނެ ގިނަ ކަންތައްތަކެއް ހުށަހެޅުއްވި އެވެ. އެ ވައުދުތަކާ އެކު ވެރިކަމުގެ ފުރަތަމަ ދުވަސްތައް އޮމާންކޮށް ދިޔަ ނަމަވެސް ކޯލިޝަންގެ ތެރެއިން މިހާރު ކުރިމަތިވެވަޑައިގަންނަވަނީ ފިއްތުންތަކެވެ.


ރައްޔިތުންގެ ހައްގުތަކާއި އިންސާފު ކަށަވަރު ކޮށްދިނުން އަދި އޮތީ އެވެ. މުއައްސަސާތަކުން ހިންގި ގޯސްތައް ރަނގަޅު ކުރަން ޖެހެ އެވެ. ޝަރުއީ ދާއިރާ އިސްލާހު ކުރަން ޖެހެ އެވެ. ކޮރަޕްޝަން ނައްތާލައި ނަޒާހަތްތެރި މުޖުތަމައަކަށް ކުރާ މަސައްކަތްތަކުގައި ވެސް ސަރުކާރަށް އަދި ރަނގަޅަކަށް އަތެއް ނުލެެވެ އެވެ. ވައުދުތައް ފުއްދެވުމަށް އެމަނިކުފާނު ބޭނުންފުޅުވާ ބައެއް ބިލްތައް މިހާރު ވަނީ ހުއްޓުވައިފަ އެވެ.

މައްސަލައަކަށް ވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ؛

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ބައެއް ބިލްތައް ފާސްކުރަން މަޖިލީހުން ހުރަސްއެޅުމުން ވައުދުތައް ފުއްދަން ހުރަސްތަކެއް ކުރިމަތިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވި. --ފޮޓޯ/މިހާރު

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ވެސް ބޭނުންވީ އެ ޕާޓީއަކުން މަޖިލީހުގެ އެންމެ ގިނަ ގޮނޑިތައް ކަށަވަރު ކުރުމަށެވެ. މި ވާދަވެރިކަން ފިތުނަ އަށް ބަދަލުވެ، އެއް ބަޔަކު އަނެއް ބަޔަކަށް ދަނީ ބަހުގެ ހަމަލާ ދެމުންނެވެ. ހަމައެހެންމެ، މަޖިލީހުގައި ސިޔާސީ ބާރުވެރިކަން ހޯދަން ޖުމްހޫރީ ޕާޓީން އިދިކޮޅު ޕީޕީއެމާ "ގުޅިއްޖެ" އެވެ. އެއީ، ރަސްމީ ކޯލިޝަނެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީން ބުނި ނަމަވެސް އެ ޕާޓީ މިހާރު އޮތީ ސަރުކާރު ކޯލިޝަންގައި ކަމެއް، ނުވަތަ އިދިކޮޅު ޕާޓީއާ އެކު ކޯލިޝަނެއްގައި ކަމެއް ސާފެއް ނޫނެވެ!

މި ހާލަތު ތަޖުރިބާކުރަން މި ޖެހެނީ މި ދައުރަކު އެކަންޏެއް ނޫނެވެ. އާ ގާނޫނުއަސާސީ އަށް 2008 ގައި އަމަލުކުރަން ފަށައި މިހާތަނަށް ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބަކަށް ފަހު ވެސް ކަން ހިނގަނީ މި އުސޫލުންނެވެ. ރިޔާސީ އިންތިޚާބާ ވިއްދައިގެން އޮންނަ މަޖިލީސް އިންތިޚާބާ ހެދި ކުރިމަތިވާ މައްސަލަތަކުން، ވެރިކަމުގެ ކުރީކޮޅު ކޯލިޝަން ރޫޅި، ސަރުކާރު ހިންގަން އޮންނަނީ ދަތިވެފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން ވެސް ވެރިކަމުގެ ކުރީކޮޅު، މި އުނދަގޫ ތަހައްމަލް ކުރައްވަން ޖެހިވަޑައިގަތެވެ.

މީގެ ހައްލަކަށް އެއް ބަޔަކަށް ވިސްނެނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މިހާރު ބާއްވަމުން އަންނަ ތާރީޚު ފަސްކޮށްލުމެވެ. އެއީ، އޭރަކު ވެރިކަމުގައި ހުންނަވާ ރައީސެއްގެ ވައުދުތައް ފުއްދެވުމަށް ކޮންމެވެސް ފުރުސަތެއް ދިނުމަށެވެ.

އެކި ގައުމުތަކުގައި އިންތިޚާބުތައް ބާއްވާ ގޮތުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގް ދެކެވަޑައިގަންނަވާ ގޮތުގައި އެންމެ އެދެވޭ ގޮތަކީ ރިޔާސީ އިންތިޚާބު ބާއްވާތާ ދެ އަހަރު ނުވަތަ ދެ އަހަރާ ބައިގެ ތެރޭގައި މަޖިލިސް އިންތިޚާބު ބޭއްވުމެވެ. ގައުމާއި ރައްޔިތުންނަށް ވެސް އެންމެ ފައިދާ ބޮޑު ގޮތަކީ އެއީ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް އޮންނަނީ މި ގޮތަށް. ރާއްޖޭގައި ވެސް ރިޔާސީ އިންތިޚާބާ ވިއްދައިގެން މަޖިލިސް އިންތިޚާބު އޮތުމުގެ ބަދަލުގައި، ދެ އަހަރު ނުވަތަ ދެ އަހަރާ ބައިގެ ފަހުން އިންތިޚާބު ބޭއްވުން އެއީ ރަނގަޅު ބަދަލަކަށް ވެދާނެ،" އަންނަ މަހު ބާއްވާ މަޖިލީސް އިންތިޚާބުގައި މައްޗަންގޮޅި ދެކުނު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ ފުއާދު ވިދާޅުވި އެވެ.

އެކި ސަބަބުތަކާ ހުރެ ނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކުގައި އިންތިޚާބުތައް ތަރުތީބުކޮށްފައި އޮންނަނީ، އެއްފަހަރާ ހުރިހާ އިންތިޚާބެއް ބޭއްވުމަށް ނުވަތަ މަޖިލީހުގެ އިންތިޚާބު ރިޔާސީ ދައުރުގެ މެދު ތެރެއިން ބޭއްވުމަށެވެ. އެމެރިކާގައި، ރައްޔިތުންގެ މަޖިލީހަށް ގިނަ މެމްބަރުން ހޮވަނީ ދައުރުގެ މެދުތެރެއިންނެވެ. އެ އިންތިޚާބު ވެގެންދަނީ އޭރަކު ހުންނަވާ ރައީސްގެ މަގްބޫލްކަން އޮތް މިންވަރު ވެސް ބެލޭ ޓެސްޓަކަށެވެ.

ދެ އިންތިޚާބު އެއްކޮށްލުން: ޚަރަދު ކުޑަކުރެވިދާނެ

ރާއްޖޭގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އަދި ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ތަރުތީބުކޮށްފައި އޮންނަނީ ވަކިވަކިންނެވެ. މިއީ، އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ޚަރަދު ވެސް ބޮޑު ގޮތެވެ.

މެމްބަރުންގެ އެއް ވިސްނުމަކީ، ރިޔާސީ އިންތިޚާބު ވަކިން ބާއްވައި ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލްގެ އިންތިޚާބު އެއްކޮށް ބޭއްވުމެވެ. މިގޮތަށް ހަމަޖައްސަން ކޮމިޝަނުގައި މަޝްވަރާކޮށް، ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހެޅި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ އިންތިޚާބުތައް ވަކިވަކިން ބޭއްވުމަކީ ޚަރަދުގެ ގޮތުން ބަލާއިރު ބަޖެޓަށް ބުރަ ބޮޑު ކަމެކެވެ. އެކަމާ މެދު އިލެކްޝަންސް ކޮމިޝަނުން މަޝްވަރާ ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބު އެކުގައި ބާއްވަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓު ގުނަނީ: ރައްޔިތުންގެ މަޖިލީހާއި ކައުންސިލް އިންތިޚާބު އެކުގައި ބާއްވަން އިސްލާހު ހުށަހެޅުމަކީ އިލެކްޝަންސް ކޮމިޝަންގެ ވިސްނުމެއް.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް 160 މިލިއަން ހޭދަވާ އިރު، ލޯކަލް ކައުންސިލް އިންތިޚާބަށް 100 މިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ.

"މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބު އެކުގައި ބާއްވައިފި ނަމަ ވެސް ބޮޑު ޚަރަދެއް ސަލާމަތްވާނެ. މިކަމުގައި އަދިވެސް ކޮމިޝަނުން މަޝްވަރާކޮށްފައި އިސްލާހް ކުރަން ހުށަހެޅުމުގެ ވިސްނުން އެބަހުރި،" އަކްރަމް ވިދާޅުވި އެވެ.

ޚަރަދު ލުއިވުމުގެ އިތުރުން، ވެރިކަމުގެ ކުރީކޮޅު ދިމާވާ ހަމަނުޖެހުންތަކަށް އޮތް ލުޔަކީ މަޖިލީސް އިންތިޚާބު ރިޔާސީ ދައުރުގެ މެދުތެރޭގައި ބޭއްވުން ކަމަށް ވެދާނެ އެވެ. މިއީ ހިޔާލު ތަފާތު ވާނެ ބަހުސެކެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގައި މިކަމާ މެދު މަޝްވަރާކޮށް، ރައްޔިތުންނާއި ގައުމަށް އެންމެ ފައިދާ ހުރި ހައްލެއް ހޯދިދާނެ އެވެ.

މިހާތަނަށް ކުރެވުނު ތަޖުރިބާއަކީ ރިޔާސީ އިންތިހާބު ބާއްވާތާ އެންމެ ހައެއްކަ މަސްދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އޮންނާތީ ސިޔާސީ ވަރަށް ބޮޑު ވާދަވެރިކަމަކާއި ފިތުނައެއް ރާއްޖޭގައި އުފެދޭ ކަމެވެ. އެކަމަށް ހައްލެއް އޮތިއްޔާ އެ ހައްލެއް ހޯދައިދިނުމަކީ ޒިންމާދާރު ސިޔާސީ މީހުންނަށް ވާޖިބެކެވެ.